އާ ދުވަހަކަށް ފެނުން ތޮޅިލި އިރުގެ ދޯދިތައް ގަސްކަރަޔާ އެޅި ނިވާވެފައިވާ ގެފަތީގެ ފުރަގަހުން، އަތިރިމަތީގެ ރުއްތަކުގެ ކުރިން ފާއްދާލީ، ބޮޑުދައިތަގެ ހަރުކަށި ބަސްތަކުން އިނާޝާގެ ހިތް ކުދިކުދި ކުރަމުން ދަނިކޮށެވެ. އިނާޝާގެ ފެންކަޅިވެފައިވާ ދެލޮލުގެ ކަޅި ހުއްޓިފައިވަނީ ރުޅިއައިސް ރަތްވެފައިވާ ބޮޑުދައިތަގެ މޫނަށެވެ. އެމޫނުން އިނާޝާއަށް ފެންނަނީ ނަފުރަތުގެ އަލިފާން ރޯވެ އަނދަމުން ދާ ތަނެވެ.
އިނާޝާގެ ވުޖޫދުގައި ކޮންމެ ދުވަހެއްގެ އިރު އުދަވެގެން އަންނަނީވެސް މި ބީދައިންނެވެ. ހިތާމައިން ހިތަ ފަޅައިގެންދާ ފަދަ ވިހަގަދަ ބަސްތަކަކުންނެވެ. ވިސްނާވިސްނާ ސިކުނޑިން ތެޔޮ ހޭނޭ އިރުވެސް ބޮޑުދައިތަ އިނާޝާ ދެކެ މިހާ ރުޅިއެއް އަންނަން ޖެހެނީ ކީއްވެ ކަމެއް އިނާޝާއަކަށް ވިސްނައި ނުގަނެ ވުނެވެ. ބޮޑުދައިތަގެ ލޯތްބާއި ރުހުން ލިބޭތޯ އޭނާ ވަމުންދާ ޤުރުބާނީތައް އުނދުން މަތީގައި ހުރި ސައިކުރައިން އަރައިގެންދާ އާތްވެކޭ އެއްފަދައެވެ.
އިނާޝާ މިގޮތުގައިބޮޑުދައިތަ ގާތުގައި ދިރިއުޅޭތާ ފަސް އަހަރު ވެއްޖެއެވެ. މީގެ ތެރެއިން އެންމެ ދުވަހަކު، އެންމެ ފަހަރަކުވެސް ބޮޑުދައިތަގެ އޯގާތެރި އެންމެ ލަފުޒެއްވެސް އޭނާއަށް އަޑު އިވިފައެއް ނުވެއެވެ. ހައްތާ ވެސް އެހިތަށް ހެރެމުން ދަނީ ވިހަގަދަ ކަށިތަކެވެ.
އިނާޝާއަކީ އޭނާގެ މަންމަގެ މޭގެ އެތިކޮޅެއް ފަދައިން ބަލައި ބޮޑުކުރި ކުއްޖެކެވެ. ދުވަހަކު ބާރަށް ބަހެއްވެސް ނުބުނެ ލޯތްބާއި އޯގާވެރިކަމުގެ ހިޔަލުގައި ބޮޑުވަމުން އައި އިނާޝާގެ ޙަޔާތް ބަންޑުން ޖެހުނީ ހަމަ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އޭރު އޭނާގެ ޢުމުރުން އެންމެ ހަތް އަހަރެވެ.
މަންމަ އާއި ބައްޕަ އިނާޝާ ގޮވައިގެން މާލެ ދިއައީ އިނާޝާއަށް ރަނގަޅު މުސްތަޤުބަލެއް ހޯދައި ދިނުމަށްޓަކައެވެ. ރަނގަޅަށް ކިޔަވައިދީ އެމީހުން ފަޚުރުވެރިވާ ފަދަ މޮޅު ކުއްޖަކަށް ހެދުމަށެވެ. މިދިވެހި މުޖުތަމަޢު ޤަބޫލުކުރާފަދަ އަޚުލާޤު ރަނގަޅު ހުނަރު ވެރި އަންހެން ދަރިއަކަށް ހެދުމުގެ މަޤުޞަދުގައެވެ.
ޝިޔާންއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހަކަށްވާތީ ދެކޮޓަރީގެ އެޕާރޓުމަންޓެއް ކުއްޔަށް ހިފައިގެން އަރާމުގައި އުޅެލެވޭހައި ޢާމުދަނީ ލިބެއެވެ. ބޭނުން އިރަކު ބޭނުން އެއްޗެއް ކާލެވެއެވެ. ބޭނުން ވައްތަރެއްގެ ހެދުމެއް ދަރިފުޅަށާއި އަންހެނުންނަށް ހޯދައިދެވެއެވެ. ޝިޔާންއާއި އަންހެނުން ޝިމާޒުގެ ހުރިހާވެސް އެދުމަކީ އެދެމީހުންގެ ދަރިފުޅަށް އުފާވެރި ދުނިޔެއެއް އާބާދު ކޮށް ދިނުމެވެ. އެހެންކަމާއެކު އިނާޝާގެ އުޑުގައި ފިޔަޖަހަމުން ދިޔައީ އުފާވެރިކަމުގެ ތަރިތަކެވެ. އިވެމުންދިޔައީ މަންމައާއި ބައްޕަގެ އޯގާތެރި ނާނާގެ އަޑެވެ.
އިނާޝާގެ އުފާވެރި ދިރިއުޅުން ފުނޑުފުނޑު ވެގެން ދިޔައީ ކާރު އެކްސިޑެންޓެއްގައި އޭނާގެ މަންމައާއި ބައްޕަ ނިޔާވުމުންނެވެ. އެހިސާބުން އިނާޝާގެ އުފާވެރި ދިރިއުޅުންވެސް ކަފުންކޮށް ވަޅުލަން މަޖުބޫރު ވެއްޖެއެވެ. ކުރަމުން އައި ފޮނި އުންމީދުތައްވެސް ބުރައިގެންދިޔަ ދުންކޮޅެއް ފަދައިން ފަޒާގެ ތެރެއަށް އަރައިގެން ގޮސް އޮބައި ލައިފިއެވެ. އިނާޝާ ޔަތީމުވެއްޖެއެވެ. މުޅި މާލެއަށް ގިނަވެއްޖެއެވެ. އިސާހިތަކު އޭނާއާއި ޢައިލީގޮތުން އެންމެގާތް މީހާ ކަމުގައިވާ އޭނާގެ ބައްޕަގެ ކޮއްކޮ އޭނާއާއި ޙަވާލުވެއްޖެއެވެ. އެއީ އެނާގެ ބޮޑުދައިތައެވެ. ބޮޑުދައިތަ އޭނާ ގޮވައިގެން ދިޔައީ ރަށަށެވެ. މިހާރު އޭނާ ދިރިއުޅެމުން މިދަނީ އޭނާގެ ބޮޑުދައިތައާ އެކު ރަށުގައެވެ. މި ދިރިއުޅުމަށްވުރެ ޔަތީމު ޚާނާއެއްގައި އުޅުންވެސް ހިތަށް މާ ފަސޭހަ ވާނެއެވެ.
ބޮޑުދައިތަ ދެކޭގޮތުގައި އިނާޝާއަކީ އޭނާއަށް ހުރި އުނދަގުލެކެވެ. މުޞީބާތެކެވެ. އޭނާ ރެޔާދުވާލު ބޮޑުދައިތަގެ ޚިދުމަތުގައި ދެމިހުންނަ އިރުވެސް ބޮޑުދައިތަގެ ހިތުގައި އޭނާއަށް ނޯކަރެއްގެ މަޤާމުވެސް ދެވިފައެއް ނުވެއެވެ. ރެއާ ދުވާލު އެތައް ފަހަރަކު ބޮޑުދައިތަގެ ނުރުހުމުގެ ތީރުތައް އިނާޝާގެ ހިތް ތޮރުފަމުން ގެންދެއެވެ. ކިތަންމެ ފަރުވާތެރިކަމާއެކު ރަނގަޅަށް އޭނާ ގޭތެރޭގެ ކަންތައްތައް ކުރިނަމަވެސް އެއިން އެއްވެސް ކަމެއް ބޮޑުދައިތައަށް ކަމުދާގޮތެއް ނޯވެއެވެ.
އެއްދުވަހެއްގެ ހެނދުނު ހޭލިއިރު އިނާޝާއޮތީ ވަރަށް ގަދައަށް ހުން އައިސްފައެވެ. ވަރަށް ގަދައަށް ބޮލުގައިވެސް ރިއްސައެވެ. އެއްގޮތަކަށްވެސް ބޯ ހިއްލައިލަން ކެރޭވަރެއް ނުވިއެވެ. ބޮޑުދައިތަ ތެދުވެގެން ބަދިގެއަށް ދިޔައިރު އިނާޝާ ފެންނާކަށް ނެތެވެ. އުނދުނަށް ތެއްޔެއް ތަވައެއް އުދާފައެއް ނުވެއެވެ. ތަރުމޯޒު ހުރީ ހުހަށެވެ. ރޮށިއަޅާ އެތީގައި ރޮށްޓެއް ނެތެވެ. ރޭގައި ކެއްކި ތެލިތައް ހުރީ ނުދޮވެ ހުރިގޮތަށެވެ. ބޮޑުދައިތަ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ބާރު ބާރަށް އިނާޝާއަށް ގޮވަން ފެށިއެވެ. ޚަބަރެއް ދަބަރެއް ނުވިއެވެ.
