6

މީހަކަށް ގިނަ ފަހަރަށް ދެރަކަމެއް ނޫނީ ހިތާމައެއް ކުރިމަތި ވާފަހަރު އެ ހިތާމައެއް ކުރިމަތިވަނީ ހަމަ އެކަނި އެމީހަކަށް ކަމަށް ހީވާފަދައެވެ. އަދި ރަނގަޅަށް ވެސް އުޅެވެނީ ތިމާއަށް ކަމަށް ވިސްނިފައި ވެއެވެ. ނަމަވެސް ބައެއް ފަހަރު އަނެކާގެ އިޙްސާސްތައް ދެނެ ގަނެވެނީ އޭނާއާއި އެއްފައިވާނަކަށް އެރުމުންނެވެ.

ނާހިދަކީ އުޅެވޭ އާއިލާއެއްގެ ހުރި ހަމަ އެކަނި ފިރިހެން ކުއްޖާއެވެ. މައިންބަފައިންގެ ލޯތްބާއި އަޅާލުން ލިބި ބޮޑު ވެފައިވާ ކުއްޖެކެވެ. ހުރިހާ ކަމެއް ގައިވެސް އެހީތެރި ވެދީ ކުޑަ އިރުންސުރެ އެއްވެސް ދަތިކަމެއް ކުރިމަތި ނުވެ ބޮޑު ވެފައި ވުމުން، ކަމަކާ ކުރިމަތި ވުމުން ކަން ކުރާނެ ގޮތް ނާހިދަށް ވިސްނަން ވެސް ދަތި ވިއެވެ.

ރައްޓެހި ވެގެން އިން ރީތި އަނބިމީހާގެ، ރުން ކުރު ވާހަކަ ދެއްކުމާއި ހިތްހަމަ ނުޖެހިގެން ކިޔާ އެއްޗެހި ތަކަށް ކުރިމަތިލުމުގެ ބަދަލުގައި ނާހިދު ވިސްނީ ވީހާވެސް ގިނައިން ބޭރުގައި އުޅުމަށެވެ. އޮފީހުންވެސް ގެއަށް ދަނީ އެހެން އެއްވެސް ގޮތެއް ނެތުމުން ނެވެ. ދެން، ގެއަށް ވަނުމަށްފަހު ހެޑް ފޯނުއަޅައިގެން ކޮޓަރީގައި އުޅެނީއެވެ.

މިހެން އުޅެން ފެށުމުން ކަންތައް ގޯސްވިކަންވެސް އެނގުނެވެ. އަންހެނުން ކިޔާފާނެ އެއްޗަކަށް ފިލަން ކިތަންމެ މަސައްކަތެއް ކުރިޔަސް، އަޑު ނީވި ނުދާ ފަހަރުވެސް އާދެއެވެ. މިގޮތުން އެ ދުވަހު އަންހެނުންގެ ހޫނު ބަހުގެ ހަމަލާތަކުގެ ޝިކާރައަކަށް ވެގެން ދިޔައީ އޮފީހުން އައި އިރު ޕާނެއް ނުގެނައީމައެވެ. ގުޅާފަ ބުނި ނަމަވެސް ނާހިދު ފަހުން ހަނދާން ނެތުނީއެވެ.

ހަނދާން ނެތުންވެސް އެއީ ލޯބި ނުވާކަމުގެ ހެއްކެތް ކަމަށް ބުނެ ފެށި ހާސަރު ނިމޭ ގޮތެއް ނުވިއެވެ. ކޮޓަރީގަ ނިދާލަންވެސް ނޯވެވިގެން ގޭގެ ބެލްކަންޏަށް ނުކުތީ ހިތަށް އަޅާ ވޭނަށް ކުޑަ ނަމަވެސް އުފާވެރިކަމެއް ލިބޭތޯ އެވެ. ލޮލަށް އެއްވަމުން ދިޔަ ކަރުނަ ތަކުގެ ތެރެއިން ބަލަހައްޓައިގެން ހުރެވުނީ ވަކި މިވެނި ދިމާލަކަށް ނޫނެވެ. ބޭއިޙްތިޔާރުގައި ނަޒަރު އަމާޒު ވެފަ ހުރެވުނީ ދޮރުފޮތިގަނޑު ވެއްޓިގެން އެތެރެ ފެންނަންހުރި ކުޑަ ދޮރަކާ ދިމާލަށެވެ. ބެލެވޭ ގޮތުގައި އެއީ އެ ގޭގެ ފެންޑާއެވެ. އެ ތަނުގައި އަންހެނަކު ކުޑަ ދެކުދިންނާ އެކީ ސަކަރާތް ޖަހާތަން ފެނުނެވެ.

