14

ރިޔާޝާއަކީ ދެކުނުގެ ރަށެއްގެ ކުއްޖެކެވެ. ރިޔާޝާއާއި އަފީފް ބައްދަލުވެ ކާވެނިކުރެވުނީ މާލޭގައެވެ. އެއަށް ފަހު އަފީފުއަށް ގެވަޅުލިބުމުން އޭނާގެ ރަށުގައި ގެދޮރު އަޅައިގެން އަފީފްގެ ރަށަށް ރިޔާޝާ ބަދަލުވީ ވަރަށް ފޮނި އުއްމީދެއްގައެވެ. އުފާވެރިކާވެންޏަކުން ފަށައިގެން ހިތްހަމަޖެހޭ ރީތި ދިރިއުޅުމެއް ހޯދުމަށެވެ. ނަމަވެސް ކާވެންޏަށް ތިންއަހަރުވީއިރުވެސް ދަރިއަކު ނުލިބުމުން ދެމަފިރީންގެ ހިތްނުތަނަވަސް ވާންފެށިއެވެ. އެތައް ޑޮކްޓަރުންނަކަށް ދައްކާ ބޭސްކުރެވުނެވެ. ނަމަވެސް ނަތީޖާއެއް ނުފެނުނެވެ. ހުރިހާ ޑޮކްޓަރުންނެއް، އަދި ރިޕޯޓުތަކުންވެސް ބުނެދެނީ މައްސަލައެއް ނެތްކަމަށެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ރިޔާޝާމެން ދެމަފިރީންގެ ކެތްތެރިކަން ކޮޅުންލާން ފެށިކަމަކަށެވެ. އެންމެފަހުން ބޭސްފަރުވާއަށް ފައިސާ ހޯދުމަށްކަމަށް ބުނެ އަފީފް ރިޔާޝާ އެކަނިކޮށްލުމަށްފަހު ފުރައިގެން ދިޔައީ ބައިވެރިއެއްގެ އެހީތެރިކަމަށާއި ލޯތްބަށް އޭނާ އެންމެ ބޭނުންވި ވަގުތުއެވެ. ނުދިޔުމަށް އެދި އަދޭސްކޮށްކޮށް ހުއްޓައެވެ.

ރިޔާޝާމެން ދެމަފިރީން ދިރިއުޅެމުން ދިޔައީ ރަށުގެ މީހުން އަލަށް އާބަދުވުމަށް އައި ހިސާބުގެ ގޮޑުދޮށުގައެވެ. ކަނޑުންޖެހޭ ފިނިރޯޅިތައް ގެއަށް އެއްވެސް ހުރަހެއްނެތި އާދެއެވެ. އުއްމީދު ގެއްލެމުންދާ ރިޔާޝާގެ ސިކުޑި ހޯދަމުންދަނީ އުފާވެރިކަމުގެ އަލިކަމަކަށެވެ. ކޮންމެ އަގެއް ދީގެންވެސް ހަޔާތުގެ ފަސްބައި ލޯބިން ފުރޭނެ ގޮތެއް ހޯދާށެވެ. އެދަނޑިވަޅުގައި ރިޔާޝާގެ ގާތްއެކުވެރިއަކު މަގެއް ދެއްކިއެވެ. ރިޔާޝާއަށް އެކުވެރިޔާ ދެއްކިމަގުން މަންޒިލް ލިބިދާނެކަމަށް ވިސްނުނެވެ. އީމާންތެރިކަން ބަލިކަށި ކޮންމެ އިންސާނަކަށް ވަނީ އެކަހަލަ ގޮތެކެވެ. ހެއްދެވިފަރާތަށް ވަކީލުކޮށް މަސައްކަތް ކުރުމުގެ ބަދަލުގައި ސައިތާނީ ބާރުތަކުން ބާރުލިބިގެ އުޅޭ ދަހިވެތި އިންސާނުންގެ ގާތަށް ދެވެނީއެވެ. ރިޔާޝާ އެކުވެރިޔާގެ ނަސޭހަތުގައި ހިފައިގެން އެރަށުގައި ހުންނަ ފަންޑިތަވެރިއެއްގެ ގާތަށް ދިޔައެވެ. ބޭނުމަކީ ފަންޑިތައިގެ ބާރުންނަމަވެސް ރިޔާޝާގެ ހުސްވެފައިވާ އުނގު ފަޅުފިލުވޭނެގޮތެއް ހޯދުމަވެ.

