6

 

"ޝައިތާނާއަކީ ނުބައިވެ ލައުނަތް ލެއްވިގެންވާ މަޚުލޫގެކެވެ. އިންސާނުންގެ ސިކުނޑިއަށް ވަދެ ފާޑުފާޑު ވަސްވާސްދީ ނުބައި ފާހިޝްކަންތަކަށް މަގުފަހިކުރުވައެވެ. މާތްވެގެންވާ ރަމަޟާންމަހު ޝައިތާނުން ކަސްތޮޅު އަޅުއްވާ ހައްޔަރުކުރައްވައެވެ. ވަސްވާސްދޭނެ އެއްޗެއް ނެތުމުން ގިނަމީހުން ފާފަތަކާއި ދުރުހެލިވެ ހެއްދެވިފަރާތާއި އޮންނަ ގުޅުން ގާތްވެއެވެ. ނަމަވެސް އިންސާނުންގެ ތެރޭގައިވާ ޝައިތާނުންގެ އެއަށްވުރެ މާ ނުބައެވެ. ސަލާމަތްވުންވެސް ބައެއްފަހަރު މާ އުދަގުލެވެ."

އިސްމާއީލް ކަށިކެޔޮގަހުގައިވާ ރަތް ލޭކޮޅެއްފަދަ މާތައް ބިނުމުގައި މަޝްޣޫލުވެގެން އުޅެނިކޮށް އަނެއްފަރާތުގައި އޮތް ވިނަގަސްތަކުގެ ތެރެއިން ތަކުރު ނުކުމެގެން އައެވެ. މުންޑު އަރުވާ ޖަހާލައިގެން ރާ ބަންޖަކާއި ޅާނބެއް ހިފައިގެން އެއައީ ރުކަށް އަރާފައެވެ. ގަދަޔަށް ދުފާ ރަތްކޮށްލައިގެން އަނގައިގާ ހައްޕުޑު ގަނޑު ނޯންނަ އިރެއް ނުދާނެއެވެ. ތަކުރު ރަތްކުޅު ގަނޑެއް ޖެހިތަން ފެނި އިސްމާއީލް އޯކަށް ދަމައިގަތެވެ.

ތަކުރުއަކީ އޭނަގެ ބައްޕަ މޫސަގެ މިތުރެކެވެ. ފަންޑިިތަވެރިއެކެވެ. ރާވެރިޔެކެވެ. މަސްވެރިޔެކެވެ. އޭނަ ނުރައްޓެހި މަސައްކަތެއް ނުހުރެއެވެ. ބައްޕަ ވިއްސާރަ ރެއެއްގައި ފަރުމަސްބާނަން ގޮސް ގެއްލުމަށްފަހު މަންމައަށް އެހީތެރިވަމުންދާ މީހަކީވެސް މިއީއެވެ. އެއްލޯ ހަލާކުވެ ނޫކުލަ އަރާފައިވުމާ ދަތްތައް އެކިގޮތްގޮތަށް ފަޅާފައި ހުރުމުން އަނގަމަތި އައިބެވެ. އެހެން ހުއްޓަސް އެންމެންގެ އިތުބާރު ލިބޭފަދަ ފަންޑިތަވެރިއަކަށް އޭނަވިއެވެ. އިސްމާއީލް ކުޑައިރު ބައްޕަ އޭނަ ސިޔާސަވާއިރަށް ތަކުރުއަށް ގޮވާ ގެންނާނެއެވެ. ތަކުރުގެ ނަން ކިޔަސް ސިހިފައި ކިތަންމެ ބާރު ރުއިން ގަނޑެއްވެސް ހުއްޓާލާނެއެވެ. ނޫނީ ތަކުރުގެ ލޯ ކައިލި ފުރޭތަ އޭނަގެ ލޯ ކާލަން އަންނާނެ ވާހަކަ ބުނާނެއެވެ. އެހެން ކިޔަ ކިޔާ ފުރޭތައިގެ ނަން އިވުނަސް ހޭނެތޭހާ ބޮޑަށް އެކުއްޖާފުޅު ބިރުގަނެއެވެ.

"ކޮއިފުޅާ. ހުކުރުގަޑިއަށް ހުރިހާ ޖިންނި ޝައިތާނުން ދުނިޔެއަށް ފައިބާނެ. އަދި ތިކަށިމަލަކީ އެސޮރުމެން ނިކަން ފިކުރާވާ މަލެއް. ރަތްވިލާ ލާ ގަޑީގައި ތިމާ ބިދެގެން ޖިންނި އަވަލާ ދުނިޔެއިން މޮޔަވީ ކިތައްމެ މީހެއް މަގޭ މިހިރަ ލޮލުން ދެކުނިން......" ތަކުރު ސަލާމަތުން ހުރި ލޮލުގައި އިނގިލި ޖެއްސިއެވެ.

"ތަކުރުބެގެ އެއް ލޯ އުފުރައިގަތީވެސް ޖިންނިއެއްތަ؟ " އިސްމާއީލް ސުވާލުކޮށްލިއެވެ.

"މަގޭ ލޮލާ މިހާރު އަޅައިގަތީޔޯ؟ ތީ އާދަނާ ބުނި އެއްޗެއްތަ؟ " ތަކުރު ރުޅިއަތުވެއްޖެއެވެ.

"ހިތަށް އެރީ...."

