26

އެއީ މީގެ ފަސް އަހަރު ކުރިއެވެ. ޝަނާޔާއަކީ، އަހަރެންގެ އަލަތު ލޯތްބެވެ. އަލަތު އަނބިމީހާ ވެސް މެއެވެ. އުފާވެރި ދިރިއުޅުމަކަށް އަހަރެން ދަތުރު ފެށީ، ޝަނާޔާ ދައްކައިދެމުންދިޔަ ކުލަ ރީތި މަންޒިލްތަކުންނެވެ. ލޯބީގެ ބަގީޗާތަކުގައި މާތައް ފޮޅުވަމުންނެވެ. ދެމީހުން އެކުގައި ހޭދަކުރަމުން ދިޔައީ، އުފާވެރިކަމުން ފުރިގެންވީ ދުވަސްތަކެކެވެ.

އަހަރެމެން ދެމީހުންގެ ލޯބީގައި ފުރަތަމަ ކުނި ޖެހެން ފެށީ، އަހަރެމެންގެ އަލަތު ދަރިފުޅަށް ޝަނާޔާ ބަލިވެ އިން ފަހުންނެވެ. އަހަންނަށް ލިބޭ ކުޑަ މުސާރައިން ދެކޮޅު ޖައްސަން އުނދަގޫ ވިއެވެ. ފުރަތަމަ ދެމީހުން ވެސް އުޅުނީ ވަޒީފާގައެވެ. ލިބޭ އެއްޗަކުން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސާފައި ކޮންމެވެސް ވަރަކަށް ފައިސާ ރައްކާ ވެސް ކުރެވުނެވެ. އެކަމަކު ޝަނާޔާ ބަނޑުބޮޑުވުމާއިއެކު ގިނައިރު އިށީނދެ އިނުމަށް ޑޮކްޓަރު މަނާކުރުމުން ވަޒީފާއިން ވަކިވާން މަޖުބޫރު ވީއެވެ.

"މިހެން ކިހިނެތް އަބަދު އުޅޭނީ... އަދި ދަރިފުޅު ލިބުނީމަ ޚަރަދުތައް ހަމަޖައްސާނެ ގޮތެއްވެސް ނޭނގެ... ނިޝާންގެ އަތުގަ ދުވަހަކުވެސް އެއްޗެއް އޮންނަ ކަމަކަށް ނުވޭ..."

ޝަނާޔާގެ އަބަދުގެ ޝަކުވާއަކީ، އެއީ އެވެ. އަބަދު އިންނަނީ، މޫނު ކުނިކޮށްލައިގެންނެވެ. ގެއަށް އައިސް ވަންނަ އިރަށް ފައިސާގެ ޝަކުވާ ކުރުން ނޫން ކަމެއް ނުކުރެއެވެ. ބަލިވެ އިނުމުން، މޫޑު ސަކަރާތްވުމާއި ތަބީއަތަށް ބަދަލު އަންނާނެކަން އެނގޭތީ، އަހަރެން ހިތްވަރުކޮށްލައިގެން އެއްޗެއް ނުބުނެ ހުންނަނީއެވެ.

އަހަރެން ހުރީ، ޑިޒައިން ކުރުމުގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކޮށްގެންނެވެ. އަދާކުރަމުންދިޔަ ވަޒީފާގެ އިތުރުން، ގިނަ ވަގުތު އަހަރެން ހޭދަކުރަމުން ދިޔައީ އެ މަސައްކަތް ކުރިއެރުވޭނެ ގޮތަކާއިމެދު ވިސްނުމުގައެވެ. އަތުގައި އިތުރު ފައިސާނެތި، އެކަން ފެށޭނެ ގޮތެއް ވެސް އަހަންނަށް ޖެހުނީ ވިސްނާށެވެ. ޙާލަތުގެ ގޮތުން ލޯނެއް ނެގުން ވެސް ރައްކާތެރި ނުވާނެ ކަމުގައި ވިސްނުނެވެ.

