﷽
"ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ. "
ނޫކުލައިގެ އުޑުމައްޗަށް އަޅިކަޅު ވިލާތައް ޖަމާވެ ގަދަވެގަންނަން ނެގީ މަދު ސިކުންތުކޮޅެކެވެ. ބޯ ވާރޭ އަންނަން އުޅޭކަން އިއުލާންކުރީ އެ ކަޅުވިލާތަކުންނެވެ. ކުއްލިއަކަށް މޫސުމަށް އައި ބަދަލުގެ ސަބަބުން އެހެން އިންސާނުން ހިޔާވަހިކަން ހޯދަން އަވަސްވެގަތްއިރު ކިޔާންއާއި އޭނަގެ އެކުވެރިންގެ މިސްރާބު ހުރީ ފާލަމާއި ދިމާލަށެވެ. މަގުތައް ގުގުމާފައިވަނީ ފުރާވަރުކުދިންގެ ހުނުމުގެ އަޑުންނެެވެ. ހިތްހަމަނުޖެހުމާއި ނުރުހުމުގެ ކަޅިއެޅުންތައް އެހެންމީހުންގެ ފަރާތުން އަމާޒުވިޔަސް އެނގުނުކަމަކަށްވެސް ނަހަދާ މަންޒިލަށް ދާން އަވަސްވެގަތެވެ. އުމުރުން ދުވަސްވެފައިވާ މީހަކު ހިތްވަރުކޮށްލާފައި އެކުދިންނާއި ކައިރިއަށް ހިނގައިގަތެވެ. އޭނައަކީ ކިޔާންގެ އަވަށްޓެރިއެކެވެ. އަވަށުގައި މަޝްހޫރު މީހެެކެވެ. އެންމެން ދަންނަ މޫސަބޭއެވެ. އޭނަގެ ފޯއް އަދި ބިލެތްއަޅާފައި ހުންނަ ކޮތަޅާއެކު ނޫނީ މޫސަބޭ މަގުން ފެނުމަކީ ނާދިރުކަމެކެވެ.
"ކުދިންނޭ ޚަބަރު އަޑުނާހަންތަ؟ ކޮރޯނާ ވައިރަސް ތިކުދިން މަރާލަފާނެ. ފަތަން ނުގޮސް ގެއަށް ވަދޭ....."
"މޫސަބޭ. ތިބުނަނީ ކޮރޯނާއަކީ ކަނޑު ދާއްބައެކޭތަ؟ " މިހާ މޮޔަ ވާހަކައެއް އެހީ އަލަށްހެން ހީވާފަދަ ގޮތަކަށް ކިޔާން ހެމުން ބޯ ހޫރާލިއެވެ.
މޫސަބޭ ވަށައިގެން ނަޒަރު ހިންގައިލަމުން އަތުން އިޝާރާތްކޮށްލީ އެކުދިން އޭނައާއި ގާތަށް އައުމަށެވެ. ވަރަށް ސިއްރުވެރި މައުލޫމާތެއް އޭނަގެ ހުރިކަން ހާމަވާފަދަ ގޮތަކަށެވެ. "ވަރަށް އަވަހަށް ހަޔެއް ޖަހާފާނެ. ވައިރަސް އައުމުގެ ކުރިން ކޮއިފުޅުމެން ގެއަށް ވަދޭ..........." ވައިރަސްއަށް އޭނަގެ އަޑުއިވިދާނެތީ ގަތް ބިރާއެކު ނިކަން ސިއްރުން މޫސަބޭ ބުނެލިގޮތަކުން އެކުދިން ނޭވާނުލެވޭވަރު ވާންދެން ހުނެވެ. މޫސަބޭ އޭނަގެ ކޮތަޅު މޭގައި ޖައްސާ ބާރުކޮށްލީ ބާރު ވައިރޯޅިތަކުން ކޮތަޅު ހިމާޔަތްކުރުމަށެވެ.
އެފިރިހެންކުދިންކޮޅު ފާލަމުގެ ކައިރިފަށުގައި ތިބެ ހެދުންތައް ގަޔާވަކިކޮށްލަމުން ހަމައެކަނި ބޮކްސާކޮޅަށް ހެދިއެވެ. އޭރު ވައި ބާރުކަމުން ހީކަރުވައިގެން ރޫރޫއަޅަންފެށިއެވެ.
"މޭން އިޓް ފީލްސް ނައިސް..." ކިޔާން ގެ އެންމެ ގާތް އެކުވެރިޔާ ޖައިޝް އަތް ބޮލާއި ދިމާލަށް މައްޗަށް ދަމާލިއެވެ. ޝާވިންއާއި ލައިސް އެމީހުންގެ ތެރޭ ހުރި އެންމެ ޅަ ކުއްޖާ ރާހިލް ތިރީގައި އޮތް މޫދަށް ކޮށްޕާލަން އުޅުނީ ސަމާސާކުރުމުގެ ގޮތުންނެވެ.
"ޔޫ ބާސްޓަޑްސް..ލީވް ހިމް އެލޯން.." ކިޔާން ޝާވިންގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ. އެކުދިންނަށްވުރެ ރާހިލް ދެ އަހަރު ހަގެވެ. އޭނަގެ އުމުރަކީ އެންމެ ސާދަ އަހަރެވެ. ކިޔާން މެން ގެއާއި ޖެހިގެން ހުރި ގެއަށް ރާހިލްގެ އާއިލާ ބަދަލުވީއްސުރެން އެކުއްޖާއާއި ރުހެވުނެވެ. ރާހިލް ފުދޭވަރަކަށް "ކޫލް"ކަމުން އޭނަގެ ގްރޫޕާއި ގުޅެން ފުރުސަތު ލިބުނީއެވެ. ކަނޑުން އަންނަ ރާޅުތައް އެދިމާލުގައި ހުރި ގާތައް މައްޗަށް ބިންދަމުންދިޔައީ ރުޅިވެރި ހަޅޭކާއެކުގައެވެ.
"ބިރުންތަ؟ " ކިޔާން އުޅަބޮށިން ރާހިލްގެ ގައިގާ ޖެހިލިއެވެ. ރާހިލް އައިނު ނަގާފައި ހިނިތުންވެލިއިރު އެ އަޅި ދެލޮލުގައި ވިދުމެއް ހުއްޓެވެ. ފުރަތަމަ ނަޒަރުން ރާހިލްއާއި ރުހެވުނު އެއް ސަބަބަކީ އެ ލޮލުގެ ކުލައެވެ. ދެމީހުންގެ ކަޅީގެ ކުލަ އެއްގޮތީއެވެ. އެއީ އެކުވެރިންނަށް ވާން ތަގުދީރުގައި ލިޔުއްވާފައިވާ ދެމީހުންނެވެ.
