30

'ހެޕީ އެނިވަރސަރީ ބޭބީ' އަރާމު ނިންޖަކުން ނިދާލާފައި އޮތް އީންގެ ލޯ ހުޅުވާލެވުނީ ޝަހުލްގެ އަޑަށެވެ.

'ވަރަށް އުފާވެއްޖެ ތިކަހަލަ ލޯބި ލޯބި އަނތްބަކާއެކު ހަތް އަހަރު ވޭތުކުރުމުގެ އުފާ ލިބުނީތީ" އީންގެ މަގަތުގައި އިށީނދެލަމުން ޝަހުލް ބުނެލިއެވެ.

'އެއްކަލަ ޝަހުލްގެ ފިލްމީ ޑައިލޮގްތައް ފެށުނީ. ކިހިނެއް މިވަރުން ދެން ނިދައިފައިވެސް މީހަކު އޮންނާނީ" ފިރިމީހާއަށް ޖަވާބު ދެމުން އެނދުން ތެދުވެގެން އީންވެސް ހިނގައިގަތީ ފާހާނާއަށް ވަނުމަށެވެ.

އީން އާއި ޝަހުލްގެ ކައިވެންޏަށް ހަތް އަހަރު ވީއިރު، އެ ދެމަފިރިންނަކީ މުޅިން ހަމަޖެހިގެން އުޅޭ ދެމީހުންނޭ ބުނެވޭނެ ޖާގައެއް ނެތެވެ. މަދު މަދުން ލޯބިން ވާހަކަ ދައްކާލާ، ހީ ސަމާސާކޮށްއުޅޭ ވަގުތުތައް އައި ކަމުގައި ވީނަމަވެސް ދުވާލުގެ ގިނަ ވަގުތު އެދެމަފިރިން ތިބޭނީ ފުސްމޫނު ހަދައި، ތުންފިއްތައިގެނެވެ. ސަބަބުތައް ކިތަންމެހާވެސް ގިނައެވެ. ޝަހުލްގެ ބިޒީ ޝެޑިއުލެވެ. އަނބިމީހާ ގާތު މަޑުކޮށްލަން ލިބޭ ވަގުތު މަދުވުމެވެ. ދެފަރާތުގެ އާއިލާ މީހުންގެ ނުރުހުމުގައި ކުރެވުނު ކައިވެންޏަކަށް ވީތީ އެމީހުންގެ ބަދުބަސްތައް އަހަންޖެހުމެވެ. އީން ވަޒީފާއަށް ދިޔުމަށް ޝަހުލް ގަބޫލުނުވުމެވެ. މިހެން ގޮސް އިންތިހާއަށް މައްސަލަ ގިނައެވެ. ނަމަވެސް، އެންމެ ބޮޑު މައްސަލައަކީ ކޮބައިކަން އެނގުނަސް ދެމަފިރިންވެސް އެވާހަކައެއް ނުދައްކައެވެ. ދައްކަން ބޭނުންވިޔަސް ފަށާނެ ގޮތެއްވެސް ނޭނގެނީއެވެ. އިނދެގެން ހަތްއަހަރު ވީއިރު، ރޭގަނޑާއި ދުވާލު އެކަނިމާއެކަނި ގޭތެރޭގައި އިންނަ އީންގެ އުނގު ފަޅުފިލުވާލާނެ ތުއްތު ތުއްތު ފުއްގަނޑެއް ނެތުމަކީ އޭނާގެ އެންމެ ބޮޑު ހިތާމައެވެ.