"ކުޑަ ދުވަސްކޮޅަކު ކެތްކޮށްލަދީ... މި ހިތްދަތި ދުވަސްތަކުން އަރައިގަނެވޭތޯ އަހަރެން މިދަނީ މަސައްކަތް ކުރަމުން... އިންޝާﷲ ދަރިފުޅު ލިބެންވާ އިރަށް، އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ ބަލާނަން..." އަހަރެންގެ ޖަވާބަކީ އެއީ އެވެ.

ބަނޑަށް އަށްމަހުގައި ޝަނާޔާ އަހަރެން ދޫކޮށް ދިޔައެވެ. ކޯޓަށް ފޯމު ލައިގެން އަމިއްލައަށް ވަރިވެގެންނެވެ. ސަބަބަކަށްވީ، އަހަންނަކީ ތަނަވަސް މީހަކަށް ނުވުމެވެ. ސަނާޔާ ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިދެވޭ ވަރަށްވުރެ، އަހަންނަށް ލިބޭ މުސާރަ ކުޑަ ވުމެވެ. އަހަންނަށް އިތުބާރުކުރަން ޝަނާޔާ ބޭނުން ނުވީއެވެ. އަހަންނަށް ލިބުނު ހަމަ ހުރިހާ އެއްޗެއް ޚަރަދުކުރީ، ޝަނާޔާ އަށެވެ. އަދި އަހަރެމެންގެ ދިރިއުޅުން ކުރިއެރުވުމަށެވެ. ކުއްލިއަކަށް އަރާ ބޮންތީގައި ނުހިފޭނޭކަން ޝަނާޔާއަށް ނުވިސްނުނީތީ އަހަރެން ދެރަވިއެވެ.

އަހަރެން އާދޭސް ކުރީމެވެ. އެ އާދޭހަށް އޭނަ ދިނީ ބީރު ކަންފަތެކެވެ. އިންސާނުންނަން ކެތް ކުރެވޭނީ ވަކި ވަރަކަށެވެ. އަހަރެންގެ ހިތް މާޔޫސް ވިއެވެ. ދިރިއުޅުމާއިމެދު އުއްމީދު ގެއްލުނެވެ. އަހަރެން ދެރަވީ ހަމައެކަނި އެހެންވެއެއް ނޫނެވެ. އަހަރެންގެ ދަރިފުޅު ފެނިލުމުގެ ނަޞީބުވެސް އަހަންނަށް ނުލިބުމުންނެވެ. ކޯޓަށް މައްސަލަ ލައިގެން ބޮޑު ކަންތައް ގަނޑަކަށް އެކަންތައް ހަދާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

ދަރިފުޅު ވިހޭކަން އެނގުމުން، ބައްދަލު ކުރަން އެތައް މަސައްކަތެއް ކުރީމެވެ. އެހެނަސް، ސަނާޔާ އަހަންނަށް އެ ފުރުސަތު ވެސް ނުދިނެވެ. ދަރިފުޅުގެ ބައްޕައަށް ވީތީ، އެ ލޯބި ދިނުމުން ވެސް މަހުރޫމް ކުރިއެވެ. ހިތް ފަޅައިގެން ދިޔަ ނަމަވެސް، ކެތްތެރި ވީމެވެ. ދުރުދުރުން ދަރިފުޅުގެ ޙާލު ބަލަމުން ދިޔައީމެވެ. ދަރިފުޅެކޭ އެއްވަރަށް ޝަނާޔާގެ ޙާލުވެސް މެއެވެ. ދުރުގައި ތިއްބަސް، އެ ދެމީހުންނަށް ވެސް ޚަރަދު ކުރަމެވެ. ދަތިވާ ކަމެއް އޮވެއްޖެނަމަ، ޝަނާޔާގެ އެކުވެރިއަކު މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީ ހެދީމެވެ.