ފަނޑިތަވެރިޔާ އިސްމާޢީލްބޭ ބުނިގޮތަށް އިންތިޒާރު ކުރާ ވަގުތު ޖެހުނީ ހަނދުމަހެއްގެ ފުރަތަމަ ހަފްތާގެ މެންދަމުއެވެ. ރިޔާޝާގެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ފަންޑިތަ ވެރިޔާ ކިޔަވަމުންދިޔައިރު ރިޔާޝާ އިނީ ކަންވެރިޔާ ބުނެފައިވާ ހެނދުމުގައެވެ. އަލަތު ފިރިމީހާއަށް ފިޔަވާ ރިޔާޝާގެ ހަޔާތުގައި އެއްވެސް މީހަކަށް ހަށިގަނޑުން ނުފެންނަ އެތައް ބައެއް އެހެނދުމުގެ ސަބަބުން ވަނީ ކަސްފުވެފައެވެ. ބިރާއި ސިހުމާއި ލަދު އެއްކިބާ ކޮށްލުމަށްފަހު ފަނޑިތަ ވެރިޔާގެ ކުރިމަތީގައި ރިޔާޝާ އިނީ މުސްތަގުބަލަށްޓަކައި ވާގުރުބާނީއެއް އަދާކުރުމަށް އަމިއްލަ ނަފްސަށް ވިސްނައިދީގެންެނެވެ. ފަނޑިތަވެރިޔާ ކިޔެވެލި ބާރުވަމުން ދިޔަވަރަކަށް ރިޔާޝާގެ ވިސްނުން ލުހެމުންދާކަމުގެ އިޙްސާސެއް ކުރެވެމުން ދިޔައެވެ. މަޑުމަޑުން އެސްފިޔަތަކަށް ބަރުވާހެންވެސް ހީވިއެވެ. ކުއްލިޔަކާއި ކޮޓަރީގެ ދޮރުގެ ތެރެއިން ގަދައަލިކަމެއް ފާޅުުވިއެވެ. އެއަލީގެ ސަބަބުން ރިޔާޝާގެ ދެލޯބޮޑުވެގެން ދިޔައެވެ. ދެންވީ ގޮތެއް ނޭންގުނެވެ. ހޭވެރިންވީއިރު ރިޔާޝާ އޮތް ކޮޓަރީގެ ކުޑަދޮރުތަކުން ކޮޓަރި ތެރެއަށް އިރުގެ އަލިކަން އެޅިފައި ހުއްޓެވެ. ރިޔާޝާއަށް ކުއްލިއަކާއި އޮތްތަނުން ތެދުވުނެވެ. އަދި އަމިއްލައަށް އަމިއްލަ ހާލަތަށް ވިސްނާލެވުނެވެ. އޭރު ރިޔާޝާގެ ހަށިގަނޑުވަނީ އެއްވެސް ނިވާކަމެއް ނެތިއެވެ. މުޅިކޮޓަރި ތެރޭގައި ވަނީ ފަރުހަކިވަސް ފާޑު ނުބައިވަހެއް ހިފާފައެވެ. ކޮންމެވެސް ވަރަކަށް ފެނުގެ އަސަރުވެސް މުށިތައް މަތީގައި ހުއްޓެވެ. ރިޔާޝާ އަވަސް އަވަހަށް އޭނާގެ ކޮޓަރީ ފާހަނައަށް ވަނެވެ. އަދި ރޭގަނޑު ހިނގާދިޔަ ހާދިސާއާއި މެދު ވިސްނާލެވުނެވެ. ކުއްލިޔަކާ ހިތްބިރުގަންނަން ފެށިއެވެ. މޭނުބައިކޮށް ހޮޑުލަވާގޮތް ވާން ފެށިއެވެ. ރިޔާޝާ އަވަސް އަވަހަށް މާގަނޑު ދޫކޮށްލިއެވެ.

ގޭތެރެ ކުނިކަހާ ދޮވެ މޮޕްލާ ރިޔާޝާ ހެދިނަމަސް ގޭގައި ހިފާފައިވާ ވަސް ފިލާގޮތެއް ނުވިއެވެ. އެންމެ ފަހުން ފަންޑިތަ ވެރިޔާއަށް ރިޔާޝާ ގުޅާލިއެވެ. "ރޭގައި ކުރިކަންތަކުގައި ކުޑަގޯހެއް ހިނގި" ފަންޑިތަވެރިޔާ ބުނި ވާހަކައިން ރިޔާޝާ ކަންބޮޑުވިއެވެ. ނަމަވެސް އެހެން ފަހަރުތައް ފަދައިން ނާއުއްމީދެއް ނުވިއެވެ. ރިޔާޝާ އަފީފްއަށް ގުޅީ ފަންޑިތަވެރިޔަ ބުނިފަދައިން ރަށަށް ގެންނާށެވެ. ނަސީބަކުން އޭރު އަފީފް ހުރީ ރަށަށް އަންނަން މާލެ އައިހެވެ. ދެދުވަސް ތެރޭގައި އަފީފް ރަށަށް އައެވެ. ރިޔާޝާ ހިތްހަމަ ޖެހުނެވެ. އަފީފްއަށް ނޭންގި ރިޔާޝާ އަފީފްއަށް އިސްމާޢީލްބެ ދޭތަކެތި ކާއެއްޗެއްސާއި އެއްކޮށްގެން ދެމުން ގެންދިޔައީ އަފީފްއަށް ޝައްކެއްވެސް ނުވާހާ ސިއްރުންނެވެ. އޭގެ އެއްމަސްފަހުން އަފީފް ފުރައިގެން ދިޔައީ އުފާވެރިކަމާއިއެކުއެވެ. އޭރު އަފީފްއަށް ވަނީ ރިޔާޝާ ބަނޑުބޮޑުކަމުގެ އުފާވެރި ހަބަރު ލިބިފައެވެ. އެހެންކަމުން ރިޔާޝާވެސް އެދުމުގެ މަތީން ހިތާދެކޮޅަށް އަށްމަސްވާންވާއިރަށް ރަށަށް އައުމަށް އަޒުމާއިއެކު އަފީފް ދިޔައެވެ. ރިޔާޝާވެސް އަފީފް އޭނާއާއި ދުރަށްދާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ފަންޑިތަވެރި އިސްމާޢީލްބެ ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތް ހުރުމުން އަފީފް ރަށުގައި ބެހެއްޓެން ނެތިގެން ރަށުން ފޮނުވާލީއެވެ.

