21

އަހަންނަކީ ދިރިއުޅުމުގައި މާ ކާމިޔާބު މީހެއް ނޫނެވެ. އުމުރުން އެންމެ ފަސް އަހަރުގައި ބައްޕަ ނިޔާވެއްޖެ އެވެ. އޭގެ ފަހުން އަހަންނާއި މަންމަ މުޅީން ނިކަމެތި ވިއެވެ. ދުނިޔެއަށް ގިނަވި ހެން ހީވި އެވެ. އަހަރެން ވިހޭ ދުވަހުން ފެށިގެން، މަންމަ އަކީ ބަލި މީހެކެވެ. އެ ބަލި ޙާލުގައި އަހަރެން ބަލައި ބޮޑުކުރަން އެ މަންމަ ނުކުޅެދުނެވެ. އެހެން ކުދިންހެން ކިޔަވާނޭ ފުރުޞަތެއް އަހަންނަކަށް ނުލިބުނެވެ. ގޭގެއަށް މަސައްކަތްކޮށްދީގެން ލިބޭ ފައިސާކޮޅުން ހަމަޖެއްސެނީ މަންމަގެ ބޭސްފަރުވާގެ ކަންކަމެވެ. ޒަރޫރީ ބޭނުންތަކަށް ޚަރަދުކުރާނޭ ފައިސާއެއް ނުހުރެ އެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، އަހަރެންގެ އުމުރުން ސޯޅަ އަހަރު ފުރިއްޖެ އެވެ. އަހަރެން ވަކީން ނިކަމެތިވެގެން ދިޔައީ، މަންމަ ނިޔާވުމުންނެވެ. މުޅި ދިރިއުޅުން މަތީން ފޫހިވި އެވެ. ދިރިހުރުމުގެ މާނައެއް ނުވިސްނުނެވެ.

ދިރިހުރީތީ، އަހަރެން ހިތްވަރު ކުރީމެވެ. ގޭގެއަށް މަސައްކަތް ކޮށްދީގެން ލިބޭ މަދު ފައިސާކޮޅާއި ރުހިގެން، ޙަޔާތުގެ ދަތުރު ފެށީ އެކަނިމާ އެކަންޏެވެ. އެތައް ގޮންޖެހުމަކާއި ކުރިމަތިވި އިރުވެސް މެއެވެ. ދިރިއުޅެމުންދިޔަ ޖިފުޓިއެއް ކަހަލަ ގެ ހުރީ ބޮލަށް ވެއްޓޭ ވަރު ވެފަ އެވެ. އެއްދުވަހު ކަރަންޓް ލިބުނިއްޔާ އަނެއް ދުވަހު ހުންނަނީ ފައިސާ ނުދެއްކިގެން، ޙިދުމަތް ކަނޑާލާފަ އެވެ.

އަހަރެންގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ، ވިއްސާރަ ރެއެއްގައި ގެއަށް ޒިޔާރަތްކުރި މެހެމާނެއްގެ ސަބަބުންނެވެ. އުމުރުން އެންމެ ސޯޅަ އަހަރުގައި، އަހަރެންގެ ނިކަމެތި ހަށިގަނޑު ހަފުސް ވީއެވެ. އަބުރު ވެއްޔާއި މޮޑެވިގެން ދިޔައީ އެވެ. އަހަރެންގެ ހަށިގަނޑުން އުފާ ހޯދުމަށްފަހު، އެމީހަކު ދިޔައީ، ފަސްސަތޭކައިގެ ދެ ނޫޓު އަހަރެންގެ އަތަށް ލައިދީފަ އެވެ.

އަހަރެންގެ އިއްފަތްތެރިކަމުގެ އަގަކީ އެންމެ އެއްހާސް ރުފިޔާ ހެއްޔެވެ؟ ދިރިއުޅުމަކަށްޓަކައި، ދެކުނު ފޮނި ހުވަފެންތަކުގެ އަގަކީ އެއީ ހެއްޔެވެ؟