ކައިވެނީގެ ފުރަތަމަ ހަތަރު އަހަރު ހޭދަވީ ވަރަށް އުފަލުގައެވެ. ހަނީމޫނުގެ ދުވަސްކޮޅަށް ފަހު، ދަރިޔަކު ހޯދުމަށް ޕްލޭން ކުރެވި މަސައްކަތް ފެށުނެވެ. ނަމަވެސް އަހަރުތައް ފާއިތުވެގެން ދިޔައިރުވެސް އެކަން ކާމިޔާބުވާ ގޮތް ނުވުމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި މަޑުމަޑުން ދެބަސްވުންތައް އުފެދި، ޒުވާބުތައް ގިނަވާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ހަމައެކަނި އަހަރު ފުރޭ ދުވަސްދުވަހާއި އުފަންދުވަސް ފަދަ ޚާއްސަ ދުވަސްތަކުގެ ބައެއްގެ ގޮތުގައި ލޯބިވެތި ބެލުންތަކާއި ލޯބީގެ ގޮވެލިފަތިތައް ރިޒާވްވެގެން ދިޔައެވެ.

'ހައި އީން. ކޮންކަމެއް މިއަދު އޮތީ؟' ކާމޭޒު ދޮށުގައި ސައިބޯން އިން އީން ފޯނަށް އައި މެސެޖު ސިއްރުސިއްރުން ބަލައިލިއެވެ. އަދި ޝަހުލަށް ފާހަގަ ނުވާނެހެން މަޑުމަޑުން ފޯނުގެ ސްކްރީންފުށް ދަށަށް ވާގޮތަށް ބާއްވާލިއެވެ.

'މި ދަނީ ބަނޑޮހަށް ދާން. އެކޮޅުގައި އެބައޮތް ދެދުވަހުގެ ކޮންފަރެންސެއް. މާދަމާ ރޭ މާލެ އަންނާނީ' ކަރުގައި ބައްދާފައި އޮތް ޓައީގެ ގޮށް ރަނގަޅުކޮށްލަމުން ޝަހުލް ގެއިން ނުކުމެގެން ދިޔައީ ދެވަނަ ފަހަރަށް އީންގެ މޫނަށް ބަލާވެސް ނުލައެވެ.

'އެދިޔައީނު. މިހާރު ހިއެއްނުވޭ ހެނދުނު އެހާ ލޯބިން އުޅުނު ޝަހުލް ހެންވެސް. އޭނައަށް ހެޔޮވާނެ މަސައްކަތް ކުރެވެނިކޮށް. އެހެން މީހުންގެ އިހުސާސްތަކަށް ފަރުވާއެއް ނުބަހައްޓާނެ. އަބަދު އެކަނިކޮށްލާފައި ދާނީ' ހިތާއިހިތުން ޝަކުވާގެ ބަސްތައް އޮއްސަމުން ގޭތެރޭގައި ދެން ކުރަން ހުރި މަސައްކަތްތަކަށް އޭނާ އެނބުރުނެވެ.

'ބީޕްބީޕް' ތެލި ދޮންނަން ހުރި އީންގެ ސަމާލުކަން އަތުލައިގަތީ ފޯނުގެ މެސެޖުޓޯނެވެ. ބޭއިޚްތިޔާރުގައި ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ މެސެޖުކުރީ ކާކުކަން އެނގުމުންނެވެ.

"އެއްވެސް ހެޕީ އެއްނޫން. މިހެން ކިހިނެއް އަބަދު އުޅޭނީ. މިހާރު ރައްޓެއްސެއްވެސް ނެތް. އެމީހުންނާއެއްކޮށް ދާން ޝަހުލް ގަބޫލުނުވާތީ ހުއްޓާލީމަ އެމީހުންވެސް އަހަރެން މަތިން ހަނދާން ނެތިއްޖެ. ދެން ކިހިނެއް ވަކި ހަދާނީވެސް. މިހާރުވެސް މިއުޅެނީ ފޫހިވާތީ' ޝަހުލް ކަންތައް ކުރިގޮތުން ހިތުގައި ޖެހިފައިހުރި އީންގެ ޝަކުވާތައް އެފްބީ މެސެޖެއްގެ ސިފައިގައި ބަންޑުންކޮށްލިއެވެ.

