38

އޭނާ އަހަރެން ދޫކޮށްލީ އަހަރެންގެ އެއްވެސް ކުށެއްނެތިއެވެ. އަހަރެން އޭނާގެ މަތިން ހަނދާންނައްތާލެވޭތޯ ވަރަށް މަސައްކަތްކުރީމެވެ. އެހެނަސް އޭނާ އަހަރެންގެ ހިތްކުދިކުދި ކޮށްލާފައި ދިޔަކަމުގައި ވިޔަސް އޭނާގެ ހަނދާންތަކަކާ އަހަރެންނަކަށް ދުރަކަށް ނުދެވުނެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ އޭނާގެ އެ ރީތި ސޫރަވަނީ އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރާވެސް ކުޅެލާފައެވެ.

އަހަރެންގެ ހިތަށްއަރައެވެ. ފިރިހެނުންނަކީ އެހާ އަނިޔާވެރި ބައެއްހެއްޔެވެ؟ އެމިހުންނަކީ މީހުންނަށް އޮޅުވާލާ މަކަރާ ހީލަތުން ފުރިފައިވާ ބައެއް ހެއްޔެވެ؟ އެމީހުން އަންހެނުންނާ ދޭތެރޭ މިހާ އިހާނެތިކޮށް ކަންތައްތައް ކުރަނީ ކީއްވެބާވައެވެ؟ ހަމަ ދުލުން އެމީހުން އެބުނެލާ އެންމެ ދެ ލަފުޒަކުން އަހަރުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯވެއެވެ. ޚުދު އަހަރެންގެ ހިތްވެސް އަހަންނަށް އަނިޔާވެރިވާހެން ހީވެއެވެ. އެތަށް ޒަމާނަކުއްސުރެ އެކުގައި އުޅެފައި ވަކިވެ ދިއުމުން ލިބޭ ވޭނާއި ހިތްދަތިކަން އިޙްސާސްކުރަމުން ދަނީ މި ދުނިޔޭގައި ކިތަށް އަންހެނުން ބާވައޭ އަހަރެންގެ ހިތަށްއަރައެވެ؟

ބާރީ އަހަރެން ދޫކޮށްލާފައި ދިޔައީ އަހަރެންގެ ހިތަށް ކެތްނުކުރެވޭފަދަ ހިތްދަތިކަމަކާއި ވޭންތަކެއް ދީފައެވެ. ހިލޭ އަންހެނެއްގެ ޖާދޫގައި ޖެހި ހައްޔަރުވުމުގެ ސަބަބުންނެވެ. އޭނާއަކީ ލޯބިލޯބި ދަރިފުޅުގެ ބައްޕައެއް ކަންވެސް ހަނދާން ނެތުނެވެ. އަހަރެންގެ އެއްވެސް ކުށެއްނެތި އެއްޗެހި ގޮވާ އަހަރެންގެ ހިތަށް އެތައް އަނިޔާތަކެއް ދީފައި ދިޔައިރު ހީވަނީ އަހަރެން މިއީ ބާރީ ބޭނުން ގޮތެއް ހަދަން ގަނެފައިވާ ކުޅޭކުޅޭ ބުދެއްހެންނެވެ. ހިތާމައަކީ އެހާ ނިކަމެތި ގޮތްތައް އަހަރެންނަށް ހަދާފައި ދިޔުމުންވެސް އަހަރެންގެ ހިތް ބާރީއަށް އެދި އަބަދު ގޮވާތީއެވެ.

ކޮޓަރިތެރޭ އެކަނި އިންނައިރުވެސް ބާރީގެ ހަނދާންތަކުން އަހަރެން ވަށާލައެވެ. އެ ހަނދާންތައް އައުވުމުން އަހަރެން ހާސްކުރުވައެވެ. އެހަނދާތައް އައުވުމުން މާޒީވެ ގޮސްފައިވާ އެތައް ކަންތައްތަކެއް ލޯމަތީގައި ނިއުޅި ތަސްވީރުތައް ކުރެހެމުންދެއެވެ. އަދިބޮޑަށް އެ ހަނދާންތައް އާވަނީ ބާރީއާއި އަހަންނަށް ލިބިފައިވާ ލޯބިލޯބި ދަރިފުޅު މިކިޔާލް ފެނުމުންނެވެ. ވާނީވެސް އެހެންތާއެވެ. އެދަރިފުޅުގެ ކޮންމެ ހީލުމަކުން ބާރީގެ ހަނދާންތައް އާކުރުވައެވެ. އެ ހިނގުމެވެ. އެ ލޮލެވެ. އެ ލޯބި ލޯބި ކޮލެވެ. ދަރިފުޅުގެ ހުރިހާ ސިފަތަކެއްވެސް ވައްތަރީ ހަމަ ބާރީއާއެވެ.