އެ ކުދިންގެ މޫނު މަތިން ފެންނަމުން ދިޔަ އުފާވެރިކަމުން ނާހިދުގެ ހިތަށް ފިނިކަން ގެނުވަމުން ދިޔައެވެ. މަންމަ މީހާއަކީ ދެކެ ފަރިތަ މޫނެއްކަން އިޙްސާސް ވުމުން އެއީ ކާކުތޯ ބަލާލާ ހިތްވި އެވެ. ނާހިދު ކޮޓަރިން ނުކުމެ އަވަސްވެގަތީ މަންމަ އުޅޭ ބަޔަށް ދާށެވެ. މަންމަ އުޅެނީ އެންމެ ތިރީ އެޕާރޓްމަންޓްގަ ކޮއްކޮއާއެކީއެވެ. އެބަޔަށް ވަން އިރު މަންމަ އުޅުނީ ބަދި ގޭގައެވެ. ވަރަށް ނޫން ކަމަށް ހެދިގެން ކުރިމަތީ ގޭގައި އުޅޭ ދެ ކުދިންގެ މަންމަ އަކީ ކާކުތޯ ނާހިދު އެއްސެވެ.

"ހޫނ.. އެއީ ނަދާ ކޮއްކޮ ގެ ބެސްޓް ފްރެންޑެއްނު.. ސިފްލާމެންގެ ގެއެއްނު" މަންމަ މިހެން ބުނުމާ އެކު އެއީ ސިފްލާކަން ނާހިދާށް ވެސް ޔަގީން ވިއެވެ. މިހާރު ކުދިން ލިބި ދުވަސް ވުމުން ކުޑަ ކޮށް ފަލަ ވެފަ ހުރީއެވެ. އެ މޫނު ދެކިފަރިތަ މޫނަކަށް ވިސަބަބު އަދި މި ވިސްނުނީ ތާއެވެ.

 

 

އެދުވަހު އެފެނުނު އުފާވެރިކަމަށް ނާހިދު ހުރީ ފެން ބޮވައިގެންފައެވެ. އެހެން ކަމުން މިފަހަކަށް އައިސް ގެއަށް ވަނުމާއެކީ ނާހިދު އަވަސްވެގަންނަނީ ބެލްކަންޏަށް ނުކުމެވޭތޯއެވެ. ދުރުގައި ހުރެގެން ނަމަވެސް އެމަޖަލުގައި ބައިވެރި ވުމަށެވެ. ސިފްލާ ކުދިންނާ އެކީ ކުޅޭ ކުޅިވަރު ތަކުގައެވެ. ނޫނީ ކުދިން ނުކައިގެން ކިޔާ ވާހަކައިގަ ދައްކާ ހަރަކާތް ތަކުގައެވެ.

ނާހިދުގެ ހިތުގައި ސިފްލާ އާއި މެދު އުފެދުނު ޝައުޤު ވެރިކަން ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވި ވަރަކަށް ސިފްލާގެ ފިރިމީހާ އާއި މެދު ހިތުގައި އުފެދޭ ސުވާލުތައް ވެސް ވީ ގިނައެވެ. އެންމެ ފަހުން ނަދާ ކޮއްކޮ ގާތު އެސުވާލުވެސް ކުރީއެވެ. ނަދާ ކޮއްކޮ ގާތުގައި އެހުމުން އެނގުނީ ފަރުހާދު ކިޔާ މީހަކާ އިނދެގެން އުޅޭކަމެވެ. ފަރުހާދަކީ އަންހެނުން ހިތި މީހެއްކަންވެސް ބުނީ ކޮއްކޮއެވެ. ގޭގެ ކަންކަމުގައި ފަރުވާލެއް ނުބަހައްޓާ ތާނގައި ކުދިންނަށް ވެސް އަޅާނުލާ މީހެއް ކަމެވެ.

