އަހަންނަށް ހޭލެވުނީ ފަތިސްނަމާދު ބަންގީގެ އަޑަށެވެ. ފުންމައިގެންތެދުވެ ފާޚާނާއަށްވަދެ އާދައިގެ މަތިން ދަތް އުނގުޅާ މޫނުދޮވެ ވުޟޫކޮށްގެން ނުކުމެ ރީތިވެގެން މިސްކިތާ ދިމާއަށް މިސްރާބު ޖެހީމެވެ. ދުވާލުގެ ފެށުމަކީ އަބަދުވެސް އަހަންނަށް ފަތިސްނަމާދެވެ. އެގޮތުން ނަމާދުކޮށްގެން ޚަތިމުން ތަންކޮޅެއް ކިޔަވައި ލުމަށްފަހު ގެއަށްދާން ހިނގައިގަތީ އެހެން ދުވަސްތަކެކޭ އެއްފަދައިން މަންމަގެ އަތުން ގިރައިފައިދޭ މީރު ބުއްތަށީގެ އިންތިޒާރުގަ އެވެ.
ގޭހުންނަ މަގަށް އަޅައިލިތަނާ ގޭދޮށުގައި މާގިނަ މީހުން ޖަމާވެފައި ވަނިކޮށް ފެނިއްޖެއެވެ. ދުވަހަކުވެސް އެހައި ގިނަ މީހުން ހެނދުނު ގަޑިއެއްގައި ގޭދޮށަށް ޖަމާވެފައި ވަނިކޮށް ނުފެނެއެވެ. މީގެ ކުރިންވެސް އެގޮތަށް މީހުން ޖަމާވީ ބައްޕަ ނިޔާވި ދުވަހު އެވެ. އެއީ މީގެ ތިން އަހަރު ކުރިއެވެ. އެއީ އެކަމަކު މިހައި ހެނދުނެއް ނޫނެވެ. މެންދުރެވެ. ލިބުނު ޙައިރާން ކަމާއެކު ހަލުވި ފިޔަވަޅުތަކެއްގައި އަވަހަށް ގޭދޮށަށް ދެވޭތޯ ހިނގައިގަތީމެވެ.
ގޭދޮށަށް ޖަމާވެފައިވާ މީހުންގެ މޫނުމަތި ފެނުމާއެކު ބޮޑު ކަމެއް ލައިގަނެގެން އުޅޭކަން ދޭހަ ވެއްޖެއެވެ. އެއާއެކު އެއްވެފައިވާ މީހުންތައް ފޭކުރަމުން ވެގެން އުޅޭގޮތެއް ސާފުކުރުމަށްޓަކައި އަވަހަށް ގޭތެރެއަށް ވަދެވޭތޯ ބެލީމެވެ. މިގޮތުގައި ދެތިން ފިޔަވަޅު ކުރިއަށް އެޅިތަނާ ބޭބެ ރޮމުންރޮމުން އަންނަތަން ފެނިއްޖެއެވެ. ބޭބެއަށް އަހަރެން ފެނުމާއެކު އަހަރެން ގައިގައި އޮޅުލައިގަތެވެ. އަދި އިހުނަށްވުރެ ވެސް ބާރަށް ރޯންފަށައިފިއެވެ. އަހަންނަށް އަދި އެއްޗެކޭ އަހައި ނުލެވިގެން އުޅެނިކޮށް ބޭބެ ދިން ޚަބަރަކުން އުޑު ބޮލަށް ވެއްޓުނުހެން ހީވިއެވެ.
"ކޮއްކޯ........... މަންމަ... ނިޔާވެއްޖެ........."
އަހަރެންގެ ޙިއްސުތައް ހުއްޓުނު ކަހަލައެވެ. އަހަރެން ނަމާދަށް ދިޔައިރު މަންމަވެސް ތެދުވެގެން ނަމާދަށް ތައްޔާރުވަމުން ދިޔައެވެ. އަހަރެން މިސްކިތަށް ދާން ހިނގައިގަތުމާ އެކު މަންމަ ބުންޏެވެ.