އެދުވަހުގެ ފަހުން، އަހަރެންގެ ގެއަށް މެހެމާނުން އަންނަން ފެށި އެވެ. އެކި އުމުރުގެ ފިރެހެނުންނެވެ. އެއްވެސް ދަޢުވަތަކާއި ނުލަ އެވެ. ޙިމާޔަތް ދޭނޭ މީހަކު ނެތެވެ. ރަޙުމުގެ އަތެއް ދިއްކޮށްލާނޭ މީހަކު ނުވެ އެވެ. އަހަރެން ރޮމެވެ. ގަދަ ހަދަމެވެ. އާދޭސް ކުރަމެވެ. އެކަމަކު އެ އަޑު އަހާނޭ ކަންފަތެއް ނެތެވެ. އަހަންނަކީ ނިކަމެއްޗަކަށް ވުމުން ހެއްޔެވެ؟ ކޮންމެ މީހަކުވެސް އަހަރެންގެ ފަރާތުން އެ މީހަކު ބޭނުންވާ ކަމެއް ފުދުމުން ފައިސާ ދީފައި ދަނީ އެވެ. އިންސާނިއްޔަތުގެ އެއްވެސް ކަންފުޅެއް ނެތެވެ. ފަގީރަކަށްވީތީ، އަމިއްލަ ހަށިގަނޑަށް ވެސް ބާރެއް ނެތެވެ. ނަފުޞުގެ އެއްވެސް އަގެއް ނެތެވެ. ކޮންމެ މީހަކުވެސް ބަލަނީ އަހަންނަށް މަލާމާތްކޮށް ބާކީކޮށް ލެވޭތޯއެވެ.

ޝަމްހީދަކީ މާލޭ މީހެކެވެ. މީހެއްގެ ފިރިއެއްވެސް މެއެވެ. އަހަންނާއި އުމުރުގެ ގޮތުން ބަލައިފިނަމަ، ވިހި އަހަރު ދޮށީ މީހެކެވެ. ރަށަށް އައިސް ހުރީ ވިޔަފާރީގެ މަސައްކަތެއް ހިނގާނުހިނގާ ގޮތް ބެލުމަށެވެ. ރަށު މީހުންގެ ތުންތުންމަތިން ދެކެވެމުން އައި އަހަރެންގެ ވާހަކަ ޝަމްހީދުގެ ކަންފަތުގައި ޖެހިއްޖެއެވެ. އިސާހިތަކު އަހަރެން ދެކެލުމަށް އޭނަ އައެވެ. އެއީ އާދަ އެވެ. ރަށަށް އަރާ ކޮންމެ ބީރައްޓެއްސަކަށް އަހަރެން ތަޢާރަފް ކޮށްދިނުމަކީ ރަށު މީހުން މާ އިސްކަމެއް ދީގެން ކުރާ ކަމެކެވެ. އެކަމާއި އަހަރެން ހުރީ ހޭނިފަ އެވެ.

އެހެން މީހުންނާއި ޝަމްހީދު ތަފާތެވެ. ވާހަކަ ދެއްކުމުގައި އޯގާތެރި ގޮތެއް ހުއްޓެވެ. ފުރަތަމަ ނަޒަރުން އޭނައަށް އަހަރެން ކަމުގޮއްސި އެވެ. ޝަމްހީދު ބޭނުންވީ، އަހަންނާއި ކައިވެނި ކުރާށެވެ. އެންމެންގެ ފައިފުއްސަކަށްވެގެން، އެ ނިކަމެތި ކަމުގައި ހުންނާކަށް އަހަރެން ވެސް ބޭނުމެއް ނުވިއެވެ. އުމުރުން ކިތަންމެ ދޮއްޓަސް، ކައިވެންޏެއްގެ މަތީގައި ދެމިހުރުމުގެ ފުރުޞަތު އަހަންނަށް ލިބޭނެތާ އެވެ. ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުން ހިފައި ޝަމްހީދަށް އާބަސް ބުނީމެވެ.

ރަށަށް ކުރަން އައި މަސައްކަތް ނިންމައި ޝަމްހީދަށް މާލެދާން ޖެހުނެވެ. އެކަމާއި އަހަރެން ހުރީ ދެރަވެފަ އެވެ. އޭނަ އެދުނީ އަހަރެންވެސް މާލެ ދިޔުމަށެވެ. ކައިވެނި ކުރާނީ، މާލެ ގޮސްފައި ކަމަށް ޝަމްހީދު ބުންޏެވެ.

ޝަމްހީދު ފުރައިގެން ދިޔަތާ ހަފުތާއެއް ފަހުން އަހަރެން މާލެ ދިޔައީމެވެ. ހުރީ ޝަމްހީދު ކުއްޔަށް ހިފައިދިން ކޮޓަރިއެއްގަ އެވެ. އަހަރެން ހީކުރީ، އަހަރެންގެ ހުވަފެންތަކުގައި ކުލަ ޖެހޭނޭ ކަމަށެވެ. އެކަމަކު، އަޑު އަހަން ޖެހުނީ، ހަމައެކަނި ކައިވެނީގެ ވާހަކަ އެވެ. ކައިވެނި ކުރެވުނު ދުވަހެއް ނައެވެ.