ނާހިދުގެ މަސައްކަތުން އެ ފަރުހާދު ހޯދިއެވެ. ހެދުނު އޮފީހަށް ދާ ގޮތަށް ރޭނގަޑުވެ ހިމޭން ވާ ފަހުން ގެއަށް އަންނާތީ އެއީ ސިފްލާގެ ފިރިމީހާ ކަން އެނގޭނީ މަދު މީހަކަށެވެ. އަދި އެއްދުވަހަކު އެފަރުހާދުގެ ވާހަކައިގެ ތެދު ހަގީގަތެއް ބަލައިލަން އޭނާ އިން ރެސްޓޮރަންޓަކަށް ނާހިދުވެސް ދިޔައެވެ. އެދުވަހުވެސް ފަރުހާދު އިނީ ރީތި ޅަ އަންހެން ކުއްޖެއް ގެ ގާތުގައެވެ. އަަދި ފޯނު ކޯލެއްއައުމުން އަވަހަށް ތެދުވެގެން ހިނގައި ގަތުމުން، ނާހިދު ވެސް ފަރުހާދުގެ ފަހަތުން ހިނގައި ގަތެވެ.

"ކިތައް ފަހަރު ބުނެފިން އޮފީހުގަ ބިޒީ އޭ" ފަރުހާދު ވަރަށް ހިތްހަމަ ނުޖެހި ވާހަކަ ދެއްކިއެވެ. "ދެން ބަލިވެ އުޅޭތީއޭ ކިޔާފަ މާޅަ ކޮށްގެން އުޅޭތީއޭ ތިހެންތިވަނީ.. ތިޕާން ތިހާ މުހިއްމިއްޔާ އަމިއްލަ އަށް ގޮސް ގަނެބަލަ.. ނޫނީ އަހަރެންނަށް ދެވުނު އިރަކުން ގޮސް ގަންނަން ދެން މަޑު ކުރީމަވީނު"

މި އިވުނު އަޑުން ނާހިދަށް ހުއްޓުން އެރިއެވެ. ހިތަށް އަރަމުން ދިޔައީ މީގެ ހަފްތާ އެއްހާ ދުވަސް ކުރިން ނާހިދު އޮފީހުން އައުމުން އަންހެނުން ހިތްހަމަ ނުޖެހިގެން އެއްޗެހި ކީ ދުވަހަށެވެ. އެދުވަހު އެއްޗެހި ކިޔަން ޖެހުނީ ވަރުދާ ޕާނެއް ގެންނަން ބުނުމުން އެ ނުގަނެ ހުސް އަތާ ރޭނގަޑު އައީމައެވެ. އަދި އެކަމާ ހިތްހަމަ ނުޖެހިގެން ވަރުދާ ވާހަކަ ދައްކަން ފެށުމުން އެވާހަކަ އަޑުވެސް ނާހާ ކޮޓަރިއަށް ވަދެ ބާރަށް ލަވަ ޖަހަން ފެށުނުކަމެވެ.

ފަރުހާދުގެ އެ އަމަލުން ނާހިދަށް މާޒީގެ ދުވަސްތައް ސިފަ ވާން ފެށިއެވެ. ވަރުދާ ގަންނަންބުނާ އެއްޗެހި ނުގަނެ ހަނދާން ނެތޭ ފަހަރެވެ. ގޭގެ ކަންކަމުގައި އަޅައި ނުލެވޭ ފަހަރެވެ. ކުދިންގެ ކަންކަމުގައިވެސް ފަރުވާކުޑަ ކުރެވުނު ފަހަރު ތަކެވެ.

ފަރުހާދުގެ އަމަލުތައް ބަލަންއުޅުމުން ލޯގަނޑުގެ ކުރިމައްޗަށް އެރީ ނާހިދެވެ. އަންހެން ކުދިންނާ ގުޅުން ނުބޭއްވިއެއް ކަމަކު، ނާހިދަށް ވިސްނުނީ ނާހިދަށްވެސް މި އުޅެވެނީ ރަނގަޅަށް ނޫން ކަމުގައެވެ. އެ ފަރުހާދު އުޅޭ ނޫޅޭ ގޮތް ބަލަން އުޅޭ އިރު އަމިއްލަ އަށް އުޅެވޭ ގޮތާ މެދު އެއްވެސް ފަހަރަކު ވިސްނާނުލެވުނެވެ. އަމިއްލަ އަނބި މީހާއާއި މެދުވެސް ނުވިސްނެއެވެ. އޭނާ ގެ ހިތްހަމަ ނުޖެހުމުގެ ފަހަތުގައި ސިއްރެއް ވާކަމެއް ވެސް ނާހިދަކަށް ނުވިސްނެއެވެ. އޭނާގެ އަމިއްލަ ދިރިއުޅުމެއްވާ ކަމެއްވެސް ނާހިދާށް ނުވިސްނެއެވެ.

