7

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ رحمن

 

*****

"ޝާހީން... ޝާހީން!" ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން ގޮވައިލި މަންމަގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. މަންމަ ބޭނުންވެގެން އެ އުޅެނީ ކޮން ކަމެއްކަން އެނގުމުގެ ޝައުގުވެރިކަން އެއްވެސް ވަރަކަށް ނެތުމާއެކު، އަހަރެން އަޅައެއް ނުލަމެވެ.

އިރުކޮޅަކުން މަންމަ ތަޅުގައި ހިފިކަން އެނގުނެވެ. އެހެންނަމަވެސް، އެކަމާވެސް، އަހަރެން އަޅައެއް ނުލަމެވެ. ދޮރު ތަޅުލާފައި ހުރުމުން މަންމައަށް އެ ދޮރު ނުހުޅުވޭނެކަމުގެ ޔަޤީންކަން އޮތީތީއެވެ. އެއަށްވުރެ ބޮޑަށް އަހަރެން އިނީ ކުރަން އިން ކަންތަކަށް ގެއްލިފައެވެ.

މުށިތަކު މަތީގައި އިށީނދެ އިނދެގެން ކުރިމަތީގައި ބަހައްޓާފައި ހުރި ރަބަރު ޕެކެޓުތަކުން ޕެކެޓެއް ނެގީމެވެ. އެއަށްފަހު އަތަށް އެތިކޮޅެއް އަޅައިލަމުން އަހަރެން އޭގެން ވަސް ބަލައިލީމެވެ.

އެންމެ ފުރަތަމަ ސިނގިރެޓެއް ރޯކޮށްލުމަށްފަހު އަހަރެން ސިނގިރެޓް ބޯން ފެށީމެވެ. ޕެކެޓްތަކަށް ބަލައިލުމަށްފަހު، އެ ދުރަށް ޖައްސައިލާފައި، ނެގީ އެތަނުގައި އޮތް ސިރިންޖެވެ. ދެ ވިސްނުމެއްގައި އިނދެފައި އަހަރެން އަތުގެ މަސްގަނޑަށް އެ ސިރިންޖް ހަރައިލީމެވެ. އޭގައި ހުރި އެއްޗެއްގެ އަސަރު ހަށިގަނޑަށް ކުރަން ފެށުމާއެކު ދެ ލޯމައްޗަށް ކުޑަކޮށް ފުސްވިއެވެ. އަހަރެން އެހާ ބާރުގަދަ އެއްޗެއް ބޭނުންކުރި ފުރަތަމަ ފަހަރުކަމުން ކަމަށް ވެސް ވެދާނެއެވެ. މަންޒަރު ސާފުވާން ކުޑަ ވަގުތު ކޮޅެއް ނެގިއެވެ.

މީހާ ކުޑަކޮށް ހަމަޖެހުނުހެން ހީވެ ހިނގައިގަންނަން އުޅުނު ނަމަވެސް، އުނދަގޫވިއެވެ. އެއްލެމުން އެއްލެމުން ކަހަލަ ގޮތަކަށް ގޮސް އެނދުމައްޗަށް ވެއްޓުނު ކަން އެނގުނެވެ. އެއާއެކު ދެން ވީ ގޮތެއް އަހަންނަކަށް ނޭނގުނެވެ.

*****

ހޭލެވުނީ ހުޅުވާފައި ހުރި ކުޑަ ދޮރުން އިރުގެ އަލިކަން ކޮޓަރިތެރެއަށް އެޅުމާއެކުގައެވެ. މޯޅިއަކަށް ދެމިލަމުން އަހަރެން ތެދުވީމެވެ. އޭރު ބޮލުގައި މަޑު ރިހުމެއް ހުއްޓެވެ. ހިސާބަކަށް ލޮލުގެ ފެނުން ފުސްވެފައި ހުރި ނަމަވެސް، އިރުކޮޅަކުން ރަނގަޅުވިއެވެ.

އެނދުން ތެދުވުމާއެކު, ފުން ނޭވާއެއް ދޫކޮށްލީމެވެ. ކޮޓަރިތެރޭގައި ހުރި ހުރިހާ އެއްޗެއް ނަގާ ގޮދަޑި ދަށައް ލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތީމެވެ.