ދަރިފުޅަށް ހަމަސް ފުރުނު ފަހުން، ޝަނާޔާ އެހެން މީހަކާ ކައިވެނި ކުރި ޚަބަރު ލިބުނެވެ. ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިއެއްގެ ދަރިއަކާއި އެވެ. އެއީ އަހަރެންގެ ޙަޔާތުގައި އައި އެންމެ ހިތްދަތި އެއް ދުވަހެވެ. އަހަރެންގެ މުޅި ދުނިޔެ ފަނާވިހެން ހީވިއެވެ.

އަހަރެން ހީކުރީ، ޝަނާޔާ އެނބުރި އަހަރެންގެ ޙަޔާތައް އަންނާނެ ކަމަށެވެ. އެކަމަކު އަހަންނަށް ޖެހުނީ، އެ ހިތި ހަޤީގަތް ޤަބޫލު ކުރާށެވެ. އެ ނަން އަހަރެންގެ ހިތުން އަބަދުގެ އަބަދަށް ފޮހެލާށެވެ. އެތެރެއިން ފުނޑުފުނޑު ވަމުންދިޔަ ނަމަވެސް މެއެވެ. ޝަނާޔާ އަށާއި ދަރިފުޅަށްޓަކައި އުފާ ކުރީމެވެ. ހިތުގައި ޙަޞަދައެއް ނުލަމެވެ. ދުޢާ ކުރެވުނީ، ދެމައިން ވެސް އުފަލުގައި ލެއްވުމަށް އެދިއެވެ. އަމިއްލަ ހިތް ޒަޚަމުވެފައިވާ ޙާލު، އަހަރެން އެންމެ ލޯބިވީ ދެމީހުންގެ އުފަލަށްޓަކައި ކެތްތެރި ވެވޭނެ އެންމެ މަތީ ދަރަޖަ އަކަށް ކެތް ކުރީމެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ، ހީވެސް ނުކުރާހައި އަވަހަށެވެ. އަހަރެންގެ ހުރިހާ ވަގުތެއް ހުސްކުރަމުން ދިޔައީ، ދިރިއުޅުން ކުރިއެރުވުމަށެވެ.

ފަސް އަހަރު ފަސް

ފަސް އަހަރު ކުރީގެ މާޒީ އިން އެނބުރި އާދެވުނީ، ކައިރީގައި އިން މީހަކު އިޝާރާތެއް ކޮށްލުމުންނެވެ. ފުން ނޭވާއެއް ދޫކޮށްލާފައި، އަހަރެން ތެދުވީމެވެ. އެއާޕޯޓުގެ އެރައިވަލްސް އިން އަހަންނަށް މަރުޚަބާ ކިޔުމަށް އޮފީހުގެ ފަރާތުން ބަޔަކު އައިސް ތިއްބެވެ. އޭގެ ތެރެއިން ވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ، ނީލަމް އެވެ. ފަސް އަހަރު ކުރިން، އޮފީހުގެ ފަރާތުން ލިބުނު ކޯހެއްގައި، އަހަރެން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައިރު، އޮފީސް ތެރެއިން ކޮންމެވެސް ވަރަކަށް ނީލަމް ފެނުނު ހަނދާނެއް ވިއެވެ.

ހަމުގެ ކުލަ މާ އަލި ނޫނަސް، ނީލަމްގެ ގައިގައި އަހަރެން ގަޔާވާ ކަހަލަ ގޮތެއް ހުއްޓެވެ. ނީލަމްއަކީ، ލޫޅާފަތި، ރީތި އަންހެން ކުއްޖެކެވެ. އަބަދުމެ ހިނިތުންވެލައިގެން ހުންނަގޮތުން ހިތްހެޔޮ ކުއްޖަކާއި ވައްތަރެވެ.

ދަރިފުޅު ދެކިލާހިތުން އަހަރެން ހުރީ ކެތްމަދުވެފައެވެ. އެކަމަކު އަހަންނަށް ލިބުނީ، މާޔޫސްވާފަދަ ޚަބަރެކެވެ. ޝަނާޔާ އޭނާގެ ފިރިމީހާ އާއިއެކު ޗުއްޓީއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީއެވެ. ދަރިފުޅާއި ގުޅޭނެ ގޮތެއް، ބައްދަލުކުރެވޭނެ އެއްވެސް ގޮތެއް ވެސް ނެތެވެ.