މި ޙިޔާލު ތަކުން އުދަގޫ ވާތީ ނުނިދިގެން، ނާހިދު އެރޭ ނުކުމެލީ ގޭގަ ބެލްކަންޏަށެވެ. އެ ރޭ އެގަޑީގައި ސިފްލާ މެންގެ ސިޓިންގް ރޫމުގެ ބޮކި ދިއްލިފައި ހުރިތަން ފެނި އެދިމާލަށް ބަލައިލެވުނީ ވެވިފައިވާ އާދައަކުންނެވެ. އެ ތަނުގައި ސިފްލާ ގިސްގިސްލާފަ ރޯތަން ފެނުނެވެ. އިރު ކޮޅަކުން ކުޑަ ދަރިފުޅު އައުމުން އަވަހަށް މޫނު ފޮހެ ހިނިތުން ވުމުގެ މޫނަކާ އެކީ އެދަރިފުޅު އުރާލައިގެން އެތެރެއަށް ދިޔައެވެ.

އެރޭ ނާހިދުގެ އަމިއްލަ ނަފްސު އޭނާއަށް މަލާމާތް ކުރިއެވެ. ކޮންމެ މީހަކީ ސިފްލާ ގޮތަށް ހިތާމަ ތައް ވަޅުލައިގެން ދަރިންގެ ކުރިމަތީގަ އުފާ ވެރި މޫނެއް ދެއްކޭނެ ބައެއް ނޫން ކަން ވިސްނުނެވެ. ވަރުދާ ވެސް ހިތް ހަމަ ނުޖެހިގެން އެ ވާހަކަ ތައް ދައްކަނީ ނާހިދުގެ ވެސް ކުށުންކަން ވިސްނުނެވެ.

އެރޭ ފަތިސް ވީ ނާހިދު އެ ބެލްކަނީގަ ހުއްޓާއެވެ. އެ ދުވަހުގެ އިރު އެރީ ނާހިދުވެސް ގިނަ ބަދަލު ތަކެއް ގެންނަން އަޒުމު ކަނޑަ އަޅަމުންނެވެ. ވީމާ އޮފީސް ނިމުމާއެކު ނާހިދު އަވަސް ވެގަތީ އަންހެނުން ގާތަށް ދިއުމަށެވެ. ގެއަށް ދިޔައިރު ވަރުދާ އުޅުނީ ބަދިގޭގައި ކައްކާށެވެ.

"ވަރޫ.. ހިނގާބަލަ މިރޭ ޑިނާ އަކަށް ދާން.. ދެމީހުން އެކަނި.. ކުދިން އެހާ ކުޑައެއް ނޫނެންނު.. މަންމަ ގާތުގަ ބަހައްޓާފަ ދާނީ. މަންމަ އަބަދު ކިޔާނެ ކުދިން ނާންނާތީވެސް" ނާހިދު ވާހަކަދައްކާ ނިމުނު އިރުވެސް ގުޑާލަން ނޭނގިފައި ވަރުދާއަށް ހުރެވުނީއެވެ. ދަރިން ލިބުނު ފަހުން އެކީގަ ބޭރަށް ދެވޭ ދުވަސް މަދުވަމުން ގޮސް ހުއްޓުނީއެވެ. ދެން ހަމަ ކުއްލި އަކަށް އައިސް އެގޮތަށް ވާހަކަ ދެއްކުމުން މިއުޅެވެނީ ހުވަފެނެއްގައި ބާއޭވެސް ވަރުދާ ހިތަށް އެރިއެވެ. ނޫނެކެވެ. އެއީ ހުވަފެނެއް ނޫނެވެ. ކުރިމަތީ ހުރެ އެވާހަކަ ދައްކަނީ ނާހިދެވެ. ވަރުދާގެ ފިރިމީހާއެވެ. ހައިރާން ވެފަ ބުނާނެ އެއްޗެއް ވެސް ނޭނގިފަ ވަރުދާއަށް ހުރެވުނީއެވެ. ދެން އެއްބަސް ވުމުގެ ގޮތުން ބޮލުން އާއެކޭ ބުނެވުން ނޫން އިތުރު ހަރަކާތެއްވެސް ނުގެނެވުނެވެ.