އިސްމާޢީލްބެ ކޮންމެ ހަނދުމަހެއްގެ ފުރަތަމަ ހަފްތާގައި އޭނާގެ މަސައްކަތް ކުރިއަށް ގެންދެއެވެ. ރިޔާޝާވެސް ލިބެން އުޅޭ ދަރިފުޅުގެ ސަލާމަތަށްޓަކައި ހިތާއި ދެކޮޅަށް ނަމަވެސް އިސްމާޢިލްބެއަށް އެއްބާރުލުން ދެމުންދިޔައެވެ. ނަމަވެސް ރިޔާޝާގެ ބަނޑަށް ފަސްމަހުގައި ފެންނަންފެށި ބިރުވެރި ހުވަފެންތައް އޭނާގެ ލޮލާއި ނިދި އެތައްމޭލެއްގެ ދުރަށް ދިޔައެވެ. ފުރަތަމަ ހުވަފެނުގައި ރިޔާޝާއަށް ފެންނަމުންދިޔަ ބިރުވެރި ހައިވާނެއްގެ ސިފަޖަހާ އެތި ފަހުން ރޭގަނޑު މެންދަންވުމުން ދެބަ ދޭތެރެއިން އޭނާއަށް އުދަގޫކުރަން ފެށިއެވެ. އަދި ބައެއްފަހަރަށް ހޭލާހުއްޓާ އެތައްވައްތަރެއްގެ އެއްޗެހި ރިޔާޝާއަށް ފެންނަންފެށިއެވެ. ރިޔާޝާ އެހުރިހާ ވާހަކައެއް އިސްމާޢީލްބެއަށް ކިޔައިދެމުން ދިޔައެވެ. އިސްމާޢީލްބެ ސިހުރު ހާހޫރަ ފަންޑިތަ ހަދާ ތަފާތު ބާވަތްތަކުން ގޭތެރޭގައި ދުންއެޅިއެވެ. ނަމަވެސް މާބޮޑު އަލިމަގެއް ނުފެނުނެވެ. އެންމެފަހުން އިސްމާޢީލްބެ އެންމެ ބިރުވެރި މަގު ހިޔާރުކުރިއެވެ. ރިޔާޝާއާއި ހިތާވެގެން އުޅެނީ އިފްރީތެއްކަމަށާއި، އެންމެ ފުރަތަމަ ރޭ އިސްމާޢީލްބެ ކުރި ކަންތައްތަކުގައި ކަމެއް ދޫކޮށްލެވުމުގެ ސަބަބުން ދިމާވިކަމެއް ކަމަށް ރިޔާޝާކައިރި ބުންޏެވެ. "ދެން ކިހިނެތް ހަދާނީ؟" ރިޔާޝާ ރޮވިފައިވާ އަޑަކުން ބުނެލިއެވެ. އެސޮރުގެ ދުވަސް ދުއްވާލަންވީއެވެ. އިސްމާޢީލްބެ ބުނީ އަޒުމް ވަރުގަދަކަން ދައްކަމުންނެވެ. އެކަމަކު އިސްމާޢީލްބެ އެހެންބުނިނަމަވެސް އެއީ ކިހާވަރެއްގެ އުނދަގޫ ބިރުވެރިކަމެއްކަން އިސްމާޢީލް ބެއަށްވެސް ވިސްނެއެވެ.