ނުކުތްއިރު މަންމަ ސިޓިންރޫމުގައި މަޑުކޮށްލައިގެން އިނެވެ.

"ރޭގަ ބޭރަށް ނުގޮސް ގޭތެރޭގަ ދޯ ތި ކުރި ކަމެއް ކުރީ؟ ރިއްފަތު މަރުވީމަ އެކަނި މާއެކަނި މީނަ ބަލާ ބޮޑުކުރީމަ އެންމެ ފަހުން އަހަންނަށް މި ލިބުނީ ކިހާ ރަނގަޅު ހަދިޔާއެއް..."

އަހަރެން ނުކުތުމާއެކު އާދައިގެ މަތިން މަންމަ ފަތިވަރު ގޮވަން ފެށިއެވެ. ފޫހިވީ ވަރުން އަނބުރާލާފައި ކޮޓަރިއަށް ދާން ހިތަށް އަރާފައި ވެސް، ކާގެއާ ދިމާލަށް މިސްރާބުޖެހީމެވެ.

ކާގެއަށް ގޮސް ތައްޓަކަށް ފެން އަޅައިލުމާއެކު، އެއް ނޭވާއިން ފެން ތަށި ބޮއިލީމެވެ. އޭރުވެސް، ކޮންމެވެސް ވަރެއްގެ ބަރުކަމެއް ބޮލުގައި ހުއްޓެވެ. އަހަރެން ގޮނޑީގައި އިށީނެވެ. މަންމަ އައިސް އަހަންނަށް ބަލަން ފެށުމުން ރުޅިވެރިކަމާއެކު, މަންމައަށް ބަލައިލަމުން އަހަރެން ވާހަކަ ދެއްކީމެވެ.

"ކިހާ ދެރަ ކަމެއްތަ؟ އަހަންނާ ދިމާލަށް އެއްޗެހި ކިޔުން ނޫން ކަމެއް މަންމައަކަށް ކުރާކަށް ނޭނގޭނެ..."

"ނަސޭހަތް ދީދީ އަޑު ނީވުނީމަ ބާރަށް ބުނަން ޖެހެނީ" މަންމަ ބުނެލިއެވެ. އެއާއެކު އަހަންނަށް ފުން ނޭވާއެއް ދޫކޮށް ލެވުނެވެ. ފަހަތުން ނުނައްޓާނެކަން އެނގޭތީ އަހަރެން އިނީ ރުޅި ވެސް އައިސްފައެވެ.

"މި ނޫން ދުވަހެއް ވާކަން ވެސް ވިސްނައިލައިގެން އުޅެބަލަ، ތި ކުރާ ކަންތައް ހުއްޓާލާނީ ކޮން ދުވަހަކުންތަ؟ އަހަންނަކަށް ނޭނގެ ފުލުހުންވެސް މީނަ ގެން ގޮސް އެހާ އަވަހަށް ދޫކޮށްލަނީ ކީއްވެގެން ކަމެއް... ބޭނުން ކޮށްގެން ހުއްޓަސް ދެ ދުވަސް ވާއިރު އެ ހުންނަނީ އައިސް ގޭގަ" މަންމަ ހުއްޓާނުލާ އަނގަތަޅަމުން ދިޔައެވެ.

"އަހަރެން އެއްޗެއް ކެއްޔަ ދީފާނަންތަ؟" އެންމެ ފަހުން އަހަރެން ބުނީމެވެ. މަންމަގެ އަނގަޔާ ހެދި އަހަންނަށް އެއްޗެއް އަރުން ދިރޭ ވަރެއް ވެސް ނޫނެވެ.

"ތިވައްތަރަށް އުޅެމުން ކޮންމެހެން މަ ކައްކާ ކާ އެއްޗެހި ކާނެ ކަމެއް ނެތް..."

މަންމަ ދުރަށް ހިނގައިގަތެވެ. އަހަރެން ދެފަރާތަށް ބޯ ހޫރާލަމުން މަންމަ ދިޔަ ދިމާލަށް ބަލައިލީމެވެ.

