48

ސާދަވިލޭރޭގެ ހަނދު ފުރިހަމަކަމާއިއެކީ ބަބުޅަމުން ދިޔައެވެ. މޫސުން ރީތި ހިތްގައިމު ރެއެއްކަމުން ތަރިތައް ސާފުކަމާއެކު އުދަރެހުގައި ފިޔަޖަހަމުން ދިޔައެވެ. ރަށުތެރޭގައި ވަނީ މުޅިންހެން ހަމަހިމޭންކަމެވެ. މަދުން ނޫނީ ކުއްޖަކު ރޯލާ އަޑެއްވެސް ނީވެއެވެ. މާލޭގެ ހަލަބޮލި މާޙައުލާއި މުޅިންހެން ތަފާތެވެ. ދުއްވާއެއްޗެއްގެ އުނދަގުލެއް ނެތެވެ. ގަޑިއިރަކުން އެއްފަހަރުވެސް ދުއްވާއެއްޗެއްގެ ހިލަމެއް ނުވެދާފަހަރުވެއެވެ. މީހުންގެ ތެރޭގައި ޒަމާނީ ކުލައެއްނެތެވެ. އިހުގެ ގޮތް ކިތަންމެ ވަރަކަށް އޮތަސް އެކުގައި އުޅެލަން ފަސޭހައެވެ. އެއްބައިވަންތަ ވެފައި އެކުވެރިއެވެ. ހިތްތިރިވެފައި އޯގާތެރިއެވެ. މެޙުމާން ދާރީގައި އަބަދުވެސް ހިނިތުންވުން ފެންނަމުން ދެއެވެ. ގަޑިން ނުވައެއްޖެހުމާއެކު ގިނަގޭގޭގެ ދޮރުތަށް ލެއްޕެން ފެށިއެވެ. އިރާކޮޅު ބޭކާރު ގޮތުގައި ތިބުމުގެ ބަދަލުގައި އަވަހަށް ނިދަމުން، ފަތިހަށް ތެދުވުމުގެ ރީތި އާދަ ހަރުލާފައިވާ މުޖުތަމައެކެވެ.

ރާއްޖެތެރޭގެ ރަށަކަށް ދެވުނު ފުރަތަމަ ފަހަރު ކަމުން ފަޒާލް އިނީ އާޝޯޚު ވެފައެވެ. މާލޭގެ ހަލަބޮލި މާހަޢުލަށް ކިތަންމެ ހޭނިފައި ހުއްޓެއް ކަމަކު ރާއްޖެތެރޭގެ ހިތްފަސޭހަކަން ސިކުނޑިއަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ. ބޮލުން ބޮޑު ބުރައެއް ފިލައިގެން ދިއުމާއި ވަކިތަފާތެއް ނެތެވެ. ގޭތެރެއިން ނިކުތް ޖިހާން ފަޒާލްގެ ގާތަށް އައެވެ. ޖިހާންގެ ދަޢުވަތަށް ފަޒާލް އައީ އެހާއަންނަ ހިތަކުން ނޫނެވެ. ގާތް ރަޙުމަތްތެރިއަކު ބުނުމުން އަމާބުނީތީ ފަރަށްދާ އުސޫލުން އައީއެވެ. އެހެންވި ކަމުގައި ވިއަސް އާދެވުނީތީ އޭނާ މިހާރު އުފާވެއެވެ.

