9

ހަނދުވަރު ރީތި ، އުޑުމަތި ސާފު ރެއެކެ. ފުންޙިޔާލެއްގެ ތެރެއަށް ޤަރަގުވެފައި އިން ސާރާއަށް ރެއަކާލީ މީހަކު ގޮވާލުމުންނެ. އެވަގުތު އޭނަގެ ވާންއުޅޭ ފިރިމީހާ ލަތީފު ޖެހިގެން އިން ޖޯލީގައި ފޯއްތަށި ހިފައިގެން އިނެ. " ކީއްވެ ތިހާ އެކަނިވެފަ ތިޔައިނީ ! އަދި ނުވެސްކަމެއްނު ! " ލަތީފަށް އޭނާ އެކަނިވެފައި އިންތަން ފެނުމުން ބުނެލެވުނެ. ސާރާ ކަމަކާ ނުވިސްނަމޭ ބުނެ ޖޯލިން ތެދުވެ ކާގެއާއި ދިމާއަށް ހިނގައިގަތެ.

ވަރަށް ކުލަގަދަކޮށް އެދެމީހުންގެ ކައިވެނީގެ ޙަފްލާގެ ހުރިހާ ކަމެއް ކުރެވެމުންދެއެ. ހުރިހާ އެންމެންގެ މޫނުމަތިންވެސް ފެންނަންހުރީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ކުލަވަރެ. ނަމަވެސް ސާރާގެ މޫނުގައި އެއްވެސް ހިތްހަމަޖެހުމެއް އުފަލެއް ފެންނާކަށް ނެތެ. ހިތާމަވެރިކަމާއި ، ހިތްނުތަނަވަސްކަމާއި ، މާޔޫސްކަން ފިޔަވައި އޭނާގެ މޫނުމަތީގައި ފެންނާކަށް ނެތެ. ނަމަވެސް ކެތްތެރިކަމާއިއެކު މީހުންނަށް އޭނާ އުފައުވެފައިވާ މަންޒަރު ދައްކަން މަސައްކަތް ކުރަމުން ދެއެ. ސާރާގެ އެންމެ ގާތް ހަތަރު އެކުވެރިން އެކައިވެނިޕާޓީއަށް އައިސް ތިއްބެ.

އާމިލާ : ހޫނނނ. ދެން މި މަންޖެ ގެއްލެނީ ދޯ ފާތުން !

ފާތުން : އާނ ދެން ވާނީވެސް އެހެންތާދޯ !

ނައީމާ : ދެން އަހަރުން ފެނުނީމަވެސް ކޮންބައެއްކަމެއްވެސް ނޭނގޭނެކަންނޭނގެ !

އަލީ : ހޫނ ދެންހެވޭ .... މިއޮއްފަދަރޭވެސް .... އަހަރެން ހިތައް އަރާ ކަލޭމެންގެ ފިރިންވާ ކެއް ގަދައޭ !

އާމިލާ : އެއޯ........

އަލީ : އެއީ ތިހާ އަނގަގަދަ ބަޔަކު......... ގޮވައިގެން އުޅެވޭނީ އެމީހަކީ ހިތްވަރުގަދަމީހަކަށް ވީމައެއްނު ދޯ ސާރާ !!!!

ސާރާ : ދެން އޯކޭ!!!! މިރޭ ދެން ހިތްފުރެންދެން ދިމާކުރޭ

ފާތުން : އޭތް ރުޅިއައީތަ !!!!

ސާރާ : ރުޅިއޭ!!!! މަތަ !!! އެވެސް ތިމީހުން ދެކެ ... ނުވާނެ ތިކަމެއް!!!