ހަނދުމަހުގެ ސާދަފަނަރަ އާއި ދިމާކޮށް އިސްމާޢީލްބެ އޭނާގެ މަސައްކަތް ފެށިއެވެ. އަންދަމުންދިޔަ އަލިފާންގަނޑުގެ އެއްފަރާތެއްގައި ރިޔާޝާވެސް އިނެވެ. ކިޔެވެލި ވަކިހަމައަކަށް ދިޔަތަނާ އިވުނު ބިރުވެރި އަޑުފަށްގަނޑުން ހީވީ ބިންގަނޑު ކަނޑައިގެން ދިޔަހެންނެވެ. ރިޔާޝާއަށް ހަޅޭއްލަވާ ގަނެވުނެވެ. ނަމަވެސް އިސްމާޢީލްބޭގެ އިސާރާތުން ހިމޭންވުމަށް އެންގުމުން ރިޔާޝާ ހިތްވަރުކޮށްފައި ހަނު އިނުމަށް މަސައްކަތް ކުރިއެވެ. ދެންފެނުނީ އަލިގަނޑެކެވެ. އެއަށްފަހު ބިރުވެރި ސޫރައެއްގެ އެއްޗެއް ފާޅުވިއެވެ. އަދި މަޑުމަޑުން އިސްމާޢީލްބޭގެ އިސާރާތާއި އެއްގޮތަށް އާދައިގެ އިންސާނެއްގެ ސިފައަށް ބަދަލުވިއެވެ. އިސްމާޢީލްބެ ސުވާލު ކުރަންފެށިއެވެ. އަދި އިންޒާރުދިނެވެ. ނަމަވެސް އެމަހުލޫޤްހުރީ އިސްމާޢީލްބެއަށް ކިޔަމަންވާން ތައްޔާރަކަށް ނޫނެވެ. ރިޔާޝާ ބިރުވެރި ފިލްމެއް ބަލަން އިންހެން މަންޒަރު ބަލަން އިނެވެ. އިސްމާޢީލްބެ ދެން އިސާރާތްކޮށްލީ ރިޔާޝާއަށެވެ. އެވަތު ރިޔާޝާގެ ގާތުގައި ބަހައްޓާފައިވާ ކަށިމާ ކޮތަޅު ނަގާ އަނދަމުންދާ އަލިފާންގަނޑަށް އިސްމާޢީލްބެ ބުނެފައި ގޮތަށް އަޅާލަން އުޅުނެވެ. ނަމަވެސް އެމަހްލޫޤް ރިޔާޝާއަށް އެކަން މަނާކުރިއެވެ. އަދި އިސްމާޢީލްބެ މިހާރު ހަދަމުންއެދާ ފަންޑިތައަކީ ރިޔާޝާގެވެސް ހަލާކަށް ހަދާއެއްޗެއްކަމަށް ބުންޏެވެ. ރިޔާޝާ އެމަޙްލޫޤަށް އެއްފަހަރު އަނެއްފަހަރު އިސްމާޢީލްބެއަށް ބަލަމުން ދިޔައެވެ. އެމަޙްލޫގްގެ ލޮލުން ރިޔާޝާއަށް ފެންނަމުންދިޔައީ ތެދުވެރި އޯގާތެރި ގޮތެވެ. ހީވަނީ މާކުރިން ދެކެފަރިތަ މީހެއްހެންނެވެ. ނަމަވެސް ހިތާދެކޮޅަށް ހިތްވަރުކޮށްލުމަށްފަހު ރިޔާޝާ އިސްމާޢީލްބެއަށް އިތުބާރުކުރުމަށް ނިންމިއެވެ. އެވަތު އެމަޙްލޫޤް ވާހަކަ ދައްކަން ފެށިއެވެ. "ތީ އިންސާނުންގެ މައްސަލައަކީ، ހިތްއެދޭގޮތެއް ހަދާކަށް ބޭނުމެއްނުވެ، އެމަޙްލޫޤް މަލާމާތާއި އޯގާތެރިކަން އެކުލެވޭ ރާގަކަށް ބުންޏެވެ. އެއަޑު ހީވީ ރިޔާޝާގެ ހަށިގަނޑު ތޮރުފާލަމުން އެތެރެއަށް ވަންހެންނެވެ. "ތީ ކާކުކަމެއް ނޭންގޭއިރު އަހަރެން އިތުބާރުކުރާނީ ކިހިނެތް؟ އިސްމާޢީލްބެ މަނާކުރަމުންދަނިކޮން ރިޔާޝާ ބުނެލިއެވެ. " އަހަރެންނަށް ކިޔަނީ މަޖުދާދު، އަހަރެންނަށް ރިޔާޝާ ޖެހޭނީ އިތުބާރުކުރަން، އަހަރެން މީ ރިޔާޝާ ބަނޑުގައިވާ ދަރިފުޅުގެ ބައްޕަ" މަޙްލޫޤް ކެރިހުރެބުނެލިއެވެ. "ނުވާނެ ތިހެންނެއް، މީ އަފީފްގެ ދަރިއެއް، ރިޔާޝާ ބަނޑުގައި އަތްއަޅާލަމުން ރޮމުން ބުނެލިއެވެ. "ޤަބޫލު ނުކުރެވެންޏާ އަހާލަބަލަ މީނަނުލަފާ މީހާކައިރި، ރިޔާޝާ ޤުރުބާން ކުރުމަށް ތައްޔާރުކޮށްގެން