"ބިރުން؟ އަހަރެން؟ " ރާހިލް މޫދަށް ފުންމާލުމުގެ ކުރިން އެންމެ ފަހުން ބުނެލި ލަފުޒުތަކަކީ އެއީއެވެ. ފިރިހެންކުދިންކޮޅު މަޖާވެލާފައި ތުނބުން ފުމެ ހަޅޭއްލެވީ ކުއްލިއަކަށް ރާހިލް ހޯދައިގަތް ޖެހިލުންކުޑަކަމާއި ބިރުކުޑަކަމަކުންނެވެ. ރާހިލްއަކީ ކުރިން މޫދުދެކެ އަބަދުވެސް ބިރުން އުޅުނު ކުއްޖެކެވެ. މުޅި ހާލަތު އެކޮޅުކޮޅުން ޖަހައިލަން ނެގީ އެންމެ ސިކުންތުކޮޅެކެވެ. ވާރޭ އޮއްސައިގަތީ ކުއްލިއަކަށް ތަންދޮރު ވަކިނުވާވަރަށެވެ. އެކުދިން ލޯ ހުޅުވައިގެން ތިބެން ގަދައެޅިއެވެ. ވާރޭގެ ހަމަލާތައް އަމާޒުވަމުން ދިޔައީ ސީދާ ލޮލަށެވެ.
"އޭ ކޮބާތަ ރާހިލް؟ " ޖައިޝް އޭނަގެ ލޯ ހިމާޔަތް ކުރަން މަސައްކަތްކުރަމުން މޫދުގެ ސަތަހަ ލޮލުން ސްކޭން ކޮށްލަމުން ބާރަށް ބުނެލިއެވެ.
"އަހަންނަކަށް ރާހިލް ތިރިއަކުން ނުފެނޭ. އޭނަ މައްޗަށް އެރިތަ؟ "ކިޔާން ޖަވާބުދޭން ޖެހުނީ ހަޅޭއްލަވާފަދަ ގޮތަކަށެވެ. އެއާއެކު މޫދުން ހަރަކާތެއް ފެނުމާއެކު ފުންމާލަން އޭނަ ކުޑަހިނދުކޮޅަކުވެސް މަޑުކޮށެއްނުލިއެވެ. ހާލަތުގެ ސީރިޔަސްކަން އިހުސާސްކުރެވުމުން އަނެއް ތިންކުދިންވެސް މޫދަށް ފުންމާލައިފިއެވެ. އެހުރިހާ ކުދިންނަކީވެސް މޮޅު ފެތުންތެރިންނެވެ. އެކަމަކު އޮއިވަރު ނިކަން ބާރެވެ. އެކުދިންނަށް ރާހިލް އަތުޖެހުނީ ހަމަ ކިރިޔާއެވެ. ރުޅިވެރި ރާޅުތައް އެކުދިން ތިރިއަށް ކޮށްޕާލަން މަސައްކަތްކުރިއެވެ. ހަށިގަނޑުގައި ހުރި އެންމެ ފަހުގެ ހަކަތަ ކޮޅު ހުސްވުމުގެ ކުރިން ރާހިލް ދަމަމުންގޮސް ގޮނޑުދޮށާއި ހަމައަށް ދެވުނެވެ. ހަމަ އެވަގުތު އެމްބިއުލެންސާއެކު ފުލުހުންގެ ޖިޕެއް ފެނުމުން އެކުދިންނަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. ހުދުހެދުމުގައި ހުރި ނަރުސް އަންހެންކުއްޖަކު ހޭނެތިފައި އޮތް ރާހިލް ސްޓްރެޗާއަކަށް ލުމާއެކު އެހީވާން އުޅެގަތެވެ. ކިޔާން އާއި އެކުވެރި ކުދިންނާއި ސުވާލުކޮށް އެކުދިންނަށް ފުލުހުން ނަސޭހަތްތެރިވިއެވެ. އެމީހުން ބުނިގޮތުން އެމީހުންނަށް ގުޅާފައި އެމްބިއުލެންސްއެއް ބްރިޖް ކައިރިއަށް ފޮނުވަން އެދުނީ މޫސަބެއެވެ. އެކުދިން ބުނީ ފުރަބަންދުގައި އޮތަސް ފަތަން ދިޔުން މަނާކަން އެކުދިންނަށް ނޭގޭކަމުގައެވެ. އިންޒާރުދީފައި ފުލުހުން ދިޔައީއެވެ.
---------
ކިޔާން ގެއަށް ވަންނަން ދިޔައިރު އޭނަގެ މަންމަ ހަލީމާ ހުރީ ދޮރުމަތީގައި އިންތިޒާރުގައެވެ.
"ކިޔާން ކަންފަތް ބީރީތަ؟ ކިތައްފަހަރު ބުނާނީ ގެއިން ބޭރަށް ނުދާށޭ؟ " މަންމަ އަޑު މަޑުކުރަން އުޅުނަސް ބުނެވުނީ ބާރަށެވެ.
"ސީރިއަސްލީ މަމް. މިވަގުތު މޫޑެއް ނެތް..." ކިޔާން ގޮސް ކޮޓަރިން އެތެރެއަށް ވަދެ ނިވާވުމުގެ ކުރިން ބުނެލިއެވެ. ހަލީމާ މޮޅިވެރިކަމާއެކު ދަރިފުޅާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރީއެވެ. އޭނަގެ ލޯބިވާ ދަރިފުޅަށް މިވީ ކިހިނެއްހެއްޔެވެ؟
"އާދަމް. އަހަންނަކަށް ނޭގޭ އަހަރެމެންގެ ކިޔާން ގެންގުޅޭނެ ގޮތެއް. " ކިޔާން ވިހޭފަހުން ނިޔާވި ފިރިމީހާގެ ތަސްވީރެއްގައި އިނގިލިތަކުން ފިރުމައިލަމުން ހަލީމާއަށް ބުނެވުނެވެ. ދެދަރިން ކަމަށްވާ ޖިލްއާއި ކިޔާން ބަލާބޮޑުކުރީ އޭނަ އެކަންޏެވެ. އަމިއްލަ މަސައްކަތުންނެވެ. އެއްބަނޑު އެއްބަފާ ދެކުދިންކަމުގައި ވިޔަސް އެކުދިންގެ މިޒާޖު އުޑާ ބިމާހާ ތަފާތެވެ. ޖިލްއަކީ މަޑުމައިތިރި ބަސްއަހާ ކިޔަމަންތެރި އަޚުލާގު ރަގަޅުކުއްޖެކެވެ. ކިޔާން އޭގެ ދިމާ އިދިކޮޅެވެ. ކިޔާން ކަޑައްތުކުރަނީ އެންމެ ނުސިޔާނު ފުރާވަރު ދުވަސްވަރުގައެވެ. ތިންއަހަރު ދޮށީ ޖިލްކަމުގައި ވިޔަސް ކިޔާން އަބަދުވެސް ޖިލްއަށްވުރެ ދޮށިމީހާ ކަމުގައި ހެދިގެން އުޅޭތީ ޖިލް ރުޅިވެސް އާދެއެވެ. އޭނަ ރުޅި އަރުވައިލުމަކީ ކިޔާން ފޫހިފިލުވައިލަން ކުރާ މަސައްކަތެވެ.