ބޮޑުދައިތަ ވޫސް ކަނޑާފައި ގޮސް އިނާޝާ އޮތް ކޮޓަރީގެ ދޮރު ހުޅުވައިފިއެވެ. އިނާޝާ ނިދާފައި އޮތްތަން ފެނުމުން ބޮޑުދައިތަގެ ރުޅި އިހުނަށްވުރެވެސް އިތުރުވެގެން ދިޔައެވެ. " ބަލަ ދަމަކަށް އިރުއަރާ އިރުވެސް ނުތެދުވެ ދެފައި ދަމައިގެން ނިދަން ތި އޮތީ މަށަށް ޖެއްސުންކުރަން ކަމަށްތަ؟ .... ނުތެދުވެ އޮވޭ! ނިކަން ޖެއްސުން ކޮށްދޭނަމޭ!..... މިހެން ކިޔާފައި ގޮސް ހުމާ ފިހިފިހި އޮތް އިނާޝާގެ ދިގު އިސްތަށިގަނޑުގައި ހިފައި ކޮޅަށް ނެގިއެވެ. އަދި ހޫރާލާފައި ދޫކޮށްލުމާއެކު ހަށިގަނޑުގައި ވަރު ދެރަވެފައިވާ އިނާޝާ އެދިޔަގޮތަށް ގޮސް ތަޅުންގަނޑު މައްޗަށް ގުޅައަކަށް ޖެހުނެވެ.
ހުންގަދަ ކަމުން ބުރާންތިވެފައި އޮތް އިނާޝާއަށް ލިބުނު ވޭނާއެކު ހަޅޭލަވައިގަނެވުނެވެ. މިއަޑަށް ބޮޑުދައިތަގެ ފިރިމީހާ އިނާޝާގެ ޅިޔަނު ސަލްމާނު އެތަނަށް އަތުވެއްޖެއެވެ. އަދި ބިންމަތީގައި ތެޅިތެޅިއޮތް އިނާޝާ އޯގާތެރިކަމާ އެކު ނަގައި ކޮޅަށް ބެހެއްޓޭތޯ އުޅުނެވެ. ނަމަވެސް އެ ހަށިގަނޑުގައި ކޮޅަށް ހުރެވޭނެހާ ވަރުނެތުމުގެ ސަބަބުން އަނެއްކާވެސް އިނާޝާ އަރިއަޅާލާ ގޮތް ވެއްޖެއެވެ. އެހިނދު ޅިޔަންބެ ރަހުމާއި ހަމްދަރުދިއާއެކު އިނާޝާ އުފުލައިގެން ގޮސް އޭނާގެ އެނދުގައި ބާއްވައިލިއެވެ. އޭރުވެސް އިނާޝާ ހީވަނީ ރޮށިފިހާ ތަވައެއް ހެންނެވެ. އަދި ތަޅުމުގައި ޖެހުނު ގޮތުން ނިތްކުރިން ފަޅައިގެން ދިޔަ ތަނުން ހޯސްލާފައި ލޭ ފައިބަމުން ދެއެވެ. ލިބެމުންދިޔަ އަނިޔާގެ ސަބަބުން އިނާޝާގެ ޚަބަރު ހުސްވެފައިވާ ހެން ހީވެއެވެ. އެވަގުތު ޅިޔަނު ގާތަށްވަނީ ވަރަށް ރުޅި އައިސްފައެވެ. އަދި ނުހަނު ބާރަށް ބޮޑުދައިތައާއި ދިމާއަށް އެއްޗެހި ގޮވައިގަތެވެ.