ސާރާ އޭނަގެ ރަޙްމަތްތެރިންނާއި އެކު މަޖާކުރަމުންދާ މަންޒަރު ބަލަހައްޓައިގެން ލަތީފަށް ހުރެވުނީ ކިހާއިރަކު ކަމެއްވެސް ޙުދު އޭނާއަކަށްވެސް ނޭނގެއެ. ކައިވެނި ކުރުމަށްޓަކައި އެރަށަށް އައިފަހުންވެސް ހަފްތާއަކަށްވުރެ ގިނަދުވަސްވެއްޖެއެ. ނަމަވެސް އެފަދަ ހިތްހަމަ ޖެހުމެއް ދުވަހަކުވެސް އޭނަގެ މޫނުމަތިން ފެނިފައެއް ނުވެއެ. އެހެންވެ ލަތީފު އެމަންޒަރު ބަލަމުން ގެންދިޔައީ އެއްވެސް ކަހަލަ ފޫހިކަމެއް ނެތިއެ. " މިހިރީއެއްނު !!!! ހޯދާ ހޯދާ އަހަރުން ހަލާކު ވެއްޖެ ! " ޝާން އަކީ ލަތީފުގެ އެންމެގާތް އެކުވެރިޔާއެ. އޭނަގެ ކައިވެންޏަށް އޭނަގެ ތިން ރަޙްމަތްތެރިން އައިސް ތިއްބެ. " އޭތް ކޮންތަނަކަށްތަ ތިބަލަނީ !!! " މާލިކުގެ މިބަހާއި އެކު ބަހީރުގެ ބަސްވެސް އިތުރު ކޮށްލިއެ. " ދެން މާލިކު !!! މިހާރު ދެން ބެލޭނީ ބާބީ ގަޔަކަށްނު !!! " " ސާބަސް ކަލޭމެންނަށް ! ދިމާކުރަންފަށައިފިއްޔާ ނޭނގޭ ދޯ ހުއްޓާކަށްވެސް !! " ލަތީފުވެސް ސަކަ ގޮތަކަށް ބުނެލިއެ. މިގޮތުގައި ސަކަރާތްތަކެއްގައި ތިއްބާ ލަތީފުގެ މަންމަ ފެމެލީ ފޯޓޯކޮޅެއް ނަގަން ހުރިހާ ކުދިން އަންނާށޭ ބުނުމުން ހުރިހާ އެންމެންވެސް އެތަނަށް ދިޔައެ. އޭރު ސާރާ އޭނަގެ ރަޙްމަތްރެރިންނާއި އެކު ފޮޓޯ ނަގަމުން ގެންދެއެ. މިގޮތުގައި ކައިވެނީގެ ހަފްލާ ވަރަށް އަމާންކަމާއި އެކު ނިމިގެން ދިޔައެ. ލަތީފަކީ މާލޭ މީހެއް ނަމަވެސް ސާރާގެ މައިންބަފައިންގެ އެދުމުގެ މަތިން އެމީހުންގެ ކައިވެނި ސާރާގެ ރަށްކަމަށްވާ ރާ އަތޮޅު ދުވާފަރުގައި ކުރެވުނެ. ސާރާއަކީ މޮޅު ފެހުންތެރިއެކެ. ލަތީފު މަސައްކަތް ކުރަމުންދަނީ ގައުމަށްޓަކައި ގުރުބާންވުމަށް ތައްޔާރަށް ހުރި ޙިދުމަތްތެރި ސިފައިނެއްގެ ގޮތުގައެ. ކައިވެނީގެ ފުރަތަމަ ރެއެ. ލަތީފު އޭނަގެ ލޯބިވާ އަނބިމީހާގެ އަތުގައި ވަރަށް ލޯބިން ހިފާލިއެ. އަދި ވަރަށް ބޮޑަށް ސާރާ ގާތް ކޮށްލިއެ. ނަމަވެސް ސާރާ އޭނަގެ ފިރިމީހާ ދުރަށް ކޮށްޕާލިއެ. އަދި އޭނައާ ގާތް ނުވުމަށްއެދުނެ. ލަތީފަކީ ސާރާގެ އަލަތު ފިރިމީހާ އެއްނޫނެ. ކުރިން ސާރާ ކައިވެންޏެއް ކޮށްފައިވާކަން ލަތީފަށްވެސް އެނގެއެ. ނަމަވެސް އެދެމީހުން ވަކިވީ ކޮންސަބަބަކާއި ހުރެ ކަމެއް އޭނައަކަށް ނޭނގެއެ. ލަތީފަށް އޭނާ އެންމެ ފުރަތަމަ ދިމާވީ އައިޖީއެމްއެޗް ހޮސްޕިޓަލް ތެރެއިންނެ. އެއީ މީގެ ފަސްއަހަރު ކުރިއެ. އޭރު ސާރާ އުޅެނީ ކައިވެނި ކޮށްގެނެ. ނަމަވެސް އޭރުން ފެށިގެން ލަތީފު އިންތިޒާރު ކުރަމުން އެގެންދަނީ ސާރާގެ ލޯތްބަށެ. ނަމަވެސް އޭނަގެ ޙަޔާތުގެ އެންމެ އުފާވެރި ވަގުތު މިފަދަ ކަމެއް ދިމާވެދާނެ ކަމަށް ދުވަހަކުވެސް އޭނާ ހިޔެއް ނުކުރެއެ.