"ނިކަން އަވަހަށް ރައްކާވޭ. ކަލޭ ބަސްނާހާ އުޅެންޏާ ދޫ ބުރިކޮށްލާނަން........." ތަކުރު އަތުގައި އޮތް ބަޅުވަޅި މަޅައިގަތުުމުން އިސްމާއީލް އަޅާއިތިކޮށް ދުއްވައިގަންނަން ހަދައިގެން ލައިގެން ހުރި މުންޑުވެސް ސޮހިގެން ތިރިއަށް ވެއްޓުނެވެ. އެކިގޮތްގޮތަށް ފަޅާފައިވާ ވެޔޮތަކާއި ވިނަތައް އަދި މަގޫގަސްތަކާއި ކަށިކެޔޮގަސްތައް އަތުން ދުރުކުރަމުންގޮސް ހާމަ ހަނި ގޯޅިގަނޑަށް ނުކުތުމުން އޭނާ ދުވުން މަޑުކޮށްލައިފިއެވެ. އެކުވެރި އާދަނު ފެނި ދެކުދިން އެކީ ހިނގައިގަތީ ޖިފުޓިތައް ހުރި ދިމާލަށެވެ.

"ތަކުރުބެގެ ލޯ އުފުރައިލީ އިފުރީތެކޭ ބުނީމެއްނު..."

"މަ އެހެން ބުނިންތަ؟ "އާދަނު ބޮލުގައި އަތް ހާކާލިއެވެ.

"ކަލޭ އަބަދު ދޮގުހަދާތީ ބުނެވޭ އެއްޗެއްވެސް ހަދާނުގައި ހުންނާނެ ގޮތެއްނެތް. ތެދުހަދާ މީހަކު ސިކުނޑީގައި އެގޮތަށް ރައްކާކުރާކަށް ނުޖެހޭނެ. މަ ތަކުރުބެއާއި ދިމާލަށް ޖިންނި އަކު ލޯ ގެންދިޔައީއޭ ބުނީމަ އަހަރެން ފަހައިގަތީ..."

"ކަލޭ ދެން މަގޭ ނަން އޭނަ ގާތު ކިންތަ؟ " އާދަނު ދެލޯ ތަންމިނަށް ބޮޑުކޮށްލިއެވެ.

"ނުކިޔަން..."

"މަ ދެން އެހެން ބުނީ އޭނަ ފަންޑިތަހަދަން ނިކަން މޮޅުވާނެއޭ މާމަ ކިޔާތީ. ކަލޭގެ މުލައްދަނޑީގައި ތިއޮތް ތަވީދަކީވެސް އޭނަ ހެދި އެއްޗެއްނު. އަހަރެން ތަކުރުގެ ލޯ ގެންދިޔައީ ފުރޭތައޭ ބުނިކަން އެނގިއްޖެއްޔާ އޭނަ މަވެސް މަރާލާފާނެ. މަށާ ޖައްސާލާފައި ލޯ ކަނުބެ ހުންނަނީ..."

އާދަނު ހަމަޖެހުމުގެ ނޭވައެއްދޫކޮށްލާފައި ބުނެލިއެވެ.

"މީހުންނަށް ޣީބަ ނުބުނޭ.." އިސްމާއީލް ނަސޭހަތްތެރިވިއެވެ. އާދަނު ހިނިގަނޑެއްޖަހައިލިއެވެ.

"ހިނގާ ތިންހަމަ ކުޅެލަން. ރޯދަކުރުވާނީ މި ކަހަލަ ގޮތަކަށްނު ." އިސްމާއީލް އާދަނަށް ދައުވަތު ދިނެވެ. ދެކުދިން ހުސްފަޔާ ހިނގަމުންގޮސް މުރާކިއާއި މަދުތައް ބިނެވެ. ކުޅެން ތިބިގޮތަށް ވަގުތު ދިޔަގޮތެއްވެސް ނޭގުނެވެ. އިރުއޮއްސެން އުޅެނިކޮށް ވިއްސާރަ ވިލާތައް ބޯވެ ފަޒާ އަނދިރިކޮށްލިއެވެ. ގުގުރީގެ ބާރު އަޑާއެކު ދޭތެރެއަކުން ވިދުވަރުގެ ތޫނު އަލިން ގޭތެރެ ދިއްލާލައެވެ. ދަލޭކަ ދެކުދިންނަށް ކާން ހަދާފައި އަތް ދޮންނަން ފެން ޖަގެއް ބަހައްޓާދިނެވެ. އޮޅުއަލައާއި ހޫނު ގަރުދިޔައާއި ކުޅި މިރުހާއި ލުނބޯއަކީ އިސްމާއީލްގެ އެންމެ މީރު ކެއުމެވެ. ތަކުރު އޮޅި ގިރާކުރަނިކޮށް ކައްސާލައިގެން ގުޅައަކަށް ޖެހިފައި އޮތް ގޮތްފެނި އާދަނު އިނީ ހިނިގަނޑު ބަނޑަށް ހިންދާލައިގެންނެވެ. އިސްމާއީލް ފުންމައިގެން ތެދުވެ އޭނައަށް އެހީތެރިވިއެވެ. އެވަރުންވެސް ދުލުން ބޭރުކުރީ ކޮންމެވެސް ކަހަލަ ހުތުރު ލަފުޒެކެވެ. ދަލޭކަ އޭނައަށްވެސް ކާންހެދިއެވެ. މަންމައަށް ބަލަދުއަރާފައިވާ މީހެއް ފަދައިން ގޭގައި ޖެހޭހާ މުހުތާދެއް ފިލުވައިދިނަސް އިސްމާއީލްގެ ހިތުގައި އޮންނަ ބިރުވެރިކަން ބަދަލެއްނުވެއެވެ. ތަކުރުއަކީ އިސްމާއީލްގެ ބިރުވެރި ހުވަފެނެވެ.

***

"އަހަރެން އެބައޮތް އިސްމާއީލް ގާތު ސިއްރެއް ފާޅުކުރަން ވެފައި..." އާދަނާއި ދެކުދިން ހަނިގޯޅިގަނޑުތެރޭ ބައިސްކަލުގެ ފުރޮޅެއް ދުއްވަން އުޅެ އުޅެފައި ޖައްސައިލީ ތިރި ފާރުބުރިއެއްގެ މަތީގައެވެ. އާދަނުގެ ވާހަކަ ގަބޫލު ކުރަން ދަތިވެފައި އޭނާ ބަލަަހައްޓައިގެން އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ.

