1

ގަޑިން ފަތިހު ހަތަރެއް ޖެހީއެވެ. އަހަރެންގެ ނިދި އަހައްނާ ރުޅިހަދާލި ރެއެކެވެ. އެރޭހަތަރު ދަމު އަހަރެން އުޅުނީ އެފަދަ ހާލެއްގައެވެ. ވާނީވެސް އެހެންތާއެވެ. މިއަދަކީ 2 އަހަރު ދުވަހު ޖަލުތެރޭ ހޭދަކުރުމައްފަހު މިނިވަންވާ ދުވަހެވެ. ބަޔާން ކުރަންދަތި އުފާވެރި ކަމެއް އަހަރެންގެ ހިތުތެރޭގައި ވިއެވެ. ހިތާއި ފުނާއަށް ވުރެބޮޑަ ލޯބިވާ އަބިމީހާ އާއި ދަރިފުޅު ދެކިލާހިތުން އަހަރެން ހުރީ ކެއްމަދު ވެފައެވެ،ގަނޑީގެ ކަށިވެސް ހީވަނީ މިއަދު ހިނގަލެއް ލަސްހެއްނެވެ. އަދި ބާރަޖަހަން 3 ގަޑިއިރު އެބައޮތެވެ. ޖަލުގެ ގޮޅިތެރޭ ހިގާލަ ހިގާލަ ހުރީމެވެ. 12 ޖަހާނެ ވަގުތަކަށް އިންތިޒާރު ކުރަމުން ނެވެ.

ބޭއިޙުތިޔާރުގައި ގަޑިއަށް ބަލާލެވެއެވެ. ވަގުތު ކައިރިވި ކައިރިވިހެން އަހަރެންގެ ހިތް ތެޅޭލެއް އަވަސްވެފާ ބާރެވެ. މަޑުމަޑުން ގޮސް ގޮޅީގެ އެއްކަނެއްގެ ތަޅުންގަނޑުމަތީ އިށީނީމެވެ. ދެފަޔައް ތަދު އިހުސާސް ކުރެވިގެންނެވެ. އެހެން އިންދާ އަހަރެން މާޒީގެ ތެރެއަށް ވަދެ ގޮސް ގެއްލި ހުސްވެއްޖެއެވެ. އެއީ މީގެ 5 އަހަރު ކުރިއެވެ. ކާރު އެކްސިޑެންޓެއްގައި އަހަރެންގެ މައިންބަފައިން ނިޔާވިއެވެ. އެހިސާބުން އަހަރެންގެ މުޅި ދިރިއުޅުން ވިއްސިވިހާލިވެގެންދިޔައެވެ. ކިޔެވޭނެ އިތުރު މަގެއް ނެތެވެ. އެހެންވެ އަހަރެން ނިންމީ އެހާހިސާބުންކިޔެވުން ހުއްޓާލާށެވެ. އެއީ ޖީސީ ހަދަން އޮތް އަހަރެވެ. އަހަރެންގެ އެއްބަޑުގެ އެކަކުވެސްނެތެވެ. މަންމަމެންގެ ހުންނަނީ އަހަރެން އެކަންޏެވެ. އެހެން ކަމުން އަހަރެން މުޅިން އެކަނިވިއެވެ. މައިންބަފައިން ނިޔާވުމުން އަހަރެން ގެންދިޔައީ މަންމަ ފަރާތުން ބޮޑުދައިތައެވެ. ބޮޑު ދައިތައަކީ ވަރަށް ޒީލަގަދަ އަންހެނެކެވެ. ބޮޑުދައިތަގެ ގޮތްނޭންގޭ މީހަކު މަދުވާނެއެވެ. އަހަރެންނަށް އެކަން އެނގިހުރެވެސް ބޮޑުދައިތަޔާ އެކު އެގެއަށް ދިޔައީމެވެ. އިތުރު އެހެން ގޮތެއް ނެތީމައެވެ. ބޮޑުދައިތަ އަހަންނާ ދޭތެރޭ ކަންތައް ކުރަމުން އައީ ވަރަށް އިހާނެތިކޮށެވެ. ކިތައްމެ އިރެންވަންދެން ނުކައި ހުއްޓަސްކާންބުނާކަށް ހަނދާނެއްނުހުރެއެވެ. އަހަންނަކީ އުޅޭ މީހެކޭވެސް ބޮޑުދައިތަގެ ހިތަކަށްނާރައެވެ. އެއްޗިހި ދޮވެ އިސްތިރިކުރަނީ އަމިއްލަޔަށެވެ. ނުވީތާކަށް ގޭގެ ގިނަ މަސައްކތް ކުރުވަނީ އަހަރެންލައްވައެވެ. އެއްވެސް ސަކުވައެއް ނުކުރަމެވެ. ތަގުދީރު ނިޔާކުރި ގޮތްކަން ހިތަށް އަރުވަމުން ކެތްތެރިވީމެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން ގެއިންނުކުތީ ހިތްހަމަ ގައްސާލާށެވެ. ސިކުޑިއަށް ފިނިކަމެއް ލިބޭތޯއެވެ. މަޑުމަޑުން ހިގާފައި ގޮސް ބަދަރުމަތީހުރި ޖޯއްޔެއްގައި އިށިއިނީމެވެ. ކުއްލިޔަކަށް އަހަރެން ހަދާނަށް އައީ ބޮޑުދައިތަ މިއަދު ކުނިއުކާލާށޭ ބުނިހަނދާނެވެ. މަސައްކަތުގައި އުޅުމުން އަހަރެން އެކަމުގެ މަތިން ހަދާންނެތުނީއެވެ. ފުއްމާފައި ޖޯލިން ތެދުވީމެވެ. އަދި ފަޔަށް ލެވުނު ބާރެއްލާ ގެއާދިމާލަށް ދުއްވައިގަތީމެވެ. ބޮޑުދައިތަޔަށް އެކަން އެގިއްޖެޔާ ކަންތައްވާނެ ގޮތް އިގޭތީއެވެ. ދުވެފައި އަހަންނަށް އާދެވުނީ ގޭގެ ބޭރު ދޮރާހަމައަށެވެ. ބޮޑުދައިތަ ހުރީ ދޮރުމަތީގައެވެ. ދެއުރައަށް އަތްޖަހާލައިގެން ހުރިގޮތިން ބޮޑުދައިތަ ހުރީ ވަރަށް ރުޅިއައިއްސަކަން އަހަންނަށް އެގުނެވެ. އަހަރެން ފެންނައިރަށް ފަތިވަރު ގޮވަން ފެށިއެވެ.