އަހަރެންގެ ކެތްތެރިކަން ކޮޅުންލާން ފެށި އެވެ. އެކަމަކު ކެތްތެރިވެގެން ހުރީ، ޝަމްހީދުގެ ފަރާތުން އެއްވެސް ގޯނާއެއް ކުރިމަތި ނުވާތީ އެވެ. ޝަމްހީދަކީ އަހަރެން ހީކުރިވަރަށްވުރެ، މާތް އިންސާނެކެވެ. ކައިވެނި ނުކުރެވެނީސް، އަހަރެންގެ ގައިގައި އިނގިލިކުރި ޖައްސައިލަން ވެސް އޭނަ ބޭނުމެއް ނުވި އެވެ.

ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނާނެ އެވެ. ޝަމްހީދު އަހަންނާއި ކައިވެނި ކުރަން އުޅޭކަން އޭނާގެ އަންހެނުންނަށް ފަޅާ އެރި އެވެ. ވަލު ޖަނަވާރަކާއި ދޭތެރޭގައިވެސް މީހަކު ކަންތައް ނުކުރާނެހައި ނުބައިކޮށް ކަންތައް ކޮށްފައި އަހަރެން އެ ކޮޓަރިން ނެރުނީ، ޝަމްހީދުގެ އަންހެނުން ލަހުފާ އެވެ. އަހަރެންގެ ދިފާޢުގައި ނުކުންނާކަށް ޝަމްހީދަކަށް ނުކެރުނެވެ. އޭނައަށް މުހިއްމުވީ އޭނަގެ އާއިލާ އެވެ. އާއިލާގެ ޙައްޤުގައި އިސްޖަހާލައިގެން ޝަމްހީދު ހުރީ ކުށްވެރިއަކު ފަދައިންނެވެ.

މާލޭގެ މަގުތައް މަތީގައި އަހަރެން ހޭދަކުރީ ޙަޔާތުގެ އެންމެ ހިތްދަތި ދުވަސްތަކެވެ. ކާނެ އެއްޗެއް ނުލިބި މަގުތައްމަތީގައި ބިތްޖެހިފައި އިންނަމެވެ. އެ ބޮޑު މާލޭގައި ދެވޭ ނުދެވޭއެއް ނޭނގި އަހަރެން ގިނަވި އެވެ. ވަޒީފާއެއް ހޯދުމަށް އަހަރެން މަސައްކަތް ކުރަންފެށީ، މަގުމަތިން ދިމާވި މީހެއްގެ އެހީތެރިކަމާ އެކުގަ އެވެ. އަހަރެންގެ ޝަރުތަކަށްވީ ބޯހިޔާވަހި ކަމާއި، ކާއެތިކޮޅު ދިނުމެވެ. ބުރަކޮށް ކުރި މަސައްކަތުން ރެސްޓޯރެންޓެއްގެ ވޭޓަރެއްގެ ވަޒީފާ ހަމަޖެހުނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، އަހަރެންގެ އުމުރުން ފަންސަވީސް އަހަރު ފުރުނު ދުވަހެވެ. ދިރިއުޅުން މުޅީން އައު ބާބަކުން ފަށައިގެން އަހަރެން ހުރީ މުޅީން އެހެން މީހަކަށް ބަދަލުވެފަ އެވެ. ރެސްޓޯރަންޓްގެ ބޮޑުމީހަކީ އަންހެނެކެވެ. އަހަންނާއި ދޭތެރޭގައި ކަންތައް ކުރަނީ އަމިއްލަ ދަރިއަކާއި ދޭތެރޭގައި ވެސް މީހަކު ކަންތައް ނުކުރާނެހައި ލޯބިންނެވެ.

އެއް ރެއެއްގެ އިރާކޮޅުގެ ވަގުތެވެ. ރެސްޓޯރެންޓްގެ މަސައްކަތް ނިންމާލާފައި އަހަރެން ގެއަށް އައުމަށްޓަކައި ނުކުތީމެވެ. އިފާމް އާއި ދިމާވީ، މަގުމަތިންނެވެ. ބަޔަކު އަހަންނާއި ދިމާކޮށްލައިގެން އުޅެނިކޮށް އިފާމް އަހަރެން ސަލާމަތްކޮށްގެން ގެނެސް ގެއަށް ލައިދިނެވެ. ދެމީހުންގެ ގުޅުން ބަދަހިވާކަށް އިތުރު ކަމެއް ކުރާކަށް ނުޖެހުނެވެ. އެކުވެރިކަމަކުން ފެށުނު ގުޅުން އިސާހިތަކު ލޯތްބަށް ބަދަލުވި އެވެ.