ލަތީފު : " ކިހިނެއްވީ..... ސާރާ ! "

ސާރާ : އަހަރެން ....... އަހަރެން ބޭނުމެއް ނުވޭ!!! އެއްވެސް ލޯތްބެއް !!! "

ލަތީފު : ކީކޭ؟؟؟؟؟

ސާރާ : ތީނަ ހީކުރީތަ ....ހީކުރީތަ ސިފައިންގެ މީހެއްވީމަ އަހަރެން ހުންނަނީ ތީނައާ ހެދި ހޭބަލިވެފައޭ.

ސާރާ : ހީނުކުރައްޗޭ !!! އެހެން.... ހުނނނނ މިހާރުވެސް ނޭނގޭ މާލޭގެ ކޮންމެ އަވަށެއްގަވެސް ބިޓެއް ނުހުންނާނެ ކަމެއް.

ސާރާ : ލޯތްބޭ ކިޔާފަ އަނގަ ހުޅުވާއިރު އެންމެ ފަހަރަކުވެސް ހިތައް އަރާތަ ކަލޭމެންގެ ކުށްތައް ދެނެވޮޑިގެންވާނެ ފަރާތެއް ވެއޭ.... އެހެންވެ މީގެ ފަހުން އަހަރެންނަ ގާތްވާން މަސައްކަތް ނުކުރާތި "