ޖުލައިމަހުގެ ސައްބީސް ވީ އެ ތާރީޚީ ދުވަހަކީ އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެން ދާނެދުވަހެއް ނޫނެވެ. ބާރީ އަހަރެންގެ ގާތަށް އައިސް އަހަރެން ދޫކޮށްލާފައި ދިޔައީ އެ ތާރީޚީ މިނިވަންދުވަހުއެވެ. އެއްވެސް ރަހުމެއްނެތިއެވެ. އަހަރެންގެ ހިތުގައި ޖައްސައި ރޮއްވާފައެވެ. ދުވަސްތައް މާޒީވަމުން ދިޔައެވެ. އަހަރެން އެ ހިތްދަތި ކަމުގައި ދުވަސްތައް ގުނަމުން ދިޔައީމެވެ. އަދި މި ދުވަސް ތަކުގެތެރޭގައި އަހަރެން ބަލިވާން ފަށައިފިއެވެ. ކާއެއްޗެއް ނުކެވެއެވެ. ރަނގަޅަކަށް ނިންޖެއް ނުލިބެއެވެ. އަބަދުވެސް ހުންނަނީ ފާޑަކަށް ހުންއައިސްފައެވެ. އެއްވެސްކަމެއް ކުރާހިތެއް ނުވެއެވެ. މިހެން ކަންތައްތައް ދިމާވާންފެށުމުން މައިންބަފައިންގެ އެދުމުގެ މަތިން ޑޮކުޓަރަށް ދެއްކީމެވެ. ޑޮކުޓަރު ބެއްލެއްވުމަށްފަހު ޓެސްޓުތަކެއް ހެއްދިއެވެ. ޓެސްޓުތަކުގެ ނަތީޖާތައް ޑޮކުޓަރު ބެއްލެވުމަށްފަހު ވިދާޅުވީ ގަޑިން ގަޑިއަށް ކެއުމަށެވެ. ނުކައި ހުރުމުގެ ސަބަބުން ގޮހޮރުގައި ވަނީ ވަރަށް ބޮޑަށް ވައިހެދިފައި ކަމަށެވެ.

އެއީ އަހަންނަށްވެސް އެނގޭ ކަމެކެވެ. މާތްﷲ މި ދުނިޔޭގައި ކާނާއާއި ފެނާއި ނުލައި ދިރިއުޅެވޭނެ ގޮތް މެދުވެރިކޮށް ދެއްވީ ފަހެ ކޮން އިންސަނަކަށް ހެއްޔެވެ؟ ނަމަވެސް އަރުން އެއްވެސް އެއްޗެއް އެތެރެ ކުރާހިތް އަހަރެން ނުވަނީއެވެ. އެހެނަސް ކެވޭތޯ ވަރަށް ހިތްވަރު ކުރަމެވެ. އެއީ އަހަރެންގެ ލޯބި ލޯބި ދަރިފުޅަށްޓަކައެވެ. ދުވަސްތައް ވޭތި ކުރަމުން ދަނިކޮށް އަނެއްކާވެސް މާބޮޑަށް އަހަރެން ބަލިވެއްޖެއެވެ. އަނެއްކާވެސް މައިންބަފައިން އަހަރެން ޑޮކްޓަރަށް ދެއްކުމަށްފަހު އަގުބޮޑު އެތައް ޓެސްޓްތަކެއް އަހަރެންގެ ހެއްދިއެވެ. މިފަހަރު ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ޑޮކްޓަރ ބުނުއްވީ ބަނޑުގައި ހިލަތަކެއް ހުރުމުގެ ސަބަބުން އޮޕަރޭޝަނެއް ކުރަންޖެހޭ ވާހަކައެވެ. އަހަރެން އޮޕަރޭޝަން ކުރުމަށް އިންކާރު ކުރީމެވެ. އެހެނަސް އަހަރެންގެ ހިތާދެކޮޅަށް ރާއްޖެއިން ބޭރަށްގެންގޮސް އޮޕަރޭޝަން ކުރުވިއެވެ.

