ވަޙީދާގެ ފިރިމީހާ އޭނާ ވަރިކޮށްފައި އެހެން މީހަކާ ކައިވެނި ކޮށްގެން ދިޔައިރު އެ ދެމީހުންގެ ދަރިފުޅު މަތީނަށްވީ އެންމެ ތިން އަހަރެވެ. އެދަރިފުޅު ބަލައި ބޮޑުކޮށް ކިޔަވައިދީ ހުރިހާ ކަމެއް ކުރީ ވަޙީދާ ރެއާ ދުވާލު ބުރަ މަސައްކަތް ކޮށްގެންނެވެ. ރަށު އިސްކޫލުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން ގޭގައި ހެދިކާ ހަދައި ވިއްކަމުން އަދި ދޮވެ އިސްތިރިކޮށްގެން ހޯދިހާ ފައިސާ ޚަރަދު ކުރީ ދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ހޯދައި ދިނުމަށެވެ.
މަތީނު އެކަން ދަނެއެވެ. މަންމަގެ ބަސް އަހައެވެ. މަންމައަށް ހެޔޮކޮށް ހިތައެވެ. ހެޔޮލަފާ މަންމަގެ ކިބައިން ރީތި ހުރިހާ ސިފަތަކެއް ދަސްކުރިއެވެ. މަތީނުގެ ޢުމުރުން ސޯޅަ އަހަރު ވީއިރު ރަށު ސުކޫލުން އޯލެވެލް ނިންމީ ފަސްމާއްދާއިން އޭ ފާސް ދެ މާއްދާއިން ބީ ފާސް ހޯދައި ގެންނެވެ.
ވަޙީދާ އޭނާގެ ނިޔަނެތި ދަރިފުޅުގެ ތަޢުލީމީ ޙަޔާތް މި ހިސާބުން ނިންމާލާކަށް ބޭނުމެއް ނުވިއެވެ. އޭލެވެލަށް ކިޔަވައި ދިނުމަސް މާލެ ދިރިއުޅުން ބަދަލުކުރިއެވެ. އޭނާގެ މަސައްކަތުން ހޯދައި އެއްކޮށްފައިވާ ފައިސާ ކޮޅުން ކޮތަރިއެއް ކުއްޔަސް ހިފައިގެން ދިރިއުޅުން މާލެ ބަދަލުކުރެވޭހައި ވިއެވެ.
މާލޭގެ ހަލަބޮލި މާޙައުލަސް ހޭނުމާއެކު މަތީނުގެ އުޅުމަސް އާދަޔާއި ޚިލާފު ބަދަލުތަކެއް އަންނަން ފެށިއެވެ. ވަޙީދާ ދުވާލު ހަތަރުދަމު އެކިގޭގެއަށް މަސައްކަތް ކޮށްދޭން ގޮސްފައި އަންނަ އިރު ދަރިފުޅު ގެއަކު ނޫޅެއެވެ. އުޅެނީ ކޮންތާކު ކަމެއް ކިހާ ހިސާބެއްގައި ކަމެއް ވަޙީދާއަކަށް ނޭގެއެވެ. އުޅޭތަނެއް ހޯދާނީވެސް ކިހިނެއްހެއްޔެވެ؟ ކުޑަރަށެއްނަމަ އެއްގެއަށް ވަދެފައި އަނެއް ގެއަށް ވަދެވޭއިރު ފެނިދާނެއެވެ. ނަމަވެސް އެހެނޭ ކިޔާފައި މާލޭގައި ދާނީ ކޮންތާކަށް ހެއްޔެވެ؟
އެއްރެއެއްގެ ދަންވަރެވެ. މަތީނު ގެއަށް ނައިސްގެން ކަންބޮޑުވެ ހަދާނެގޮތް ހުސްވެ ވަޙިދާ ކޮޓަރިތެރޭގައި ދެކޮޅުން ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓެވެ. އެކެއްޖަހއި ބޮޑުވި ފަހުން މަތީން އައިސް ގޭ ދޮރުގައި ޓަކިޖަހައިފިއެވެ. ވަޙީދާ ދޮރު ހުޅުވައިލުމާ އެކު ފެނުނީ އޭނާގެ ދެލޮލުގެ ކޮޔަށްވުރެ ލޯބިވާ ދަރިފުޅު ދެއަތަށް ކާލިއަޅަމުން އައިސް ކޮޓަރިއަށް ވަންތަނެވެ. ވަޙިދާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. އޭނާގެ ކިޔަމަންތެރި ދަރިފުޅުގެ ޙާލަތު ހުރިގޮތުން އޭނާގެ ހިތްހުއްޓުނު ފަދައެވެ. ޖެހިބުދެއްފަދައިން ދޮރު ލައްޕަންވެސް ނޭގި ދޮރު ކައިރީގައި ކޮޅަށް ހުރެވުނީއެވެ. ގަނޑުވެފައެވެ. މިހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މޭގެ އެތިކޮޅެއް ފަދައިން ބަލައި ބޮޑުކޮށް ކިޔަވައިދިން ދަރިފުޅުގެ މުޅި މުސްތަޤުބަލު އަނދިރި ވެއްޖެއެވެ. އެކަނިމާ އެކަނި މިހުރިހައި ދުވަހު ކުރި މަސައްކަތް ބޭކާރު ވެއްޖެއެވެ.