"ޖިހާ...މިރަށުގަ އެއްވެސް ކުޅިވަރެއްވެސް ނެތްތަ......؟" ހަނިކޮށް ރާވާފައި ހުރި މަގުފާރުމަތީ އޮށޯވެލައިގެން އޮވެ ފަޒާލް އަހާލިއެވެ. އޭރުވެސް އެއްއަތުގައި ފަސްވަރަކަށް މިނެޓު ކުރިން ރޯކުރި ސިނގިރޭޓު އޮތެވެ. ކަރުގައި އެންމެ ވަރުގަދަ ޗޭނު ފަށެއްއޮތެވެ. އަތުގެ ކޮންމެ އިނގިއްޔަކަށް ބޮޑު އަނގޮޓިއެއް މަހާލާފައި ހުއްޓެވެ. ކަންފަތުގެވެސް ދެތަނަކުން ތޮރުފާލާފައި ހުރިއިރު ޒަމާނީ ޒުވާނެއްކަން އެގެއެވެ. އަންހެން ކުދިންގެ ހިތްކިޔާފަދަ ފަން އިސްތަށިގަނޑު އެކިވަރުވަރަށް ކޮށާފައި އޮތްއިރު ބޮލުގެ ފުތްކިބައިގައި ނިގުލެއްހެން އޮޅާލާފައި އޮތް ދަބަރު ކުލައިގެ އިސްތަށިކޮޅެއް ފެންނަންއޮތެވެ. އިސްކޮޅުން ދިގު އަނަރޫފާ އެ ހަށިގަނޑަށް ބަލައިލުމުން ހީވަނީ ދުނބުރި ދަނޑިއެއްގެ ތޮށި މަށާލާފައި ހުރިހެންނެވެ. އެހާވެސް ދޮންވެފައި ހިއްކެވެ. ކައިރިގައި ހުރި ޖިހާންއާއި ވާހަކަދެއްކި އިރުވެސް ފަޒާލްގެ ނަޒަރު ހުރީ އުޑުގައިވާ ތަރިތަކާއި ދިމާލަށް ހުއްޓިފައެވެ.

"ތިއީ މާލޭގެ ފަސްގަނޑުން ވަޑައިގަތް ބޭކަލެކޭވެސް ބުނަން ދަތި.......އެހެންމީހަކު ނަމަ މިހާރުވެސް އަހާނީ ސަޅި ބިޓުން ތިބޭތޯ... ..." ޖިހާންގެ ބޭބެ ނިފާޒް އެމީހުންނާއި ބައިވެލަމުން ބުނެލިއެވެ. " ތިވާހަކަ ނުދައްކާ......އޭނަ ލައިކުވާނީ އެހެންނޫނަސް ފެޝަން ކުދިންނެއްނު.....ރަށްފުށުގެ ކުދިން އޭނައަކަށް ކަމަކު ނުދާނެ....." ބޯން އިން ސިގިރޭޓުގެ ބާކީބައި މަގުގެ އަނެއްފަޅިއަށް އެއްލާލަމުން ޖިހާން ބުނެލިއެވެ.

"ތިއެއް ދެން ނޭގޭނެތާ... އެހެންނޫނަސް ތިއަންހެންވެރިން ތިއީ އަބަދުވެސް ފެންނަ ބައެއް....ތިމީހުންނަށް ބަލާހިތެއް ނެތް.. " ތެދުވެ ހަމަޖެހިލައިގެން އިށީންނަމުން ފަޒާލް ބުނެލިއެވެ. " ދެންއެންމެން އެއްގޮތެއްވެސް ނުވާނެދޯ..... އެހެންނޫނަސް ނަލަ ރީތި ރަނގަޅު ކުދިން އުޅެއޭ..." ނިފާޒް ނަސޭހަތުގެ ރާގެއްގައި ބުނެލިއެވެ. " ދެންތިޔެއްވެސް އެގިދާނެތާ.."