" ދަރިފުޅާ....! ދަމުން ދޮރުލައްޕައްޗޭ.....!
އަހަރެން މީހުންގަނޑުގެ ތެރެއިން ކޮށްޕަމުން ގަޅުވަމުން ދުވެފައި ގޮސް މަންމަ އޮތް ކޮޓަރިއަށް ވަނީމެވެ. މަންމަ ހީވަނީ އަރާމު ނިންޖަކުން ނިދާލައިފައި ވާ ހެންނެވެ. ތުންފަތުގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. ހީވަނީ އަހަރެން އަންނަންދެން ބުއްތަށި ގިރައިގެން ހުރެފައި ވަރުބަލިވެގެން ޖައްސާލީ ތަނާ ނިދުނީހެންނެވެ. މޫނުގެ ކުލަ އިހުނަށްވުރެ ވެސް އައްޔެވެ. އަހަރެންގެ ހިތް ކުދިކުދިވެގެން ފައިބާހެން ހީވިއެވެ. ރޮއެއްވެސް ނުގަނެވެއެވެ. އަނގައިންނެއް ވެސް ނުބުނެވެ އެވެ. ފާޑަކަށް ހުއްޓުން އަރާފައި ހުރެވުނީއެވެ.
ގެއަށް ޖަމާވެފައިވާ އަވަށްޓެރިންނާއި ތިމާގެ މީހުން މަންމަގެ ޖަނާޒާގެ ކަންތައް ކުރަމުން ދިޔައިރު ވެސް އަހަންނަށް އިނދެވުނީ ގަބުވެފައެވެ. އެމީހުން ކުރަނީ ކީއްކަމެއް، ކުރާނީ ކީއްކަމެއް އެއްގޮތަކަށް ވެސް އަހަންނަކަށް ނުވިސްނެއެވެ. މިގޮތަށް މެދު ގޭ ތެރޭގައިހުރި ގޮނޑިއެއްގައި އަހަރެން ގަނޑުވެފައި އިންދާ ބޭބެއާއި ފަހަރި އައިސް މަންމަގެ މޫނު ދެކެން ހިނގާށޭ ކިޔައި އަހަރެންގެ ދެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. އަހަރެން ބެޓަރި ބާވެފައިހުރި ބުދެއްހެން އެމީހުންނާއެކު މަންމަ ބާއްވާފައި އޮތް އެނދު ކައިރިއަށް ހިނގައްޖައީމެވެ.
މަންމަ އޮތީ ހުދުފޮތި އޮޅާ ނިވާކޮށްފަ އެވެ. އޭގެމަތިން ބޮޑުމާޖެހި މަޚުމަލު ފޮތިގަނޑެއް ވެސް އަޅާފައި އޮތެވެ. އަހަރެން ބޭނުންވީ މަންމައަށް ގޮވައި ހޭލައްވާށެވެ. މަންމަ އޮތީ މަރުވެފައި ކަމަށް އަހަންނަކަށް ޤަބޫލެއް ނުކުރެވެ އެވެ. އިރުކޮޅަކުން މުދިންބެ އައިސް މަންމަގެ މޫނު އަޅާ ވާހަކަ ބުންޏެވެ. ފާޑެއްގެ ކުނޑިތަކެއް އަޅާފައިވާ ކަފަގަނޑެއް މަންމަގެ މޫނުމަތީގައި އަޅަން ފެށުމުން އަހަރެން ކޮންޓްރޯލުން ނެއްޓިއްޖެއެވެ.
އަހަރެންގެ މަންމަގެ މޫނު ނުފޮރުވާތި......! އަހަރެންގެ މަންމަގެ ލޮލަށް ކުނި އެޅޭނެ...! އަހަރެންގެ މަންމަ ދޫކޮށްލާ.............! އަހަރެންގެ މަންމަ ނުފޮރުވާތި........! އަހަރެންގެ މަންމަ މަރެއް ނުވޭ....! މިހެންކިޔައި ހަޅޭލަވަމުން މުދިންބެ އަތުން އެ ކަފަގަނޑު ނަގަން އުޅުނީމެވެ. އެވަގުތު ބޭބެއާއި ފަހަރި އައިސް އަހަރެން ހުއްޓުވޭތޯ އުޅުނެވެ. އެމީހުން އަހަރެން ގާތު ބުންޏެވެ.