ކިޔާން ތިރިއަށް އައިއިރު މަންމަ ކައުޗްގައި ނިދާފައި އޮތްތަން ފެނިފައި އޭނަގެ ހިތަށް ހަމަޖެހުމެއްލިބުނެވެ. ހަމަޖެހުމުގެ ނޭވާއެއްވެސް ބޭރުކޮށްލެވުނެވެ. މިވީގޮތުން މަންމަގެ ދަރުސް އަޑުއަހާކަށް ނުޖެހޭނެއެވެ. އޭނަ ކާކޮޓަރިއަށްވަން އިރު ކޮށާފައި ހުރި މޭވާ ބޯތަށްޓެއް މޭޒުމަތީގައި ހުއްޓެވެ. އޭނަ ސުވާލުގެ ނަޒަރަކުން ޖިލްއަށް ބަލައިލަމުން ބުމަ އެރުވިއެވެ.
"ޔެސް. މަންމަ މޭވާ ކޮށީ. ޔޫ ލޭޒީ ބޯންސް.."
މޭޒުމަތީ ރޭގަނޑަށް ކާން ހަދާފައިވެސް ހުއްޓެވެ. ރޮށްޓާއި މަސްރިހައެވެ. ކޮންމެ ގަޑިއެއްގައި އެކުދިންނަށް ކެވޭނެ އިންތިޒާމުކުރުމަށް ހަލީމާ އަބަދުވެސް އިސްކަން ދެއެވެ. އޭނައަކީ ހީވާގިކޮށް މަސައްކަތްކުރާ އަންހެނެކެވެ. ހެދުން ފަހައެވެ. ޖިލްގެ އެހީއާއެކު ކޭކު އަޅާފައި ވިއްކައިގެންވެސް އާމްދަނީ ހޯދައެވެ.
"ކިޔާން. ދެން ބޭރަށް ނުދާތި. މެންދުރު ކިޔާން ބޭރަށް ދިޔަފަހުން މަންމަ ކަންބޮޑުވިވަރާއި ހާސްވިވަރެއް ނޭގޭތަ؟ "ޖިލް އެހާ މަޑުން ވާހަކަދެއްކީ މަންމައަށް ހޭލެވިދާނެތީއެވެ. ކިޔާންގެ މޫނަށް އަރާ ފައިބަމުންދާ ކުލަތައް ދެކެން އިން ޖިލް އޮރެންޖްޖޫސް އެތިފޮދުން ބޮމުން ދިޔައެވެ. " މި ވައިރަސްއަކީ ޖޯކެއްނޫން. އެހާ ފަސޭހައިން ފެތުރޭ. ޑެތް ޓޯލް އެނގޭތަ؟ އެއްލައްކަ ނުވަދިހަހާސް މަރު މިހާރުވެސް.."
"އެކަމުގެ އަސަރު ކުރާނީ އިފް ޔޫ އާ ލައިކް އުމުރުން ދުވަސްވީމަ ނޫނީ ބަލި މީހަކަށް ވެއްޖެއްޔާ..." ކިޔާންގެ ފަރުވާކުޑަ ޖަވާބުން ޖިލް ދެލޯ ބޮޑުވިއެވެ.
"ހާދަ ރަހުމެއްނެތޭ. އަހަރެމެން މިދައްކަނީ އިންސާނުންގެ ވާހަކަ. ކިޔާން ރިކްސްކުޑަވީމަ އޭގެ މާނައަކީ ނިކުމެ އުޅެ އެހެންމީހުންގެ ގަޔަށް ބަލި ފަތުރާ އެހެންމީހުންގެ ފުރާނަތައް ނުރައްކަލަށް ހުށަހެޅުންތަ؟" ޖިލް ދަތްތަކަށް ބާރުލާފައި ކިއެވެ. އެވަގުތު ސޯފާގައި އޮތް މަންމަގެ ފޯނު ރިންގުވާން ފެށުމުން މަންމަ ހޭލެވި ފޯނަށް ޖަވާބު ދިނެވެ.
"ރާހިލްއޭތަ؟ ސުބުހާނަﷲ. ކިހިނެއްވީ؟ ކޮންއިރަކު ހިނގިކަމެއްތަ؟ " މަންމަ އެހިއެވެ.
"ރާހިލް އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި. އޭނަ ނުގެނބުނީ ކިރިޔާ. އެއީ ނޭވާ ހިއްލާ ކުއްޖަކަށްވާތީ އިތުރަށް ގޯސް ހާލަތަކަށް ދިޔައީ. ކިޔާން އޭނައާއެކު ދިޔައިންތަ؟ ރައިހާނާ އޭނަގެ ދަރިފުޅާމެދު ވަރަށް ހާސްވެފައި ހުރީ."
"މަންމާ. އަޅުގަނޑު ހުވާކުރަން. ރާހިލް ގާތު އަންނާށޭ ނުބުނަން. އޭނަ އަމިއްލައަށް އައީ އަދި މޫދަށް ފުންމާލާށޭވެސް ނުބުނަން. ރަހިލް ފުންމާލީ އަމިއްލައަށް ފެނިގެން....." ކިޔާން އޭނަ އަދި އެކުވެރިންގެ ދިފާއުގައި ވާހަކަދެއްކިއެވެ. އެހެންނޫނަސް ކިޔާންގެ ވާހަކައިގާ ދޮގެއްނެތެވެ.
"އެއްވެސް މީހަކަށް އޭނައަށް ޒިޔާރަތްކުރުމުގެ ހުއްދައެއްނެތް. ފުރަބަންދުކޮށްފައި އޮތީމަ."ހަލީމާގެ މޫނުމަތިން ފެނުނީ މޮޅިވެރިކަމެވެ."އެކުއްޖާފަކީރު ކިހާ އެކަނިވެރިވާނެ" ކިޔާން އޭނަގެ މަންމަގެ އުނގުގައި ބޯ އަޅާލައިގެން އޮށޯވެލިއެވެ." މަންމާ އަޅުގަނޑު ބޮލުގައި ރިއްސަނީ.." ހަލީމާ ދަރިފުޅުގެ ބޯ މަސާޖުކޮށްދޭން ފެށުމުން ކިޔާންއަށް ލޯ މަރައިލެވުނެވެ. މަންމަގެ އަތުގެ ފިރުމުމަކީ އަބަދުވެސް ފަރުވާއެކެވެ. އަތް ޖައްސައިލިޔަސް ރިހުން ފިލައެވެ.