އަހަރެން އަބަދުވެސް ހިތަށްއަރައެވެ. ޒަވާޖީ ހަޔާތެއް ފެށުމަކީ މީހާ ހަމައަކަށް އެޅުންކަމުގައި ގިނަބަޔަކު ބުނެއުޅެއެވެ. އަދި އެހަޔާތުން މޭވާ ލިބުމަކީ އެބަޔަކަށްލިބޭ އެންމެ ބޮޑު އުފާވެރިކަމާ ދިރިއުޅުން ފުރިހަމަވީކަމަށް ގިނަމީހުން ދެކޭފަދައިން ޚުދު އަހަރެންވެސް ޤަބޫލުކުރީ އެގޮތެވެ.

އަހަރެން ބާރީއާ ކައިވެނި ކުރީ ރައްޓެހިވެގެން އުޅޭތާ އަހަރެއްވީ ފަހުންނެވެ. އޭރު އަހަރެންގެ އުމުރުން ނަވާ ރައަހަރެވެ. ކައިވެނީގެ ކުރިން އެނގެންޖެހޭކަމަށް ބުނާ ކަންތައްތަކެއް އޭރު އަހަރެންނަކަށް ނޭނގެއެވެ. ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ބިންމަތީގައި ހެދޭ ކުދި ގަސްތައް ބޮޑުވެ މޭވާއަޅާ ދޮންވެ ފައްކާވަމުންދެއެވެ. އަދި އެގަސްތަކުގައި އާކުރިތައް ލަމުންދެއެވެ. އަހަރެންގެ ހަޔާތަށްވެސް އުފާވެރިކަން ލިބެމުންދިޔައެވެ. ހަމަ މިބީދައިން އަހަރެންގެ ބަނޑުގައިވެސް މޭވާއެއް ދޮންވެ ފައްކާވަމުންދިޔައެވެ. އެކަމާ އަހަރެމެން ދެމީހުންވެސް އުފާކުރީމެވެ.

ވަޒީފާއަށް ގޮސް ލިބޭ މުސާރައިން އަހަރެން ދިޔައީ ދުނިޔެއަށް މަރުހާބާ ކިޔަން ތައްޔާރުވަމުންދާ އަހަރެންގެ ތުއްދު ދަރިފުޅަށް ތަފާތު އެއްޗެހިތައް ނުހަނު އުފަލުން ގަނެ ހޯދަމުންނެވެ. އެދުވަސްކޮޅު ބާރީ ވެސް ހުރީ ވަރަށް އުފަލުންނެވެ. ބާރީ ބޭނުންވަނީ އޭނާކަހަލަ ފިރިހެން ކުއްޖެކެވެ. ވަގުތު އައިސްޖެހި ނުވަމަހާއި ނުވަދުވަސް ފުރުމުން އަހަރެން ވިހައިފިއެވެ. ލިބުނީ ލޯބިލޯބި ފިރިހެން ކުއްޖެކެވެ. ބާރީގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. އެއީ އޭނާ ބޭނުންވާ ކަހަލަ ދަރިއަކު ލިބުނީމައެވެ. ދަރިފުޅު ބޮޑު ވަމުންދާ ވަރަކަށް ބާރީއާ ދަރިފުޅު ވައްތަރުވަމުން ދެއެވެ. އަހަރުމެން ދެމީހުންވެސް ދަރިފުޅު ލިބުމުން އުޅެމުންއައީ ވަރަށް އުފަލުގައެވެ.

މިކިޔާލްގެ އުމުރުން ހަތަރުއަހަރު ފުރުމުން އޭނާ ސްކޫލަށް ވެއްދީމެވެ. ސްކޫލުން ގެއަށް އައުމަށްފަހު ވަރަށް މަޖާ ވާހަކަތައް ދައްކައެވެ. އަހަރެންނަކީވެސް ސަރުކާރުގައި ބުރަކޮށް ވަޒީފާ އަދާކުރާ މީހެއްކަމުން ވަޒީފާގައި ގިނަވަގުތު ހޭދަކުރަންޖެހެއެވެ. ބާރީއަކީ އަމިއްލަ މަސައްކަތް ކުރާމީހެކެވެ. އަހަރެން ވަޒީފާއިން ނިމިގެން ގެއަށް އައިސް ފުރަތަމަ ދަރިފުޅުގެ މަސައްކަތްތައް ކުރަމެވެ. އެއަށްފަހު ގޭތެރޭގެ މަސައްކަތްތަކުގައި މަންމައަށް އެހީތެރިވެދެމެވެ. އަހަރެން ވަޒިފާގައި އުޅޭތީ މަންމަ އަހަރެން ލައްވާ އެހާވަރަކަށް ގޭތެރޭގެ މަސައްކަތްތަކެއް ނުކުރުވައެވެ.