" ބަލަ ވަޙީދާ! ތީކަލޭގެ އެއްބަނޑު އެއްބަފާ ބޭބެގެ ހަމައެކަނި ދިރިހުރި ނިޝާން.... އޭނާގެ ލޮލުގެ ކޮއި ފަދައިން ބަލައި ބޮޑުކުރަމުން އައި އޭނާގެ ދަރިފުޅެއް ނޫންތަ؟........ އެމަޢުޞޫމު ކުއްޖާއަށް ތިހާ އަނިޔާއެއް ތިޔަދެނީ އެފަކީރުގެ ކޮންކުށެއް އޮވެގެންތަ؟........ އެނިކަމެތި ކުއްޖާ މިގޭގައި އެއުޅެނީ ކަލޭ ބުނިއްޔާ ބުނިހާ ކަމެއް ކޮށްދީގެން....... އެހެން ގޮތަކަށް ބުނަންޏާ ކަލެއަށް ގުލާނު ކޮށްދީގެން......... ކަލޭގެ އަޅެއްހެން......... ކަލޭތީ އިންސާނެއްތަ؟... އޭނާގެ ހަށިގަނޑުގައި ދައުރުވަމުން ދަނީ ހަމަ ކަލޭގެ ހަށިގަނޑުގައިވެސް ދައުރު ވަމުންދާ ލެޔޭ.....! އޭނާގެ ހަށިގަނޑުގައިވެސް ކަލޭގެ ހަށިގަނޑުގައިވާ ފަދައިން ވިންދު ޖަހާ ހިތެއް އެބަވެޔޭ...... ތި ދެ ހިތުގައި ޖަހާ ވިންދުގައި ވާނީ ހަމަ އެއް ރާގެކޭ............ ކީއްވެގެން ކަމަށްތަ.........؟ ކަލޭތީ އޭނާގެ ބޮޑުދައިތައަށް ވާތީ......! އަހަރެން ހަމަ އަޖައިބު ވެ އަންތަރީސް ވެއްޖައިން............. ނަސީބެއްނުން. ކަލެއަށް ދަރިއަކު ނުލިބުނުކަން..... އެހެންނަމަ ތި ދެއަތުން އެކުއްޖާ ފުޅުގެ ފުރާނަވެސް ދުއްވާލާކަށް ފަހަކަށް ނުޖެހޭނެ..... އަހަރެން ހިޔެއް ނުކުރަން.. ކަލޭތީ ތިހާ ރަޙުމްކުޑަ މީހެއްކަމަކަށް... ތިހާ އިންސާނިއްޔަތު ކަމެއް ނެތް މީހެއްކަމަކަށް... އަހަރެން މިހާދުވަހު ހީކޮށްގެން ހުރީ ތީ ވަރަށް މާތް އަންހެނެއް ކަމަށް.... އެކަމަކު މިއަދު އަހަންނަށް އެގިއްޖެ...... ކަލޭތީ އިންސާނެއްގެ ނަމުގައި ހުއްޓަސް އިންސާނެއް ނޫންކަން.... މިއަދު މިފެނުނު މަންޒަރުތަކުން އަހަރެންގެ ހިތުގައި ކަލެއަށް ދެވިފައިވާ މަޤާމާ ޤަދަރު މުޅިން ގެއްލިއްޖެ.
ސަލްމާނު މި ހުރިހާއެއްޗެއް ގޮވިއިރުވެސް އޭނާގެ އަންހެނުން ވަޙީދާ އަނގައިންވެސް ނުބުނެ މަޑުމައިތިރި ވެގެން އިނެވެ. ބުނާނެ އެއްޗެއް ނޭގުނީކަން ނޭގެއެވެ. ނުވަތަ ފިރިމީހާއަށް އޭނާގެ ނުބައިކަން އެނގުމުން ގަތް ލަދުން ނޫންކަމެއްވެސް ނޭނގެއެވެ. އިނީ ހުއްޓުން އަރާފައެވެ. ސަލްމާނު އިނާޝާ ގެމޫނުގައި އުނގުޅަން ފެންތަށްޓެއް ހިފައިގެން ހިނގައިގަތީމާ ވަހީދާއަކަށް މަޑަކުން ނީދެވުނެވެ. އޭނާގެ ހިތުގައި އަނދަމުން ދިޔަ އަލިފާނުގެ ދިލަ ހޫނު ބުރުވަން ފަށައިފިއެވެ.