"މަންމާ. ހަދާން ނައްތާނުލާތި ހީޒް ސްޓިލް އެ ބްރެޓް.." މަންމަ ކިޔާންއަށް އަޅާލާވަރު ފެނި ޖިލް ތުންއޫކޮށްލާފައި ބުނެލިއެވެ. ކިޔާންއަށް ނިދެމުންދަނިކޮށް ޝާވިންގެ މެސެޖެއްލިބުނެވެ. ރާހިލް ދެކެން ސިއްރުން ހޮސްޕިޓަލަށް ވަންނަން ދާން ގަސްތުކޮށްފައިވާ ކަމަށެވެ. ކިޔާން ޖެހިލުންވިއެވެ. ނަމަވެސް ދެންއެކަމުގެ ފޯރި ހިތަށް އަރުވާލާފައި އަޅި ދެލޮލުގެ ވިދުންގަދަވުމާއެކު ނިދިފިލާ ތެދުވެވިއެޖެއެވެ. މަންމައާއި ޖިލް ނިދި ގޭތެރެ ހިމޭންވުމާއެކު ކިޔާންބޭރަށް ގޮސް ޖައިޝް ޝާވިން އަދި ލައިސްއާއި ބައްދަލުކުރިއެވެ. އެކުދިން އެރޭ މަގުމަތި ބަލަހައްޓާ ސިފައިންނަށް ފިލައިގެން ފޯރިގަދަ މަޖާ ރޭގަނޑެއް ހޭދަކޮށްލިއެވެ. ރޭގަނޑު ދަންވަރު އެ ގަޑީގައި ގަވާއިދާ ޚިލާފަށް ހުޅުވާފައި ހުރި ކުޑަ ކޮފީޝޮޕަކަށް ވަދެ ލަވާޒާއަށް އޯޑަރުދިނެވެ. ނިމިގެން މިސްރާބުޖެހީ ހޮސްޕިޓަލަށެވެ. އޭރުވެސް މަދުބަޔަކު ނަމަވެސް ކާފިއުއަށް ގޮންޖަހާފައި ހޮސްޕިޓަލުން ބޭރުގައި ހޭލަމޭލާ އުޅުނެވެ. ބައެއްމީހުން އަޑުގަދަކުރަނީއެވެ. ބައެއްމީހުން ފުރޮޅުލީ ގޮނޑިތަކުގައެވެ. "ކިހިނެއްމިވަނީ؟ " ކިޔާން އެހުމުން ޖައިޝް ކޮނޑުއަރުވައިލިއެވެ. "ކިހިނެއް މަށަށް އެނގޭނީ ސްޓުޕިޑް"
ރާހިލް ބާއްވާފައި އޮތް ވޯޑު ހޯދާނެ ގޮތެއްނޭގި ހޮސްޕިޓަލުގެ ވަށައިގެން އެނބުރެނިކޮށް ފާރަވެރިންގެ އޮފިސަރު އެކުދިން އެތަނުން ފަހާލައިފިއެވެ. ނިދީގެ އަސަރުތައް ބޮޑުވެ ލޮޑުވެފައި ތިބެ ގެއާއި ހަމަޔަށް ވާސިލުވީއިރު ތިބިތަނަށް ދެމޭވަރުވިއެވެ. ނަމަވެސް ޖެހިގެން އައިދުވަހު ރާހިލްއޮތް ތަނެއް ބަލަން ވައުދުވިއެވެ.
ކިޔާންއަށް ހޭލެވުނުއިރު އަސުރުވާން ކައިރިވަނީއެވެ. ހެޑްސެޓް ކަންފަތުގައި ޖަހާލައިގެން ޕީސީ ކައިރީގައި ޖައްސައިލީ ޕަބްޖީގޭމް ކުޅުމުގެ ވަގުތު ޖެހިފައިވާތީއެވެ. ހަލީމާ އޭނަގެ ނާސްތާ ހިފައިގެން އައިސް އިސްތަށިގަނޑު ހާވާލިއެވެ."ކިޔާން. ނަމާދުކޮށްފިންތަ؟ " ހަލީމާގެ މަސައްކަތްތަކާއި މަޝްޣޫލުވުމުގެ ކުރިން ކިޔާންއަށް ނަމާދުކުރަން ހަދާންކޮށްލަދިނީއެވެ.
"މެޗް ނިމުނީމަ.." ކިޔާން ތުން ތަޅުވައިލިއިރު އެންމެ ފަހަރަކުވެސް ލޯ ސްކްރީނުން ވަކިކޮށެއްނުލައެވެ. ދެގަޑިއިރުވަންދެން އިންތަނުގައި ޖެހި ބުދެއްހެން މެޗަށް ގެއްލިފައި ކިޔާން އިންއިރު ވަގުތު ދިޔަގޮތް ރޭކާލީކަމަކަށް ނުވިއެވެ. ދެވި ހިފާ ކަމަކީއެވެ.
"ރިހާން އެބަބުނޭ އަޑު ވަރަށް ރީއްޗޭ...." ކިޔާން އެނބުރި ބަލައިލަމުން ކުޑަކޮށް ހީލިއެވެ. ޖިލް ވަގުތުން ހުއްޓުން އެރިގޮތުން ބިރެއް ފެނުނުފަދައެވެ. ޖިލް ކުރީގެ މަދަހައެއް އަޑުކޮޅަށް ކިޔާތާ އިރުގަނޑެއްވިއިރު ކިޔާން ކުޅެން އިނީ މައިކްރޯފޯން އޮންކޮށްލައިގެން ކަން ޖިލްގެ ސިކުނޑިން ކައްސާލީއެވެ. " ތިކުޅެނީ ރިހާންއާއެކުތަ؟ "ޖިލް ކިރިޔާ އަޑުއިވޭހާ މަޑުމަޑުން ބުނެލިއިރު މޫނުގެ ހަމަށް އެންމެ ގަދަ ރަތްކުލަ ވެރިވެއްޖެއެވެ. ރިހާންއަކީ ރާހިލްގެ ދޮށީ ބޭބެއެވެ. ރިހާން ޖިލްއާއި ރުހޭކަން އެއީ އެކަކަށްވެސް ފޮރުވިފައިވާ ސިއްރެއްނޫނެވެ. ޖިލްއަކީ ލަދުވެތި މަޑުމައިތިރި ކުއްޖަކަށްވާތީ އަދި ދުވަހަކުވެސް ރިހާން އާއި އަނގައިން ބުނަން ކީއްކުރަން ހަތަރުކަޅި ހަމަކޮށްލިކަމެއްވެސް ނޭގެއެވެ. ޖިލްދެކޭގޮތުން އޭނަ ފިރިހެނުންނާއިމެދު ވިސްނާވަރަށްވުރެ އަދި ތަންކޮޅެއް ޅައެވެ. ޖިލް އަވަދިނެތި އުޅެނީ ދީނަށް އުޅުމަށާއި މަންމައާއި އެހީތެރިވުމަށެވެ. އެކަަމަކު ރިހާންގެ ނަންއިވޭއިރަށް އޭނަގެ ހިތުގެ ތެޅުން ހުއްޓޭކަމީ އޭނަވެސް ގަބޫލުކުރާ ހަގީގަތެކެވެ. ރިހާންއަކީވެސް ދީނާއިމެދު ސީރިޔަސްކޮށް ވިސްނާ ހަރުދަނާ ޒުވާނެކެވެ. އެއީ އެންމެ ހުވަފެނީ ޒުވާނާކަމުގައިވިޔަސް ޖިލް އަދި ތައްޔާރެއްނޫނެވެ.