ދުވަސްތައް މާޒިއާ އެކުވަމުންގޮސް އަހަރެންގެ ހަޔާތަށްވެސް ކަޅު ވިލާގަނޑެއްގެ ހިޔަނި އެޅޭކަށް މާކަ ގިނަދުވަހެއް ނުނެގިއެވެ. ޖެހުނު މައްސަލައެއްގައި އަހަރެންގެ ދޮށީ ބޭބެ ޖަލުގައި ހައްޔަރު ކޮށްފިއެވެ. މިކަމާ އާއިލާގެ އެންމެން ހިތާމަކުރިއެވެ. ބޭބެ ހައްޔަރު ކުރުމާއި ގުޅިގެން އަހަރެންގެ ދިރިއުޅުމަށްވެސް ބަދަލުތައް އަންނަމުން ދިޔައެވެ. ބާރީ އަހަންނާއެކު ކޮޓަރިތެރޭ ހޭދަކުރާ ވަގުތުތައް މަދުވަމުން ދިޔައެވެ. އަހަރެންނާ ލޯބިން ވާހަދައްކާލެނެ ވަގުތެއްވެސް މިހާރު ބާރީއަކަށްނުވެއެވެ. މިގޮތަށް ކަންތައްތައް ދިމާވުމުން އަހަރެން އެކަނިވެރިވާ ވަގުތުތަކާއި ރޭތައް ގިނަވަމުން ދިޔައެވެ. އަހަރެންގެ ހަޔާތަށް ފޫހިކަން އިތުރުވަމުން ދިޔައެވެ.

އަހަރެންގެވެސް އެދުމުގެ މަތިން ބޭބެ ނެތުމުން ބޭބެގެ ދަރިފުޅުގެ ކަންތައްތައް ކޮށްދީހަދަނީ ބާރީއެވެ. އަދި ފަހުން ފަހުންއައިސް ބާރީ ގިނަވަގުތު ހޭދަކުރަނީ ބޭބެގެ ކޮޓަރީގައެވެ. އެކަމާ ބައެއްފަހަރު އަހަރެންގެގާތަށް ވަރަށް ރުޅިއާދެއެވެ. އަދި އެކަމާއި ބެހޭގޮތުން ބާރީއާ ސުވާލުކުރުމުން އޭނާބުނަނީ ފަހަރި އެކަނިވެރިވެފައި އިންނާތީ އޭނާއާ ވާހަކަދައްކާ އަނގަތަޅާލާ ޓީވީ ބަލައިލަން އެކޮޓަރީގައި އިންނަނީކަމުގައެވެ. ފިރިއަކުނެތި ވާހަކަދައްކާލާނެ މީހަކުނެތުމުން ކޮންމެމީހަކަށްވެސް އެހެން ވެދާނެއެވެ. ބައެއްފަހަރު ގޭތެރެއިން ތުންތުންމަތިން ފަހަރިޔާއި ބާރީއާއި ބެހޭގޮތުން ދައްކާ ވާހަކަތައް އަހަރެންގެ ކަންފަތަށް އަޑުއިވެއެވެ. ނަމަވެސް އަހަރެންނަކަށް އެއިވޭ އަޑުތަކެއް ޤަބޫލެއް ނުކުރެވެއެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންނާ އިނދެގެން ބާރީ ގެއަށް އައީއްސުރެން ފަހަރިއާއި ބާރީ އުޅެނީ ގާތްތިމާގެ ދެމީހުން ހެންނެވެ.