"ތީ ހަމަ ތެދެއްތަ؟ "އިސްމާއީލް ދަތްތައް ކާރުވައިގަތެވެ.

"އަހަރެންގެ ލޮލުން ދެކުނީ"

"ހުވާކުރޭ" އިސްމާއީލް އެންގިއެވެ.

"އަހަރެން ހެކި ދައްކަފާނަން. ހިނގާ.." އާދަނު ހުށަހެޅިގޮތް އިސްމާއީލްއަށް ކަމުދިޔައެވެ.

***

އިސްމާއީލްއަކީ ދަލޭކަ ދެތިން ކައިވެންޏެއްކޮށްގެންވެސް ދަރިއަކު ނުލިބިގެން އެތައް ނަދުރެއްބުނެ ޒިޔާރަތަށް ގޮސް ފަންޑިތައާއި ބޭސްވެރިކަން ކޮށްގެން ލިބުނު ހަމައެކަނި ފިިރިހެން ދަރިއެވެ. އޭނާ އެކުއްޖާ ގެންގުޅެނީ ލޮލުގެ ކޮއިފަދައިންނެވެ. ދަލޭކަވެސް އައްޑުއަތޮޅު ވިލިގިލީގައި ކަރަންޓީނު ކުރެވިފައިވަނީ ފައިލޭރިއާ ޖެހިފައިވާ އެހެން ބަލިމީހުންނާ އެކުގައެވެ. އެއްފައި ދުޅަވެ އެފަޔާއިގެން ހިނގުން ބައެއްފަހަރު ދަތިކަމަކަށްވެއެވެ. ދޭތެރެއަކުން ރިއްސާތީ އުޅެއެވެ. ކުޑަކުދިންގެ ތެރެއިން އެމީހުންނާއި އެކު ގެނެވުނީ ހަމަ އެކަނި އާދަނާއި އިސްމާއީލްއެވެ. އިސްމާއީލް އޭނަގެ މަންމައާއެކު ދިރިއުޅޭ ޖިފުޓިގަނޑު ސާދާވެފައި ކުޑައެވެ. ދޮރެއް ނުހުރެއެވެ. އެކަމަކު ފަރުދާއަކަށް ފޮތިގަނޑެއް ދަމާލާފައި އޮވެއެވެ. އޮޅި ގިރާކޮށް ވަދެވޭ ބައިގާ އެންމެ އުނދޯއްޔެއް ފިޔަވާ އިތުރު ސާމާނެއް ނެތެވެ. ނިދާ ބައިގައި ކަށި ވެލި އަޅާ އަށިމަތީގައި ކުނާ އަޅާ ނިދޭގޮތް ހަދާފައި ހުރެއެވެ. ފާޚާނާ ކުރަން ދާން ޖެހެނީ ވަޅު ހުންނަ ދިމާލުން ވަލުތެރެއަށް ވަދެ ވަޅުޖަހައިގެންނެވެ. ކުޑައިރުއްސުރެން ޖިންނި އިފްރީތުންގެ ބިރު ހިތަށް ވައްދާދީފައިކަމުން އިރުއޮއްސުމަށްފަހު އިސްމާއީލް މަންމަގެ ފަސްބައިން ދޫކޮށެއްނުލާނެއެވެ. ނިދާނީވެސް މަންމަގެ އަތުގައި ހިފާލައިގެން އޮވެއެވެ.

ދަލޭކަ އުޅުނީ ބަތް ކައްކާފައި ހެދިމަސް ހެދުމުގައި އަވަދިނެތިއެވެ. ތަކުރަށް ބަތާއި ހެދި މަހާއި ދިޔާހަކުރުވަރެއް ނުހުރެއެވެ.

"ހާދަ މީރުވަސް އެބަ ދުވައޭ..." ތަކުރުގެ މޫނު ފެނިފައި މިއަދު އިސްމާއީލް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ރުޅި މޫނު ހަދައިލެވުނެވެ. ސަލާމަތުން ހުރި ލޯ އުފުރައިލަން ބޭނުންވިއެވެ.

"ކާން މިހަދަނީ..." މަންމަ ބުނެލި އަޑުއިވުނެވެ.

އިސްމާއީލްގެ ހިތުގައިވާ އުދާސްތައް ފިލުވައިލެވޭނީ މި ބޭގަނޑަށް ހިތުންނުފިލާވަރުގެ ލަނޑެއް ދެވިގެންނެވެ. އޭނާ އެންމެ ކުޅި ގިތެޔޮ މިރުހެއް ބިނދެގެން އައިގޮތަށް ފެންޖޯޑުގެ ތެރެއަށް ފިތާލީ ނިކަން ސިއްރުންނެވެ. ބަތްއަޅާ ކަހަނބުގެ ފުރެންދެން ހުރި ބަތް ކާލާފައި ތަކުރު ބޮޑު ވައިގަނޑެއް ލިއެވެ. ބަނޑުބޮޑުކަމުން މުންޑުވެސް އޮންނަނީ މެޔާ ހަމަައިގައެވެ. ވަރަށް ގަޔާވެފައި އިނދެ ކާލާފައި ކެއުމަށް ތައުރީފުކުރިއެވެ. ފެންތަށިން ކޯވަރެއް ބޯލުމާއެކު ތަކުރު ޗޫސްދަމަމުން ރޮއިގަތެވެ. ލޮލުންނާއި ނޭފަތުން ފެން ފައިބަނީއެވެ. ދެކޮޅަށް ދުވަނީ އަލިފާނޯއި ގޮވަމުންނެވެ.