"މަންމަ ހުރެއްޖެއްޔާ ބޮލަށް އުނދަގޫ ވާނެ" އަމިއްލަ ނަފުސަށް ބުނެލަމުން ރޮށިކޮޅު އަނގަޔަށް ލީމެވެ.

އެއީ އަބަދުވެސް އާދައެވެ. ގޭގައި ހުރެއްޖެއްޔާ މަންމަ ހުންނާނީ އަބަދުވެސް ކޮންމެވެސް އަނގަޔެއް ތަޅައިލަތަޅައިލައެވެ. އެކަމާ އަހަރެން ވަރަށް ރުޅިއާދެއެވެ. މަންމަ ކިތަންމެ ރަނގަޅަކަށް ނަސޭޙަތެއް ދިނަސް، އަހަންނަށް އަބަދުވެސް ހީވަނީ އެއްޗެހި ކިޔަނީ ހެންނެވެ. އެހެންވެ ގިނަ ވަގުތު ބޭރުގައި އުޅެވޭތޯ އަހަރެން ބަލަމެވެ. މަންމަގެ ބަހުގެ ހަމަލާތަކުން ސަލާމަތް ވެވޭނީ އޭރުންކަން އަހަންނަށް އެނގެއެވެ.

*****

އެންމެ ފުރަތަމަ އަހަރެން މަސްތުވާ އެއްޗެއް ބޭނުންކުރީ އުމުރުން 16 އަހަރުގައެވެ. އެކުވެރި ކުދިން މަޖާ ކުރަމުން އެ އެއްޗެހި ބޭނުންކުރާތަން ފެނެއެވެ. އެންމެ ފުރަތަމަ އަހަރެން ދެކޮޅު ހެދީމެވެ. އެހެންނަމަވެސް، އަހަންނަކީ ފިޑި މީހެއް ކަމަށް އެކުދިން ލޭބަލް ކުރަން ފެށުމުން އަހަރެންގެ މޮޅުކަން ދައްކައިލަން އެ ބޭނުން ކުރީއެވެ. އެ ގޮތަށް ކަންތައް ކުރުމުން އެކުވެރިންގެ ތަޢުރީފު ލިބެން ފެށިއެވެ. ވުމާއެކު އެއީ ސަޅި ކަމެއްކަމުގައި އަހަރެން ނިންމީމެވެ.

އުމުރުން އަށާރަ އަހަރު ފުރުނުއިރު އަހަރެން އަރައި ނުގަންނަ ކުށެއް މަދުވާނެއެވެ. މާރާމާރީއާއި ވައްކަމާއި، ފޭރުމާއި ތަޅާފޮޅުމުގައި އިސްމީހެއްގެ ގޮތުގައި އަހަރެން އަބަދުވެސް ހުންނަމެވެ. އަހަރެން ނިސްބަތްވާ ގޭންގުން ވެސް އަހަންނަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. ކަންތަކުގައި ޖެހިލުންކުޑަ މީހަކަށް އަހަރެން ވާތީއެވެ. އެކަމާ ވަކިން ބޮޑަށް އަހަރެން ފަޚުރުވެރިވަމެވެ. ގޭންގުގައި އަހަރެންގެ ނަން ވިދައެވެ. އެހެން ޒުވާނުން ޖެހިލުންވާފަދަ ޒުވާނަކަށް ވިއެވެ.

އެހެން އުޅުމުގެ ތެރޭގައި އެއް ދުވަހަކު މާރާމާރީއެއްގައި އަހަރެން ހައްޔަރު ކުރެވުނެވެ. އެއީ ފުރަތަމަ ފަހަރަށް އަހަރެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ދުވަހެވެ. އެ ދުވަހު ވަރަށް ބިރުގަތެވެ. މަންމަ އަހަންނަށްޓަކައި ކަރުނަ އަޅާ ރުއިތަން ދުށީމެވެ. ފަނަރަ ދުވަހުގެ ބަންދަކަށް ފަހު ދޫކޮށްލިއެވެ.