ސާރާ ރުޅިވެރިކަމާއިއެކު އޭނަގެ ހިތުގެ އުދާސްތައް އެއްފަހަރާ ހާމަކޮށްލިއެ. ލަތީފަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެ. އޭނަގެ އެއްވެސް ކުށަކާ ނުލައި...... އެންމެ ލޯބިވި މީހާ އޭނައާ ދޭތެރޭ އެފަދަ އެއްޗެއް ކިޔާނެ ކަމަށް ހިތަކަށްވެސް ނުގެނެވުނެ. އޭނަގެ ހިތައްހީވީ ތޫނު ހަންޖަރެއް ހަރާލިހެނެ. ދެމީހުން ދެފަރާތައް މޫނު ލައިގެން އޮވެވުނީއެ. ގޮތް ހުސްވެފައެ. ދެމީހުންނަށްވެސް ބޭއިޙްތިޔާރުގައި ރޮވެނީއެ. އެގޮތުގައި ތިންދުވަސް ފާއިތުވެއްޖެއެ. މީހުންގެ ކުރިމަތީގައި ދެމީހުން އަނގައިންބުނެ ހެދިޔަސް ކޮޓަރިއަށް ވަނުމަށްފަހު އެއީ ދެބީރަށްޓެހިންނެ. ލަތީފު ކައިވެނީގެ ކުރިން ނިންމާފައިވަނީ ، ކައިވެނީގެ ފަހުން ސާރާ ގޮވައިގެން މާލެ ދިއުމަށެ. އެމީހުންގެ ދިރިއުޅުން މާލެ ބަދަލުކުރުމަށެ. ކަންތައްވީވެސް ހަމަ އެގޮތަށެ. އާއިލާގެ އެންމެން ސާރާއަށް ނަސޭހަތް ދެމުންދިޔައީ ކުރީގައި ވެފައިވާ ކަންތައް ހަނދާން ނައްތާލައި ، މިހާރުގެ ދިރިއުޅުން އާރާސްތު ކުރުމަށް މަސައްކަތް ކުރުމަށެ. އޭނަގެ ރަޙްމަތްތެރިންވެސް ދެމުންދިޔައީ އެއްނަސޭހަތެކެ. އަދި ކުރީގެ ކަންތައްތައް މަތިން ހަނދާން ނައްތާލުމަށެ. އެދެމީހުން ދިރިއުޅެނީ ވަކި ގެއެއްގައެ. އެގޭގައި ދެކޮޓަރިއާއި ބަދިގެއަކާޢި ސިޓިންގް ރޫމެއް ހުރެއެ. ލަތީފުގެ މައިންބަފައިން ދިރިއުޅެނީ އޭނަގެ ދައްތައާއި އެކު އިންޑިއާގައެ. އެދެމީހުން ނިދަނީ ދެކޮޓަރީގައެ. ގިނަފަހަރަށް ލަތީފު ގެއަކަށް ކާކަށްވެސް ނާދެއެ. މިގޮތުގައި ދުވަސްތައް ، މަސްތަކަށް އަދި މަސްތައް އަހަރުތަކަށް ބަދަލު ވަމުންދެއެ. އެމީހުންގެ ކައިވެންޏަށް ދެއަހަރު ވެއްޖެއެ. އަދިވެސް ކުއްޖަކު ނުހުރެއެ. މިކަމާ ސާރާގެ އާއިލާގެ މީހުން ހުންނަނީ ވަރަށް ދެރަވެފައެ. އެމީހުން ދޭތެރެ ދޭތެރެއިން ރަށަށްވެސް ގޮސްއުޅެއެ. މީހުން ކުރިމަތީ ވަރަށް ލޯބިން ވާހަކަ ދައްކައިވެސް ހަދައެ. އެގޮތަށް އެއްފަހަރެއްގައި ޗުއްޓީއަށް ރަށަށް އައިސް ހުރި ދުވަސްކޮޅެކެ . ސާރާ އޭނާގެ ރަޙްމަތްތެރިންނާއިއެކު އާއްމުކޮށް އެމީހުން ގޮސްއުޅޭ ހުރާގަނޑަށް ދިޔައެ. މިހާރު އެމީހުންގެ ކޮންމެ މީހަކަށް ކުދިންވެސް ތިބެއެ. މިހާރު އެމީހުންގެ އެގުރޫޕަށް ބޮލެއްވެސް އިތުރުވެފައި ހުރެއެ. އެއީ އަލީގެ އަންހެނުން ސަބީނައެ. ސާރާ އޭނަގެ ރަޙްމަތްތެރިންނަށް އޭނައާ ލަތީފުގެ ހުރިހާ ވާހަކައެއް ކިޔައިދިނެ. އަދި ލަތީފްގާތު އެރޭ ކިޔުނު އެއްޗެއްސަށް މަޢާފަށް އެދެން ބޭނުންވާ ވާހަކަވެސް ބުނަމުން ދިޔައެ.

ސާރާގެ ހުރިހާ ރަހްމަތްތެރިންނަށްވެސް ލިބުނީ ކުއްލި ސިހުމެކެ. މިހާ ދުވަސްވީއިރު އެދެމީހުންގެ ގުޅުން ގޯސްވެފައި ހުރިވަރުންނެ.

އަލީ : ކީއްވެތަ ނުވިސްނިގެން ތިޔަ އުޅެނީ ސާރާ ؟ ޔޫސުފް ދެނެއް ..... ނާންނާނެ. މިހާރު އޭނަގެ ދެކުދިންވެސް ....

ނައީމާ : ކީއްވެ ސާރާ ތިގޮތަށް ތިހީކުރަނީ !!! ހުރިހާ ސިފައިނުން އަންހެނުންނަކަށް ހޭބައްޔެއްވެސް ނުވާނެ.

އާމިލާ : މަށަށް ބުނެވޭނީ ހަމަ އެންމެ އެއްޗެއް. އެއީ ތިގޮތަށް ކަންތައްކުރުމުން ޔޫސުފަށް ލިބިގެންދާނީ އިތުރު ހިތްވަރެއް އަދި އެ އާއިލާ މީހުންނަށްވެސް. އަދި އެމީހުން މިހާރުވެސް ސާރާގެ އާއިލާގެ މީހުންނަށް ކިޔަމުން އެގެންދާ ހުތުރު އެއްޗެހި ކިޔުން ހުއްޓޭނީވެސް....ޕްލީޒް. މަސައްކަތް ކުރޭ.

ފާތުން: އަހަރެންނަށް ހަމަ ޔަގީން ލަތީފު މައާފް ކުރާނެކަން. އޭނަ އެހުންނަނީ ސާރާއާ ހެދި މޮޔަވެފަ. ތިލޯތްބަށް އެދި ފެންބޮވައިގެންފަ.