'އެހެންވީއިރު ހިނގާ މިއަދު ކޮފީއަކަށް ދާން. ކިހާ ދުވަހެއް މިވީ މިހެން ޗެޓްކުރާތާ. ހިނގާބަލަ ދިމާކޮށްލަން.' ބައްދަލުކޮށްލަން. އަނެއްކާވެސް އީންގެ ފޯނަށް މެސެޖެއް އައެވެ.

'ރަނގަޅު ހިޔާލެއްތީ. ދެހަފްތާވެއްޖެ ގެއިން ނުނުކުންނަތާ. ކޮންތާކަށް ދާނީ؟' އެކޮޅުން ހުށަހެޅި ހިޔާލަށް އީންވެސް ޝައުގުވެރިވިއެވެ.

'އާދޭ ރައްދެބައިމަގުގައި ހުންނަ ފައިންކޮފީ ކިޔާ ތަނަށް. ދެގަޑިބައި އޯކޭދޯ. އަހަރެން ހުންނާނަން އެތާ ދޮރުމަތީގައި.'

'އޯކޭ. ސީ ޔޫ ދެން.' އީންގެ މެސެޖު ފޮނުވާލުމަށްފަހު ސޯފާގައި ލެނގިލިއެވެ. އަދި ރަޔަންއާ މެދު ވިސްނާލިއެވެ.

ރަޔަންއަކީ އީންއެކޭ އެއްފަދައިން ތިރީހުގެ ކުރީކޮޅުގެ އަހަރުތައް ގުނަމުންދާ މީހެކެވެ. އަމިއްލަ ކުންފުންޏެއްގެ ސީއީއޯއަކަށް އުޅޭ ރަޔަންގެ ހަޔާތުގައިވެސް މަދުވަނީ ހަމަ ލޯތްބެވެ. ވަރަށް އުފަލުންކުރި ކައިވެންޏެއްގެ ވަރަށް ކުރީކޮޅުގައި ރަޔަންގެ އަނބިމީހާ ޒީއާ ވަނީ ޖެހުނު ނުރައްކާތެރި ބައްޔެއްގައި ދުނިޔެ ދޫކޮށްފައެވެ. އެއަށްފަހު ރަޔަންވެސް ހުސްކޮށް ހުންނަތާ ފަސްވަރަކަށް އަހަރުވެއްޖެއެވެ. ދިގު އިސްކޮޅަކާއި އޮޅަލިކުލައިގެ ވަރުގަދަ ހަށިގަނޑެކެވެ. ކަޅުކުލައިގެ ބޯ އިސްތަށިގަނޑާއި ފްރެންޗް ސްޓައިލަށް ކޮށާފައިވާ ތުނި ތުނބުޅިން އޭނާގެ ހިތްގައިމުކަން އިތުރުކޮށްދެއެވެ. ފޭސްބުކް މެދުވެރިކޮށް އީންއަށް ފުރަތަމަ ރިކުއެސްޓް ފޮނުވީ ރަޔަންއެވެ. މަޑުމަޑުން ހާލުއަހުވާލު ބަލައި ހަދާލުމުން ފެށުނު އެކުވެރިކަމުގައި މިއަދު އެހެން ކުލައެއް ޖެހެން އުޅޭހެންވެސް ހީވެއެވެ. ނަމަވެސް އިސްވެ އެކަކުވެސް އެވާހަކަ ނުދައްކާތީ ކޮންމެ ފަހަރަކުވެސް އެވާހަކައަށް ފަސްއެޅެނީއެވެ.