ނާހިދުގެ އުޅުމަށް އެދެވޭ ބަދަލު ތަކެއް އައިކަން ވަރުދާއަށްވެސް ފާހަގަ ކުރެވުނެވެ. ގޭތެރޭގެ ކަންތަކުގައި އެހީ ވުމާ ވަރުދާ އާއި ކުދިންނާ އެކީ ގިނަ ވަގުތު ހޭދަ ކުރާތަން ފެނުނެވެ. ނާހިދަށް ވެސް ފެންނަން ފެށީ އަބަދު ރުޅިމޫނު ހަދާފަ ހުންނަ ވަރުދާ ގެ ބަދަލުގައި އުފާވެރި ވަރުދާއެކެވެ. ކަންކަމުގައި ރުޅި ގަދަވުން މަދުު ވަރުދާ އެކެވެ. އަދި ވަރުދާގެ އެ އުފާވެރިކަން ދަރިންގެ މޫނު މަތިންވެސް ފާޅު ވާތީ ނާހިދު އުފާކުރިއެވެ.

އެހެން ކަމުން ނާހިދުގެ ހަޔާތަށް ނޭނގި ނަމަވެސް ހެޔޮ ބަދަލު ތަކެއް ގެނެސް ދިން ފަރާތަށް އެހީވާން ނާހިދު ބޭނުން ވިއެވެ. އެގޮތުން އެކުވެރި ރާއިފު އާއި އެކީ ދެވެރިން ސައްލާ ކޮށް ކުރާނެ ކަމަކާ މެދު ގޮތެއް ނިންމިއެވެ. އަދި ފަރުހާދު އިން ރެސްޓޯރަންޓަށް ދިޔައީ ދެމީހުންވެސް ދައްކާނެ ވާހަކަ ރާވައިގެންނެވެ. އަދި ފަރުހާދަށް އަޑު އިވޭ ހިސާބު ކައިރީގައި އިން މޭޒު ދޮށުގައި އިށީނދެ ވާހަކަ ދައްކަން ފެއްޓިއެވެ.

"ބުނަން ރާއިފު. އެ ނައިޓްޑްރީމްގޭ ސިފްލާއަކީ ހާދަ ފައްކާ ކުއްޖެކޭ. މަށަށް ވަރަށް ރީއްޗޭ އެހެން ލޯބި ލޯބިކޮށް ހުންނަ އަންހެނުން." ނާހިދު އެހެން ބުނުމާ އެކު ފަރުހާދު ބޯން އިން ޖޫސް ނޯށަށް އަަރައިގެން ކޮށިއެރިއެވެ. ގާތުގައި އިން އަންހެން ކުއްޖާ ކިހިނެއް ވީތޯ އެހުމުން، އަތުން މަޑުން ހުރުމަށް އެންގުމަށް ފަހު ފަރުހާދު އަނެއްކާ އަޑު އަހަން ކަންފަތް ދީގެން އިނެވެ.

ނާހިދު އަދި އިތުރަށް އަޑުބާރު ކޮށްލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. "މިހާރުވެސް ކުދިންގެ ހުރިހާ ކަމަކާ އެކަނި އުޅޭތަން ފެންނަނީ. މަށަށް ހީވަނީ ފިރިމީހާ މަރު ވެފަ ހުރިހެން. އަހަރެންވެސް ކުރީ ކައިވެންޏަށް ދެ ކުދިން ލިބިފަ ހުރި އިރު އެކުދިންނަށް އެފަދަ ދެވަނަ މައެއް ނުލިބޭނެ. އަޅެ އެޕްރޯޗް ޖަހާލަންވީ.ދޯ.."