އަހަރެން އޮފީހަށް ނުކުންނަންފެށީ، ހަފްތާއެއްގެ ކުރު ޗުއްޓީއަކަށް ފަހުގައެވެ. ކޯހުގެ ސަބަބުން އަހަރެންގެ ވަޒީފާ މަތިވިއެވެ. މުސާރައިގެ ކުރިއެރުން ލިބުނެވެ. އޭގެ ކުރިން އަހަންނަށް ލިބުނު މުސާރައިގެ ދެގުނަ އިތުރު އަދަދެކެވެ. މުސާރަ ލިބުމާއިއެކު، އަހަރެންގެ ސިކުނޑީގައި އައިސް ޓަކި ދިނީ، ޝަނާޔާ އާއިއެކު ހޭދަކުރި ދުވަސްތަކުގެ ހަނދާން ތަކެވެ. އޭރު ލިބުނު މުސާރަ ކުޑަވެގެން ކުރި ޝަކުވާ ތަކެވެ.

"ކޮން ފިކުރެއްގަ ތޯ؟..." އަހަރެންގެ ޚިޔާލުތަކުގެ ވާފަށް ކެނޑިގެން ދިޔައީ، އަންހެން ކުއްޖެއްގެ އަޑު އިވުމުންނެވެ.

އަހަރެން އޮތީ ގޮނޑީގައި ބޯއަޅާލައިގެންނެވެ. ދެލޯ މަރާލައިގެން އޮވެފައި، ލޯ ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ ނީލަމް އެވެ. ރީތި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވައިގެންނެވެ.

"އަޅުގަނޑު މިހެން ދަމުން ވަދެލީ..." އަނެއްކާވެސް ވާހަކަ ދެއްކީ ނީލަމް އެވެ.

ނީލަމް އާއި ގާތް ގުޅުމެއް އުފެދުނީ އެދުވަހުގެ ފަހުންނެވެ. ދެމީހުންގެ ފޯނުކޯލުތައް ގިނަވެ، ބޭރުތެރެއިން ބައްދަލުކުރާ މިންވަރު އިތުރުވާން ފެށިއެވެ. ނީލަމް އާއި ލޯބީގެ ގޮތުން ގުޅުނުއިރު، ނީލަމްގެ މާގިނަ ކަންތައްތަކެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު އަހަރެންގެ މުޅި ދިރިއުޅުން ކަހަލަގޮތަކަށް ނީލަމްއަށް ކިޔައިދިނީމެވެ.

ނީލަމް އަހަރެން ބަލައިގަތީ، އުފަލުންނެވެ. އެންމެ ފުރަތަމަ ދުވަހޫއްސުރެ، ނީލަމްގެ ހިތުގައި އަހަންނަށް ޚާއްސަ ޤަދަރެއް ދެވިފައިވާކަން އެނގުނެވެ.

ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެއްސުމަށްފަހު، ނީލަމް އާއިއެކު، އަހަރެން އެ ގެއަށް ދިޔައީމެވެ. އެ ދުވަސް ވެގެން ދިޔައީ އަހަންނަށް ވަރުގަދަ ސިހުމެއް ލިބުނު ދުވަހަކަށެވެ. ނީލަމްގެ ބައްޕަ މުޙައްމަދަކީ، އަހަރެން މަސައްކަތް ކުރަމުން އައި އޮފީހުގެ ވެރިޔާ އެވެ. އިއްތިފާޤުން އަހަރެން ވީ، މުޙައްމަދަށް މާ ކަމުދާ މީހަކަށެވެ.

"ސަޕްރައިޒް..." ނީލަމް ހުރީ އުފަލުން ފޮޅިފައެވެ.