މިއިސްމާޢީލް އުޅުނުރޭ އަހަރެން ރިޔާޝާ ސަލާމަތްކުރިން، ކީއްވެކަން އެނގޭތަ، ލޯބިވާތީ، ލޯތްބަށްޓަކައި، އެކަމު މިރޭ އަހަރެންގެ ދުވަސް ދުއްވާލަން ރިޔާޝާ ތީނީ އެއިސްމާޢީލް އާއި ގުޅިގެން، އިންސާނުންމީ ހާދަ ނުބައިބައެކޭ، މަޖުދާދު އާޚް އެކުލެވޭގޮތަކަށް ބުނެލިއެވެ. "އެއީ ތެދެއްތަ އިސްމާޢީލްބޭ، ރިޔާޝާކުރި ސުވާލަށް އިސްމާޢީލްބޭ ޖަވާބެއް ނުދީ އިސްޖަހާލިއެވެ. "ކީއްވެ އިސްމާޢީލްބެ އަހަރެންނަށް އޮޅުވާލީ، އަހަރެން އެކަންތައް ކުރުވީ އަގުދީގެން ބަދަލުގައި ކިހިނެތް ތިހެދީ؟ އަފީފްއަށް އަހަރެން ދައްކާނީ ކޮންމޫނެއް؟ ރިޔާޝާ އަޑުން އަޑުނަގާ ރޯންފެށިއެވެ. ކުއްލިޔަކާއި އަދަމުންދިޔަ އަލިފަންގަނޑު ނިވިއްޖެއެވެ. ތަނަށް ވެރިވީ އަދިރިކަމެވެ. "މިފަހަރު ކަލޭ ސަލާމަތެއް ނުވާނެ" ރިޔާޝާއަށް އިވުނީ މަޖުދާދުގެ އަޑެވެ. ދެންވީ އެއްވެސްކަމެއް ރިޔާޝާއަކަށް ނޭންގުނެވެ.

ހެނދުނު ހޭވެރިކަން ވީއިރު ރިޔާޝާއޮތީ ކޮޓަރީ ނިދާ އެނދުގައެވެ. ތަނަށް ވެރިވެފައިވަނީ އެއްވެސް ފަރާތެއްގެ ހިލަމެއްނެތް ހިމޭންކަމެވެ. އޭރު ގަޑިން ދިހައެއް ޖަހަނީއެވެ. ކުއްލިއަކާ ރިޔާޝާގެ ފޯނު ރިންގްވާއަޑު އިވުނެވެ. ބާލިސް ދަށުގައި އޮތް ފޯނު ނަގާބަލާލިއިރު އެކުވެރި ސައުފާ ގުޅަނީއެވެ. އަވަސްއަވަހަށް ރިޔާޝާ ފޯނުނެގިއެވެ. އެންމެ ފުރަތަމަވެސް ސައުފާ ފޯނުނުނަގާ ގިނައިރުވެގެން އެކަމާ ޝަކުވާކުރިއެވެ. އެއަށްފަހު އިސްމާޢީލްބެ މަރުވިވާހަކަ ބުންޏެވެ. ކޮންއިރަކު؟ ރިޔާޝާ އިތުރަށް ސުވާލުކުރިއެވެ. "ގެއްލިގެން ހޯދަނިކޮންމަރުވެފަ އޮއްވަ ތުނޑިޔާދިމާ މޫދު ތެރެއިން ފެނުނީ، ހީވަނީ ރޭގަނޑު އަތިރިއަކަށް ދާންވެގެން ދިޔަވަގުތު ރާޅަކާއެކު މޫދަށް ވެއްޓުނީހެންނޭ މީހުން ކިޔަނީ، ސައުފާ ތަފްސީލް ދިނުމަށްފަހު ފޯނު ބޭއްވިއެވެ. އޭރު ރިޔާޝާއަށް ރޭގަނޑު ހިނގާދިޔަކަންތައް ހަދާންވަމުންދިޔައެވެ. އެހެންކަމުން އިސްމާޢީލްބޭގެ މަރުގެ ފަހަތުގައިވަނީ މަޖުދާދުކަން އޭނާއަށް ޔަޤީންވިއެވެ. ރިޔާޝާ އެނދުން ތެދުވެގެންގޮސް ލޯގަނޑުގެ ކުރިމަތީ ހުއްޓިލިއެވެ. އަދި ބޮޑުވަމުންއަންނަ ބަނޑުގައި އަތްކާތަން ފެށިއެވެ. އެއާއިއެކު އޭނާގެ ދެލޯ ކަރުނުން ފުރުނެވެ. ދެންކަންތައް ވާނީ ކިހިނެތް ބާވައޭ ހިތައްއެރިއެވެ. އޭރު އޭނާގެ ހިތްވަނީ ސުވާލުން ފުރިފައެވެ. ބިރާއި ސިހުމާއި ހިތާމައިން ހިތްކުދިކުދިވެފައެވެ. އެހާބޮޑު އޮޅުވާލުމެއް އޭނާގެ ހަޔާތާއި ގުޅިލާމެހުނީ އޭނާގެ ކޮންކުށެއް އޮވެގެން ބާވައޭ އަމިއްލަ ޒަމީރާ ސުވާލުކުރެވުނެވެ. އޭނާ ކުރީ އުއްމީދެކެވެ. އެއުއްމީދު ހަގީގަތަށް ހެދުމުގެ މަސައްކަތެވެ. ނަމަވެސް އޭނާއަށް ލިބުނީބޮޑު ކެއްސެކެވެ.