އެއްރެއްގެ އިރާކޮޅެވެ. ގެތެރޭގައި ޖެހުނު ކުޑަކުޑަ މައްސަލައެއްގައި ކުޑަކުޑަ ޒުވާބެއް ހިނގިއެވެ. އަދި އެޒުވާބުގެ ތެރޭގައި ބާރީ އަހަރެންގެ މަންމައާއި ދިމާއަށް އެއްޗިހި ކިޔުމުން އަހަރެން ބާރީގާތު މަންމައަށް އެއްޗެހި ނުކިޔުމަށް ބުނީމެވެ. އޭރު އެތާގައި އަހަރެންގެ ދޮށީދައްތަވެސް ހުއްޓެވެ. ބާރީހުރީ ވަރަށް ރުޅިއައިސްފައެވެ. ސަބަބަކީ މަންމަ ފަހަރިއާ ދިމާއަށް ކޮންމެވެސް އެއްޗެއް ބުނުމެވެ. އަދި ބާރީއާ ދިމާއަށްވެސް މަންމަ ކޮންމެވެސް އެއްޗެހިތަކެއްކިއެވެ. އިރުކޮޅަކުން ބާރީވެސް މަންމައާއި ދިމާއަށް އެއްޗެހި ގޮވަންފެށިއެވެ. އެވަގުތު އަހަރެން ވަރަށް ރުޅިއައިސްފައި ބުނީމެވެ. މަންމައާ ދިމާއަށް އެއްޗެހި ނުކިޔާ ބާރީ އަވަހަށް ބޭރަށްދާށެވެ. އަހަރެން ހަމަ އެ ހެންބުނުމުން ބާރީ ގެއިން ނުކުމެގެން ބޭރަށް ދިޔައީ އަހަރެން ވަރިކޮށްލާފައެވެ. އެވަގުތު އަހަރެން ޖެހިބުދެއްހެން އެތާ ހުރީމެވެ. ބާރީގެ ދުލުން އެބުނި އެއްޗެއް ޤަބޫލުނުކުރެވިފައެވެ. ދައްތައާއި މަންމަ މެންވެސް އަނގައިން ބަސްހުއްޓިފައި އެތާތިއްބެވެ. ވީދެރައިން އަވަސް އަވަހަށް އަހަރެން ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށް ވަދެ އެތައްއިރަކު ރުއީމެވެ. އަދި އެވަގުތު އަހަރެން ހިތަށްއެރިއެވެ. ފަހެ އަހަރެންގެ ކުށަކީކޮބައި ހެއްޔެވެ؟ އަހަރެން އެތަށްއިރަކު ކޮޓަރިތެރޭ ރޯން އޮތީމެވެ. ވީދެރައިންނާއި ލިބުނު ހިތާމައިން އަހަރެންނަށް އިރުކޮޅަކުން ނިދިއްޖެއެވެ.

ޖެހިގެން އައިދުވަހުގެ ހެނދުނު ބާރީ އައިސް ވަރަށް ދެރަވެފައި އަހަރެންގެ ގާތު ވާހަކަދެއްކިއެވެ. އޭނާގެ މެޔާލާ އަހަރެން ބޮނޑިކޮށްލަމުން މަޢާފަށްވެސް އެދުނެވެ. އަދި އޭނާއަށް އެކުރެވުނީ ރަނގަޅު ކަމެއްނޫންކަމަށްވެސް އަހަރެންގެ ގާތުގައިބުނެ އޭނާ ވަރަށް ރުޔެވެ. އަހަރެން އެވަގުތު ބާރީއަށް މަޢާފްކުރީމެވެ. އަދި އަލުން އަހަރެންގެ މައިންބަފައިންގެވެސް އެދުމުގެ މަތިން ދެމީހުންގެ ކައިވެނި ރުޖޫޢަކުރީމެވެ.

ބޭބެ ހައްޔަރުކުރިތާ ދެމަހެއްހާ ދުވަސް ފައިތުވިތަނާ ދޮށީ ދައްތަ ބަލިވެއްޖެއެވެ. ދައްތަގެ ތިންވަނަ ދަރިފުޅަށް ބަލިވެ އިނީއްސުރެ ދައްތަ އުޅުނީ ވަރަށް ބަލިކޮންނެވެ. ދައްތަ ބަލިވެ އުޅުމުގެ ސަބަބުން ބޭބެއާ ބައްދަލުކުރަން އާޢިލާގެ އެންމެން ދާއިރު ދައްތައަކަށް ނުދެވެއެވެ. އެކަމާ ދައްތަ ވަރަށް ދެރަވެއެވެ. ދައްތަ ބަނޑަށް ދުވަސްފުރުމަށްފަހު ނުވިހައިގެން ދަރިފުޅު ނަގަންކުރި އޮޕަރޭޝަނުގައި ދިމާވި މައްސަލައެއްގައި ދައްތަ ބަލިވެ އުޅުމަށްފަހު މިދުނިޔެ ދޫކޮށް އަބަދުގެ އަބަދަށް އަހަރެމެންނާ ވަކިވެގެން ދިޔައެވެ. އާދެ! ލޯބިލޯބި ކުޑަކުޑަ ދައްތައެއް އަހަރެމެންނަށް ހަދިޔާއަކަށް ދީފައެވެ.

ދައްތަ ނިޔާވިރޭ ބޭބެ ގެއަށް ގެނައެވެ. ބޭބެ ފަހަރިގާތުގައި އެދުނީ ދައްތަގެ އެ ތުއްތު ދަރިފުޅު އަމިއްލަ ދަރިއެއްފަދައިން ބަލައިދިނުމަށެވެ. ދައްތަގެ ދަރިފުޅު ބަލަމުންގެންދަނީ ފަހަރިއެވެ. މިކަމާ ގޭގެ އެންމެވެސް ފަހަރިދެކެ ވަރަށް ލޯބިވެއެވެ. ދައްތަގެ ދަރިފުޅު ނިރާޝާ ގެންގުޅެނީ ފަހަރީގެ އަމިއްލަ ދަރިން ފަދައިންނެވެ. ފަހަރި އެދަރިފުޅު ދެކެ ވަރަށް ލޯބިވެއެވެ.