ސާރާ އޭނާގެ ރަހްމަތްތެރިން އެދެމުންގެންދިޔަ ނަސޭހަތްތައް ކަނުލައި އަޑުއެހިއެ. އަދި އޭނަގެ ހަޔާތް ކިލަނބު ކޮށްލި މީހާއަށް ހިތްވަރު ލިބޭފަދަ އެއްވެސް ކަމެއް ނުކުރުމަށް އަޒުމު ކަނޑައެޅިއެ. ޗުއްޓީ ނިމިގެން ދެމީހުން މާލެދާން ފުރައިފިއެ.

އެރޭގެ ރޭގަނޑު ބާރަޖަހައިފިއެ. އާދައިގެ މަތިން ދެމީހުން ނިދަންވަނީ ދެމީހުންނަށް ކަނޑައެޅި ޙާއްސަވެފައިވާ ކޮޓަރިއަށެ. އެކެއްވެސް ޖަހައިފިއެ. ސާރާއަކަށް އިތުރަކަށް ނޯވެވުނެ. އަވަސްއަވަހަށްގޮސް ލަތީފުގެ ކޮޓަރި ތަޅުގައި ހިފާލިއެ. އަދި އެތެރެއަށް ވަނެ. އޭރު ލަތީފު އޮތީ ނިދާފައެ. ސާރާ އޭނާގެ މޫނަށް ރަނގަޅަށް ބަލައިލިއެ. އަދި އެމައުސޫމު މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެލިއެ. އަދި އޭނަގެ ކޮލުގައި ދޮނެއް ދިނެ. އެއަށް ފަހު އޭނަގެ މޭގައި ބޯއަޅާލައިގެން އޮށޯވެލިއެ. އޭރު ލަތީފަށްވެސް ހޭލެވިއްޖެއެ. އަދި ސާރާ އޭނަގެ މޭގައި ބޯއަޅާލައިގެން އޮތުމުން އޭނައަށް އިޙްސާސްވެސް ނުކުރެވޭފަދަ އުފާވެރިކަމެއް ހިތައް ވެރިކުރުވިއެ.

ލަތީފު : ސާރާ..................

ސާރާ ވަރަށް ހާސްވެފައިހުރެ އަވަހަށް ތެދުވެލިއެ. އަދި ކޮޓަރިން ނުކުތުމަށް ބާރަށް ހިނގައިގަތެ. ނަމަވެސް ލަތީފު އޭނަގެ އަތުގައި ބަރަށް ހިފަހައްޓާލިއެ. އަދި އޭނައާ ދުރަށް ނުދިޔުމަސް އެދި އާދޭސް ކުރިއެ.

ސާރާ : އަހަރެން ...... އެރޭ...... އެރޭ ކިޔުނު އެއްޗެއްސަށް ވަރަށް ބޮޑަށް ސޮރީ....

ލަތީފު : އެއީ އެވަރު ކަމެއްނޫން. ގިނަބަޔަކު އެފަދަ މުޑުދާރު އަމަލު ކުރާނަމަ އެފަދަ ބަޔަކަށް އިތުބާރެއް ނުކުރެވޭނެ. ،.. އެއީ ދުނިޔޭގެ އާދަ. އަހަރެން އަބަދުވެސް ސާރާއަށް މައާފް ކޮށްދޭނަން.

ސާރާ : އަހަރެން ލަތީފަށް ކިޔައިދޭން ބޭނުން ވާހަކަތަކެއް އެބަހުރި.

ދެމީހުން އެނދުމަތީ އށީނދެލިއެ. އަދި ސާރާ އޭނަގެ ވާހަކަ ފެށިއެ.