ކުނިއުކާލާށޭ ބުނީމަ ކޮންތާކަށް ވަދެފަ ތިއައީ! އަހަރެން ކުރާށޭ ބުނާކަމެއް ކަލެއަށް ނުވަނީ ކީއްވެގެންތަ؟ ހާދަ ބޮދުވެއްޖެ ކަމެކޭ މިއީ! ކަލޭ މިހާރު ތިހުރީ ބޮޑުވެ ތަސައްރަފް ފުރިފަ! ދެންމަށަކަށް ނުގެންގުޅެވޭނެ ކަލެއެއް! މިގެއިން ދާންއުޅޭ! ފަސޭހައެއް ނުވާތާ މީނަގެ ފަރާތުން މަށަށް ވަނީ އުދަގޫ! ކުނި ކިޔަމުން ބޮޑުދައިތަ ގޭތެރެއަށް ވަދެގެންދިޔައެވެ. ހުރި ފިޔަވަޅު މަތީ އަހަންނަށް ހުރެވުނީއެވެ. ބޮޑުދައިތަގެ އެވިހަގަދަ ބަސްތަކުން ހީވީ އަހަރެންގެ ހިތަށް ތޫނު ހައްޖަރެއް ހަރާލިހެންނެވެ. އެއްވެސް އިހްތިޔާރަކާ ނުލާ ކަރުނަތައް އޮހިގަތެވެ. އަހަރެން އައި ކޮޅަށް ހިގައިގަތީމެވެ. ދާނެ ވަކި މިސްރާބެއް ނެތިއެވެ.