މާގިނަދުވަސްތަކެއްނުވެ ބާރީ ސަރުކާރުގެ އޮފީހަކަށް ވަދެއްޖެއެވެ. ބާރީ ގިނަވަގުތު ހޭދަކުރަނީ އޮފީގައެވެ. ޑިއުޓިގަޑިނޫނަސް އޭނާ އޮފީހަށްދެއެވެ. އޭރުވެސް ގޭތެރޭގައި ފަހަރިއާއި ބާރީގެ ވާހަކަތައް ކޮއްކޮމެން ކޮންމެވެސް ވަރަކަށް ދައްކަމުންދެއެވެ. ނަމަވެސް އަހަރެން ކޮއްކޮމެން ދައްކާވާހަކަތައް ޤަބޫލެއް ނުކުރަމެވެ. އެއީ ދޮށީދައްތަ މިދުނިޔޭގައި ނެތުމުން އަހަރެން ދެކެމުންއައީ ފަހަރިއަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަކަމުގައެވެ. ފަހުންފަހުން އައިސް ބާރީ ރޭގަނޑު ގެއަށް އަންނަ ގަޑިވެސް ލަސްވަމުން ދިޔައެވެ. އެއްރެއަކު ބާރީ ތަންކޮޅެއް ލަހުން ގެއަށްއައުމުން އަހަރެން ސުވާލުކުރީމެވެ. "ކީއްވެ މިހާރު އެހާލަހުން ގެއަށް އާދެވެނީ"؟ މިހާރު ވެގެން އުޅޭގޮތަކީ އޮފީހުގައި އުޅޭ އެހެން މީހަކު ޑިއުޓީއަށް ނާންނާތީ މަސައްކަތް ތަންކޮޅެއް ބުރަވާތީ ލަހުން އާދެވެނީ ކަމުގައި ބާރަ ބުންޏެވެ. އެވަގުތު ބާރީގެ ވާހަކަދެއްކުމުގެ ރާގުގަނޑު ހުރިގޮތުން އަހަރެންގެ ހިތުގައި ކޮންމެވެސް ކަހަލަ ވަހުމުތަކެއް އުފެދުނެވެ.

އެހެންދުވަހެކެވެ. އަހަރެން އޮފީހުގައި އުޅެފައި ބަނޑުހައިވެގެން ގެއަށްއައިރު ކޮޓަރިހުރީ ތަޅުލާފައެވެ. މަޑުމަޑުން ތަޅުދަނޑިނަގާ ތަޅުވަޅަށް ޖެހުމަށްފަހު ކޮޓަރި ހުޅުވާލީމެވެ. އޭރު ބާރީ އިނި ފޯނެއްގައެވެ. އަހަރެން ފެނުމުން ސިހޭގޮތްވިއެވެ. އަދި ފަހުން ގުޅާނަމޭބުނެ ފޯނު ބޭއްވިއެވެ. އެދުވަހު އަހަރެންނަށް ބާރީއާއި މެދު ޝައްކުތަކެއްވިއެވެ. ނަމަވެސް އެއްވެސް ވާހަކައެއްނުދައްކާ އަހަރެން އެނބުރި އޮފީހަށް ދިޔައީއެވެ.

ދުވަސްތައް މާޒީވަމުން ދިޔައެވެ. އަނެއްކާވެސް އަހަރެންގެ އުފާވެރި ހަޔާތައް ހިތާމައިގެ ވިލާގަނޑެއް ކުރިމަތިވަމުން ދިޔައެވެ. ބާރީގެ އުޅުން ބަދަލުވަމުން ދިޔައީ ވަރަށް ތަފާތުގޮތަކަށެވެ. މިގޮތަށް ކަންތައްތައް ދިމާވުމުން އަހަރެން ބާރީދެކެ ފުހިވާން ފަށައިފިއެވެ. އޭނާގެ އުޅުމަށް އަންނަމުން އެދާ ބަދަލުތައް ހޯދުމަށް ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ ވަޒީފާގެ ކަންތައްތައް ހުންނަގޮތުން ގެއަށްއައިސް ދަރިފުޅުގެ ކަންތައްތައް ކުރުމަށްފަހު ވެފައި ހުންނަ ވަރުބަލިން އޮށޯވެ ނިދެނީއެވެ.