"ދޯބުރާލި ކޮޅެއް އަވަހަށް ގެނޭ..." ތަކުރުގެ އަޑު ހޮނުގުގުރިއެއްހާ ބާރެވެ. ދޯބުރާލިއަކީ ކޯނޗެއްކަމެއް ނޭގި އޭނާ ގެނެސް ދިއްކޮށްލީ ލޮނުފުޅިއެވެ. އެއިން އަނގަ ފުރާ ލުމަށްފަހު އޯކަށް ދަމަމުން ލޯ ވައްކޮށްލާފައި ބަލާލިއެވެ. ކަލޭގެ ދުވަސް ދުއްވާލާނަމޭ އެ ނަޒަރު ބުނާފަދައެވެ. އިސްމާއީލް ގަސްތުގައި ދިން އަނިޔާއެއްކަން އޭނަ ދެނެގަތީކަން ނޭގެއެވެ.

***

ޖިފުޓިގަނޑުގެ ދޮރުމަތީގައި ޖަހާފައި ހުރި އަލިފާންގަނޑުގެ އަލިން ދިގު ހިޔަނިތައް ފެންނާން ހުއްޓެވެ. ރަތާއި އަލިފާނުގެ ހުޅުތަކުން ފެތުރިފައިވާ އަލިތައް އެހިސާބުގައިވާ ގަސްތަކުގެ ގޮފިތަކުގެ ދޭތެރޭ އެކި ގޮތްގޮތަށް އެކި ސިފައަށް ނަށާލާއިރު އަލިކަން ފަނޑެވެ. ގަސްތައް ގިނަކަމުން އެހިސާބު ފެންނަނީ ނާމާންކޮށެވެ. ދަލޭކަ މަސްފިހަންވެގެން ނާށިތައް އަންދަނީއެވެ. ރޭގަނޑު މަންމަ މިފަދަ މަސައްކަތެއް ފެށީތީ އިސްމާއީލްގެ ހިތުގައި ޝަކުވާއެވެ. ދަލޭކަ ދަރިފުޅަށް ބަލާލުމާއެކު ހިތަށް އެހެރަ ލިބުނު އުފަލެއް ބަޔާން ކުރާކަށް ނޭގުނެވެ. އިސްމާއީލް ހުރީ ފެންވަރާލައިގެން ބޮލުގަޔާއި ގައިގާ ނިކަން ރަގަޅަށް ކާށިތެޔޮ ލައިގެން އޮފު އަރުވާލައިގެންނެވެ. އަލިފާނުގެ އަލި ހަންގަނޑަށް އެޅި ވިދައެވެ. ލޮލުގައި ގަލަދުން އަޅާފައި ހުރުމުން ކަޅުކުލައިގެ ކަޅި ވަކިން ރީއްޗެވެ. އިސްތަށިގަނޑު އެއްފަރާތަށް އޮމާންކޮށްލާފައި ހުރިއިރު ނަލަކަމުން ދަރިފުޅަށްޓަކާ ހިތް ފިދާވިއެވެ. އޭނައަށް މާތް ﷲ މިންވަރުކުރެއްވީ ޖަވާހިރެއްފަދަ ސޯލިހު ދަރިއެކެވެ.

"މަންމާ. ހަންޑިއެއް...." ކުއްލިއަކަށް އިސްމާއީލް ފުންމައިގެން އައިގޮތަށް އޭނަގެ މަންމަގެ ގައިގާ ހިފައިގަތެވެ. ބިރުގެންފައި ހުރި ވަރުން ފައިވެސް ބިމަކު ހަރުނުލައެވެ.

"ކޮބާ ކޮބާތަ؟ " ދަލޭކަ ވަށައިގެން ހޯދައިލިއެވެ. އިސްމާއީލް އިޝާރާތްކުރި ދިމާލަށް ބަލާފައި ދަލޭކަ ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިފިއެވެ.

"އެއީ މީހުންނަށް މިފެންނަ ފުރޭތައާއި ހަންޑި. ދަރިފުޅާ. އެއީ މަންމަ ހިއްކަން އަޅާފައިއޮތް ހުދު ފޮތިގަނޑެއް.." ދަލޭކަ ދެފަަޔަށް ބާރު ލާފައި ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައެވެ. ގޮފިގަނޑުގައި އަޅުވާފައި އޮތް ފޮތިގަނޑު ދަމައިގަތެވެ. "މިއޮތީ މި ހަންޑި ހިފާފައި....."

"އެކަމަކު މަންމާ. މިއި ހުކުރު ވިލޭރޭ. ފުރޭތަވެސް އަރާނެެއްނު. ." އިސްމާއީލް ބުނެލިއެވެ.

"މަންމަގެ މިވަޅިދެކެ އެސޮރުވެސް ބިރުގަންނާނެ. ކުރުސި ކިޔަވައިގެން ގަޔަށް ފުމެގެން ހުރީމަ އެއްވެސް އެއްޗަކަށް މަންމަގެ ކޮއިފުޅާއި ވައިއެޅޭކަށް ނުކެރޭނެ. ރަަމަޟާން މަހު ޖިންނި ޝައިތާނުން ވާނީ ކަސްތޮޅު އަޅުއްވާފައި..........." އެބުނާ ފުރޭތަދެކެ ދަލޭކަ ޖެހިލުމެއްނުވެއެވެ. އޭނަ ހިތާމަކުރަނީ ދަރިފުޅުގެ ފިޑިކަމާ ހެދިއެވެ.