" އޭނާގެ ބައްޕައަކީ މައިން ބަފައިންގެ މުދަލާއި ފައިސާއިން ބޮޑުލާރިއެއްވެސް މަށަށް ދިން މީހެއްނޫން.... ގެއާއި ގޭގައިހުރި ހުރިހާ މުދަލެއް އޭނާގެ ބައްޕަގެ ސަބަބުން ގެއްލިގެން ދިޔައީ......... ގެ ބޭންކުގައި ބަހައްޓާފައި ނެގި ލޯނު ނުދެއްކުމުން އެގެ ބޭންކަށް ނެގީ... މިހުރިހާ ކަމަކީ ތިޔަ އިނާޝާގެ މަންމަގެ ސަބަބުން ވީ ކަންތައްތައް.. އޭނާ ކަނަޑައެޅިގެން އަހަންނަށް އެގެއިންނާއި މުދަލުން ބައެއް ދޭން ޖެހިދާނެތީ ކުރި ކަމެއް އެއީ....... އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ނަތީޖާ..... އޭނާ ދިރިއުޅެން މިރަށް ކުޑަވެގެން ބޭބެގެ ބޮލަށް އެރިގެން ވެއްޖެ މާލެދާން............ އޭނައާ ހެދި އެންމެ ފަހުން އަހަންނަށް އަހަރެންގެ ބޭބެވެސް ގެއްލުނީ.......... އަހަރެންގެ މައިންބަފައިންގެ ފަރާތުން އަހަންނަށް ވާރުތަވި މުދާވެސް ގެއްލުނީ..... އެކަމަކު އެ ނުލަފާ އަންހެނާގެ ދަރި ބަލަން މިޖެހުނީ މިއަދު މަށަށް....... މީ ދެން ކިހައި ބޮޑުވެއްޖެ ކަމެއްތަ..........؟
ވަޙީދާގެ މި ތާކުން ތާކު ނުޖެހޭ ޙަސަދައިގެ އަލިފާން ނިއްވައި ލެވޭތޯ ސަލްމާނު މަސައްކަތް ފެށިއެވެ. އޭނާ އަތުގައި ހުރި ފެންތައްޓާއި ފޮތިކޮޅު އިނާޝާ އޮތް އެނދު މަތީގައި ބާއްވާފައި ވަޙިދާ އާއި ހަތަރު ކަޅި ހަމަކުރަމުން ބުންޏެވެ.
" ހެޔޮ ނުވާނެ..... ވަޙީދާ........! ތިހެން ބުނާކަށް ނުވާނެ......ހީކޮށްބަލަ އިނާޝާއެއީ ހަމަ ތިމަންނަގެ އުފަން ދަރިއެކޭ..... މާތްﷲ ކަލޭގެ ބަނޑުން އުފަން ނުކުރެއްވިޔަސް ކަލެއާ ޙަވާލު ކުރައްވާފައިވާ އަމާނާތެކޭ...... މީހުން ބުނާތީ އަހަރެން އަޑުއަހަން ނިކަމެތި ޔަތީމު ކުދިންނަށް ހެޔޮކޮށް ހިތައި އެކުދިންނަށް ރަޙުމާއި އޯގާވެރިކަމުގެފިޔަ ތިރިކޮށް އުޅޭ ދަރިން ނުލިބޭ މީހުންނަށް ދަރިންވެސް ދެއްވައޭ...... ނިކަން ތިޔަ ހިތް މަޑުމޮޅިކޮށް އޯގާތެރިކަމާ އެކު އިނާޝާއަށް މައެއްގެ ލޯބި ދީބަލަ.... އޭރުން އަމިއްލަ ނަފުސަށް މައެއްގެ އިޙުސާސް ކުރެވޭނެ..... އިރާދަފުޅު ކުރެއްވިއްޔާ ﷲގެ އޯގާވަންތަ ވެރިކަމާއެކު ދަރިއަކުވެސް ދެއްވަފާނެ.
ފިރިމީހާގެ ވާހަކަތައް އަޑު އިވިފައި ވަޙީދާގެ ހިތް އުއްގަނޑެއް ވިރޭހެން ވިރިގެން ދިޔައީކަން ނޭގެއެވެ. އަނގައިން ބަސް ހުއްޓިއްޖެއެވެ. ދެލޮލުން ފޫދިގެން އައި ކަރުނައިގެ ސައިލު ފައިގެ ބޮޑުވާ އިނގިލި ތެންމަމުން ދިޔައެވެ. އަދި މަޑު މަޑު ހިނގުމެއްގައި އިނާޝާގެ ގާތަށް ގޮސް އޭނާގެ ބޮލުގައި ފިރުމަން ފަށައިފިއެވެ. ހީވަނީ އިނާޝާގެ ލޮލުން އޮހުނު ކަރުނައާއި ނިތްކުރިން އޮހުނު ލޭގެ ސަބަބުން އޭނާގެ ބޮޑުދައިތަގެ ހިތުގައި އަނދަމުން ދިޔަ އަލިފާން ނިވިގެން ދިޔައީ ހެންނެވެ.
(ނިމުނީ)