ހުދުކުލައިގެ ވެޔޮގަނޑަކުން ޖަރީކޮށްފައިވާ ނޫކުލައިގެ ހެދުމާއެކު އެކުލައިގެ ބުރުގާއެއް އަޅާލައިގެން ހުރިއިރު އީންގެ ރީތިކަން ވަރަށް ފުރިހަމައަށް ފާހަގަވެގެންދެއެވެ. މޫނުމަތީގައިވާ ސާދާ މޭކަޕާއި ލުއި ހިނިތުންވުމުގެ ސަބަބުން އެރީތިކަން އަދި އެތައްގުނައަކަށް އިތުރުވެގެންދެއެވެ. ކެފޭ ދޮރުމަތީގައި ހުރި ރަޔަންއަށް ހުރެވުނީ ކަޅިޖަހާނުލައި ބަލަހައްޓައިގެންނެވެ. މީގެ ކުރިން ލިބިފައިވާ ފޮޓޯތަކާއި ކުރެވުނު ވީޑިއޯކޯލްތަކުންވެސް އީންގެ ރީތިކަން މިގޮތަކަށް ފާހަގައެއް ނުކުރެވެއެވެ. ރަޔަންގެ ހިއްސުތަކުން އިންޒާރުގެ ސިގްނަލްތައް ސިކުނޑިއަށް ފޮނުވަންފެށިއެވެ.

'ހިނގާ އެތެރެއަށް. ތިހާ ރީތިކުއްޖަކު މިތާ ބަހައްޓާކަށްނުވާނެ. މިހާރުވެސް މީހުން އެހެރަ ބަލާވަރެއް. މީހަކު އެކްސިޑެންޓް ނުވަނީސް ހިނގާ ވަންނަން.' ލާނެތް ރާގަކަށް ރަޔަން ދިމާކޮށްލުމުން ގަތް ލަދުން އީންގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ.

ގަޑިއެއްހާއިރުގެ ދިގު ކޮފީގެ ތެރޭގައި ދެމީހުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން ފިލައި ގާތްކަން އުފެދިއްޖެއެވެ. ރަޔަންގެ އެފްބީ މެސެޖުތަކުން އީންއަށް އިހުސާސްވި އަޅާލުމާއި ލޯބި، ހަމަ ހަގީގަތުގައިވެސް ރަޔަން ވާކަމަށް އިހުސާސް ކުރެވިގެން ދިޔައެވެ. މިއުފެދުނު އާ އިހްސާސްގެ ސަބަބުން އީންއަށްވެސް އުފާވެރިކަން ލިބިގެންދިޔައެވެ. އަދި ޒީއާގެ ނެތިދިޔުމުން ރަޔަންއަށް ލިބުނު ހިތްދަތިކަން ފިލުވަދޭން އަޒުމުކަނޑައެޅިއެވެ. އެހެނަސް ހިތާމައަކީ މިއީ އީންއަށް ލިބިގެންވާ ހައްގެއް ނޫން ކަން އެއްފަހަރުވެސް ހިތަށް ނޭރިކަމެވެ.

ކޮފީ ނިންމާލާފައި ނުކުމެ ދެ މީހުން ހިނގައިގަތީ ގެއަށްދާށެވެ. ނަމަވެސް ކާކުގެ ނަސީބު ކަމެއް ނޭނގެއެވެ. މާދުރަށް ނުދެވެނީސް ވެހެންފެށި ބޯވާރޭގެ ސަބަބުން ދެމީހުންނަށްވެސް ޖެހުނީ ގެއެއްގެ އަސްކެންޏެއްގެ ހިޔާ ހޯދާށެވެ.

'މިތާ ކުރިމަތީގައި މިހިރީ އަހަރެންގެ ދޮންތަގެ ގެ. އެގޭ މީހުންވީ ހަފްތާއަކަށް ލަންކާއަށް ގޮސް. ހިނގާ އެގެޔަށް ވަންނަން. އޭރުން ތެމޭކަށް ނުޖެހޭނެ' ޖެހެމުންދިޔަ ގަދަވަޔާއެކު ވިއްސަމުން ދިޔަ ވާރެއިން ތެމެމުންދިޔަ އީން ގާތުގައި ރަޔަން ބުނެލިއެވެ.