ރާއިފުވެސް އެއްބަސް ވުމުގެ ގޮތުން "އާނ އާނ ތިކަންތައް ކުރަން ވީ. ލަސް ކުރާނެކަމެއް ނެތް" ބުންޏެވެ. ބުނި ކަމެއް ނޭނގެ ދެން ފެނުނީ ތެޅެމުން ފޮޅެމުން ފަރުހާދު ރެސްޓޯރަންޓުން ނުކުން ތަނެވެ.

ޖެހިގެން އައި ދުވަހު ފުރަތަމަ ފަހަރަށް ފަރުހާދުގެ ސައިކަލު ފަހަތަށް ސިފްލާ އަރުވައިގެން ދަނިކޮށް، ނާހިދަށް ފެނުނެވެ. އެވެރިން ހުރީ މާ އޮލަ ވާހަކަ އެއްގައެވެ. ސިފްލާގެ މޫނުމައްޗަށް ވެރިވެފައިވާ އުފާވެރި ކަމުގެ ކުލަވަރު ފެނި ނާހިދު ވެސް އުފާ ކުރިއެވެ. ކުރި މަސައްކަތުގައި ކުލަ ޖެހުނީމައެވެ. ހަމަ އެ ދުވަހު ވެއްޓިފަ އޮތް ދޮރުފަތި ގަނޑު ރަނގަޅު ކޮށް ދޮރުފޮތި ދެމިއެވެ. ނާހިދަށް ސިފްލާމެން ނުފެންނާތީވެ ދެރަ އިހްސާސް ވިޔަސް، ފަރުހާދު ގޭގެ ކަންކަމުގައި އުޅެދެނީ ކަން އެގި ހިތް ހަމަ ޖެހުނެވެ.

އެކަމަކު، ދޭތެރެއަކުން އެ ކުޑަދޮރު ބަލާލަން ނާހިދު ބޭނުންވެއެވެ. ފަރުދާ ކެހިފަ ހުންނަ ދުވަހަކީ ނާހިދު ހިތް އުފަލުން ފޮޅޭދުވަހެކެވެ. ވަގުތު ކޮޅަކަށް ނަމަވެސް ސިފްލާ ފެންނާތީއެވެ. ވަރުދާ ދެކެ ނާހިދު ކިތަންމެ ލޯބި ވިޔަސް ހިތުގައި ސިފްލާއަށް ހާއްސަ ކަނެއް ވަނީ ހުސް ކުރެވިފައެވެ. ބޭނުން ވަނީ ސިފްލާ އަބަދުމެ އުފަލުގަ ބެހެއްޓުމެވެ. އެކަމަށް ކުރެވުނު ހާ ކަމެއް ކުރާށެވެ.

ބައެއްފަހަރު ލޯބި ކާމިޔާބު ކުރެވެނީ އެއްވެސް ކަމެއް ނުކޮށް ނޭނގި ހުއްޓައެވެ. ސިފްލާ ސްކޫލް ދުވަސް ވަރު، އެންމެ ރީތި ހެދުން ލައިގެން ނަދާ ކައިރިއަށް ފިލާވަޅު ހަދަން ދިޔައީ، އެހަދަން ނޭނގިގެންނެއްނޫނެވެ. ނާހިދު ދެކިލުމަށެވެ. ސިފްލާގެ ފުރަތަމަ ލޯތްބަކީ ނާހިދެވެ. އެކަމަކު އެހިތުން ޖާގަ ލިބެމުން ދިޔައީ އެކި ފަހަރު އެކި ރީތި އަންހެން ކުދިންނަށެވެ. ސިފްލާއަށް ބަލާލާނެ ފުރުޞަތުވެސް ނާހިދަކަށް ނުވިއެވެ. އަޅައި ގަންނަ ގޮތެއްވެސް ނެތީމައެވެ. ނަމަވެސް މިހާރު އެހިތުގައި ސިފްލާ ވަނީ ބިންވަޅު ނެގިފައެވެ. އެއީ އޭނާގެ ރީތިކަމަކުން ނެއް ނޫނެވެ. އޭނާގެ އުޅުމުން ނެވެ. ނަމަވެސް އެލޯބި ނާހިދުގެ ހިތުތެރޭގައި ވަނީ ކަފުން ކުރެވިފައެވެ. ސިފްލާ ވެސް ކުރި ފަދައިންނެވެ.

ކޮމެންޓް 0