ވަޙިދާ ކޮޓަރީގެ ދޮރު ތަޅުލިތާ ފަސް މިނިޓުވެސް ނުވެއެވެ. ކޮޓަރީގެ ދޮރުގައި ބަޔަކު ޓަކިދޭން ފަށައިފިއެވެ. ވަޙީދާ ބުރުގާ ރަނގަޅު ކޮށްލައިގެން ގޮސް ދޮރު ހުޅުވުމާއެކު ކޮޓަރީގެ ތެރެއަށް ވަދެގަތީ ޕޮލިހުންނެވެ. ވަޙިދާގެ ލޯބިވާ ދަރިފުޅު ބަލައެވެ. އެމީހުން އެދިޔަ ގޮތަށްގޮސް ވަޙީދާގެ ދަރިފުޅު ގެ ދެއަތުގައި އެޅުވީ ބިޑިއެވެ. ވަޙީދާ ހުރީ ބުނާނެ އެއްޗެއް ނޭގި އަނގަ ހުޅުވިފައެވެ. އެވަގުތު ޕޮލިސްކުއްޖަކު ވަޙީދާއާއި ސުވާލު ކުރިއެވެ.
ދައްތަ ތީ މީނާގެ މަންމަ ތޯ؟
ލައް....ބަ..! ކުރެހިފައިވާ އަޑަކުން ވަޙިދާ ޖަވާބު ދިނެވެ.
އެޕޮލިސް ކުއްޖާ ވަޙީދާގެ ގާތު ވެގެން އުޅޭގޮތް ކިޔައި ދިނެވެ.
އެކުއްޖާ ބުނި ގޮތުގައި މަތީނު ކުދިބައަކާ އެކު މަސްތުވާ ތަކެތި ބޭނުންކުރި ކަމުގެ ރިޕޯޓެއް ލިބުނީއެވެ. އެކުދިން މިހާރުވީ ޕޮލިސް ހެޑުކުއާޓަރުގައެވެ. އެކުދިންގެ ވާހަކައިން މަތީނުވެސް އެމީހުންނާއެކު އެކަމުގައި ބައިވެރިވިއެވެ. އެހެންވެ މަތީނުވެސް މި ގެންދަނީ މައްސަލަ ތަޙުޤީޤު ކުރުމަށްޓަކައެވެ.
ސިފައިން މަތީން ގޮވައިގެން ގޮސްފިއެވެ. ވަޙިދާގެ ހަތަރު އުދަރެސް ފެނު ޖެހުނީއެވެ. ރޮއިރޮއި ދެލޯ ފާރުވަނީއެވެ. އެގޭ މީހުން ވަޙީދާއަށް ހިތްވަރުދީ މަތީން އަދި ރަނގަޅު ވާނޭ ކަމުގެ ޔަޤީންކަން ދެމުން ދިޔައެވެ. ނަމަވެސް މިވީހާދުވަހު ބަސްއަހައިގެން އުޅުނު ކިޔަމަންތެރި ދަރިފުޅަށް ކުއްލި އެހާ ބޮޑު ބަދަލެއް އަޔަތީ ވަޙީދާގެ ހިތްވަނީ މާޔޫސްވެފައެވެ.
ހައެއްކަ ދުވަސް ސިފައިންގެ ބެލުމުގެ ދަށުގައި ހުރުމަށްފަހު މަތީން ދޫކޮށްލައިފިއެވެ. ގޭ ބަންދަށެވެ. މައްސަލަ އަދި ވަކިގޮތަކަށް ނުނިމޭތީއެވެ.
މަތީން ގެއަށް ދޫ ކުރި އިރު މަތީނުގެ މަންމައެކޭ އެތައްދުވަހު ބަލިވ އެނދު މަތީގައި އޮތް ބަލިމީހެކޭ އެއްވެސް ތަފާތެއްނެތެވެ. ހަށިގަނޑުވަނީ ހިކި އަނަރޫފަ ވެފައެވެ. ދެލޯވަނީ ވަޅުވަދެފައެވެ. މަންމައަށް މިޙާލު ޖެހުނީ މަތީނުގެ ސަބަބުންކަން އޭނާއަށް ޔަޤީނެވެ. މަތީނުގެ ހިތުގައިޖެހުނެވެ. ދެރަވެ ރޮވުނެވެ. އެންމެ ތުއްތު އިރުއްސުރެ ބަފައަކާ ނުލައި ރެޔާދުވާލު ބުރަ މަސައްކަތުން ބަލައި ބޮޑުކޮށް ކިޔަވައިދީ މިހިސާބަށް ގެނައި މައިމީހާއަށް މިޙާލު ޖެހުނީ އޭނާގެ ސަބަބުން ކަމަށް ވާތިއެވެ. މަތީނަކީވެސް ކިޔަވައިގެން ހުރި ޒުވާނެކެވެ. ތިމާގެ މައިމީހާގެ ހިތުގައި ޖައްސައި ނިކަމެތިކަން ދިން މީހަކަށް އާޚިރަތުގައި ލިބޭނޭ އެއްވެސް ފިނިކަމެއް ނޯންނާނެކަން އެވަގުތު މަތިނުގެ ހިތަށް އިޙުސާސްވިއެވެ. އެއާއެކު މަތީނުގެ ހިތްބާރުބާރަށް ތެޅެން ފަށައިފިއެވެ. ބިރުންނެވެ. މާދަމާވެސް މަރުވެދާނޭ ކަން ހިތަށް އަރާފައެވެ.