'އޯކޭ. އެކަމަކު ވާރޭ ހަމަހުއްޓާލާއިރަށް އީން ބޭނުން ދާން.' ވާރެއިން ސަލާމަތްވާން ބޭނުންވެފައި ހުރި ވަރުން އީންވެސް އަވަހަށް އެއްބަސްވެލިއެވެ.

ރަޔަންގެ ހުށަހެޅުމަށް އީންގެ ފަރާތުން އިޖާބަލިބުމުން ޖީބުން ތަޅުދަނޑި ނެގުމަށްފަހު ދެމީހުން ހިނގައިގަތީ އަވަހަށް ގެޔަށް ވަންނާށެވެ.

'އަން. މީ ދޮންތަގެ ހެދުމެއް. ބަދަލުކޮށްލަންވީނު، ތިހެން ތެމިގެންއިންދާ ރޯގާޖެހިދާނެ.' އަލަމާރިން ހެދުމެއް ނަގައިގެންގެނެސް އީންގެ އަތަށް ދެމުން ރަޔަން ބުނެލިއެވެ.

ހިސާބެއްގެ ފަސްޖެހުމެއް އިހްސާސްކުރެވެމުން ދިޔަނަމަވެސް، ކަރުވަމުންދިޔަ ހިއެއްގެ ބޮޑުކަމުން ހެދުން ހިފައިގެން އީންތެދުވިއެވެ. ފާޚާނާއަށް ވަނުމަށް ފުރަތަމަ އެޅި ފިޔަވަޅާއިއެކު އީން ކައްސާލިއެވެ. ހިފަހައްޓާނެ ތަނެއް ނެތުމުން ބިންމައްޗަށް ވެއްޓޭނެކަން ޔަގީންކޮށްގެން އިން އީންއަށް ބާރުގަދަ ދެއަތެއްގެ ތެރޭގައި ހައްޔަރުވެގެންދިޔަ އިހްސާސްކުރެވުނެވެ. ހަމައެވަގުތު، ޖެހި ބާރުގަދަ ގުގުރިއަކާ އެކު ގެއިން ކަރަންޓު ދިޔައެވެ. ނަމަވެސް، ނިވިގެން ދިޔައީ ހަމައެކަނި ބޮކިތަކެއް ނޫނެވެ. ވަގުތާއި، ތަނާއި ހާލަތުގެ އަދި ޖަޒްބާތުތަކުގެ ޝިކާރައަކަށްވެ އީންގެ ނަފްސު ރަޔަންގެ އަތްމައްޗަށް ދޫވެގެން ދިޔައެވެ.

އެ ހާދިސާއަށް ތިންހަފްތާ ވެގެން ދިޔައިރުވެސް އީންއަކަށް ރަޔަންގެ ޚަބަރެއް ނުވެއެވެ. ފޭސްބުކްއިން އޮންލައިން ނުވާތާގައި ފޯނުވެސް އޮންނަނީ ނިއްވާލާފައެވެ. ފުލުފުލުގައި ފޮނުވާ އެއްވެސް މެސެޖެއްގެ ޖަވާބެއް ނާދެއެވެ. އެންމެފަހުން އީން ހަދާނެގޮތް ހުސްވެއްޖެއެވެ. ރަޔަންގެ ގާތް މީހެއްގެ ނަންވެސް ނޭނގެއެވެ. އެހޭނީވެސް އެހެންނޫންނަމަ ތާއެވެ. މިކަހަލަ ޚިޔާލުތަކެއްގައިއިން އީންއަށް މޭނުބައިކުރާކަހަލަ އިހުސާސެއް ކުރެވެންފެށުނެވެ. އީން އޯކާދެމެން ފެށުމުން ކައިރީގައި އޮތް ޝަހުލަށް ބަލާލެވުނެވެ. އަދި ވެގެންއުޅޭގޮތް ވިސްނުމުން އުފާވެރި ހިނިތުންވުމެއް ތުންފަތްމަތީގައި ހިނިތުންވެލިއެވެ.