ނީލަމް ހީވަނީ، ދެޢީދު އެއްފަހަރާ އައިސްގެން އުޅުނު ހެންނެވެ. ކޮށްފައި ނުކުރާނެ ކަމެއް ނޭނގިގެން މުޅި ގޭތެރޭގައި ދުވެދުވެފައި އުޅުނެވެ. މުޙައްމަދުގެ ތުންފަތް މަތީން ވެސް ހިނިތުންވުން ފިލައި ނުދެއެވެ. ދަރިފުޅުގެ ކޮންމެ ހަރަކާތަކަށް ހިނިތުންވެލައިގެން ބަލަން އޭނަ ހުއްޓެވެ. ނީލަމް ގޮސް އެތެރެއަށް ވަނުމުން، މުހައްމަދު ބަލައިލީ އަހަރެންގެ މޫނަށެވެ.

"މަންމަ މަރުވިފަހުން، ނީލަމް ހުންނަނީ، ވަރަށް އެކަނިވެފަ... ހިނިތުންވެލައިގެން ހުއްޓަސް، އެތެރެއިން ރޯލަ ރޯލާ... ކަރުނަތައް ނުފެނުނަސް، މި ބައްޕައަށް އެކަން އިޚްސާސް ކުރެވޭ... މިއަދު، އެތައް ދުވަހަކަށްފަހު، އަހަރެންގެ ދަރިފުޅު އަނބުރާ ލިބުނު ކަހަލަ... ދެން ހަމަޖެހިލައިގެން ޙަޔާތުގެ ބާކީބައި ހޭދަކޮށްލެވިދާނެ..." ފުން ނޭވާއެއް ދޫކޮށްލަމުން މުޙައްމަދު ވާހަކަ ދެއްކިއެވެ.

ދެ ހަފްތާ ފަހުން، އަހަރެމެންގެ ކައިވެނި ކުރެވުނެވެ. ކައިވެންޏަށްފަހު، ނީލަމް ވީ، އަހަރެން ހީކުރި ވަރަށްވުރެ ޒިންމާދާރު އަނތްބަކަށެވެ. އަހަރެން ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި ނީލަމް ހުރެއެވެ. އަހަންނަށް ދަތިވާ ހަމަ އެއްވެސް ކަމެއް ނޯވެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއްވެސް ކަމަކާ ދެބަސްވެ، ޝަކުވާއެއް ނުކުރެއެވެ. އަހަރެންގެ މުޅި ހިތް، ނީލަމް ފަތަޙަ ކުރީ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ނީލަމްގެ ބައްޕަ ދުނިޔެ ދޫކުރުމުގެ ކުރިން އެ ކުންފުނި އަހަންނާއި ނީލަމްގެ މައްޗަށް ބަދަލު ކުރިއެވެ. ދެމީހުންނަށް ހަމަހަމަ ވާނޭ ހެންނެވެ. އެކަން އެނގުނީ، ބައްޕަ ނިޔާވުމަށް ފަހުގައެވެ. އަޑިއަށް ދަމުންދިޔަ ކުންފުނި ނަގައި ކޮޅަށްޖެހޭތޯ އެތައް ރެއެއްގެ ނިދި ނަގާލަން ޖެހުނެވެ. ބޭރުގެ އިންވެސްޓަރުންނާއި ބައްދަލު ކުރަން އެކި ޤައުމުތަކަށް ދިޔައީމެވެ. އެހުރިހާ ކަމަކަށް އަހަންނަށް ހިތްވަރު ދިނީ ނީލަމްއެވެ. ނީލަމް ކަހަލަ އަނތްބަކު ލިބުނީތީ، އަހަރެން ފަޙުރުވެރި ވިއެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. އަލަށް އިމާރާތްކުރެވުނު އޮފީހަށް އިތުރު މުވައްޒަފުން ނެގުމަށް އިންޓަވިޔު ހަމަޖެހިފައިވާތީ، އަހަރެން އިނީ އޮފީހުގައެވެ. ވަރުބަލިވެގެން ގޮނޑީގައި ހަމަޖެހިލި ތަނައި، ނީލަމްގެ ފޯނުކޯލެއް ލިބުނެވެ. އަހަރެން އޮފީހުގައި އުޅޭ ވަގުތުތަކުގައި ނީލަމް ގުޅާނީ، ކޮންމެވެސް މުހިއްމު ކަމެއްގައެވެ. ނީލަމް އެދުނީ، އިންޓަވިޔު ނިމުމުން ވީ އެންމެ އަވަހަކަށް ގެއަށް އައިސް ދިނުމަށެވެ. އަހަންނަކަށް ކެތެއް ނުކުރެވުނެވެ. އިންޓަވިޔު ފަސްކޮށްލުމަށްފަހު، ގެއަށް ދިޔައީމެވެ.