" ޖިހާ...ހިނގާބަލަ މާމަ ގެއަށް ވަދެލާފައަންނަން..ފަޒާލް ނުދާނަންތަ..؟" ފަޒާލް ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ. ނިފާޒްމެން ދިއުމުން ފަޒާލް ގެއަށްވަދެ ނިދޭތޯބެލިއެވެ. އެތަށް އިރެއްވީއިރުވެސް ދެލޮލަށް ނިދީގެ އަސަރެއްނުކުރިއެވެ. ބޭރަށް ނިކުމެ ސިނގިރޭޓެއް ރޯކޮއްލަމުން ފަޒާލް ހިނގަންފެށިއެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތަށް ގައިގައި ބީހެމުން ދިޔައެވެ. މަގުގެ މެދެއްހައި ހިސާބުގައި ހުރެގެން ފަޒާލް ހިނގަމުން ދިޔައެވެ. މާޒީގެ ހަނދާންތަށް ސިކުނޑީގައި މަޑުމަޑުން ހޫރެންފެށިއެވެ. ބޭއިޙްތިޔާރުގައި ނަމަވެސް އެހަނދާންތަކުގެ ތެރެއަށްމީހާ ދަމާ ގެންދަންފެށިއެވެ. ކުޑައިރުގެ ހަނދާންތަކެވެ. މަންމައާއި ބައްޕަގެ ގެރި ޒުވާބެވެ. އާއިލާ ރޫޅުމެވެ. ބައްޕަގެ ފަރުވާކުޑަކަމުގެ ސަބަބުން ހަލާކުވެ ވީރާނާވި ދިރިއުޅުމެވެ. މައިންބަފައިންގެ ވަކިވުމަށް ފަހު ފަޒާލްގެ މުޅި ޙަޔާތް ބަދަލުވިއެވެ. ހިތް ހަމަޖައްސާލަން މަގުމައްޗަށް ނިކުމެވެން ފެށުނެވެ. ވިޔާނުދާ ރައްޓެހިންނާއި ގުޅި ބައިގަނޑު ބައިގަނޑަށް އުޅޭ މީހުންގެ ކުޅި ބަލަން އިނދެވެން ފެށުނެވެ. އޭރު އުމުރުން އަށާރަ އަހަރެވެ. ވާނުވާ އެނގޭއިރުވެސް ކަށިބޯ ޖަންގަލިން ހަންމެށި ވޭންއަޅަން މީހާގެ ނަފުސު ދޫކޮށްލެވުނެވެ.

ލޯބިނުލިބުނަސް މައިންބަފައިންގެ ފަރާތުން ހިތުހުރިހާގޮތަކަށް އުދުއްސަން ފައިސާލިބެއެވެ. ފަޒާލް އެފައިސާގެ ބޭނުން ހިތްއުފާކުރުމުގައި ނަގާލަމުން ދިޔައެވެ. ސަފާރީތަކުން ޕާޓީކުރަމުން ރިސޯޓުތަކުގެ ގޮނޑުދޮށުގައި އިނދެ މަސްތުވަމުން ކުށްތަކަށް އަރައިގަންނަމުން ދިޔައެވެ. އެއީ ފަޒާލްގެ ދުނިޔެއެވެ. ޑްރަގްގެ ބޭނުންކުރުން ފަޒާލް ހުއްޓާލީ ވިހިއަހަރުގައެވެ. އެއަށްފަހު މަސްތުވާ ތަކެތީގެ ވިޔަފާރީގެ ތެރެއަށް ފުންމައިލިއެވެ. އެހާ ހިސާބުން މީހުންނަށް ފަޒާލް އެގެންފެށީ ކިންގްގެ ނަމުންނެވެ. ބޮޑެތި ވިޔަފާރިން ފެށިގެން ދެގޯޅި ދެމެދުގައި ހިނގާ ކުޑަ ކުޑަ ޑީލް ތަކަށްވެސް އެންމެ ކުރިގައި ހުރީއޭނާއެވެ. ބޭރުގައުމުތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުންވެސް ފަޒާލްއަށް ވެގެންދިޔައީ ލޮލީޕޮޕެއް ކާލުންފަދަ ފަސޭހަކަމަކަށެވެ. މަސްތުވާތަކެތި ގަނެވިއްކުމުން އަދި ނިމުނީއެއްނޫނެވެ. ފަޒާލްގެ ބޭންކުގެ އެކައުންޓްތަށް އޭރު ހުރީ ލައްކައިން މިލިއަނުން ފުރިބާރުވެފައެވެ. ކަންމަތީ ގްރޫޕް ތަކުން ފެށިގެން ބޮޑެތި މައި ގޭންގެ ތަކުގެ ބޮސް އަކީ އެއީ އެވެ. މާލެއާއި ރަށްރަށުގައި ދުއްވޭ ނަން މަޝްހޫރު އެންމެ ފަހުގެ ކާރުތަށް ހުރީ އޭނާގެ ނަމުގައި ރަޖިސްޓްރީވެފައެވެ. ގައުމެއްގެ ރައީސަކަށްވުރެ ވަކި ދެރައެއް ނޫނެވެ. އެހާވެސް މަޝްހޫރު ވެފައި މުއްސަންޖެވެ.