އަހަރެންގެ މައިންބަފައިން އުޅެމުން އައި ގެވެސް ވީ ބޮޑުދައިތަގެ ބާރުގެ ދަށުގައެވެ. އެ ގެ ކުއްޔައް ދީގެން ލިބޭ ފައިސާވެސް ބޭނުންކުރަމުން ދިޔައީ ބޮޑުދައިތައެވެ. އެހެންކަމުން ވަންނާނެ ގެއެއް ނެތެވެ. ގޭގޭ ގެ އަސްކަނިދަށުގައި ނިދުމަކީ އަހަރެންގެ އާދައަކަށް ވެއްޖެއެވެ. މީހަކު ދިނިއްޔަ ކައިގެން ނުދިނިއްޔާ ނުކައެވެ. މީ މިހާރު އަހަރެން ދިރިއުޅެމުން އަންނަގޮތެވެ. މައްޗަސް ކިޔެވިފައިނެތުމުން ވަޒީފައެއް ނުލިބުނެވެ. ބަޑުހައިހޫނުކަން ފިލުވަން ވައްކަން ކުރަން ފެށީމެވެ. ސައިތޯނާގެ ވަސްވާހުގައި ޖެހި ގެއްލިދެވުނީއެވެ. އަމިއްލަ ނަފްސު ބޭނުންވެގެންނެއް ނޫނެވެ. އާދައިގެ ގޭގެ އިން ފެށިގެން ސަރުކާރުގެ ބޮޑެތި ތަންތަނުން އައީ ވައްކަން ކުރަމުންނެވެ. ވައްކަން ކުރާމީހަކު ފުލުހުން ދަނީ ހޯދާބަލަމުންނެވެ. އެއީ އަހަރެން ކުރާކަމެއް ކަމެއް އަދި އެއްވެސްމީހަކަށް އެނގިފައެއް ނެތެވެ. އެކަން އެގުނަ ނުދޭން އަހަންނަށް ކުރެވުނު ކަމެއް އައީ ކުރަމުންނެވެ. އާދައިގެ މަތިން މިއަދުވެސް ނުކުތީ ބަޑުހައިހޫނުކަން ފިލުވާލުމަށެވެ.

އެވަގުތު ކުރިމަތިން ފެނުނު އިންސާނެއްގެ ސަބަބުން މަގުސަދުވެސް ހަދާންނެތުނު ކަހަލައެވެ. އެއީ އަހަރެންގެ ކުރީގެ ރަހުމަތް ތެރި ރީމާއެވެ. ރަހުމަތް ތެރިކަމަށް ވުރެ ބޮޑަށް ސިފަކުރެވެނީ އެއައްވުރެ ގާތް ގުޅުމެކެވެ. ނަމަވެސް އެކަކަށްވެސް ލޯބިވާ ވާހަކަ ބުނާކަށް ނުކެރެއެވެ. އަހަރެމެން ދެމީހުން ދުރުވީ ރީމާ ކިޔަވަން މާލެ ބަދަލުވި ހިސާބުންނެވެ. އޭގެ ފަހުން ރީމާ ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ބުނަން ދަތި އިހްސާސްތަކެއް އަހަރެންގެ ހިތުގައި އުތުރި އެރިއެވެ. އެދުވަހަށް ފަހު އަހަރެމެންގެ ގުޅުންއައީ ބަދަހިވަމުންނެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ. ފުރަތަމަ ފެށުނު ރަހުމަތްތެރިކަން ކައިވެންޏާ ހިސާބަށް ދިޔައެވެ. ދެމީހުންވެސް ބޭނުންވެގެނެވެ. ނަމަވެސް ރީމާގެ ގޭމީހުން ފާޅުގައި އިންކާރު ކުރިއެވެ. އަހަންނަކީ ވަޒީފާ އަދާނުކުރާ މީހަކަށް ވާތީއެވެ. ރީމާއައް އުފާވެރި ދިރިއުޅުމެއް އަހަންނަށް ހޯދާނުދެވޭނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ރީމާ އެކަމެއް ގަބޫލެއްނުކުރިއެވެ. ކައިވެނި ކުރުމުން ހުރިހާ ކަމެއްވެސް ރަނގަޅު ވާނެކަމަށް ބުނެ ވިސްނައިދެމުންނެވެ. ނަމަވެސް ހިލާ ގޭ މީހުން ގަބޫލެއް ނުވިއެވެ. އެހެންވެ ދެމީހުން ނިންމީ އާއިލާގެ ނުގަބޫލުގައި ކައިވެނި ކުރާށެވެ.