މަސްފިހެ ނިމުމުން ދެމައިން ހުނިބަތާ ގަރުދިޔައާއި ފިހުނު މަސްކެއެވެ. އެއަށްފަހު ދަލޭކަ ބުނެގެން އިސްމާއީލް އަށިމަތީގައި ކުނާ ފަތުރާލައިގެން ހުރެ ޚުޝޫއަތްތެރިކަމާއެކު ނަމާދުކުރިއެވެ. ދަލޭކަ ދަރިފުޅުގެ ހިތްވަރު ގަދަކުރުވަން އަސްހާބުބޭކަލުންގެ ވާހަކަތައް ކިޔައިދިނެވެ. އޭނާއަށް އެނގިހުރި މިންވަރަކުން ދީނީ ކަންތައް އޮޅުން ފިލުވާދިނެވެ. "މަންމާ އަޅުގަނޑު ސުވާލެއް އެބައޮތް. ބައްޕަ ނިޔާވީ ކިހިނެއްތަ؟ "

"ދަރިފުޅާ ތިކަހަލަ ވާހަކަ ނޭހިއްޔާ ރަގަޅީ. ބައްޕަ ގާތު މަންމަ ބުނަން ރޭގަނޑު އެކަނި މަހަށް ނުދާށޭ. ހާދިސާއެއް ހިނގާފާނެއޭ. އެކަަމަކު ބައްޕަ މަހަށްނުގޮސް ލޮލުފިޔަ ޖަހާލެވޭކަމަކަށް ނުވޭ. ބައްޕަ ނިޔާވިކަމީ މަންމަގެ ބަދުނަސީބު. ބައްޕަ ގެއްލުނީމަ ގިނަމީހުން ބުނާގޮތުން ފުރޭތަ އަރާ ކާލީ...." ދަލޭކަގެ ލޮލަށް ކަރުނަ އައެވެ. "ދަރިފުޅުވެސް މިހާރު ކުޑަކުއްޖެއްނޫން. ފަނަރަ އަހަރު ފުރެނީ. އުނދޯލީގައި އޮވެ ދެން ނިދާ. މަންމަގާތު އޮންނާތީ މީހުން ފާޑު ފާޑު އެއްޗެހި ކިޔަން ފަށައިފި....."

"ނޫން މަންމާ. އެކަނި ނޯވެވޭނެ.." އިސްމާއީލް ބިރުގަނެއްޖެއެވެ.

"ދަރިފުޅާ އެންމެން އެކިޔަނީ މަންމަ ގެންގުޅޭގޮތުން ދަރިފުޅު ރަނޑުވަނީއޭ. މަންމަ ބޭނުމީ ދަރިފުޅު ކެރޭ ހިތްވަރުގަދަ ފިރިހެނަކަށްވާން. މީހުންގެ މަލާމާތް މަންމަގެ ދަރިއަށް ލިބިގެންނުވާނެ........" ދަލޭކަ މިރޭ ހުރީ ދަރިފުޅުގެ ތަމްރީނުތައް ހައްދަން އަޒުމް ކަނޑައަޅައިގެންނެވެ.

"ގުރުއާން ކިޔަވާ ހެޔޮ އެއްޗެހި ކިޔަވައިގެން ނިދީމަ ގޭތެރެއަކަށް ފުރޭތައެއް ނުވަންނާނެ..." ދަލޭކަ އިތުރަށް ބުނެދިނެވެ.

"މަންމާ. ވަރަށް މުހިއްމު ވާހަކައެއް ބުނަން އެބައޮތް...."

"މާދަަން އެވާހަކަ ދައްކާނީ. ދޭ....." ދަލޭކަ އޮތީ ވަރުބަލިވެ ލޮލުފިޔަ ޖަހައިލަން ބޭނުންވެފައެވެ. އިސްމާއީލްއަށް މަންމައާއި ދެކޮޅުވެ އަރައިރުންވާކަށް ނުކެރުނެވެ. ބިރުން ފިތްކަނޑައިގެންދާ ހާލުގައިވެސް އޭނަ ބާލީސް ހިފައިގެން ނުކުމެގެން ގޮސް އުނދޯއްޔަށް އެރިއެވެ. ގަޑިއެއްހާއިރު ފަހުން ކެރިގަނޑާއެކު ގޭގެ ބިތްތަކާއި ފަނުން ވިޔެފައިވާ ފުރާޅުވެސް އެއްލައިނުލީ ކިރިޔާއެވެ. ވިދުވަރުގެ އަލިން ބިންމަތީގައި ވާ ކުދި ކުދި ބޮލިތަކަށްވާންދެން ފައުޅުވިއެވެ. އިސްމާއީލްގެ މޭ ނެގިނެގިފައި ޖެހެނީއެވެ. ދެލޯ ކަރުނުން ފުރިއްޖެއެވެ.

"މަންމާ....މަންމާ.." އިސްމާއީލްއަށް ކިޔެމުން ދިޔައެވެ.

ކުއްލިއަކަށް ކަޅުކުލައިގެ ހިޔަނިގަނޑެއް ހެން ހުރި އެއްޗެއް އޮޅިގިރާކޮށް އެތެރެއަށް ވަންތަން ފެނުނެވެ. މޫނާއެކު ކަޅު ޗާދަރެއް އޮޅާފައިވާހެންނެވެ. އިސްމާއީލްއަށް ލިބުނު ސިހުމާއެކު މުޅިހަށިގަނޑު ރޫރޫއަޅަންފެށިއިރު ހަޅޭއްލަވަން އުޅުމުން އަޑުވެސް ބޭރެއްނުވިއެވެ. ހުކުރުވިލޭރޭ ރަށަށް އަރާ ފުރޭތަކަން ޔަގީންވެ އެކުއްޖާގެ ހަރަކާތްތައް މުޅިން ހުއްޓުނެވެ. ނަމަވެސް އެންމެފަހުން ހިތްވަރުލިބި ދުލަަށް އައިހާ އެއްޗެއް ކިޔާ ޝަހާދަތްވެސް ކިޔަންފެށިއެވެ.