"އައި ޑޯން ހޭވް ކޮރޯނާ ޝަޓްއަޕް މޭން. އަހަރެން ކުޑަ ބްރޭކެއް ނަގާލަން މިދަނީ.."ކިޔާން ހިނިގަނޑެއް ޖަހަމުން ގޭމްކުޅެން ތިބި ޒުވާނުންގެ ތެރެއިން އެކަކާއި ދިމާލަށް ބުނި އަޑު އިވުނެވެ. އެކަމަކު ކެއްސައިގަނެފައި ޖުމްލަ މެދު ކެނޑުނެވެ. ޖިލް ބުމަ އަރުވައިލިއެވެ. އޭނަ އައިސް ކިޔާންގެ ނިތްކުރީގައި އަތްލާފައި އަމިއްލަ ނިތުގައި އަތް ޖައްސައިލިއެވެ. އެއާއެކު ކިޔާންގެ މޫނަށް ނަޒަރު ހުއްޓައިލީ ކަންބޮޑުވެފައެވެ. "ކިޔާން ތިހިރީ ހުން އައިސްފަ. ކޮންއިރަކު؟ "
ކިޔާން އޭނަގެ ހެޑްސެޓް ނައްޓާލާފައި ގޭމް އޮފް ކޮށްލައިފިއެވެ. "މިއީ ހަމަ އާދައިގެ ހުމެއް..... "ކިޔާން ޖިލްގެ އަތް ދުރަށް ޖައްސާލައިފިއެވެ. ކިޔާން ކެއްސަމުން ސޯފާއަށް ވެއްޓިގަތެވެ. އެވަގުތު ބޮޑުކޮޓަރީގައި ހުރި ޓީވީއިން ޚަބަރު ގެނެސްދޭންފެށިއެވެ. ހޮސްޕިޓަލަށް އެރޭ ދިޔަމީހުންގެ ތެރެއިން ބައެއްމީހުން ކޮވިޑްއަށް ޕޮޒިޓިވްވީ ކަމަށެވެ. ކިޔާން ހިންދިރުވައިލިއެވެ. އޭނައާއި އެކުވެރިން އެހިސާބަށް އެރޭ ދިޔައެވެ.
"ހޭ ޖިލް..."
"ވަޓް؟"
"އައި ތިންކް އައި ނީޑް ޓު ބީ ޓެސްޓެޑް.."
---------
ވޭތުވެގެން ދިޔަ ގަޑިތަކުގައި އެތައްކަމެއް އެއްފަހަރާވެގެން ދިޔައެވެ. ކިޔާން ގެންގޮސް ކޮރޯނާއަށް ޓެސްޓްކޮށްފައި ފަހުން ކޮވިޑަށްވެސް ސާމްޕްލްނެގިއެވެ. ވީ ޕޮޒިޓިވްއެވެ. އެމީހުން އޭނައާއި ވަރަށް ސުވާލުކުރިއެވެ. އެކީ އުޅުނު މީހުންނާއި ޒިޔާރަތްކުރި މީހުންނާއި ބެހޭގޮތުންނެވެ. މުޅި ހަަށިގަނޑު ނިވާކޮށްގެން ތިބި ބަޔަކު އައިސް ލޯބިވާ ދަރިފުޅު ވަކިކޮށްގެން ގެންދާ ތަންފެނި ހަލީމާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ.
"މަންމާ.." ކިޔާން ބަލިކަށިގޮތަކަށް މަންމައަށް ގޮވާލިއެވެ. ހަލީމާގެ ހިތް ފަޅައިގެންދާވަރުވިއެވެ. ދަރިފުޅުގެ ލޮލުން ބިރާއިއެކު ކަންބޮޑުވުން ފެނިފައެވެ. އެމީހުންގެ ގެ ކަރަންޓީނުކޮށް ހަލީމާއާއި ޖިލްވެސް ޓެސްޓްކުރިއެވެ. ނަސީބަކުން ދެމީހުންވެސް ނެގަޓިވްވިއެވެ.
ކިޔާން ގެންގޮސް ކޮޓަރިއަކަށް ލުމުން އެންމެފަހުން ބިރުވެރިކަން އޭނަގެ ހަށިގަނޑަށް ވެރިވާންފެށިއެވެ. އޭނަ ޕޮޒިޓިވްވީ ކިހިނެއްހެއްޔެވެ؟ބަލިވުމުގެ ކުރިން އިންޒާރެއްފަދަ ކަމެއް އަންނާނެކަމަށް އޭނަ އުއްމީދުކުރީހެއްޔެވެ؟ މިކަންތައްގަނޑާއި ލައިގަތީ ހަމަ ކުއްލިއަކަށެވެ. ނާރުތައް ހަމަޔަކަށް އަޅުވާލަން އޭނަ މަޑުމަޑުން ރާގެއް އަޅުވައިލިއެވެ. ފޯނުގައި ޑޭޓާހުރިކަން ނަސީބެކެވެ. ބަލީގެ އަސަރުތަކާއި ބެހޭގޮތުން އޭނަ ގޫގުލްކޮށްލިއެވެ. ކޮވިޑްއާއި ހަގުރާމަކުރި ކޮންމެ މީހެއްގެ ވާހަކަ އޭނަ ސިއްސުވައިލިއެވެ. އޭނަ ޚަބަރުވެސް ޗެކްކޮށްލައިފިއެވެ. މަރުވަމުންދާ މީހުންނާއި އެކަހެރިކުރާ މީހުންގެ އަދަދުދަނީ އިތުރުވަމުންނެވެ. ހަލީމާއާއި ޖިލް އެތައްފަހަރެއް މަތިން ގުޅިއެވެ. އޭނަގެ ހާލުއެހިއެވެ.
"ދަރިފުޅުކިހިނެއް؟ "ހަލީމާ ނޭފަތްދަމައިލިއެވެ. މަންމަރޮނީ ބާވައެވެ. ކިޔާން ވިސްނައިލިއެވެ. "އަޅުގަނޑު މުޅިން ރަގަޅު. ވަރަށް އަވަހަށް ގެއަށް ފޮނުވައިލާނެ. ހުރިހާކަމެއް ރަގަޅުވާނެ.."ކިޔާން މަންމައަށް ޔަގީންކަންދިނީ އޭނަ ގެންފައިވާ ބިރު ފޮރުވަމުންނެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ކިޔާންގެ ހާލަތު ދަށްވާންފެށިއެވެ. މުޅި ހަށިގަނޑުގައި ނުރިއްސާ ތަންކޮޅެއްނެތެވެ. މޭކަށިގަނޑާއި ބަނޑަށްދާންދެނެވެ. މީހަކު އޭނަގެ ގައިގާ ތަޅާ އެއްލާލާފައިވާ ފަދައިންނެވެ. ކެއްސުންއިތުރުވިއެވެ. ގިނަފަހަރު ނޭވާވެސް ނުލެވި މޭމަތީގައި ބަރެއް ބާއްވާފައި އޮންނަފަދައެވެ. ހޮޑުލެވެއެވެ. ހުންގަދަކަމުން ކުކުރާލަ ކުކުރާލާ އޮންނައިރު މަންމަމެން މަތިން ހަދާންވެ ލޮލަށް ކަރުނަ އާދެއެވެ. މަންމަގެ ފިރުމުންތަކަށް ބޭނުންވިއެވެ. ކުއްލިއަކަށް އައިޚިޔާލަކުން އޭނަގެ ހިތްވެސް ހުއްޓުނުފަދައެވެ. އޭނަ އަދި މަރުވާން ތައްޔާރެއްނޫނެވެ. އޭނަ ވިސްނީ އޭނަ ދޫކޮށްފައިވާ ނަމާދުތަކާމެދުގައެވެ. ކުރިއަށްވުރެ ބޮޑަށް ނޭވާ ހާސްވެ ގެނބެންއުޅޭފަދަ އިހުސާސްތަކެއް ކުރެވުނެވެ. މިފަދަހާލަތެއްގައި ހުރެ އޭނަ ހެއްދެވި ފަރާތުގެ ހަޟުރަތަށްދާން ކެރޭނެހެއްޔެވެ؟ އާޚިރަތަށްޓަކާ އޭނައަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ ލޮލަށް ހޫނު ކަރުނަ އެއްވިއެވެ. އޭނަ މަރުވާން ތައްޔާރެއްނޫނެވެ. ކިޔާން ވަރަށް މަސައްކަތުން ފާޚާނާއާއި ހަމަޔަށް ގޮސް ވުޟޫކުރިއެވެ. މަންމަ ބުނެގެން ނޫންގޮތަކަށް ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނަ ނަމާދުކުރިއެވެ. އޭނަ ދުޢާކުރިއެވެ. އޭނަގެ ވެރި ފަރާތަށް އެދި ދެންނެވީ އުމުރު ދިގުކުރެއްވުމަށެވެ. އޭރުން އޭނައަށް މާތްﷲގެ ހަޟުރަތަށް ދަތުރުކުރުމުގެ ކުރިން އަޅުވެރި މީހަކަށްވެވޭނެއެވެ.