2017 ވީ އާދިއްތަ ދުވަހު ދެމީހުންގެ ކައިވެނި ކުރެވުނެވެ. އާއިލާގެ ނުރުހުމުގައެވެ. އެކަމުގައި އާއިލާގެ އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ. މާބޮޑު މައްސަލަޔަކަށް އަހަރެމެން ނަހަދެމެވެ. ކައިވެންޔަށްފަހު އަޒުމުތަކެއް އަހަރެން ހިތުގައި ކަނޑައެޅީމެވެ. ކުއްތަކަށް ތައުބާވެ އިސްލާހު ވީމެވެ. ފަސް ވަގުތު ނާޅާ ނަމާދު ކުރަންފެށީމެވެ. ރީމާވެސް މިކަމާ ހުންނަނީ ވަރަށް އުފަލުންނެވެ. ދުވަސްކޮޅެއް ތެރޭ އަހަންނަށް ވަޒީފާއެއް ހަމަޖެހުނެވެ. އިންޖީނުގޭގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ. މަސައްކަތަކީ ކިތައްމެ އާދައިގެ މަސައްކަތަކަށް ވިޔަސް އަހަރެން ވަރަށް އުފާވިއެވެ. ހަލާލް ގޮތުގައި ލާރިހޯދޭނެ މަގު ތަނަވަސް ވެގެން ދިޔުމުން މާތްﷲ އަށް ޙަމްދުކުރީމެވެ. އަދި ދިރިއުޅުން ތަނަވަސް ކޮއްދެއްވުމަށާއި ދިރިއުޅުމުގައި ބަރަކާތް ލެއްވުމަށް ދުޣާ ކުރެވުނެވެ. ދިރިއުޅުމުގެ ހުރިހާ ޒިންމާއެއް އެންމެ ފުރިހަމަ ގޮތުގައި ކުރަން އަޒުމު ކަނޑައެޅީމެވެ. ރީމާ އަބަދުވެސް އުފަލުގައި ބެހެއްޓުމަކީ މިހާރު އަހަރެންގެ އެންމެ ބޮޑު އެއް އެދުމެވެ. މިހާރު މަދުމަދުން ރީމާގެ މަންމަމެން އަހަރެމެން ހިފައިގެން އުޅޭ އެޕާޓުމެންޓަށް އާދެއެވެ. ރީމާ ހުންނަނީ މިކަމާ ވަރަށް އުފަލުންނެވެ.

އާދައިގެ މަތިން ޑިއުޓީ ނިންމާފަ ގެއަށް އައިސް ވަތް ވަގުތެވެ. ރީމާ ދުވެފައި އައިސް އަހަރެންގައިގާ ބައްދާލިއެވެ. އެމޫނުމަތިން ފެނިގެން ދަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ކިހިނެއްވީ މާއުފަލުން ތިހުރީ އަނެއްކާ ކޮންކަމެއް ލައިގަތީ،ލާނެއް ގޮތަކަށް އަހަރެން ސުވާލު ކުރީމެވެ. ރީމާ ދިއްކޮއްލީ އަހަންނަށް ގަނޑެކެވެ. އަހަރެން އެގަނޑު ހުޅުވާ ބަލައިލީމެވެ. ގަބޫލުކުރަން ދަތިވިއެވެ. އުފަލުން އަހަރެން މޮޔަނުވީ ކިރިޔާއެވެ. ބައްޕަ ޔަކަށް ވާން އުޅޭކަމުގެ ޙަބަރު ލިބުމުންނެވެ. އަހަރެން ރީމާގެ މޫނުގައި ބޮސްދިނީމެވެ. އަދި ރީމާ އުރާލާ އެނބުރިލީމެވެ. އުފަލުންގޮސް އުޅެވޭ ނޫޅެވޭ ގޮތެއް އަހައްނަކަށް ނޭންގެއެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނު ކަހަލައެވެ. ވަޒީފާގެ އިތުރުން ގޭތެރޭގެ މަސައްކަތުގައި ރީމާއަށް އަހަރެން އެހީތެރިވާންފެށީމެވެ. ދުވަސްތައް މަސްތަކަށް ބަދަލުވަމުން ދެއެވެ.