އެދުވަހުގެ ހަވީރު ވީއިރުވެސް ރިޔާޝާ އިނީ އެއްވެސް އެއްޗެއް ނުކައެވެ. ކާހިތްވަނީ ކެނޑިފައެވެ. ދިރިއުޅުންމަތިން ފޫހިވެފައެވެ. ދިރިއުޅުމުގެ މަގުސަދު ރިޔާޝާއަށް ގެއްލިފައިވާ ކަހަލައެވެ. ސިޓިންރޫމްގައި ހުރި ސޯފާއެއްގައި ރިޔާޝާއިނީ ގަނޑުވެފައެވެ. ކުއްލިއަކާ ހިޔަޏެއް ފެނުނުހެން ހީވުމުން ރިޔާޝާ ސިހިގެންގޮސް ބަލާލިއެވެ. އޭރު ތަންކޮޅެއް ދުރުގައި މަޖުދާދު ބަލަން ހުއްޓެވެ. ރިޔާޝާ ބިރުން މުޅިގައިން ހީބިހި ނެގިއެވެ. "ކީއްވެ ނުކާތިއިނީ، ދަރިފުޅަށް ގެއްލުންވާނެކަމެއް ނޭންގޭތަ؟ މަޖުދާދު ނުރުހުމާއިއެކު ބުނެލިއެވެ. ރިޔާޝާ އެއްޗެއް ބުނާނެހާ ހިތްވަރު ނެތިފައި އިނީއެވެ. ހިތުގައިވާ ޝަކުވާތައް ލަފުޒު ތަކެއްގެ ސިފައިގާ ގެންނަން ދޫ ހަރަކާތް ކުރިނަމަވެސް އަޑެއް ނުނިކުތެވެ. "ރިޔާޝާއަށްޓަކައި އަހަރެން ހުރިހާކަމެއް މިކުރަނީ، އިސްމާޢީލްބެ މަރާނުލައިފިނަމަ އަހަރެންނެއް އަދި ރިޔާޝާއެއްވެސް ދުނިޔެއަކު ނުހުންނާނެ، އެހެންވީމަ އެންމެންގެ ދިރިއުޅުމަށް ޒަހަރުލަމުންދާ މީހާ ދުވަސް މިދުއްވާލީ" މަޖުދާދު ރިޔާޝާއަށް ބަލަން އިދެބުނެލިއެވެ. އަދި މަޑުމަޑުންއައިސް ރިޔާޝާގެ އަތުގައި ހިފާލިއެވެ. ރިޔާޝާ އަތްފޮލުވާލީ ބިރުން ސިހިސިހި އިދެއެވެ. "މަ ހާދަލޯބިވަމޭ ރިޔާޝާ ދެކެ، މިގެއަށް އެންމެ ފުރަތަމަ ދުވަހު އައިންސުރެ އަހަރެން ރިޔާޝާގެ ފަހަތުން މިއުޅެނީ، މަޖުދާދު ލޯބިންފުރިފައިވާ އަޑަކުން ބުނެލިއެވެ. "އެކަމު އަހަރެން ލޯބިވަނީ އަފީފްދެކެ، ތީ އިންސާނެއް ނޫން، އަހަރެން ބޭނުމެއްނޫން ތިކަހަލަ އިފްރީތެއްގެ ދަރިއެއް" އެތައްހާސް ހިތްވަރެއް އެއްކޮށްލައިގެން ރިޔާޝާ ބުނެލިއެވެ. "އަފީފް އަކީ ރިޔާޝާ ހީކުރާކަހަލަ ތެދުވެރިއެއް ނޫނޭ، އޭނާ އުޅެނީ ރާއްޖެއިން ބޭރުން މީހަކާ އިދެގެން، ތިންކުދީން އެބަތިބި، މަޖުދާދު ޔަޤީންކަން ދޭކަހަލަ ރާގެއްގައި ބުނެލިއެވެ. "ތިހެންހަމަ އެއްޗެއް ބުނާއިރަށް މަގަބޫލުކުރާނެކަމަށް ހީކުރީތަ؟ އަފީފް އަހަރެންދެކެ މާލޯބިވާނެ، އޭނާ ދުވަހަކުވެސް އަހަރެންނަށް ބޭވަފާތެރިއެއް ނުވާނެ!" ރިޔާޝާ ޔަޤީންކަމާއިއެކު ބުނެލިއެވެ. "އެހެންވީމަ ރިޔާޝާ މިހާރު ގުޅާބަލަ އަފީފްގެ ކޮއްކޮ ސަލްމާއަށް، އަހާބަލަ އަފީފް ދެއަންބަށް މީހަކާ އިދެގެން އުޅޭކަން އެގޭހޭ، އޭރަށް ސަލްމާ ރިޔާޝާއަށް ތެދެއްބުނިއްޔާ އެގޭނެ މަ އިފްރީތަކަށްވިޔަސް ބުނަނީ ތެދުކަން، މަޖުދާދު ބުނެލިއެވެ. ރިޔާޝާ ތެޅިތެޅި ވާހިތަކާއިއެކު ސަލްމާއަށް ގުޅާލިއެވެ. "ސަލްމާ ދޮންބެ ދެއަންބަށް މީހަކާ އިނދެގެން އުޅޭކަން އެނގޭތަ؟ ރިޔާޝާ ސުވާލުކޮށްލިއެވެ. "ކިހިނެތްވީ ދޮންބެ ދައްތާ ކުއްލިއަކާ ތިޔަވާހަކަ ތިފެށީ، މީހަކު އެއްޗެއް ކިއީތަ؟ ސަލްމާ ކަންބޮޑުވުމާއިއެކު ބުނެލިއެވެ. "އަހަރެން މިބުނަނީ ސަލްމާއަށް އެގޭހޭ؟ ރިޔާޝާ ތުރުތުރުއަޅާ އަޑަކުން ބުނެލިއެވެ. "އާ، އެކަމު އަހަރެން ހިތްހަމަޖެހޭ ކަމެއް ނޫން އެއީއެއް" ސަލްމާ މަޑުމަޑުން ބުނެލިއެވެ. "ދަރީން ތިބޭތަ؟ ރިޔާޝާ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. "އާ ތިންކުދިން ދެފިރިހެން އެއް" ސަލްމާގެ ވާހަކަ ނުނިމެނިސް ރިޔާޝާ ފޯނު ކަނޑާލިއެވެ. އޭރު އޭނާއަށްވަނީ ހަމަރަގަޅަށް ރޮވިފައެވެ. ހުރިހާ ދިމާއަކުންވެސް ލިބުނީ ކެހިކަން އޭނާއަށް އެނގުނު އިރު ހަޔާތުގެ ހުންގާނު މިވަނީ އަތުން ދޫވެފައެވެ. "ނުރޮއި، ހުއްޓާލާ، ތިދެލޮލު އެންމެ ކަރުނަ ތިއްކެއް ވެއްޓުމަކީ އަހަރެން އެދޭކަމެއްނޫން، އަހަރެން މީ އިފްރީތަކަށްވިޔަސް މަހްލޫގަކަށްވިޔަސް ރިޔާޝާއަށްޓަކައި ފިދާވާން ހުރި ފުރާނައެއް، މަޖުދާދު ރިޔާޝާގެ ލޮލުން އޮހެމުންދިޔަކަރުނަތައް ލޯތްބާއިއެކު ފޮހެދެން ފެށިއެވެ. ރިޔާޝާވެސް އެކަމެއް މަނަލެއް ނުކުރެއެވެ. އަދި ހިނދުކޮޅެއްގެ ތެރޭގައި މަޖުދާދު ބާރުގަދަ މުލައްދަނޑީގެ ބާރުގެ ދަށަށް ރިޔާޝާ ގެނައެވެ.

އިރުއޮއްސެމުންދިޔަ ވަގުތެވެ. ރިޔާޝާ އާއި މަޖުދާދު ތިބީ އެމައްޒަރުބަލަން ތުނޑީގެ ކޮޅުގައެވެ. އެކަކު އަނެކަކުގެ އަތުގައި ހިފާލައިގެން ލޯބިންފުރިފައެވެ. "އަފީފް މާދަމާ އެބައާދެ މިރަށަށް" މަޖުދާދު އެންމެ ފަހުގެ މަޢުލޫމާތު ދިނެވެ. ރިޔާޝާ ކަންބޮޑުވިއެވެ. ދެންކިހިނެތް ވާނީ؟ ރިޔާޝާ ބުނެލިއެވެ. " ލޯބި ބޭނުންގޮތެއް" މަޖުދާދު ރިޔާޝާގެ ބަނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ. "އެހާ ލޯބިވޭތަ؟ ރިޔާޝާ ބުނެލިއެވެ. އަސްލު ލޯބިވާވަރު އެނގޭނީ ގުރުބާނީއެއް ވާން ޖެހުނީމާ" މަޖުދާދު ބުނެލިއެވެ.