***

ދަލޭކައަކީ ނިދިގަދަ މީހަކަށް ވުމާއެކު ރޭގަނޑުގެ ފިނިކަމާއި އަރާމުކަމަށް ގެނބިފައި އޮތްވާ ހޭލެވުނީ އިރުއަރާ ބޮޑުވީފަހުންނެވެ. ތެދުވެ ދަތްއުގުޅަން ދޮންވެލިކޮޅެއް ހިފައިގެން ވަޅުކައިރިއަށް ޖެހިލިއެވެ. ވާރޭވެހުނުލެއް ގިނަކަމުން ވަޅުފެންގަނޑުވެސް ބޮޑުވެ އަތުން ފެންނެގޭ ވަރުވިއެވެ. މޫނު ދޮވެލައިގެން ފުށްކޮޅެއް ޖަހައިލާ ހަދައިގެން އޭނަ ބޭރަށް ނުކުތެވެ.

"އިސްމާއީލް. އިސްމާއީލް......" ދަރިފުޅުމަތިން ހަދާންވެފައި ދަލޭކަ ގޮވަންފެށިއެވެ.

"ޔަގީން އާދަނާއެކު ބޭއް ހިފަން ދިޔައީ. މިއޮތް ވިއްސާރައިގާވެސް މަންމަ ގާތު ނުބުނެ..." ދަލޭކަ އިލޮށިފަތި ހިފައިގެން ނުކުމެލީ ކުނިކަހަން ގަސްތުކޮށްފައެވެ. ދަލޭކަ އެހެން އުޅެނިކޮށް ދެތިން މީހަކު އަރާހަމަވެފައި އިސްމާއީލް ކޮބާހެއްޔޯ އަހައިލިއެވެ. ދަލޭކަ އިލޮށިފަތި އެއްލާލާފައި މިސްރާބުޖެހީ އާދަނުގެ ގެއަށެވެ. އާދަނު އޮތީ ނޭވާ ނުހިގައިގެން ބާލީސްތަކުގެ އެހީގައި އިށީދެލައިގެންނެވެ. ކައިރީގައި ހުރި ޖިފުޓިތަކަށް ވަނުމަށްފަހު އެންމެންވެސް ކުރަން ހުރި މަސައްކަތް ހުއްޓާލާފައި އިސްމާއީލް ހޯދަންވެގެން ވަލުތެރެއަށް ވަދެއްޖެއެވެ. ބައެއް މީހުން ވަޅުތަކަށް ދަނޑި ބާނާ މޫދުގައިވެސް އަތް ފުނާ އަޅަނީއެވެ. ދަލޭކަގެ ގައިގާ ވަރުދޫވެގެން ގަސްބުޑެއްގެ މައްޗަށް ތިރިވެއްޖެއެވެ. ރޯދައަށް ހުރުމުންނާއި ހިތުގެ ހާލު ބޮޑުކަމުންނެވެ. ތަކުރު އާދޭސްކޮށްގެން ދަލޭކަ އެންމެފަހުން ކައްކާފައި ހުރި ކެޔޮކޮޅަކާއި ފިހުނު މަސްކޮޅެއް ކެއެވެ. ގައިގާ ކުޑަކޮށް ވަރުޖެހުމުން ބަރު ފައި ދަމަމުން އިސްމާއީލްގެ ނަމުން ގޮވަމުން އޭނަ ވަލުތެރޭގައި ހިނގިއެވެ. އެއްވެސް ތާކުން އެކުއްޖާގެ ހިލަމެއް ނުވިއެވެ.

"ހުކުރު ވިލޭރޭ. ރޭ ފުރޭތަ އަރާނެއްނު. އިސްމާއީލް ގެއިން ބޭރަށް ދިޔަތަ؟ ރޭ އަހަންނަށްވެސް ފެނުނޭ ކަޅުކޮށް ހުރި އެއްޗެއް ގަސްތަކުގެ ތެރޭ ހުއްޓާ. އޭތި ހުރީ ހަނދަށް ބަލަން....." އަވަށްޓެރި ދޮންދިޔެ ބުނެލިއެވެ.

"ހޫމް މިރަށަށް ހުކުރު ހޯމަވިލޭރޭ ފުރޭތަ އަރާ. އަނދަ އަނދާ ފަރުމަތީގައި ހުރެފަ އޭތި ރަށުތެރެއަށް އަރަނީ" އަނެކަކު ކިޔައިލިއެވެ.

ދަލޭކަގެ ހިތް ފުންމައިލިހެން ހީވިއެވެ. ރޭގަ އެދަރިފުޅު މުހިއްމު ވާހަކައެއް ބުނަން އުޅުނެވެ. އެވާހަކަވެސް ނޭގި އެކުއްޖާފުޅު ވަކިވެގެން ދިޔައީއެވެ. އޭނަގެ ދަރިފުޅު އެތެރެގެއިން ބޭރަށް ލީ އޭނައެވެ. އެންމެން ރަނޑުކުއްޖެކޭ ކިޔާތީއެވެ. އެހެންމީހުންގެ ދޫތަކުން ދަރިފުޅު ސަލާމަތްކުރުމަށެވެ. ޚާއްސަކޮށް ތަކުރު އަބަދު އެމައްސަލަ ޖައްސާނެއެވެ. އަމިއްލަ ދަރިއަށްވިޔަސް ބޮޑުވެފައި ހުރި ފިރިހެންކުއްޖަކު މަންމައާއެކު އެއް ތަންމައްޗެއްގައި ނިދުމަކީ ހުތުރުކަމެއްކަމުގައި ބުނެ އެކަން ހުއްޓުވަން ބާރުއެޅިއެވެ. ނަމަވެސް އޭނަގެ ދަރިފުޅުގެ މައުސޫމްކަމާ އެދޭތެރޭގައި އޮންނަ މާތް ތޯހިރު ގުޅުން އެނގޭނީ އޭނައަށެވެ. އެންމެން އެބުނާ ފަދައިން އޭނަގެ ދަރިފުޅު ފުރޭތަ ނަގައިގެން ދިޔައީ ހެއްޔެވެ؟