އަހަރެން ގެއަށް އައުމާއެކު، ކައިރީގައި ބައިންދައިގެން އަހަންނަށް މަންމަ އެތަކެއް ނަސޭހަތެއް ދިނެވެ. އަހަރެންގެ ވިޔާނުދާ އުޅުން ދޫކޮށްލުމަށް އެދި، އާދޭސްކުރިއެވެ. އެހެންނަމަވެސް، އަހަރެން އެ އަޑެއް ނާހަމެވެ. އެއީ މުހިންމު ކަމެއްކަމަށް އަހަރެން ނުދެކެމެވެ. މަންމައަށް ވުރެ އަހަންނަށް މުހިންމު ވީ ރައްޓެހިންނެވެ. މަންމަގެ ބޯދާ ކަޓު ޚިޔާލުތައް އެއްވެސް ވަރަކަށް އަހަންނަކަށް ކަމަކު ނުދެއެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔައީ އެފަދަ ގޮތަކަށެވެ. މަންމައަށް އަހަރެން ގިނައިން ފެންނާނީ މަސްތުގެ ހާލަތުގައި ވަނިކޮށެވެ.

ރޭގަނޑެކެވެ. އަހަރެން ބޭރުގައި އުޅެފައި އައިސް ގެއަށް ވަނީމެވެ. މަންމަ ސިޓިން ރޫމުގައި އިނެވެ. އަހަރެން ހުރީ ހަމަހޭގައި ނޫންކަން މަންމައަށް ވެސް އެނގޭނެއެވެ. ވަދެވުނީ އެއްލެމުން އެއްލެމުން ކަހަލަ ގޮތަކަށެވެ. އަހަންނަށް ބަލާލަފައި މަންމަ މޫނު އަނބުރާލިއެވެ. އޭރުވެސް، އެ މޫނުމަތިން މާޔޫސްކަން އަހަރެން ދުށީމެވެ. ކޮޓަރިއަށް ވަންތާ މާ ގިނަ އިރެއްނުވެ އެތެރެއަށް ވަނީ ޕޮލިހުންނެވެ.

އަހަރެން ޖިޕަށް އަރުވައިގެން ގެންދިޔައިރު މަންމަ ކަރުނަ ފުހެލިތަން ދުށީމެވެ. އޭރުވެސް އަހަރެން ހުރީ ހަމަޔަކު ނޫނެވެ. އެހެންނަމަވެސް ވާނުވާ ވަކި ވާހާ ވެއެވެ.

ހައްޔަރު ކުރެވުނު ނަމަވެސް އަހަރެން އެކަމާ ހާހެއް ނުވެއެވެ. އަހަރެން ހީކުރީ މިފަހަރު ވެސް ދުވަސްކޮޅަކު ބަންދުގައި ބަހައްޓާފައި ދޫކޮށްލާނީ ކަމުގައެވެ. އެހެންނަމަވެސް ވީ އެހެންނެއް ނޫނެވެ. އަހަރެންގެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ސަބަބުންނާއި އަހަރެން ހުރި ހާލަތުގެ ސަބަބުން އަހަންނަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވުނެވެ. ހުކުމް އިއްވި ގަޑީގައި ހިތުގެ ހިނގުން ހިނދު ކޮޅަކަށް މަޑުޖެހިލި ހެން ހީވިއެވެ. އެހެންނަމަވެސް އަހަރެން ހިންހަމަ ޖައްސައިލަން މަސައްކަތް ކުރީމެވެ.

ޖަލަށް ބަދަލުކުރެވުމާއެކު އަހަންނަށް މަރުޙަބާ ކީ ޖަލު ގޮޅީގެ ތޭރިތަކާއި އަނިދިރިކަމެވެ. ވިހި އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. މާޔުސްވެ ކަރުއެލުވާލެވުނެވެ. ޖަލުގައި އެހާ ދުވަސް ހޭދަކުރާކަށް ބޭނުމެއް ނޫނެވެ. ޒުވާން އުމުރު ޖަލުގައި ބޭކާރު ކުރަން ހިތް ނޭދޭތީއެވެ.