ހޮސްޕިޓަލަށް ގޮސް ހެއްދި ލޭގެ ޓޭސްޓުގެ ނަތީޖާއައީ ޝަހުލް އެންމެ ބޭނުންވާ ގޮތަށެވެ. އާއެކެވެ. އީން މަންމައަކަށް ވަނީއެވެ. ޝަހުލް ބައްޕައަކަށް ވަނީއެވެ. ކައިވެނި ކުރީއްސުރެ ދެކެމުންއައި ހުވަފެން ސީދާވާން އުޅޭކަމުގެ ފެހި ސިގްނަލް ލިބުމާއެކު ޝަހުލްގެ އުޅުންވެސް ބަދަލުވެއްޖެއެވެ. އީންއަށް ވަގުތު ހުސްކުރަންފެށިއެވެ. މީރުހާ ކާއެއްޗެހި ގެނެސްދީ، ހިތްހަމަޖެހޭ ހުރިހާ ކަމެއް ކޮށްދޭންފެށިއެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑު ބަދަލެއް އައީ އީންއަށެވެ. އޭނާ މަޑުމަޑުން ރަޔަންގެ މަތިން ހަނދާންނެތެމުންގޮސް މުޅިން ހަނދާންނެތި، ޝަހުލާއެކު އުފާވެރި ދިރިއުޅުމެއް އުޅެންފެށިއެވެ.

އީންގެ ބަނޑަށް ފަސްމަސް ފުރިއްޖެއެވެ. ލޯބިލޯބި ބަނޑަކާއިއެކުވެސް ގޭތެރޭގެ ހުރިހާ ޒިންމާއެއް އަދާކުރެއެވެ. ޝަހުލްގެ އެހީތެރިކަންވެސް އިންތިހާއަށް ލިބެއެވެ. ހަމައެންމެ ފުރިހަމަ ގޮތުގައި އެއާއިލާއަށް އުފާވެރިކަން އަތުވެއްޖެއެވެ.

'އީން. އަހަރެން ދާންޖެހިއްޖެ ފަސް ދުވަހަށް ލަންކާއަށް. އެކޮޅުގައި އެބައޮތް ވަރަށް މުހިންމު ކޮންފަރެންސެއް. ކިހިނެއް ހަދާނީ. ޕްރޮމޯޝަނަށް ވަރަށް މުހިންމު މި ކޮންފަރެންސް. އެކަމަކު އީން ބުނެފިއްޔާ ނުގޮސް މަޑުކުރާނަށް' ކަރުގައި އޮތް ޓައީ ނައްޓަމުން ޝަހުލް ބުނެލިއެވެ.

'ނޫނޭ. ދާންވާނީ. ތިކޮންފަރެންސަށް މަސައްކަތް ކުރާތާ ދެއަހަރު ވީއެއްނު. ތިކަހަލަ ފުރުސަތެއް ދެން ނުލިބޭނެ އަވަހަކަށްވެސް. އީން އޯކޭއޭ. އެހާއުނދަގުލެއްވެސް ނުވެއެއްނު. ދެން މިހާރު ޕްރެގްވީފަހުން މަންމަމެންވެސް ކިހާ ރަނގަޅު. މަންމަ ގެންނާނީ. ޝަހުލް ދޭގޮސްލާފައި އަންނަން.' ޝަހުލްގެ އަތުން ޓައީ އަތުލަމުން އީން ޖަވާބުދިނެވެ.

'ކިހިނެއް އެހެންމީހަކަށް މިކަހަލަ ޖަވާހިރެއް ލިބޭނީ. ތީހަމަ ރަނެއް މަލެއްކަހަލަ ގޮމަފުޅެއް' އީންގެ ކޮލުގައި ލޯބިން ޖަހާލަމުން ޝަހުލް ހިނގައިގަތެވެ.