"އަހަރެންގެ ފިރިމީހާ ކުރިން އަރުވާފައި ހުރީ ހުވަދު އަތޮޅުގެ ފުރޭތަ އަރާ ރަށަކަށޯ. އޭނަބުނި ގޮތުން އޭނަހުރި ގެއެއްގެ ދެބަފައިން ތިބި ގެއަކަށް ފުރޭތައެއް ގޮސް ވަނީ. ބައްޕަ އެއެއްޗާއި ހިފައިގަނެ ދަރިފުޅަށް ފިލަން އެންގީމަ ގޮސް އުވަވަޅަކަށް އެރި ބޯމަތީ ފަންގިތަކާއި އެއްޗެހި އަޅައިގެން އޮތްވާ އެއްކަލަ އެތި އައިސް ވަކި އަޅަންފެށީޔޯ. އިންސި ވަސް ޖެހިގެން ކަން ނޭގެއެއްނު. އެތައް އިރަކު ވަކި އަޅާފައި އެންމެ ފަހުން އޭތި އަނެއްކާ ދިޔައީ ބައްޕަ ކައިރިއަށްކަން ނޭގޭ. ހިލަމެއް ނުވީމަ އެކުއްޖާގެ ބުއްދިވެރިކަމުން އެތަނުގައި އޮތުން ރައްކާތެރިނޫންކަމަށް ވިސްނާފައި ދެފަޔަށް ބާރުލާފައި ދުއްވައިގަތީ. ދިޔަގޮތަށްގޮސް ރަށުގެ އެންމެ ކޮޅުގައި ހުރި ދިގުރުކަށް އަރާ އެ ސޮރު ނޭވާއެއްވެސް ލީ. ހީވާގޮތުން ބައްޕަ ކާލާ ނިންމާފައި އެކުއްޖާފުޅުގެ ދުވަސް ދުއްވާލަން އެއައީ. ނަސީބަކުން އެވަގުތު ފަޖުރުލީ އަދި ފުރޭތަ ގެއްލުނީ. ހުކުރުވިލޭޭރޭ މިރަށަށް ފުރޭތަ އަރާކަން އެނގިހުރެ ބޭރަށް ނުކުތުމަކީ އެންމެ ރަގަޅުކަމެއް ނޫން." އަވަށްޓެރިއެއްގެ ވާހަކަތައް އަހާފައި ދަލޭކަގެ ހެޔަށް ގޮތެއްވިއެވެ. ނަމަވެސް އޭނާ ކެތްކުރިއެވެ. އޭނާ އުއްމީދުދޫކޮށެއް ނުލާނެއެވެ.

ދަލޭކަ ފަސްދޮޅަސް ރޯދަ ހިފަން ނަދުރު ބުނިއެވެ. ވަލީވެރިންގެ ޒިޔާރަތްތަކަށް ވެދުން ކުރަން ހިތުއެޅިއެވެ. އެޒަމާނުގައި އެފަދަ ބިދުއަތަކާއި ޝިކުރުތައް ކާބަފައިންގެ ތެރެއިން ފިލާނުގޮސްވިއެވެ.

އިސްމާއީލްގެ ލެޔާ ތަތްތެޅިފައި އޮތް އިނގިލި ފެނުނީ އާދަނުއަށެވެ. އާދަނު އަތިރިމަތީގައި ހުރެ ރޮއިގަތް އަޑަށް އެންމެން އެއްވިއިރު އޭނަގެ އަތުގައި އޮތީ އިސްމާއީލްގެ ފައިތިލައިގެ ބޮޑުވާ އިނގިއްޔެވެ. އެހާ ފަސޭހައިން ދެނެގަނެވުނީ އެކުއްޖާ އެހެންކުދިންނާ ތަފާތު ދޮންކަމެއް ހުރެފައި ނިޔަފަތިގަނޑު ހުރި ގޮތުންނެވެ.

"މާތްކަލާކޯ. ފުރޭތަ އެކުއްޖާ ކާލީ. ހަމައެކަނި ބޮޑުވާ އިނގިލި ދޫކޮށްލާގައި އެދިޔައީ. ފުރޭތަ އިންސާނަކު ކާލައިފިއްޔާ އާއްމުކޮށް އެގޮތަށް ގުނަވަނެއް އެއްލާލާފައި ރައްކާވާނީ....." ތަކުރުވެސް ރޮއިގެންފާ ހުރިތަނަށް ތަންޑާވިއެވެ. ދަލޭކާ ފަކީރު އިނީ ރޯންވެސް ނޭގިފައި ކަނޑިކިމަތީގައި އިނގިލި ބޭއްވިގޮތަށް އެއަށް ބަލަހައްޓައިގެންނެވެ. ދެލޮލުގައި އެންމެ ކަރުނަ ތިއްކެއްވެސް ނެތެވެ. އެހެންމީހުންނަށް އިނގިލި ދިއްކުރުމުގެ ބޭނުމެއްނެތެވެ. ކުށްވެރިއަކީ އޭނައެވެ. ދަރިފުޅު އިފުރީތުގެ މުށުތެރެއަށް ލީ މި މައިމީހާގެ ދެއަތުންނެވެ. އޭނަގެ ހިމާޔަތުން ލޮލުގެ ނޫރުފަދަ ދަރިފުޅު ދޫކޮށްލެވުނީއެވެ. އުމުރުން ފަނަރަ އަހަރު ފުރުނަސް އެއީ މައުސޫމް ޅަކޮށް އުޅޭ ކުއްޖެކެވެ. ފުރޭތަ އަރާ ރެއެއްގައި ދަރިފުޅު އަށިމަތީ ނިންދަވަން ބާއްވާފައި އޭނައަށް އުނދޯލީގައި އޮވެވުނުނަމައެވެ.