އެއްރެއަކު ބާރީ އޮފީހުން ގެއަށް އައިއިރު އަހަރެން އޮތީ އެނދުގައި އޮށޯވެލައިގެން މައްޗަށް ބަލާށެވެ. ބާރީ ކޮޓަރިއަށް ވަދެފައި ބުންޏެވެ. މިހާރަކަށް އައިސް މީނައަށް ހާދަ ބޮޑެތި ބަދަލުތަކެއް އަތުވެއްޖޭ؟ އަނެއްކާ ބަލީތަ؟ އަހަރެން ޖަވާބެއްނުދެމެވެ. އަހަރެންނަށް ކާއެއްޗެއްވެސް މިރޭ ނުދޭނަންތަ؟ މިހެން ބުނުމަށްފަހު ސަމާސާ ކޮށްލުމުގެ ނިޔަތުގައި ބާރީ އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެން އަތްފޮޅާލުމަށްފަހު އެނދުން ތެދުވީމެވެ. ވެގެން އުޅޭގޮތެއް އަހަންވެގެން އެވަގުތު ބާރި ސުވާލުކުރިއެވެ. އަހަރެންނަކަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އެވަގުތު ބާރީ އަހަރެން ގާތުގައި ރޮނީ ކީވެގެންތޯ ސުވާލުކުރިއެވެ؟ އއިރުކޮޅަކުން އަހަރެން ވާހަކަދައްކަންފެށީމެވެ. މިހާރު ބާރީ ތިޔައުޅެނީ ކޮންގޮތަކަށް ހެއްޔެވެ؟ އަހަރެންނަށް މިހާރު ހުރިހާއެއްޗެއް އެނގިއްޖެއެވެ؟ "ކޮންއެއްޗެއްތަ އެނގުނީ" ބާރީ އެއްސެވެ. ފަހަރިޔާ ބާރީގެ ގުޅުން! މިހެންބުނުމުން ވަގުތުން ބާރީގެ މޫނުމަޗަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ.

ޖެހިގެން އައިދުވަހު އަހަރެން މިކިޔާލް ސްކޫލަށްލާފައި އައިސްގޭގައި އުޅެނިކޮށް ބާރި ވަރަށް ހާސްވެފައި އައިސް އަހަރެންގާތުގައި ވަރަށް ބޮޑު ވާހަކައެއްދައްކަންވެފައި އޮތްވާހަކަ ބުންޏެވެ. އެއީ ކޮން ވާހަކައެއްތޯ އަހަރެން އެހީމެވެ. އެވަގުތު ބާރީއާއި ފަހަރިޔާއި ދެމެދު ހިނގަމުންދިޔަ ލޯބީގެ ގުޅުންތަކުގެ ވާހަތައް އަހަރެންނަށް ކިޔައިދެމުން ގެންދިޔައެވެ. އަޑުއަހާ! އަހަރެންނާއި ފަހަރިޔާ ރައްޓެހި ވެގެން އުޅޭތާ އަހަރަކަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަހަރެމެން ދެމީހުން ތަފާތުގޮތްގޮތަށް ބައްދަލުވަމުން ދިޔައިން! އަދި ދެމީހުންވެސް ތިބީ ކައިވެނި ކުރަން ވެސް ވަޢުދު ވެފައި! ނަމަވެސް މިއަދު ފަހަރި އެކަމާ އިންކާރު ކުރީ! ފުރަތަމަ އަހަންނަށް ލޯބި ހުށަހެޅީވެސް ފަހަރި! އަހަރެން އޭރުވެސް ބުނިން މިކަމުގެ ސަބަބުން އެތައްބައެއްގެ ދިރިއުޅުން ހަލާކުވެގެންދާނެކަމަށް! މީގައި ކުށްވެރިޔަކީ ހަމައެކަނި އަހަރެއްނެއްނޫން! އަހަރެންނާ އެއްވަރަށް ފަހަރިވެސް މިކަމުގައި ކުށްވެރި ވާނެ! މިވާހަކަތައް ބާރީގެ ދުލުން ކިޔައިދެމުން ދިޔައިރު ބާރީގެ ދުލުން ބޭރުވަމުންދާ ކޮންމެ ލަފުޒަކުން އަހަރެންގެ ހިތްކަތިލެވެމުން ދިޔައެވެ.