މަތީން އޭނާގެ މަންމަގެ އުނގުގައި ބޯ އަޅައިގެން އޮވެ ރޮނީއެވެ. އޭނާއަށް ކުރެވުނު ކުށަށް މަޢާފަށް އެދެމުންނެވެ. އޭނާ ބުނަމުން ގެންދިޔައެވެ. މަންމާއެވެ. ކުށް ކުރެވޭނީވެސް އިންސާނުންނަށެވެ. އަހަންނަށް އެރަށްޓެހިންނާ ގުޅިގެން އުޅުމުގެ ސަބަބުން އެނުބައި ޢަމަލަށް އަރައި ގަނެވުނީއެވެ. އެއީ އެއްގޮތަކަށްވެސް އަހަރެން ޤަސްތުގައި ކުރި ކަމެއް ނޫނެވެ. އަހަންނަށް މަޢާފު ކުރާށެވެ. މަންމާއެވެ. އަހަރެންގެ ލޯބިވާ މަންމަ އަހަންނާ ހެދި ތިހާ ހިތާމަކުރަން ޖެހޭފަދަ ކަމެއް އަހަންނެއް ނުކުރާނަމެވެ. އާޚިރަތްދުވަހު ނަރަކައިގެ އަލިފާނުން އަނދައި ހުލިވާކަށް އަހަންނެއް ބޭނުމެއް ނޫނެވެ. އަހަންނަށް އެހޫނަކަށް ކެތެއް ނުކުރެވޭނެއެވެ. މަންމާއެވެ. އަހަންނަށް މަޢާފު ކުރާށެވެ. އެވަގުތު މަތީނުގެ ބޮލުގައި ލޯބިން ފިރުމާލާފައި މަންމަ ބުންޏެވެ.
ދަރިފުޅާއެވެ. އެއީ މަންމައަށް މަޢާފު ދެވޭވަރުގެ ކަމެއް ނޫނެވެ. އެއީ ދަރިފުޅު ހެއްދެވި ފަރާތުގެ މަތިން ހަނދާން ނައްތާލުމުގެ ސަބަބުން ކުރެވުނު ކުށެކެވެ. ކުށްކުރެވޭނީ ހަމަ އިންސާނުންނަށެވެ. އެއިންސާނާ ކުށްތަކަށް ތައުބާވެ މަޢާފަށް އެދެން ޖެހޭނީ އެ އިންސާނާ ހެއްދެވި މާތްﷲގެ ޙަޒުރަތުންނެވެ. ތިމާއަށް ކުރެވުނު ކުށަށްޓަކައި ދެރަވެ ހިތާމަކޮށް މޮޅިވެރިކަމާއެކު އެކުށް ޢަފޫކޮށް ދެއްވުމަށް އެދި ދަންނަވާށެވެ. އަދި ދުވަހަކުވެސް މިފަދަ ކުށެއް ނުކުރުމަށް ނިޔަތްގަނެ ހިތުގައި ޢަޒުމް ކަނޑައަޅާށެވެ. މަންމަގެ އުންމީދަކީ އަދިވެސް ދަރިފުޅު ރަނަގަޅަށް ކިޔަވައިގެން ޤައުމާ ވަޠަނަށް ފައިދާ ހުރި ކުއްޖަކަށް ވުމެވެ. ދަރިފުޅު މޮޅަށް ކިޔަވައިގެން ޤައުމަށް ޚިދުމަތްކުރާ ތަން ދުށުމެވެ. މި މަންމަ ނެތް ދުވަހަކުވެސް މީހުންގެ ޤަދަރާއި އިޙުތިރާމް ލިބިގެން އަރާމާ އުފަލުގައި ދުނިޔެ ވޭތުކުރެވޭފަދަ ހަރުދަނާ މީހަކަށް ވުމެވެ.
މަންމަގެ ވާހަކަތަކުން މަތީނަށް ކުރީ ވަރަށްވެސް ފުން އަސަރެކެވެ. އޭނާ މަންމަޔާ އޮޅުލައިގަނެފައި ބުންޏެވެ. މަންމާއެވެ. ތިޔައީ ދުވަހަކުވެސް މީހަކަށް ނުލިބޭނެފަދަ މަންމައެކެވެ. މިއަދަސް ފަހު މީ ކުރތީގެ މަތީނެވެ. މަންމަގެ ހިތުގައި ޖެހި ދެރަވާފަދަ އެއްވެސް ކަމެއް މަންމަގެ މަތީނު ދުވަހަކުވެސް ނުކުރާނެއެވެ. ޔަޤީން ކުރާށެވެ.