މިހާރު ރީމާގެ ބަޑަށް 5 މަސް ފުރިއްޖެއެވެ. ބަޑުން އިގެން ފަށައިފިއެވެ. މިހާރު އަދި ވަކިން ރީމާ ރީތިކަމަށް ބުނެ ތައުރީފް ކުރާގޮތުން ބައެއްފަހަރު ރީމާ ލަދުންއުޅެއެވެ. އަހަންނަށް ވަނީއެއީ މަޖާކަމަކަށެވެ. ސަމާސާކޮށް ދިމާކުރުމަކީ މިހާރު އަހަރެންގެ ކަށީގައިހިފާފަ ހުރިކަމެކެވެ. މިހާރަކަށް އައިސް އހަރެން ހުންނަނީ ވަރަށް އުފަލުންނެވެ. މި އުފާވެރި ދިރިއުޅުމަށް އިންގިލާބެއް އަތުވެދާނެ ކަމަށް ހީވެސްނުކުރަމެވެ. ނަމަވެސް މިއުފާވެރިކަން ގިނަދުވަހަކަށް ދެމިގެންނެއް ނުދިޔައެވެ. ވައްކަމުގެ މައްސަލާގައި އަހަރެން ހައްޔަރު ކުރެވުނެވެ. މައްސަލަ ބަލާ 2 އަހަރަށް ޖަލށްލާން ހުކުމްކުރިއެވެ. އަހަނަށް ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެންނެވެ. ރީމާގެ ހިތަށް ކުރާނެ އަސަރު އެވަގުތު އަހަންނަށް އިހުސާސް ކުރެވުނެވެ. އެންމެ ފަހު ވަގުތު އަންހެނުންނާ ބައްދަލު ކޮށްލަދިނުމަށް އެދުނީމެވެ. އެކަމާ ބެހޭ ގޮތުން އެއްވެސް ސުވާލެއް ރީމާގެ ފަރާތަކުން ނައެވެ.

އަހަރެންގެ މާޒީގައި ހިގާދިޔަ ހުރިހާ ކަމެއް ރީމާ އަށް އިގޭތީ ކަންނޭންގެއެވެ. އަހަރެންގެ ގައިގާ ބައްދާލައިގެއިދެ ރުއިންނޫން ކަމެއް އެފަކީރަކަށް ނުކުރެވުނެވެ. އަހަރެންގެ އެހީ އެންމެ ބޭނުންވި ދުވަހު ރީމާ ދޫކޮއްލާފާ ދާންޖެހުމުން އަހެރެންގެ ހިތް ކުދިކުދިވިއެވެ. ރީމާއަށް ވާނެގޮތް ހިތައް އަރާ އަހަންނަށްވެސް ރޮވުނެވެ. އެކަމަކު އަހަރެން ހިތްވަރުކުރީމެވެ. ރީމާ ހަމައަކަށް އެޅުވޭތޯ ބެލީމެވެ. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެމުންނެވެ.

ހިތްވަރު ކުރާތި! ކެތްކުރަން ދަސްކުރަންވާނެ! އަހަރެންގެ ދަރިފުޅަށް އަހަރެން ނެތްކަން އިހުސާސް ވިޔަނުދޭތި! އަހަރެންގެ މަގާމް އަދާކޮށްދޭތި! މިއީ އަހަންނަސް ބުނެވުނު އެންމެ ފަހު ބަސް ކޮޅެވެ. އިތުރަކަށް އަހަންނަކަށް އެތާ ކެތެއް ނުކުރެވުނެވެ. ކުއްލިޔަކަށް އަހަންނަށް ހޭވެރިކަންވީ އަހަރެންގެ ނަމުން މީހަކު ގޮވާލުމުންނެވެ. ދާންވީ ވަގުތު ޖެހުނީކަން އަހަންނަށް އިނގުނެވެ. އެތަނުން ތެދުވެ ދިގުފިޔަވަޅުތަކެއްގައި ހިނގާފައި ނުކުތީމެވެ. ދޮރުމަތީގައި ރީމާ ހިނިތުން ވެލައިގެން ހުއްޓެވެ. ކުޑކުޑަ ފުއްގަނޑެއް ކަހަލަ ލޯބިލޯބި ފިރިހެން ކުއްޖަކު ރީމާގެ އުރުގައި އިނެވެ. އެއީ އަހަރެންގެ ދަރިފުޅުކަން ދެނެގަންނަން ފަޅި ސިކުންތެއްވެސް ނުނެގިއެވެ. އެ މައުސޫމު މޫނު ފެނުމުން އަހަރެންގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ނީރާލިއެވެ. ދުވެފައިގޮސް ދަރިފުޅު އުރާލާ މޫނުގާ ބޮސްދިނީމެވެ. މަށާދޯ ވައްތަރީ؟ ރީމާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހަލިއެވެ. ރީމާޔާ ދަރިފުޅު ގައިގައި ބާރަށް ބައްދާލީމެވެ. ދެން ދުވަހަކުވެސް ވަކިނުވާނަމޭ ބުނާ ފަދަޔަކުންނެވެ. ކޮންމެ ހިތާމަޔަކަށްފަހު އުފަލެއްވެއެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އާދެއެވެ. މިއީ ދުނިޔޭގެ އާދައެވެ.

 

ކޮމެންޓް 0