ކޮއްކޯއެވެ. މަންމަ އެ އޮތީ މަރުވެފަ އެވެ. ކޮންމެ މީހަކުވެސް މަރުވާނެ އެވެ. މަރުވީމާ ކޮންމެ މީހަކުވެސް ހިނަވައި ކަފުންކުރާނެ އެވެ. ދެން ސަންދޯކު އަޅައި ކަށުނަމާދު ކުރުމަށްފަހު ވަޅުލާނެ އެވެ. އެއީ އަހަރެމެންގެ މައްޗަށް ވާ ކިފާޔަތުގެ ފަރުޟެކެވެ. ކޮއްކޯއެވެ. މަންމަގެ ފުރާނަނެތް މަސްގަނޑު ވަޅުލަން ޖެހޭނެއެވެ. މަންމަ ވަޅުލީމާ އަހަރެމެންނަށް މަންމައެއް ނުފެންނާނެ އެވެ.
ނޫން......ނޫން............ ބޭބޭ އަހަރެންނަށް މަންމަ ނެތް ތަނެއްގައި ނުއުޅެވޭނެ... އަހަރެން މަންމަ ނެތް ތާކު އުޅޭކަށް ބޭނުމެއް ވެސް ނޫން.... އަހަރެންވެސް މަންމައާއެކު ފޮށްޓަކަށް ލާފައި ވަޅުލައިދީ...! އަހރެންގެ މަންމަ ވަޅުނުލާ............ ނުގެންދޭ........ އަހަރެންގެ މަންމަ ނުގެންދޭ......! ވަޅުނުލާ............! އަހަރެން ރޮއި ހަޅޭ ލަވަމުން ދިޔައިމެވެ. ނަމަވެސް އަހަރެންގެ މިއާދޭސްތައް ޤަބޫލުކުރާނެ އެކަކުވެސް ނެތެވެ. އަހަރެން ރޮއި އާދޭސް ކޮށްކޮށް ހުއްޓައި އެންމެން ވެގެން މަންމަ ގެންގޮސް ވަޅުލައިފި އެވެ.
ދުވަސްތައް ފާއިތުވަމުން ދިޔުމަކުން އަހަރެން މަންމަގެ މަތިން ހަނދާނެއް ނުނެތެއެވެ. އަބަދުވެސް ހިތަށް އަރަނީ މަންމަ އަންނާނެ ނަމައެވެ. މަންމަ ގިރާފައި ދޭ ބުއްތަށްޓާއި މަންމަ މޮޑެފައިދޭ މީރު ބަތްތަށި އަބަދުވެސް ބޭނުންވެއެވެ. ކާހިތްވެއެވެ. މިހާރުވެސް އެވެ. މަންމަގެ އެ ލޯބިލޯބި ފިރުމުންތަކާއި އަގުހުރި އިރުޝާދުތައް މިހިތުން ފިލައިގެން ނުދެއެވެ. މިހާރުވެސް މަންމަ އަހަރެން ގާތު ބުނި ހަނދާން އެބަހުއްޓެވެ. " ދަރިފުޅާއެވެ! މީހުން ލޯބިވާނީ ކިޔަމަންތެރި ކުދިން ދެކެއެވެ.... މޮޅު ވާނީ ގަދަ އަޅައި މަސައްކަތްކުރާ ކުދިންނެވެ. ފިލާވަޅު ދަސްކުރާ ކުދިންނެވެ. އިސްވާނީ ކަންކަމާ ކެރިގެން ކުރިމަތިލާ ކުދިންނެވެ." މިއަގުހުރި ބަސްކޮޅު ކަފުނާ އެކުވެ ދިޔަޔަސް އަހަރެން ހަނދާން ނައްތައެއް ނުލާނަމެވެ. ދުވަހަކު ވެސް އަހަރެން މަންމަގެ ހަނދާންތަކާއި ވަތްކެއް ނުވާނަމެވެ.
(ނިމުނީ)