އިފާމް އާއި އަހަރެންގެ ކައިވެނި ހަމަޖެހުނެވެ. ކައިވެންޏަށް އެދި ހުށަހެޅީ އިފާމް އެވެ. އަހަރެން ކަހަލަ މީހަކަށް އެފަދަ ރަނގަޅު ކުއްޖަކު އެކަށީގެން ނުވާ ކަމަށް ވެސް ޤަބޫލު ކުރީމެވެ. އެކަމަކު، މާޒީ ހަނދާން ނައްތާލާފައި އަހަރެން ހުރީ މުޅީން އެހެން މީހަކަށް ބަދަލުވެގެންނެވެ. ދިރިއުޅުމުގައި ޖެހިފައިވާ ކަޅު ލައްގަނޑު ހިތުން ނެރެ އެއްލާލައިގެންނެވެ.

އަހަރެންގެ މާޒީ އިފާމްއަށް ސިއްރު ކުރީމެވެ. އައު ބާބަކުން ހަޔާތް ފަށަން ބޭނުންވާތީ އެވެ. އެކަމަކު އެއީ ދިރިއުޅުމުގައި އަހަންނަށް އެޅުނު އެންމެ ކަތި ފިޔަވަޅެވެ. ލޯބިވާ މީހުންނަށް އެއްވެސް ކަމެއް ސިއްރުކުރުމަކީ، ކިހާ ގޯސް ކަމެއްކަން ވިސްނުނު އިރު ވަގުތު ފާއިތު ވެއްޖެ އެވެ. އިފާމްއަށް އަހަރެންގެ ހަޤީގަތް ފަޅާއެރީ އެވެ. އަހަރެންގެ ކަހަލަ މުޑުދާރު، އަމިއްލަ ނަފުޞުގެ އެއްވެސް އަގެއް ނެތް މީހަކާއި އެކީގައި އުޅެން ބޭނުންވާނީ ވެސް ކާކު ހެއްޔެވެ؟

އަހަރެން އަނެއްކާވެސް އެކަނިވީ އެވެ. އަހަރެން ޤަބޫލުކުރީ، އިފާމް އަހަރެން ދޫކޮށް ދިޔައީ އަހަރެންގެ މާޒީގެ ސަބަބުން ކަމުގަ އެވެ. އަހަންނަށް ނޭނގުނީ، އެ މާޒީ ސިއްރުކުރުން އެއީ އަހަންނަށް ހެދުނު އެންމެ ބޮޑު ގޯސް ކަމެވެ. އިފާމް އަހަރެން ދޫކޮށްލީ، އޮޅުވާލުމަކުން ފެށި ގުޅުމެއް ކުރިއަށް ގެންދަން ބޭނުން ނުވާތީ، ކަމެވެ. މަޢާފަށް އެދި އަލުން ގުޅުން ކުރިޔަށް ގެންދިޔުމަށް އަހަރެން އެންމެ ފަހަރަކު ވެސް ނޭދެމެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ދިރިއުޅުމުގައި އަހަރެން ވަރަށް ކާމިޔާބު މީހަކަށް ވިއެވެ. ރެސްޓޯރެންޓްގެ ވިޔަފާރި ފުޅާވެ، އަހަރެންގެ ޚިއްސާ ކުންފުނީގައި ހިމެނިއްޖެ އެވެ. އެ ހިސާބަށް އާދެވިދާނެ ކަމަކަށް އަހަރެން ކުޑަކޮށްވެސް އުއްމީދެއް ނުކުރަމެވެ. އަހަންނަށް އާދެވިފައި ހުރި މަޤާމަކުން އަހަރެންގެ ހައިސިއްޔަތެއް ނޯޅެ އެވެ. އޮޅުނަކަ ނުވެސް ދެމެވެ.