އަފީފް އަކީ ރިޔާޝާ އެންމެ ލޯބިވާ ފަރާތެވެ. ނަމަވެސް އަފީފް މިފަހަރު އައުމުން ވީ ފޫއްސެވެ. ކުރެވުނީ ނަފްރަތެވެ. ރިޔާޝާ ކުރިކޮންމެ ކަމެއް ކުރީ ޢަފީފްއަށްޓަކައެވެ. ނަމަވެސް އަފީފްގެ ފަރާތުންވެސް ރިޔާޝާއަށް ލިބުނީ ބޭވަފާއެވެ. މަކަރާ ހީލަތެވެ. އަފީފް މީހަކާ އިންނަން ބޭނުންވެގެން ބުނިނަމަ ރިޔާޝާ އެކަމަކަށް އިންކާރެއްނުކުރީހެވެ. ނަމަވެސް ރީތި ގޮތްއޮއްވާ އަފީފް ހިޔާރުކުރި މަކަރުވެރި ރާސްތާ ރިޔާޝާގެ ހިތުގައި ބަދަލު ހިފުމުގެ ޝުޢޫރުތައް އުތުރިގަންފިއެވެ. "އަފީފް އަހަރެން ދެކެ ކިހާ ލޯތްބެއް ވޭތަ؟ ރިޔާޝާ އާދައިގެމަތިން ސުވާލުކޮށްލިއެވެ. "ޝައްކުވަނީތަ؟ ފުރާނައަށްވުރެ ބޮޑަށް " އަފީފް ބުނެލިއެވެ. "އެހެންވިއްޔާ އަހަރެންނަށް ފުރާނަ ދޭންވީނުން! ރިޔާޝާ އަފީފްއާއި ގައިގޯޅިވެލަމުން ބުނެލިއެވެ. "ފުރާނައާއި ޖާނު ރިޔާޝާއަށް ގުރުބާން" އަފީފް އިޝްޤީ ރާގަށް ބުނެލިއެވެ. އެވަގުތު ރިޔާޝާ ދުރުގައި ހުރި މަޖުދާދުއަށް އިސާރާތް ކޮށްލިއެވެ. މަޖުދާދު އައިސް އަފީފްގެ ކަރުގައި ހިފާ މައްޗަށް އުފުލަން ފެށިއެވެ. އަފީފް ހަޅޭއްލަވަމުން ރިޔާޝާއަށް އެހީއަށް އެދުނެވެ. ނަމަވެސް ރިޔާޝާ ހުރީ ކުޅިވަރު ބަލަން ހިނިތުންވެގެންނެވެ. އަފީފް އެންމެ ފަހު ނޭވާ ދޫކޮށްލީ މަޖުދާދުގެ އަތްމަތީގައި ރިޔާޝާގެ ކުރިމަތީގައެވެ. ނަމަވެސް ރިޔާޝާގެ ހިތައް ކުޑަނަމަވެސް އަސަރެއް ނުކުރިއެވެ. އެއަށްވުރެ އޭނާވަނީ އިންސާނުން ދެކެ ފޫހިވެފައެވެ. އަފީފްގެ ހަށިގަނޑު ގެންދިޔައީ މަޖުދާދުއެވެ. ހެދިގޮތެއް ލީތަނެއް ރިޔާޝާނުބަލައެވެ.

އާދުވަހަކަށް އިރުއެރިއިރު ރިޔާޝާ އާއި އަފީފް އާއި ތިބީ ގޮޑުދޮށުގައެވެ. ކަނޑުންނަގާ ބިޔަރާޅު ތަކަށް ބަލާށެވެ. ދުރުން ދެކޭމީހުންނަށް އަފީފް ފެނުނަސް ހަޤީޤަތުގައި އެއީ މަޖުދާދުއެވެ. ރިޔާޝާގެ ހިތުން ޖާގައުފެއްދި މަހުލޫޤެވެ. މަޖުދާދު ޤަބޫލުކުރާ ގޮތުގައި ރިޔާޝާވެސް އޭނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް ހަޤީޤަތަކީ ރިޔާޝާގެ ހިތުގައި ބަދަލު ހިފުމުގެ ރޫހު ފިޔަވާ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ނެތެވެ. ރިޔާޝާ މަޖުދާދު ބޭނުންކުރަނީ ހަތިޔާރަކަށެވެ. މާދަމާގެ ތަސްވީރުގައި ރިޔާޝާގެ ދުނިއަކު މަޖުދާދުއެއްވެސް ނުހުންނާނެއެވެ. ނަމަވެސް އެކަން އެނގެނީ ހަމައެކަނި ރިޔާޝާއަށެވެ.

ކޮމެންޓް 0