" އެއީ މީގެ ފަސްއަހަރު ކުރި. އަހަރެން އަހަރެންގެ ޙަޔާތުގެ އެންމެ ލޯބިވާ މީހާއާ ކައިވެނިކުރިން. އާއިލާގެ މީހުންއެހާ ގަބޫލެއްނޫން އަހަރެމެން ގުޅޭކަށްވެސް. އެމީހުންނަށް އެއާއިލާގެ މީހުންގެ ކަންތައް އެހާހިތްހަމައެއްނުޖެހެވޭ. އެހެންނަމަވެސް... ކައިވެންޏަށް ދެއަހަރުވީއިރުވެސް އަހަރެމެންނަކަށް ކުއްޖަކު ނުލިބޭ. އަބަދުވެސް މައްސަލަޖެހެނީ. ފިރިމީހާ މަސައްކަތެއް ނުކުރޭ. އަހަރެންނަށް ފަހައިގެން ލިބޭ މަދުލާރިކޮޅަކުން ދިރިއުޅުމުގެ ކަންތައްތަކެއް ނުފުދޭ. އެހެންވެ ވަޒީފާއެއް ހޯދަން މަސައްކަތް ކުރަންފެށި. އަހަރެންނަށް އޮފީހުގެ ވަގުތީ އެސިސްޓެންޓް އޮފިސަރެއްގެ ވަޒީފާ ލިބުނު. އަހަރެން މުސާރައަކީ ހަހާސްރުފިޔާ. އަހަރެންގެ ގެއަށް ދެހާސްދީފަ ، ފިރިމީހާގެ ގެއަށް ދެހާސް ދީފަ ބާކީ ދެހާސް ފިރިމީހާ ބޭނުންކުރަން. ފިރިމީހާއަކީ ސިގިރެޓަށް ގޮސް ހުސްވެފައި ހުންނަ މީހެއް . އަހަރެންގެ އަތުގަ އިތުރަށް ސޭވް ކުރާނެ އެއްވެސް އެއްޗެއް ނޯވެ. ގިނަފަހަރަށް ދަރަނިވެރިވެފަ ހުންނަނީ. އަހަރެމެން ވަރަށް މައްސަލަޖެހެންފެށި. ގިނަފަހަރަށް ވަރިއާ ހަމައަށްވެސްދޭ. ނަމަވެސް ދެމީހުންވެސް ލޯބިވާތީ…... ތިންވަނައަށް ވީއަހަރުން ފަށައިގެން ފިރިމީހާގެ އާއިލާއިން އަހަރެންނަކީ ކުދިންނުލިބޭ މީހެކޭ ކިޔައި އަހަރެންނަށް އެކިގޮތްގޮތުން އެއްޗެހިކިޔައި އުނދަގޫކުރަންފެށި. ނުވިތާކަށް ޔޫސުފްކައިރީ އަހަރެންނަކީ ދަރިންނުލިބޭ އަންހެކޭ އަބަދު އުޅެނީ އަހަރެންގެ އާއިލާގެ މީހުންނާވެގެންނޭ ،..މިކަހަލަ ބައިވަރު ވަހަކަތަކެއް ދައްކައިގެން އޭނަގެ ހިތުގައި އަހަންނާ ދޭތެރޭ ނަފްރަތު އުފައްދަންފެށި....އަހަރެން އުޅެނީ ވަގުތީ ވަޒީފާއެއްގައި ކަމުން އަހަރުވީމަކެނޑޭނެ.އެގޮތަށް ދެއަހަރު ވަޒީފާގަ އުޅެފަ ކައިވެންޏަށް ފަސްވަނައަހަރު އަހަރެން ބަލިކޮށްއުޅެންޖެހުމުން އެއްވެސް ވަޒީފާއަކަށް ނުދަން. ޔޫސުފް އަހަރެންނަށް އަނިޔާކުރަންފެށި.ލޯބިންދެކުނު ހުރިހާ ހުވަފެނެއް....އޭނަ އަހަރެން ވަރިނުކުރާތީވެ ، އެމީހުން ހާއްސަ ރޭވުމެއް ރާވާލި. އެއްރޭ.... އަހަރެން ނިދަންލަނީ ނިދަން ޙާއްސަ ހެދުމެއް...