ނީލަމް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. މޫނުމަތި މިލާފައިވާއިރު، ދެލޮލުގައި މަޑު ރަތްކަމެއް ވިއެވެ. އަހަރެން ކަންބޮޑުވީ، ނީލަމްގެ ޙާލު ފެނުމުންނެވެ. އަހަރެން ފެނުމުން، ނީލަން ތެދުވިއެވެ. ކުއްލިއަކަށް އައިސް ބައްދާލާފައި ފެށީ ރޯށެވެ. ދެން އިވުނީ، މަޑުމަޑުން ހޭންފެށި އަޑެވެ. ވާނުވާ ނޭނގިފައި އަހަރެން ހުރީ ބުނަންވީ އެއްޗެއް ވެސް ނޭނގިފައެވެ.

"އަހަރެމެންނަށް ބޭބީއެއް ލިބެނީ..." ނީލަމް އުފާވެފައި ބުންޏެވެ.

އަހަރެންގެ ދެލޯ ކަރުނުން ފުރުނެވެ. އަހަރެންގެ ބާރުގަދަ އަތުގެ ތެރެއަށް ނީލަމް ގެނައީމެވެ. އެއަށްފަހު ވައިގެ ތެރޭގައި އަނބުރާލީމެވެ.

އަހަރެން އެނބުރި އޮފީހަށް ދިޔައީ ނީލަމް ގޮވައިގެންނެވެ. ކައިރިން ދުރަށްދާން ބޭނުން ނުވާތީއެވެ. އަހަރެން ބޭނުންވީ، ދުވަސް އެކީ ނިމެންދެން އަހަރެންގެ ނަޒަރުގެ ކުރިމަތީގައި ނީލަމް ބައިންދާށެވެ.

އިންޓަވިއު ފެށިގެން ކުރިއަށް ދިޔައެވެ. ކުރަން އިން ކަންތަކަށްވުރެ ބޮޑަށް، އަހަންނަށް ސަމާލުކަން ދެވުނީ، ނީލަމްއަށެވެ. ކިރިޔާ ވަގުތެއް ލިބޭ އިރަށް ލޯބީގެ ސަމާސާއެއް ކޮށްލަމެވެ.

"ނިޝާން..." ކުއްލިއަކަށް އިވުނު އަޑަކުން އަހަންނަށް ކުރިމައްޗަށް ބަލައިލެވުނެވެ.

އަހަރެންގެ ކުރިމަތީގައި އެހުރީ، އެއްދުވަސްވަރެއްގައި އަހަރެން އެންމެ ލޯބިވި އިންސާނާއެވެ. ޝަނާޔާއެވެ. ކުރިއަށްވުރެ އެ ހަށިގަނޑު ހިކިވެފައި އަނަރޫފައެވެ. މޫނުމަތި ވަނީ ކަޅުވެފައެވެ. ދެލޯވެސް ވަޅުވަދެފައެވެ. ޝަނާޔާ ފެނުމުން، އަހަރެންގެ ހިތް ހަމްދަރުދީ އިން ފުރުނެވެ.

"މިތަނުގެ ބޮޑު މީހާއަކީ، ނިޝާންތަ؟..." ޝަނާޔާ ހައިރާންވެފައި ސުވާލު ކުރިއެވެ.