ކޮންމެ ކަމެއް ވެސް ދިމާވާނީ އެންމެ ރަނގަޅަކަށެވެ. މާތްﷲގެ އިރާދައިގައި ވީތީ، އިފާމް އާއި އަލުން ބައްދަލު ވެއްޖެ އެވެ. މުޅީން އެހެން ހައިސިއްޔަތަކުންނެވެ. ވިޔަފާރީގެ ތެރެއިން ދެ މީހުން ދިމާވީ، ދެ ބީރައްޓެހިން ހެންނެވެ. އެކީގައި އުޅުނު ނަމަވެސް، އިފާމްގެ ދުރުކަމުން ހިތަށް ލިބުނީ އިތުރު ހިތްދަތި ކަމެކެވެ. ނުބަލަން އުޅުނަސް، އެ ސޫރައަށް ބެލެނީ އެވެ. ހިތުން ފޮހެލަން އުޅުނަސް، އެ ނަން ހިތުން ފިލުވައެއް ނުލެވުނެވެ.

އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އެ ދުރުކަމުން، ހިތް ފޮތިފޮތި ވެއްޖެ އެވެ. އިފާމް އާއި ބައްދަލުކޮށް އަހަރެންގެ ޙަޔާތުގެ ވާހަކަތައް އަކުރުން އަކުރަށް، ކިޔައިދިނީމެވެ. ސިއްރު ކުރެވުނީތީ، މަޢާފަށް އެދުނީމެވެ. ހިތުގެ ފަރުވާ އަކީ އެއީ ކަމުގައި ވީތީ އެވެ. އިފާމް އަހަންނަށް މަޢާފުކުރުން ވެގެން ދިޔައީ އަހަންނަށް ބަޔާންކުރަންދަތި އުފަލެއް ލިބުނު ކަމަކަށެވެ.

ދިރިއުޅުމުގައި އަހަންނަށް ލިބުނު ފިލާވަޅަކީ، މައާފު ކުރުމާއި، މަޢާފު ލިބިގަތުމުގެ މުހިއްމު ކަމެވެ. އެއީ ކިހާ މުހިއްމު ކަމެއްކަން އިޚްސާސްވީ މިއަދު އެވެ. ވަގުތު ފާއިތު ނުވަނީސް، އެ ނަޞީބު އަހަންނަށް ލިބިއްޖެ އެވެ. އިފާމްގެ ކިބައިން ތަކުރާރުކޮށް މަޢާފަށް އެދުނީމެވެ. އިފާމް އަހަންނަށް މަޢާފު ކުރިނަމަވެސް މެއެވެ. ހިތުން ހީވީ، ބޮޑު ބުރައެއް ނެގި ހެންނެވެ. ދިރިއުޅުން ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެވުނު ކަމުގެ އިޚްސާސް، އެންމެ ލަފުޒަކުން ވެސް ހިތަށް ކުރުވައިފި އެވެ. ހިތަށް ލިބިފައިވާ ފުން ޒަޚަމްތަކަށް މިއަދު ފަރުވާ ލިބިއްޖެ އެވެ.

އިފާމް އަހަރެންދެކެ ވީ، ތެދުވެރި ލޯތްބެކެވެ. އޭނަ އެނބުރި، އަހަރެންގެ ކައިވެންޏަށް އެދިގެން އައުން ވެގެން ދިޔައީ، އަހަރެންގެ ހުރިހާ ހުވަފެނެއްގައި ކުލަޖެހުނު ކަހަލަ ކަމަކަށެވެ. އިފާމް ހުރީ ވީ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އަހަންނާ އެކު އައު ޙަޔާތެއް ފެށުމަށް ތައްޔާރުވެގެންނެވެ. އަހަރެންގެ ނަޞީބު އަތުގައި ހިފީ އެވެ. ހިތަށް އެރި އެވެ. އެންމެ ޖުމްލަ އެއްގެ މުހިއްމުކަން ވިސްނެން އަހަރެންގެ ޙަޔާތުން ބޭކާރުކޮށް މިލެވުނީ ހާދަ ދުވަހެކެވެ. އެއީ އަހަރެންގެ މޮޔަ ކަމެވެ.

މަޢާފަށް އެދުމަކީ، އިސްލާމް ދީނުގެ ރިވެތި ސިފަތަކުގެ ތެރެއިން ސިފައެކެވެ. މަޢާފު ކުރުމަކީ އެއަށްވުރެ މާތް ސިފައެކެވެ. ދިރިއުޅުމުގައި އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކުގެ މަތީގައި ދެމިހުންނަނަމަ، އެ ދިރުއުޅުމެއް ކާމިޔާބުވެފައި އުފާވެރި ވާނެކަން ޤައިމެވެ.

(ނިމުނީ)

ކޮމެންޓް 0