އަހަރެން ރޭގަނޑު ބާރަޖެހުމަށްފަހު ދޮރު ތަޅެއް ނުލަން. އެއީ އޭނަ އަންނަނީ ވަރަށް ލަހުން އަނެއްކާ ކޮޓަރީގެ ތަޅުދަނޑިވެސް ގެއްލިފައިވީމަ... އެރޭއަހަރެން ނިދާފައި އޮއްވާ އެމީހުން އަހަރެންގެ ކޮޓަރިއަށް ފިރިހެނަކު ވެއްދި. އަހަރެންނަށް ތެދުވެވުނީ މީހަކު އަހަރެންގެ ގަޔަށް އަރާހެން ހީވާތި.. އޭރު..... ބޭރުމީހެއް........؟؟؟؟ އަހަރެން ވަގުތުން ތެދުވިން... އެވަގުތު ޔޫސުފްއާއި އޭނަގެ މަންމައާއި އަންހެން ދެކޮއްކޮ ދޮރުމަތީގައި.... އަހަރެން އެކަހަލަ ގޯސްކަމެއް ނުކުރަމޭ ބުނެ ވަރަށް އާދޭސްކުރިން. ނަމަވެސް އޭނައަހަރެންނަށް އަނިޔާ ކުރަމުންދިޔައީ ދުވަހަކު މީހަކު އޭނަގެ ދުޝްމަނަކަށްވެސް ....ނުކުރާވަރަށް... އަދި އަހަރެންގެ ބޮލުގައި ދޮގުތުހުމަތުއެޅުވި. އަހަރެންނަކީ ދަރިންނުލިބޭ ހަށިވިއްކާ މީހެއްކަމުގައި ބުނެއެންމެ ފަހުބަސް އިއްވި....... އަހަރެން ވަރިކުރި. އަދި އޭނަކޮޓަރިން ނުކުމެގެންދިޔުމުން ފިރިމީހާގެ މަންމަ އޭނަބޭނުންގޮތަށް ކަންތައްވީމަ ހުރީ ވަރަށް އުފަލުން. އަދި އެބޭރުމީހާ ވައްދަންޖެހުނީ އަހަރެން އިސްވެ ޔޫސުފް ކައިރިން ވަރިނުވުމުންކަމަށް ބުނެ އަހަރެންކައިރީ އެގެއިން ނުކުންނާށޭ ބުނެ އެތަނުން ދިޔަ. އަހަރެން އެދަންވަރު އަހަރެންގެ އެއްޗެހި ދަބަހަކަށް އަޅައިގެން ނުކުތް ވަގުތު އެއެންމެން ބޭރުގައި ތިބި....ޔޫސުފްވެސް.......... އަހަރެން ފެނުމުން އޭނަގެލޭ ހޫނުވެފައި ހުރިވަރުން އައިސް ކޮންބުރުގާއެއްއަޅާކަށްހޭ ބުނެ، ބުރުގާ އެއްލާލި. އަދި ދަރިން ނުލިބޭ މީހެކޭ ބުނެ އަހަރެންނަށް އެއްޗެހި ކިޔަމުންދިޔަ. އަހަރެންގެ މައިންބަފައިންނަށްވެސް ނުކިޔާ ހަޑިއެއްޗެއް އެމީހުންގެ ނެތް. އަހަރެން ގެއަށް އައުމުން އަހަރެންގެ އާއިލާއިން ވަރަށް އޯގާތެރިވި. އެމީހުން މުޅިރަށުތެރެއަށް އަހަރެންނަކީ ހަށިވިއްކާ............ މީހެކޭ ބުނެ އެއްޗެހި ކިޔަމުން ދިޔައިރު އެމީހުންނަށްޓަކައި އަހަރެން އުފުލި ބުރަ ހިތައްނޭރީ ކީއްވެބާއޭ ހިތައް އެރި. އެމީހުން އަހަރެންގެ ގެދޮށަށް އައިސްވެސް އެއްޗެހި ކިޔަމުންދުވި. އަހަރެންގެ ލޯބިވާ ކާފަ މަރުވީވެސް އެހިތާމައިގަ. ހުރިހާ ކަމަކީވެސްﷲގެ މިންވަރުފުޅުން ވާނޭކަންތައް. އަހަރެންނަކީ ދަރިންނުލިބޭ އަންހެނެކޭ ބުނެ އެއްޗެހިކިޔާ ކޮންމެ ވަގުތަކުވެސް ހީވަނީ ހިތައް ހޫނުފެންތަށްޓެއް އޮއްސާލާހެން. ނަމަވެސް ﷲ އަށް ހުރިހާކަމެއްވެސް ވަކީލުކޮށްގެން ހުރީމު. އެވަގުތުގައިވެސް އާއިލާގެ މީހުންނާ ރަށްޓެހިންގެ ފަރާތުން ވަރަށް އެއްބާރުލުން ލިބުނު. އޭގެ އެއްމަސްވެސް ރަނގަޅަށްނުވެ އޭނަ އެހެން ކައިވެންޏެއްކުރި. އަދި އޭގެ ދެމަސް ފަހުން އޭނަގެ އަންހެނުން ބަލިވެ އިން.