ޝަނާޔާ އައީ ތަނުގެ މަސައްކަތު މީހަކު ނެގުމަށް ކުރެވޭ އިންޓަވިއު އަށެވެ. ބޮޑު ވިޔަފާރިވެރިއަކާއި ކައިވެނިކޮށްގެން އުޅެފައި ސަނާޔާ އެހާ އާދައިގެ ވަޒީފާއަކަށް ވަންނަން ޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ.

"ކޮބާ ލާމި؟..." އަހަންނަށް ފުރަތަމަވެސް އެހުނީ ދަރިފުޅުގެ ވާހަކައެވެ. ޝަނާޔާ ދެއްކި ވާހަކަ އަހަންނަކަށް މުހިއްމެއް ނުވިއެވެ.

"ނިޝާން...." ޝަނާޔާ ފެށީ ރޯށެވެ.

ކަންބޮޑުވެފައި އަހަންނަށް ބަލައިލެވުނީ، ކައިރީގައި އިން ނީލަމް އަށެވެ. އެ މޫނުމަތިން ވެސް ފެނުނީ ހައިރާން ކަމެވެ.

"ދަރިފުޅު އަހަރެން ދޫކޮށް ހިނގައްޖެ... އަހަރެންގެ ފިރިމީހާ ވެސް..." ޝަނާޔާ ހުއްޓައެއް ނުލިއެވެ. ރޮއެރޮއެފައި ވާހަކަ ދެއްކީ ގިސްލަމުންނެވެ.

ނުރައްކާތެރި އެކްސިޑެންޓެއްގައި ޝަނާޔާގެ ފިރިމީހާއާއިއެކު އަހަރެންގެ ދަރިފުޅުވެސް މިދުނިޔެ ދޫކޮށް ދިޔައީ އެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ނީލަމް ވެސް ތެދުވިއެވެ. އަހަރެންގެ ކައިރިއަށް ޖެހިލާފައި ކޮނޑުމަތީގައި އަތް ބާއްވައިލީ، ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަހަރެންގެ ހިތް ކަރުނަ އަޅައި ރުޔެވެ. ދަރިފުޅު ލޮލަށް ނުފެނި ވަކިވެގެން ދިޔައީތީއެވެ. އެކަމާއި ޝަނާޔާއަށް ހިތުގެ އަޑިން ނަފުރަތު ކުރެވުނެވެ. ދުވަހަކު މަޢާފު ނުކުރުމަށް ހިތް ބުންޏެވެ. އެކަމަކު އެ ޙާލަތުގެ ގޮތުން ހިތަށް ހަމްދަރުދީ ވެސް ވަނެވެ. ނަމަވެސް މިއަދު ޝަނާޔާއަށް އެހީވުމަށް އަހަންނަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ދަރިފުޅު ނެތް ދުނިޔެއެއްގައި ޝަނާޔާގެ މުހިއްމުކަމެއް އަހަންނަކަށް ނުވިސްނުނެވެ. އަހަންނަށް ކޮށްދެވެން އޮތް ކަމަކީ، ޝަނާޔާއަށް ވަޒީފާ ހަމަޖައްސައިދިނުމެވެ. ނޫނީ މާލީގޮތުން އެހީތެރިކަމެއް ފޯރުކޮށް ދިނުމެވެ.

"ނިޝާން... އަހަރެން މުޅިން އެކަނިވެއްޖެ... މިއަދު ހިތަށް އަރާ ނިޝާން ދޫކޮށް ނުދެވުނު ނަމައޭ... ނިޝާން ދޫކޮށް ދިޔަފަހުން، އަހަންނަށް އުފަލުގައި އުޅެވުނީ، ކުޑަ ދުވަސްކޮޅަކު... ފިރިމީހާގެ ފަރާތުން މާބޮޑު އެހީތެރިކަމެއް ނުލިބުނު... އުޅެންޖެހުނީ، ވަރަށް އެކަނި... ނިޝާން... ތި ދިރިއުޅުމުން އަހަންނަށް އިތުރު ފުރުސަތެއް ދީ... އޭރުން ދުވަހަކުވެސް ނިޝާން ދޫކޮށްފައެއް ނުދާނަން... އަހަރެން އަދިވެސް ނިޝާންދެކެ ވަރަށް ބޮޑަށް ލޯބިވޭ..." ޝަނާޔާ ރޮމުން ވާހަކަ ދެއްކިއެވެ.