އަށްވަނަ ދުވަހުގައި ކިޔާންއަށް އޭނަގެ މަންމަ އެތަނަށް ގެނެވުނުތަން ފެނި ޝޮކަކަށް ދާގޮތްވިއެވެ. ހަލީމާއަށް ދަރިފުޅު ފެނި ދުވެފައި ކަހަލަ ގޮތަކަށް އައިސް ދަރިފުޅު މޭގައިޖައްސާ ބާރުކޮށްލިއިރު އެލޮލުން ކަރުނަ އޮހެނީއެވެ."މަގޭ ދަރިފުޅާ...ހާދަ ހިއްކޭ. ނުކެވެނީތަ؟ "
"މަމް.....ކިހިނެއް.....ކީއްވެ.." ކިޔާންއަށް ރަގަޅަށް ވާހަކަވެސް ނުދެއްކުނެވެ. އޭނަގެ މަންމައަށް ވައިރަސް ފެތުރުނީ އޭނަގެ ފަރާތުންނެވެ. ކުށްވެރިއަކީ އޭނައެވެ. އޭނަ އެގޮތަށް ބޭރަށް ގޮސްގެންނުވާނެއެވެ. ގަވާއިދާއި ޚިލާފަށް ހުޅުވާފައިވާ ތަނަކަށްވަދެ އެހެންމީހުންނާއެކު ކޮފީބޮއިގެން ނުވާނެއެވެ. އޭނަ މަންމަގެ ބަސްގަބޫލުކުރަން ޖެހޭނެއެވެ. އޭނަ ދޮންތައާމެދުވެސް ޚިޔާލުކުރިއެވެ. ދެރަވާނެވަރާ އެކަނިވާނެ ވަރު އިހުސާސްކުރެވި އޭނަ ފުރިހަމަ ސިއްހަތުގައި ލެހެއްޓެވުން އެދި ދުޢާކުރިއެވެ. މަންމަ އެޑްމިޓްކުރީ ކިޔާން އޮތް އެނދާއި ޖެހިގެންނެވެ. ހަލީމާ އޮންނަނީ ހިތުދަސްކޮށްފައިވާ ގުރުއާންގެ ސޫރަތްތައް ކިޔަވާ ދުޢާކުރުމާއި ނަމާދުތަކުގައި އަވަދިނެތިއެވެ. އަމިއްލަ ނަފުސް އިންތިހާއަށް ކުށްވެރިކޮށް ހިތާމަކުރާ ހާލުގައި ކިޔާންއަށް އޭނަގެ މަންމަގެ ހާލަތު ދަށަށް ދާތަން ފެނުނެވެ. އޭނަ މަންމައަށްޓަކާ ދުޢާކުރިއެވެ. އޭނަގެ އުމުރުގައި ބާކީ ހުރި ދުވަސްތައް މަންމައަށް ދެއްވާފައި މަންމަ ބަލިން ސަލާމަތްވުމަށެވެ. އޭނަ ދެން ބަސް އަހާނެކަމުގައެވެ. ނަމަވެސް ކިޔާން ގެއަށް ފޮނުވައިލި ދުވަހަކީ އޭނަގެ މަންމަގެ ހާލު ދަށްވެ އައިސީޔޫއަށް ލާ ވެންޓިލޭޓަރާ ގުޅަން ޖެހުނު ހިތާމަވެރި ދުވަހެވެ.
ކިޔާން އަށް މަގުތައް ފެނުނީ ފަޅު ހިމޭންތަނެއްގެ ގޮތުގައެވެ. ދިރޭ ފުރާނައެއްގެ ހިލަމެއްނެތެވެ. އޭނަ ބަލާއުޅުނު ބިރުވެރި ފިލްމެއްގެ މަންޒަރެއް ފެނުނުހެން ހީވިއެވެ. މަގުގެ އެއް ފަރާތުގައި ވަޔާއި ހެލިލަ ހެލިލާ އޮތް ކޮތަޅު ފެނިފައި ކިޔާންގެ ހިތަށް ނުބައި ގޮތެއްވެ ނޭވާވެސް އެތެރެހަށީގައި ތާށިވެއްޖެއެވެ. އެއީ މޫސަބެ ދުވަހަކުވެސް އޭނައާއި ވަކިކޮށްނުލާ ގެންގުޅުނު ޚާއްސަ ކޮތަޅެވެ. އޭނައަށް ހީކުރެވުނީ ރަގަޅަށް ނޫންކަމުގައި ވުމަށް އެދެވުނީ ބަރު ހިތަކާއެކުގައެވެ. ކޮންފަދަ ބޮޑު ހަލާކެއްހެއްޔެވެ؟މުޅި ދުނިޔެ ދެކެންޖެހިފައި މިވަނީ ކަޅު ދުވަސްތަކެކެވެ. ޖިލް އަބަދުހެން އަތުގައި އޮންނަ ފޯނު ޗެކްކޮށްލަނީ މަންމަގެ ހާލާއި ބެހޭގޮތުން އޮޅުން ފިލުވުމަށެވެ. މަންމަ ހޮސްޕިޓަލަށް ގެންދިޔައިރު އެންމެފަހުން އެދުނު ކަންތައް ހިތަށް އެރިޔަސް ޖިލްއަށް ރޮވެއެވެ. މަންމަ ބޭނުންވަނީ ރިހާންއާއި ޖިލްގެ ކައިވެނި ކުރުވުމެވެ. މަންމައަށް އޭނަގެ ފަހު ދުވަސްތައްކަން އިހުސާސްވަނީކަން ނޭގެއެވެ. ދަރިފުޅު އެކަނިމާއެކަނި ފިރިއެއްގެ ހިމާޔަތެއްނެތި ދުނިޔެއާއި ވަކިވެގެންދާން މަންމަ ބޭނުންނުވަނީއެވެ. މަންމަގެ ވާހަކަތަކުން މަންމަ ވިސްނާގޮތް އެނގި ޖިލްގެ ކަރުނަތައް ނުހުއްޓުނީއެވެ. ކިޔާން ގެއަށް ވަނުމުން އިހުސާސްވީ ހުސްކަމެވެ. ހިތުގައި ރިއްސައިގަތެވެ. އޭރު ޖިލްގެ ލޮލުން ކަރުނަ އޮހެނީއެވެ. ކިޔާން ޖިލްއާއި ގާތަށްދާކަށް ބޭނުމެއްނުވިއެވެ. ވައިރަސް އަދިވެސް ހަށިގަނޑުން ނުފިލާ ހުރެދާނެކަމުގެ ބިރު ހީވީއެވެ. އޭނަ ހުއްޓުނީ އެތައް ފޫޓު ދުރުގައެވެ. އޭނަގެ ދޮންތައަކީ ހިތްވަރުގަދަ ކުއްޖަކަށްވިޔަސް މިފަހަރު ބަލިކަށިކޮށްލީއެވެ. "ޖިލް. މަންމައަށް ރަގަޅުވާނެ އިރާދަކުރެއްވިއްޔާ. މަންމަ ވަރަށް އަވަހަށް ގެއަށް އަންނާނެ..." ކިޔާންގެ އަޑު އިވުމުން ޖިލް އިސްއުފުލާލާފައި އޭނައާއި ދިމާލަށް އަންނަން އުޅުމުން ކިޔާން ބޮލުގެ އިޝާރާތުން ހުއްޓުވިއެވެ.