އޭގެފަހުން ހުރިހާ އެންމެނަށްވެސް ހީވެފައި އޮންނަނީ ކުދިން ނުލިބެނީ އަހަރެންނަށް ކަމުގަ. އެމީހުން އެއަށްވުރެ ބޮޑަށް ފޯރިއަރުވާލި ޙާއްސަކޮށް ޔޫސުފް. އަހަރެމެންގެ ގެމަގުން ސައިކަލުގައި އޭނަގެ އަންހެނުންގޮވައިގެން އެތައްފަހަރަކު ދުއްވާ ކަންތައްކުރި އަދި އިންނާނޭމީހަކު ނުވާނެއޭ ބުނެ..... އެހެންވެ އަހަރެން ތީނައަށް ކައިވެނި ކުރުމަށް އާއެކޭ ބުނީ..... އެކަމު މިހާރު އަހަރެންވެސް ލަތީފު......ދެކެ ވަރަށް ...... ލޯބިވޭ....." މިވާހަކަތައް ކިޔައިދިނުމުން ދެރަނުވާށޭ އިންސާނުންނަށް ކަންތައްތައް ކުރިމަތި ކުރުވަނީ އެފަރާތުންނޭ ބުނެ ލަތީފު ސާރާގެ ގައިގައި ފުރަތަމަ ފަހަރަށް ބައްދާލިއެ. އެމީހުން އެކަކު އަނެކަކަށް ބޭވަފާތެރި ނުވާނެކަމަށް ވައުދުވިއެ. އެއީ އެމީހުންގެ ކައިވެނީގެ ފުރަތަމަވެރޭވެސް މެއެ. އޭގެ ހަމަސްފަހުން ސާރާ ބަލިވެ އިންކަން އެނގުނެ. އަދި އެންމެ ފުރަތަމަވެސް ސާރާ ﷲއަށް ޝުކުރުގެ ސަޖިދައެއްޖެހިއެ. އަދި އޭނާގެ އާއިލާގެ އެންމެންނާއި ރަޙްމަތްތެރިންނަށްވެސް މިއުފާވެރި ޙަބަރު ދިނުމުން އެންމެންވެސް ތިބީ އުފަލުންގޮސް ހިތްފުރިފައެ. ލަތީފު އާއި ސާރާގެ ޙަޔާތަށް ލޯބިލޯބި އަންހެން ކުއްޖަކު އުފަންވިއެ. އެމީހުން ދަރިފުޅު ގޮވައިގެން ރަށަށް ދިޔައެ. އަދި ހަފްތާއެއްވަރުފަހުން ޔޫސުފް ސާރާގެ ގެއަށް އައިސް އޭނަގެ އަންހެން ކޮއްކޮއަށް ކުދިން ނުލިބޭތީވެ ، އޭނަގެ ފިރިމީހާ އޭނަ ވަރިކުރުމުން ، އޭނަ ޔޫސުފްގެ ކައިރީ ކުރީގެ ހުރިހާ ކަންތައްތަކެއް ހިނގި ގޮތް ކިޔައިދިނެ. އަދި އެކަމަށްޓަކައި މައާފަށް އެދުނެ. ސާރާ އެއީ ދެން މިހާރު ނިމިފައިވާ ކަމެއްކަމާއި އޭނަގެ ހިތުގައި އެކަމާ ދޭތެރޭ އެއްވެސް ޝަކުވާއެއްނެތް ކަމަށްބުނަމުންދިޔައެ. އަދި ދިރިއުޅުމެއް ފުރިހަމަ ވާނީދެމީހެއްގެ ކިބައިގައި އެކަކު އަނެކަކަށް އެހީވެ އަޅާލާ އަދި އިތުބާރު ކުރުން އޮވެގެންކަމަށްބުނެ މައާފްކޮށްދިނެ. އޭގެފަހުން އެމީހުންގެ އާއިލާވަރަށް އުފާވެރިކަމާއެކު އުޅެމުންދެއެ.

ކޮމެންޓް 0