ފަޒާލްގެ ހިތްކިޔާފަދަ ކުއްޖަކާއި ދިމާވިއިރު ފަޒާލްގެ އުމުރުން ބާވީސް އަހަރެވެ. ނަތާ އާއި އެންމެ ފުރަތަމަވެސް ދިމާވީ ސަފާރީއަކުންނެވެ. ރީތި ކަމާއި އެއްވަރަށް ދޮންކަން ލިބިފައިވާ ފަންމިންޏެކެވެ. ފަރިކޮށް ހިނގާލާފައި ދާއިރު ބަލަން ހުންނަ މީހެއްގެ ހިތް ކަތިލެވޭނެކަން ގައިމެވެ. ނަތާއަކީ ފަޒާލްއާއި އޭނާގެ އެކުވެރިންފަދަ ކުއްޖަކަށް ނުވިއެވެ. އެރޭ ފަޒާލް ގިނައިރުތަކެއް ވަންދެން ނަތާއާއި ވާހަކަ ދައްކަން އިނެވެ. އޭރުވެސް ނަތާއަކަށް ފަޒާލްއަކީ ކާކުކަމެއް ނޭގެއެވެ. ފަޒާލްގެ އެކުވެރިކަމުގައި ނަތާއަށް ބަރޯސާވެވެން ފެށުނެވެ. އެރޭގެ ޕާޓީގެ ހަގަޑިއިރު ނިމިގެން ދިޔައިރު ޙަޔާތުގެ ގިނަ ވާހަކަތަކެއް ފަޒާލް ނަތާއާއި ހިއްސާކުރިއެވެ. ނަތާވެސް އޭނާގެ ޙަޔާތުގެ ބައެއް ސަފުޙާތަށް ޙުލާސާކޮށް ދިނެވެ. ދެމީހުންގެ ގެމެދުގައި އެކުވެރިކަން އެހާ ހިސާބަށް ދިޔައިރުވެސް ފަޒާލްއަކީ ކާކުކަން ނަތާއަށް ނޭގެއެވެ. ކިންގްގެ ނަމުން މުޅި ރާއްޖެއަށް ފަޒާލް މައްޝޫރުވިޔަސް ނަތާއަކަށް އެއީ ކާކުކަމެއް ނޭގެއެވެ. އެހެންކަމުން ފަޒާލް އެކަން ނަތާއަށް ސިއްރުކުރިއެވެ. ޕާޓީތަކަށް މަދުން އައިސް އުޅުނަސް ނަތާއަކީ މަސްތުވާތަކެއްޗަށް ނަފުރަތު ކުރާކުއްޖެއްކަން ފަޒާލްއަށް އެގުމުން އެކަން ސިއްރުކުރަން މަޖުބޫރުވީއެވެ.

ޖެހިގެން ދެންއައި ދުވަހުގެ އިރު އުދަރެހަށް އަލިކޮށް ދިނީ ފަޒާލްގެ ޙަޔާތަށް އުފާވެރިކަމައިގެންނެވެ. ބަނަވެފައިވާ ޙަޔާތަށް ހިތްފަސޭހަ ދުވަހެއްގެ ފޮނި ހުވަފެން ދައްކަމުންނެވެ. ފަޒާލްއާއި ނަތާގެ ލޯބީގެ މާފޮޅުންތަށް ނުހަނު އަވަހަށް ފެށިގެންދިޔައެވެ. އެކަނިވެރި ޙާލުގައި އުމުރު ދުވަހު އުޅެފައިވުމުން ފަޒާލްގެ ލޯބި ނަތާއަށް ލިބުނީ އަނަރޫފަވެފައިވާ ނަފްސަކަށް އާރޯކަން ލިބޭފަދައިންނެވެ.