ޖެހިގެންއައި ހަފްތާގައި ލަންކާއަށް ދިޔުމަށް ޝަހުލް ފުރިއެވެ. ފަސްދުވަހަށް ރާވާފައި އޮތް ނަމަވެސް ދެދުވަސް ތެރޭގައި ކޮންފަރެންސް ނިމުމުން ޝަހުލް ގަސްތުކުރީ އީން ވިހަންވާއިރަށް ކުޑަކޮށް ބާޒާރުކޮށްލުމަށެވެ. އަދި މެޑިކަލް ޗެކަޕެއް ނަހަދާތާ ދެއަހަރުވެފައި ވުމުން އެކަން ކޮށްލުމަށްވެސް ނިންމިއެވެ. ޑޮކްޓަރަށް ދައްކާ، އޭނާގެ ލަފާގެ މަތިން އިތުރު ޓެސްޓުތަކެއްވެސް ހެދުމަށް ޝަހުލް ގަސްތުކުރިއެވެ.

އެޕޯލޯ ހޮސްޕިޓަލުގެ ރިޕޯޓުތައް ޝަހުލްގެ އަތަށްއެރީ މާލެފުރަން އޮތް ދުވަހުއެވެ. އޭނާ އަވަސްއަވަހަށް ރިޕޯޓުތައް ބަލަންފެށިއެވެ. ފަސްވަނަ ގަނޑުގައި އޮތް އެއްޗެއް ފެނުމުން ޝަހުލްގެ އަތުން ރިޕޯޓުތައް ދޫވެގެން ބިންމައްޗަށް ފައިބައިގަތެވެ. އަދި ދެއަތުން ބޮލުގައި ހިފަހައްޓާ، ހަރުއަޑުން ރޮއެގަތެވެ. ކަކުލުހުޅުން ވާގިދޫވާ ކަހަލަ އިހުސާސެއް ކުރެވުމުން، ކައިރީގައި ހުރި ގޮނޑި ދަމާލުމަށްފަހު އިށީނދެއްޖެއެވެ. މިހެން މިކަން ދިމާވާންވީ ކީއްވެތޯ ވިސްނަންފެށިއެވެ. ހަޔާތުގައި އެޅިފައިހުރި ހުރިހާ ކަތިފިޔަވަޅުތަކެއް ފިލްމެއްގެ ސިފައިގައި މޫނުމަތީގައި ސިފަވެގެން ދިޔައެވެ. ނަމަވެސް، ހިތްވަރުކޮށްލާފައި ތެދުވެ އޭނާގެ އަސްލު މަންޒިލަށް ވާސިލްވުމަށްޓަކައި، ފޮށި ހިފައިގެން ހިނގައިގަތެވެ.

* * * * * *

ސޯފާގައި ނިދާފައި އޮތް އީންއަށް ޝަހުލް ބަލައިލިއެވެ. އެއަށްފަހު ކޮފީމޭޒުމަތީގައި ބާއްވާފައި އޮތް ފޯނަށް ބަލައިލިއެވެ. އަދި ފޯނު ނަގައިގެން ހާވަމުންގޮސް ކޮޓަރިއަށް ވަނެވެ. ނަމަވެސް މާގިނައިރެއް ނުވެއެވެ. ކަނާތުން ލޯފޮހެލާފައި، ކުރިން އޮތްތާގައި ފޯނު ބޭއްވުމަށްފަހު ޝަހުލް ގެއިން ނުކުމެގެން ދިޔައެވެ.

އީންއަށް ހޭލެވުނީ އޭނާގެ ބަނޑުގައި މީހަކު ފިރުމާލުމުންނެވެ. އޭރު ޝަހުލް އޮތީ ބަނޑާއި ދިމާއަށް ގުދުވެގެންނެވެ.