މަސްތުވާތަކެތި ނުލިބެން ފެށުމާއެކު އަހަރެން ބަލިވާން ފެށިއެވެ. ދެފަހަރަކު ޑޮކްޓަރަށް ދެއްކުނެވެ. ބޭސް ބޭނުން ކުރަން ފެށުމާއެކު ކުޑަކޮށް ރަނގަޅު ވިނަމަވެސް ހަށިގަނޑުގެ ވަރު ދެރަވާން ފެށިއެވެ. ރޭގަނޑަށް ފިނި ބޮޑު ވާން ފެށިއެވެ. ތުރު ތުރު އަޅަން ފެށިއެވެ. މީހާގެ ހަށިގަނޑު ހިކި އަނަރޫފަވާން ފެށިއެވެ.

ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހުމާއެކު ލިބުނު މާޔޫސްކަމުގެ ސަބަބުން އުޅެވުނީ ރަނގަޅަށް ނޫންކަން ވިސްނެން ފެށުނެވެ.

ޖަލުގައި އަހަރެއްހާ ދުވަސް ހޭދަކުރެވިގެން ދިޔަނަމަވެސް، ޖަލުގެ އެ މާހައުލަށް ހޭނެން އަހަންނަށް އުނދަގޫވިއެވެ. މަންމަގެ ނަސޭޙަތްތައް ކަންފަތުގައި ގުގުމަން ފެށިއެވެ. ލިބުނު ފުރުސަތެއްގައި އަހަރެން މަންމައަށް ގުޅައިލީމެވެ. މަންމަ އުޅެނީ ބަލިވެކަން އެނގުމުން މަންމަ ދެކެލާ ހިތްވިއެވެ. އެހެންނަމަވެސް މިއަދު އެ ފުރުސަތެއް އަހަންނަކަށް ނެތެވެ.

އޭގެ ހަފްތާއެއް ފަހުން އަހަންނަށް ލިބުނީ މަންމަގެ މަރުގެ ހަބަރެވެ. އަހަރެންގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. ލާ ލައި ހުރި ނޭވާ ވެސް އަރުތެރޭގައި ތާށި ވިއެވެ. ހިނދުކޮޅަކަށް ސިކުނޑީގެ މަސައްކަތްތައް ވެސް މަޑުޖެހިލިއެވެ.

މަންމަގެ މޫނު ދެކެން އަހަރެން ގެންދެވުނެވެ. ފަހު ފަހަރަށް މަންމަގެ މޫނަށް ބަލައިލުމަށްފަހު، ފަހު ސަލާމްކޮށްލީމެވެ. ލޮލުން ކަރުނަ ހިލުނީ ބޭއިޚްތިޔާރުގައެވެ. ފިރިހެނަކަށް ވިޔަސް، ކަރުނަތަކެއް ނުހުއްޓު ވުނެވެ. މަންމައަށް ގޮވައިލުމަށްފަހު މާފަށް އެދެން ބޭނުންވިއެވެ. އެހެންނަމަވެސް އަހަރެންގެ ދުލެއް ހަރަކާތެއް ނުކުރިއެވެ. އެ މަންމަ ދެން އަނބުރާ ނާންނާނެކަން އެނގޭތީއެވެ.

އެނބުރި ޖަލަށް ގެންދެވުނެވެ. ކަކޫ މޭގައި ޖައްސައިލައިގެން ބިތަށް ޖެހިފައި އަހަރެން އިނީމެވެ. ލޮލުގައި ވަނީ ކަރުނައެވެ. ވޭނާ އުދާސް ނޫނީ އެހެން އެއްވެސް އެއްޗެއް އަހަންނަށް މަރުޙަބާ އެއް ނުކިއެވެ. ވެރިވި ނުތަނަވަސްކަމާއެކު އަހަރެން ތެދުވީއެވެ. ހިންދިރުވައިލީމެވެ. އެތައް ފަހަރަކު ހިތާ ހިތުން މަންމަގެ ކިބައިން މާފަށް އެދުނީމެވެ.