ހުރިހާވާހަކަތަކެއް ކިޔައިދީ ނިމުމުން ބާރި ސުވާލުކުރިއެވެ. އަދިވެސް އަހަރެންނާއެކު ކަލާ ދިރިއުޅޭ ނަންހެއްޔެވެ؟ އަހަރެންނަށް ބުނާނެ އެއްޗެއް ނޭގިފައި ކަރުނުން ފުރިފައިވާ ދެލޮލުން ބާރީއާ ދިމާއަށް ބަލަން އެތައްއިރަކު އިނދެވުނެވެ. އަނެއްކާވެސް ބާރީގެ އަޑުއިވުނެވެ. އަހަންނަށް މަޢާފްކޮށްދޭށެވެ. އަހަރެން ހިޔެއްނުކުރަން އަހަރެން ދެކެ އެހާލޯބިވާ މީހަކު ހުރިކަމަކަށް؟ ނަމަވެސް މިއަދު އަހަރެންނަށް އެނގިއްޖެ ކަލާ އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން! އަހަރެން މިއޮތްހުރިހާދުވަހު އެކިގޮތްގޮތަށް އުޅުނު އިރުވެސް ކަލާ ވަފާތެރިކަންމަތީގައި އިނިތީ އަހަރެން ކަލާއަށް ޝުކުރުވެރިވަން! ބާރީގެ ވާހަކަތައް އަޑުއަހާފައި ދޭނެ ޖަވާބެއް ނޭގިފައި އަހަރެން އިނީމެވެ. އެއްކޮޅުން އަހަރެންގެ ލޯބިވާ ބޭބެގެ އަނބިމީހާއެވެ. އަދި އަނެއްކޮޅުން އަހަރެންގެ ލޯބިވާ ދަރިފުޅުގެ ބައްޕައެވެ.

ބާރީގެ ވާހަތައް އަޑުއެހުމަށްފަހު އަހަރެންގެ ތުންފަތް މަޑުމަޑުން ހަރަކާތްތެރިވިއެވެ. އަހަރެން މަޢާފްކުރާނީ ކާކަށްހެއްޔެވެ؟ އަހަރެން ބާރީއާއި ފަހަރިވެސް ތިޔަކަމުގައި ކުއްވެރި ކުރަމެވެ. ތިޔަކުރިކުށަކީ ކުޑަކުޑަކުށެއްނޫނެވެ. ތިޔަކުށުގެ ކައްފާރާއަކީ ވޭތުވެދިޔަތަން ހަނދާންނައްތާލާ އަލުން ރަނގަޅު ދިރިއުޅުމެއް އުޅެވެތޯ މަސްއްކަތްކުރުމެވެ. އިންސާނުންނަކީ ކުށް ކުރެވޭބައެކެވެ. އެކުރެވޭކުށަށް އެކަލާނގެ އެއިންސާނަކަށް ސަޒާވެސް ދެއްވާނެއެވެ. އަދި އިންސާނުނަށް ކުރެވޭ ކަންތައްތަކަށް ތަޢުބާވުމުގެ ފުރުސަތުވެސް ދެއްވަނީ ހަމަ އެނކަލާނގެއެވެ. އެހެންވީމާ އަހަރެންގެ އެދުމަކީ ތިޔަކުރެވުނު ކުށަށް ފުރަތަމަ އެކަލާނގެ ޙަޒުރަތަށް ތަޢުބާވުމެވެ. ފާފަފުއްސެވުން އެދި ﷲގެ ޙަޒުރަތުގައި ދުޢާ ދެއްނެވުމެވެ. އަހަރެން މިހެން ބުނުމުން ބާރީގެ ނުތަނަވަސްކަން ފިލައިގެން ހިނގައްޖެއެވެ. އަހަރެންދިން ޖަވާބަށް ބާރީ ޝުކުރުވެރިކަމުގެ ނަޒަރަކުން ބަލައިލިއެވެ. އަދި ބާރީ ވަރަށް އަސަރާއިއެކު ބުންޏެވެ. އަހަރެން އެއްގޮތަކަށްވެސް ހިއެއްނުކުރަން ކަލާ އަހަރެންނަށް ދެވަނަ ފުރުސަތެއް ދޭނެކަމަކަށް! އަހަރެންދެން ކުރިއަށްއޮތްތަނުގައި ބާލާނި ކުރެވުނު ފާފަތަކަށް ތަޢުބާވެ ރަނގަޅު ދިރިއުޅުމެއް ކަލާއާއެކު އުޅެވޭތޯއެވެ. އިރާދަކުރެއްވިއްޔާ މީގެފަހުން އަހަރެންގެ ފަރާތުން ދުވަހަކުވެސް އެކަހަލަކަމެއް ނުފެއްނާނެއެވެ.

 

ކޮމެންޓް 0