އެންމެންވެސް ނިންމީ ފުރޭތަ އަރާ އިސްމާއީލް ކައިލީ ކަމުގައެވެ. އެމަންޒަރުތައް ދެކެން ހުރި އާދަނުގެ އެތެރެހަށީގައި ރޯވެގަތް ރުޅީގެ އަލިފާންގަނޑުގެ ހުރިހާ އުދާހެއް ބޭރުކޮށްލަން އޭނާ ބޭނުންވިއެވެ.

"ނޫން. އިސްމާއީލް މަރައިލީ މިއޮތް ތަކުރު. މަކަރުވެރި ކަރުނަ އޮއްސިޔަކަސް އަހަރެމެން ގަބޫލެއް ނުކުރާނަން. ލޯކަނު ބޭ އިސްމާއީލްގެ ބައްޕަ މަރާލާފައި ވަޅުލިތަންވެސް އަހަރެންގެ ލޮލުން ދެކުނީ. އެވާހަކަ ބުނެފިއްޔާ އިސްމާއީލްގެ އާއިލާއާއި އަހަރެންގެ އާއިލާ ސިހުރު ހަދާ މަރާލާނަމޭ ބުނެ އިންޒާރުދިނީމަ އެވާހަކަ ފޮރުވަން މަޖުބޫރުވީ. ނަމަވެސް އެފަދަ ފާފަތައް ފޮރުވަން ހަދައިގެން ކުށެއްނެތް އެތައް ބަޔެއްގެ ފުރާނަ ފަނާވެދާނެކަން މިއަދު އެނގިއްޖެ. އިސްމާއީލް މަރާލާނީ ފުރޭތައެއްނޫން. ފުރޭތައިން އެހެން ނަސްލެއްގެ މީހަކަށްވެސް މިހާ އަނިޔާވެރިއެއް ނުވާނެ. އަހަރެން އިސްމާއީލްއަށް އޭނަގެ ބައްޕަ ވަޅުލާފައި އޮތް ތަން ދެއްކިން....." އާދަނު ރުއިން ހުއްޓާލާފައި ތަކުރާއި ދިމާލަށް ހަޅޭއްލަވައިގަތެވެ.

"ދޮގު. މުޅިން ދޮގު. އަހަރެމެންނަށް ޝައްކުވަނީ ކަލެއާއި ދޭތެރޭ. ކަލޭ އެކުއްޖާ މަރައިލީ" ތަކުރު ލޯ އަޅައިލިއެވެ.

"ހެޔޮނުވާނެ ތަކުރާ. ދުލަށް ފާފަ ނުކުރޭ. ރޭ އެކުއްޖާފުޅު ނޭވާ ހިއްލާތީ ގޭ އެންމެން ހޭލާ ތިބީ. އިސްމާއީލް ގެއްލިގެން އުޅޭކަން އެނގުނީމަ ބަލިހާލުގައި އޮވެފައިވެސް ތަންމަތިން ތެދުވެގެން މިއައީ. އެކަމަކު ކަލޭގެ ހުރި ނުބައިކަމާ ޖާހިލުކަން ބޮޑުކަމާ. އަދި މަގޭ ދަރީގެ ބޮލުގައި އަޅުވައިފިއެއްނު...."އާދަނު މަންމަ ރުޅިއައިސްފާ ވާހަކަދައްކަމުންގޮސް ހަޅޭއްލަވައިގަތެވެ.

"އާނ. މިހިރަ އާދަނާ އިސްމެހެލާއަށް ވަސްވާސްދީ އޭނަގެ ބައްޕަ މަރައިލީ މަށޭ ކިޔައިގެން ދޮގުހެދިއިރު އެހުރިހާ މަންޒަރެއް ބަލަން މަ ހުރީމޭ.." ތަކުރަށް ބުނެވުނެވެ.

"މިހާރު ޔަގީންވީ. އެއްބަސްވީ. އިސްމާއީލްއަށް ހަގީގަތް އެނގުނީމަ ކަލޭ އެކަން ފޮރުވަން އިސްމާއިލް މަރައިލީ. ފުރޭތައާ..." އާދަނު އަތަށް ކިރިޔާ އުފުލޭވަރުގެ ގަލެއް ތަކުރާއި ދިމާލަށް އެއްލައިލުމުން ރެކެން އެއްފަރާތްވިނަމަވެސް ކޮންމެވެސް ވަރަކަށް ބޮލުގައި ޖެހި ޒަޚަމްވެގެން ލޭގަނޑު އޮހިގަތެވެ. އެއްވެސް މީހެއްގެ ހަމްދަރުދީއެއް ނުލިބުނެވެ.

އާދަނު ވަލުތެރެއިން ދެއްކި ހިސާބު ކޮނެލައިގެން ބެލިއިރު ބުރަކަށްޓަށް ހަރާފައި ހުރި ބަޅު ވަޅިއާއެކު ބަންޑުންއޮތީ އިސްމާއީލްގެ ބައްޕަ މޫސައެވެ. ތަކުރު އިންކާރު ކުރަން މަސައްކަތްކުރިޔަސް އެކަން ގަބޫލުކުރާނެ ހޭޖެހޭ މީހަކު އެތާކު ނެތެވެ. އެންމެފަހުން ކުށަށް އެއްބަސްވިޔަސް އިސްމާއީލްގެ ގާތިލަކީ އޭނަކަމުގައި އެއްބަހެއް ނުވިއެވެ. އޭނަ ހުވާކޮށްފައި ބުނީ ފުރޭތަ އިސްމާއީލް ކާލީކަމުގައެވެ. ހަގީގަތުގައި އެރަށަށް އެރި ފުރޭތައަަކީ ތަކުރުއެވެ.

ނިމުނީ

މިއީ އައްޑުއަތޮޅުގެ ފަޅުރަށެއްގެ ގޮތުގައި އޮތް ވިލިގިލީގައި ފުރޭތަ އަރާ މަރައިލި ކުޑަ ފިރިހެންކުއްޖެއްގެ ހާދިސާއާއި ގުޅުވައިގެން ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.

ކޮމެންޓް 0