އަހަރެންގެ އުމުރުން މިހާރު ހަތާވީސް އަހަރެވެ. އެރޭ ފުރަތަމަ ފަހަރަށް އަހަރެން ހެއްދެވި ފަރާތަށް ސަޖިދައެއް ޖެހީމެވެ. އަހަރެންގެ ހިތާމަތަކަށް ލުޔެއް ލިބިދޭތޯ ދުޢާ ކުރީމެވެ. އަހަރެން އެންމެ ފަހުން ހެއްދެވި ފަރާތަށް ސަޖިދައެއް ޖެހި ހަނދާނެއް ނުވެސް ވެއެވެ. އަހަންނަކީ އެހާ ދީނާވެސް ދުރު ކުއްޖެކެވެ.

ދުޢާ ކުރެވުމުން ނަފްސަށް ލުއި ކަމެއް ލިބުނެވެ. އެތެރެހަށީގައި އުފެދިގެން އުޅޭ އުދާސްކަމުން މިންޖުވެވުނެވެ. އެރޭ އަހަރެން އަޒުމެއް ކަނޑައެޅީމެވެ. ރަނގަޅު މީހަކަށް ވުމަށެވެ. ވުޟޫ ކޮށްގެން އަހަރެން ޝަހާދަތުގެ ދެ ކަލިމަ ކީމެވެ. އަހަރެން ބޭނުންވީ އާ ފެށުމަކުން ފަށާށެވެ. ނަމާދު ނުކުރާތީ ނަމާދުގައި ކިޔާ ތަކެތި ވެސް އަހަރެންގެ ހަނދާނަކު ނެތެވެ. އަހަރެން ބޭނުންވީ ނަމާދުގައި ކިޔާ ތަކެތި ދަސްކުރާށެވެ. ޤުރުއާން ކިޔަވަން އެނގުނު ނަމަވެސް އަހަންނަށް ކިޔެވެނީ އަޅަ އަޅައި ގަންނަމުންނެވެ. އެހެންނަމަވެސް ހިތްވަރެއް ދޫ ނުކުރަމެވެ.

އެރެއަށްފަހު އަހަރެން ނަމާދުކުރަން ފެށީމެވެ. ޤުރުއާން ކިޔަވަން ފެށީމެވެ. ކޮންމެ ނަމާދެއްގެ ފަހުގައި އަހަރެން އެތަނުން ސަލާމަތް ކޮށްދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ. ޖަލަކީ އަހަންނަށް ހިދާޔަތް ލިބުމަށްމެދުވެރިވި ތަނެއް ކަމުގައި އަހަރެން ނިންމީއެވެ. އެ ގޮތުން ވެސް ތެދުމަތި ލިބުނީތީ އަހަރެން ﷲ އަށް ދުޢާ ކުރީމެވެ. ޙަމްދު ކުރީމެވެ.

ފަސް އަހަރު ޖަލުގައި ހޭދަ ކުރެވުނު ފަހުން މަޢާފު ކުރެވުނު ކުށްވެރިންގެ ތެރޭގައި އަހަރެން ހިމެނުނެވެ. އަނެއްކާވެސް އަހަރެން ސަޖިދައެއް ކުރީމެވެ. ޝުކުރުގެ ސަޖިދައެކެވެ.

ރަށަށް ގޮސް ގެއަށް ވަނީމެވެ. ގޭތެރޭގައި ވަނީ ފަޅުކަމެވެ. އަޞުރު ނަމާދަށްފަހު އަހަރެން ގަބުރުސްތާނަށް ދިޔައީމެވެ. މަންމަގެ މަހާނަކައިރީގައި ހުއްޓުނީމެވެ. ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. އެހެންނަމަވެސް ކެތް ތެރިވީމެވެ.

ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. މާޒީއަކީ ބަދަލުކުރެވޭނެ އެއްޗެއް ވެސް ނޫނެވެ. އެކަމަކު އެ މާޒީގެ އަލީގައި މުސްތަޤްބަލް އުޖާލާ ކުރެވިދާނެއެވެ. ލޮލުން އައި ކަރުނަތައް ފުހެލާ އަހަރެން ހިނގައިގަތީމެވެ. މަންމަގެ ފުރާނައަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރާ ހާލުގައެވެ. އަހަރެންގެ މާޒީ އަށް ފަސްއަޅާ ފޮރުވައިލުމަށްފަހުއެވެ. (ނިމުނީ)

ކޮމެންޓް 0