'ޝަހުލް. އައީތަ. ނުވެސް ބުނަމެއްނު. ކީއްވެ ނުގޮވީ؟ ހިނގާ ކާންދާން' ނިކަން އުނދަގުލުން ސޯފާއިން ތެދުވެ، ޝަހުލްގެ އަތުގައި ހިފާލަމުން އީން ބުނެލިއެވެ.

'ހަބަރުދާރު. ތި މުޑުދާރު އަތުން މަގޭގައިގައި އަތްނުލާތި. އަހަރެން ބޭނުމެއް ނޫން އިތުރަށް އީން އާ އެއްވެސް ވާހަކައެއް ދައްކާކަށް. މިއޮތީ ފޯމު. އަހަރެން ސޮއި ކޮށްފައި އޮންނާނީ. އަމިއްލައަށް ސޮއިކޮށްފައި ގެންގޮސް ކޯޓަށް ފޯމުލާ. އަހަރެން އީން ވަރިކުރާނަން. އަދި ބުނަން. މީ އަހަރެންގެ ގެ. އެހެންވީމަ މިރޭ އިރުއޮއްސެންވާއިރަށް އުޅޭނެ ތަނެއް ހޯދައިގެން ދާތި' ޝަހުލްގެ އަޑު އީންއާއި ހަމަޔަށް އައީ ހޮނު ގުގުރިއެއް ފަދައިންނެވެ.

ލިބުނު ހައިރާންކަމުގައި އީންއަށް ބަހެއްވެސް ބުނެނުލެވިގެން އުޅެނިކޮށް އަތުކޮޅަށް ދޮރުޖަހާފައި ޝަހުލް ގެއިން ނުކުމެގެން ހިނގައްޖެއެވެ. ޝޮކެއްގައި ހުރި އީންއަށް ހަމަހޭވެރިކަން ވާންފެށީ ލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ހޯސްލާފައި ކޯތާފަތްމައްޗަށް ފައިބައިގަތުމުންނެވެ.

ލޯފޮހެލަން އަތް ހަރަކާތްކުރި ވަގުތު އަތުގައި އެއްޗެއް އޮތްކަން އިހްސާސްކުރެވުނެވެ. ވަރީގެ ފޯމަކާއި ސިޓީއުރައެކެވެ. އީން މަޑުމަޑުން ހިނގާލާފައި ގޮސް ސޯފާގައި އިށީނެވެ. އަދި ފޯމު ކައިރީގައި ބޭއްވުމަށްފަހު ސިޓީއުރަ ހުޅުވާލިއެވެ. އޭގެ ތެރޭގައި އޮތީ ޝަހުލްގެ މެޑިކަލް ރިޕޯޓެއްގެ ކޮޕީއެވެ. އެ ރިޕޯޓު ނެގިތަނުން އިތުރު އެހެން ކަރުދާސްކޮޅެއްވެސް އުނގުމައްޗަށް ވެއްޓުނެވެ.

ތުރުތުރު އަޅައަޅާއޮތް އަތަކުން އީން އެކަރުދާސްކޮޅު ނަގާ ބަލައިލިއެވެ. 'ފޯނުގަ ހުރި ޗެޓްލޮގްތަކުން ހުރިހާ ހަގީގަތެއް އެނގިއްޖެ. ވަރަށް ސަލާމް. ޝަހުލް.'

އަތުގެ ފުށަތުން ލޮލަށް ޖަމާވަމުން އައި ކަރުނަތައް ފޮހެލާފައި، ޝަހުލްގެ ރިޕޯޓު ނަގައިގެން ބަލައިލިއެވެ. އީންގެ ނަޒަރު ސީދާވީ ތަންކޮޅެއް ތިރީގައި އަޅާފައިވީ ރަތްކުލައިގެ ބޮޅުތެރޭގައި ލިޔެފައިވާ އިބާރާތަށެވެ.

'އިންޕޮޓެންޓް!'

'ދަރިންނެއް ނުލިބޭ.'

ކޮމެންޓް 0