އަހަންނަށް ބަލައިލެވުނީ، ކައިރީގައި ހުރި ނީލަމް އަށެވެ. މިލާފައިވާ އެ މޫނު ފެނުމުން އަހަރެން ދެރަވިއެވެ. އަހަރެން ބަލައިލުމުން، ނީލަމް އިސްޖަހައިލީއެވެ. އޭނަ އުޅުނީ، އެތަނުން ދާށެވެ. އެ އަތުގައި ހިފައި ހުއްޓުވީ އަހަންނެވެ.

"ޝަނާޔާ... އަހަންނަށް މަޢާފުކުރޭ..." އަހަރެން ބުނީމެވެ.

"މީ އަހަރެންގެ އަނބިމީހާ... ހަޤީޤީ ދިރިއުޅުމަކީ ކޮބައިކަން އަހަންނަށް ދަސްކޮށްދިން އިންސާނަކީ މިއީ... މި ބަނޑުތެރޭގައި އޮތީ އަހަރެންގެ ދަރިއެއް... މާތްﷲގެ އިރާދަފުޅާއިއެކު ވަރަށް އަވަހަށް ބައްޕައަކަށްވުމުގެ ހުވަފެންތައް މިދަނީ ދެކެމުން... އަހަރެންގެ މުޅި ހިތް އެކީ ވަނީ ނީލަމްއަށް ހަދިޔާ ކުރެވިފައި... އިތުރު މީހަކަށް މި ޙަޔާތުން ދެން ޖާގައެއް ދެވޭކަށް ނެތް..." އަހަރެން އެ ހުރިހާ ވާހަކައެއް ދެއްކިއިރު، ނީލަމް ހުރީ ފެންކަޅި ވެފައެވެ.

ޝަނާޔާ ނުކުމެގެން ދިޔައީއެވެ. މުޅި އުމުރަށް އަހަރެންގެ ޙަޔާތުން ވަކިވެގެންނެވެ. އެ ހުރިހާ ހަނދާންތަކެއް ކުނިކޮޅެއްހެން އަހަރެންގެ ޙަޔާތުން ބޭރުކޮށްލީމެވެ. ޝަނާޔާ މަތިން އަހަރެންގެ ހަނދާންކުރަންޖެހޭނެ އެއްވެސް ސަބަބެއް މިހާރަކު ނެތެވެ. ދަރިއަކު ހުރީތީ އެ ދަރިފުޅުވެސް މި ދުނިޔެއާއި ވަކިވީއެވެ.

އަހަރެންގެ ޙަޔާތް ފުރިހަމަވީ، ނީލަމްގެ ސަބަބުންނެވެ. މުޅި އުމުރުގެ ބާކީބައި އަހަރެން ހޭދަކުރަން ބޭނުންވީ، ނީލަމް އާއި އެކުގައެވެ. އުފަލާއި ހިތާމަތައް ޙިއްސާކުރަން ބޭނުންވާ ހަމައެކަނި އިންސާނަކީ އެއީ އެވެ. އިތުރަށް ޙަޔާތުގައި މަދުވާ އެކައްޗެއް ވެސް ނެތެވެ. މިއަދު އަހަރެން މިހުރީ އުފަލުންނެވެ. ދިރިއުޅުމުގައި ލިބުނު ފިލާވަޅަކުން ޢިބުރަތް ލިބިގަނެގެންނެވެ. ގިނަ ފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވޭނީ އެ ނިޢުމަތެއް އަތުން ބީވެގެން ދިޔުމުންނެވެ. އިންސާނާގެ ހިތަކީ ދުވަހަކުވެސް ފުރޭނެ އެއްޗެއް ނޫނެވެ.

(ނިމުނީ)

ކޮމެންޓް 0