"ކިޔާން މިހާރު އޯކޭތަ؟ ވަރަށް ބޮޑަށް ތަދުވިތަ؟ " ޖިލް ލޯ ފޮހެލަމުން ކަންބޮޑުވެފައި ސުވާލުކުރިއެވެ.
"ގެއަށް އައި މަގުމަތީގައި ރިހާންއާއި ދިމާވި. ރާހިލްގެ ޚަބަރު އެނގުނު. އިއްޔެ އޭނަ.......އޭނައަށް ކެއާ ކުރަމުންދިޔަ ނަރުސް ކުއްޖާވެސް ކޮވިޑަށް ޕޮޒިޓިވްވީ އަދި ރާހިލް........އޭނަ.." ކިޔާންގެ އަޑު ކުރެހިގެން ދިޔުމާއެކު ވާހަކަދެއްކުން ހުއްޓައިލިއެވެ. ޖިލްގެ ތުންފަތްވެސް ތުރުތުރު އަޅަންފެށިއެވެ. އިތުރަށް ނުބުންޏަސް އޭނައަށް ވީގޮތް އޮޅުން ފިލައިފިއެވެ.
-------
ކިޔާން އެންމެ ފުރަތަމަވެސް އޭނަގެ ޕަބްޖީ އެކައުންޓް ފޮހެލީއެވެ. އޭނަގެ ގިނަ ވަގުތުތައް ބޭކާރުކޮށްލާފައިވަނީ އެ ކުޅިވަރުގައެވެ. އެވަގުތުތައް އަނބުރާ އަތުލެވޭކަށް ދެން ނެތެވެ. މިދުނިޔޭގެ ވަގުތީ ދިރިއުޅުން ނިމުމަށްފަހު އޭނަ އެކުޅިވަރުގައި މޮޅުވަމުންދާ ވަރާއި ކުރިއަށްދާވަރު މުހިއްމެއް ނުވާނެއެވެ. ކަށްވަޅުގައި މުހިއްމުވާނީ ކުރެވިފައި ހުރި ހެޔޮ އަމަލެވެ. ފުރަތަމަ ފަހަރަށް އޭނައަށް މަރުގެ ބިރުވެރިކަން އިހުސާސްކުރެވުނީ އެކަނިވެރިކޮށް ހޮސްޕިޓަލުގައި އޮވެއެވެ. އެއީ ލޯ ހުޅުވައިލަދިން ބައްޔެކެވެ. ރާހިލްގެ އުމުރުން އެންމެ ސާދަ އަހަރެވެ. އެކުއްޖާގެ ހަޔާތް ނިކަން ކުރެވެ. މަރު އޭނަ ގެންދިޔައީއެވެ. ޅަ އުމުރަކަސް މަރަކަށް ފަރުވާލެއްނެތެވެ. މަރަކީ އެނގޭނެ އެއްޗެއްނޫނެވެ. އެއްވެސް މީހަކަށް މާދަމާ ދުނިޔޭގައި ހުރެވޭނެކަމުގެ ޔަގީންކަމެއްނެތެވެ.
--------
ރައިހާނާ ޖިލްއާއި ބައްދަލުކުރަން އެގެއަށް އައެވެ. އޭނައާއި ހަލީމާގެވެސް ބޭނުމަކީ ދަރިން ކައިވެނީގެ ގޮތުން ގުޅުވުމެވެ. ވީހާވެސް އަވަސްކުރުން ހަލީމާއަށް މުހިއްމެވެ. އެހާ ވަގުތެއްނެތެވެ. ރައިހާނާވެސް ބޭނުމީ އެންމެ ގާތް އެކުވެރިޔާގެ އުއްމީދު ފުރިހަމަކޮށްދިނުމެވެ. ހަލީމާ ހޮސްޕިޓަލުގައި އޮންނަތާ ތިން ހަފްތާ ފާއިތުވިފަހުން ރިހާންއާއި ޖިލްގެ ކައިވެނި ކުރެވުނެވެ. ޖިލް ލައިގެން ހުރީ ހަލީމާގެ ކައިވެނީގެ ހެދުމެވެ. ބިއްލޫރިން ވަކިކޮށްފައިވާ ބައިގާ އެދެކުދިން އަތުގުޅުވާލައިގެން ގޮސް ހުއްޓުނެވެ. ވައިރާއި ހޮޅިތައް ގުޅާފައި އޮތްއިރު ކިރިޔާ މަންމަ ފެންނަކަމެވެ. ހަލީމާ އުދަގުލުން ނަމަވެސް ލޯ ހުޅުވާފައި ބަލައިލިއިރު ފެނުނީ ކައިވެނީގެ ހުދު ހެދުމުގައި ހުރި އެންމެ ރީތި އަންހެންކުއްޖާއެވެ. އޭނަގެ ކައިވެނީގެ ހެދުމުގައެވެ. އޭނަގެ ރީތި ޖިލްވާއެވެ. ރިހާންއާއި ދެކުދިން ހާދަ ގުޅެއެވެ. އެކަކު އަނެކަކަށްޓަކާ ހައްދަވާފައިވާ ފަދައެވެ. ހަލީމާގެ ފިނިވެފައިވާ ހިތަށް ހޫނުކަމެއް ވެރިވިއެވެ. ހުރިހާ ބުރައަކާއި ހިތާމައެއް ފިލާ ބަޔާން ނުކުރެވޭފަދަ ހިތްހަމަޖެހުމެއް ސާލެއްފަދައިން ހަށިގަނޑުގައި ބައްދާލައިފިއެވެ. އަރާމުގައި ދެން ނިދާލެވިދާނެއެވެ. ހަލީމާގެ ނަޒަރު ދެން ދަތުރުކުތީ ޖިލްގެ ގާތުގައި ހުރި ކިޔާންއަށެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު ހަލީމާ އޭނަގެ އަތްތިލަ މަޑުމަޑުން ނަގާފައި މޭގައި ޖައްސާލައިފިއެވެ. ކިޔާންވެސް ހަމަ އެގޮތަށް ހެދިތަން ފެނުމުން ހަލީމާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
------
މުޅިދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަން އެތައް އިންސާނުންގެ ފުރާނަ ނަގައިލާ މުޅި ދުނިޔެ ގުޑުވައިލާ އިގުތިސާދު ހަލާކުކޮށްލިއެވެ. ލޮލަށް ނުފެންނަ ކުޑަ ކުޑަ ވައިރަސްއެއް ދުނިޔެ ކުޑަކަކޫމައްޗަށް ތިރިކޮށްލީވެސް އިމްތިހާނަކަށެވެ. ބަލިމަޑުކަމުގެ ކުރިން އިންސާނުން އުޅުނީ ހުވަފެނީ ދިރިއުޅުމެކެވެ. އުފަލާއި މަޖަލުގައި ގެނބި ހެއްދެވި ފަރާތްވެސް ހަދާން ނުހުންނަ ހާލުގައެވެ. ދެއަހަރުފަހުން ވެކްސިންތައް އީޖާދުވެ ބަލި ހުއްޓުނުއިރު ދުނިޔެއޮތީ މުޅިން ބަދަލުވެފައެވެ. ގިނަ މީހުން އެ ބިރުން ސަލާމަތްވުމުން އެހުރިހާކަމެއް ހަނދާން ނައްތާލާފައި ކުރީގެ މަޖާ ދިރިއުޅުމާއިގެން ކުރިއަށް ދާންފެށިއެވެ. ކޮވިޑުން އިބުރަތް ލިބުނީ ބުއްދިވެރިންނަށެވެ. ވިސްނާ ފިކުރުކުރާމީހުންނަށެވެ. އެ އިންސާނުންގެ ތެރެ ޔަގީނުންވެސް ކިޔާން ހިމެނުނެވެ. ދުނިޔެއަށް އެ ވައިރަސް ދަސްކޮށްދިނީ ހުރިހާކަމެއް ބަދަލުވާން ނަގާނީ ކުޑަ އިރުކޮޅެއްކަމަށެވެ. އެމީހުން ބުރަ މަސައްކަތުން ހޯދާ އާމްދަނީވެސް އެއްފަހަރުން ގޮސް އަތް ހުސްވެދާނެކަމެވެ. އުފާވެރިކަންވެސް ފޭރެވިދާނެކަމެވެ. އެއިން ދައްކުވައިދިނީ މިދުނިޔެއަކީ ވަގުތީ ތަނެއްކަމެވެ.
" كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَما الْحَيَاةُ الدُّنْيَا إِلاَّ مَتَاعُ الْغُرُورِ ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ލިބިގަންނާނެ އެއްޗެކެވެ. އަދި ތިޔަބައިމީހުން ކުޅަ އަމަލުތަކަށް ފުރިހަމަ ޖަޒާ ދެއްވާނެކަން ކަށަވަރީ ގިޔާމަތް ދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާ ކުރައްވައި ސުވަރުގެއަށް ވެއްދެވި މީހާދަންނާށެވެ. ފަހެ އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ. " ގުރުއާނުގައި ވަހީކުރައްވާފައިވެއެވެ. ދުވަހަކު ވައިރަސް އެއް ނަޔަސް ދުވަހަކު ބަލިމަޑުކަމެއް ނެތަސް ކޮންމެ ސިކުންތުކޮޅަކު ކޮންމެ ވަގުތަކު ކޮންމެ ދުވަހަކު ކޮންމެ ހާލަތެއްގައި މަރު ބައްދަލުކޮށްފާނެއެވެ. ކިޔާންއަކީ އެ އަގުހުރި ފިލާވަޅުން އިބުރަތް ލިބިގަތް އެކެކެވެ. އޭނަގެ އާއިލާއާއި އެކުވެރިންނާއި ދަންނަ އެތައްބަޔަކު އެ ވައިރަސްގައި ގެއްލިގެން ދިޔައެވެ. އެންމެ ގާތް އެކުވެރިޔާ ރާހިލް އަދި އެންމެ ލޯބިވި އެންމެ ގާތް އޭނަގެ މަންމަވެސް މެއެވެ. އަދި އެ ސަރަހައްދުގެ ދިރުމާއި އުފާކަމުގައިވި މޫސަބޭވެސް މެއެވެ. އެއީ ޅަ އަދި ދުވަސްވީ މީހުންވެސް ލޯބިވި ފަރާތެކެވެ.
ކިޔާންއަށް ދަސްވީ މަރަކީ ހަމައެކަނި މުސްކުޅިންނަށް ލައްވާފައިވާ އެއްޗެއް ނޫންކަމެވެ. ކޮންމެ ވަގުތަކު މަރު ބަލާ އަތުވެދާނެއެވެ. އޭނައަށް ދަސްވީ ވަގުތުގެ ބޭނުން ފުރިހަމައަށް ހިފުމަށެވެ. ބޭކާރުކޮށް ދުއްވާލާ ވަގުތުތައް އަލުން ހޯދުމަކީ އެކަށީގެންވާކަމެއް ނޫނެވެ. ހެއްދެވި ޚާލިގުވަންތަ މާތްﷲއަށް ޒިކުރު ނުކޮށް އިރުއަރާ އޮއްސިގެންދާ ކޮންމެ ދުވަހަކީ ބޭކާރު ފައިދާއެއްނެތް ދުވަހެކެވެ. ތިމާ ހެއްދެވި ފަރާތް އަދި ވަގުތު ހެއްދެވި ފަރާތަށް އަޅުކަންނުކޮށް އަމިއްލަ ޒާތީކަންތަކާއި ދުނިޔަވީ އުފަލާއިގެން މަޝްޣޫލުވުމަކީ މޮޔަކަމެކެވެ. ކިޔާންއަށް އަގުހުރި ފިލާވަޅުތަކެއް ލިބިއްޖެއެވެ. މިހާރު އޭނައަކީ ބަދަލުވެފައިވާ ޒުވާން ފިރިހެންކުއްޖެކެވެ. އަޅުކަންކޮށް ދީން ފަތުރަން މަސައްކަތްކުރާ އަޅުވެރި ދީނީ ޒުވާނެކެވެ. އޭނަ ހިންގަމުންދާ ޕޭޖުގެ ސަބަބުން އެތައް މިލިއަން މީހުންނަށް ވަގުތަކީ ކިހާ އަގުހުރި އެއްޗެއްކަން އޭނަ ހާމަކޮށްދީފިއެވެ.ނިމުނީ
މިއީ އާއިލާގެ ވަރަށް ލޯބިވާ ޚާއްސަ ކުއްޖަކު ލިޔެފައިވާ އިބުރަތްތެރި ރީތި ވާހަކައެއްގެ ތަރުޖަމާއެކެވެ. މި މާތް މައްސަރުގެ ނަސީބާއި ރަހުމަތް އަޅަމެންނަށް ލައްވާ ކޮވިޑް 19ގެ ނުރައްކަލުން ސަލާމަތްކޮށް ދެއްވާށި. ވާހަކަ ކިޔާކުދިންނާ މުސްލިމުންނަށް ރަމަޟާން މުބާރަކް