ލެލޯބިވެރިންވެސް އެކުގައި ދުވަސްތަށް ހެދަކުރަމުން ދިޔައީ ނުހަނު އުފަލުގައެވެ. އެއްވެސް މީހެއްގެ ހިޔަންޏެއް ދެމީހުންގެ ޙަޔާތަކަށްވެސް ނޭޅެއެވެ. އެހެނަސް ތަޤުދީރު ހިތިގޮތަކަށް އެދެލޯބިވެރިން އިމްތިޙާން ކުރަންފެށިއެވެ. ކޯޓުއަމުރެއްގެ ދަށުން ފުލުހުން ފަޒާލް ހައްޔަރު ކޮށްގެން ދިޔައިރު ނަތާ ހުރީ ރާއްޖެއިން ބޭރުގައެވެ. ފަޒާލްގެ މާމަ ބަލިވެގެން ޑޮކްޓަރަށް ދައްކަން ގޮސްފައެވެ. ނަތާގެ ކޯލަކަށް ފަޒާލް ޖަވާބެއްނުދެއެވެ. އެތައްފަހަރަކު ގުޅުމުންވެސް ގުޅޭގޮތެއް ނުވިއެވެ. ނަތާގެ ހިތުގައި ބިރުވެރިކަން އުފެދުނީ އެހާހިސާބުންނެވެ. ވާނުޥާނޭގި ފަޒާލްގެ ޚަބަރެއްނުވުމުން އެތަކެއް ވަސްވާސްތަކެއް ސިކުނޑިއަށް އޮހެމުން ދިޔައެވެ. ފަޒާލްގެ އެއްވެސް އެކުވެރިއެއްގެ ނަމްބަރެއް ނަތާގެ އަތަކުނެތެވެ.

އެތަށްފަހަރަކު ވިސްނުމަށްފަހު ނަތާ އޭނާގެ ބައެއްއެކުވެރިންނަށް ގުޅިއެވެ. އެމީހުންގެ އެހީގައި ނަތާއަށް ފަޒާލް ޖަލަށް ލެވިފައި ވާކަން އެނގުނެވެ. ބޯހާސްވެގެން ހަދާނެ ނުހަދާނެއެއްނެގި ނަތާ ފުރައިގެން ރާއްޖެއައެވެ. ޅައިރުއްސުރެން މައިންބަފައިންގެ ލޯބިދީހެދި މާމަ ބީރައްޓެހި ޤައުމަކަށް ދޫކޮށްލާފައެވެ. އޭރު ނަތާގެ ސިކުނޑި މަސައްކަތް ކުރަމުންދިޔައީ އަމިއްލަ އިޙުތިޔާރުން ބޭރުގައެވެ. ނަތާ ރާއްޖެއައި ދުވަހު ފަޒާލްވެސް ޖަލުން މިނިވަންވިއެވެ. ކުށްސާބިތު ނުވުމުން ފަޒާލް ދޫކޮށްލީއެވެ. އެހެނަސް އަލުން ޖަވާބުދާރީވާންޖެހޭ ގިނަސުވާލުތަކެއް އޭނާގެ ކުރިމައްޗަށް ނިއުޅުވަމުންނެވެ.

ރޮމުންގޮސް ދެލޯ ފާރުވެފައިވާ ޙާލު ކެތްތެރި ކަމާއިއެކީ ނަތާ އިންތިޒާރު ކުރަމުން އައީ ފަޒާލް ގެއަށް ވާންނާނެ އިރަކަށެވެ. ނަތާގެ އިންތިޒާރަށް ނިމުން ގެނުވަމުން ފަޒާލް ގެއަށް އައެވެ. ދޮރު ހުޅުވާލުމާއެކު ސިންގާއެއް ފަދައިން ނަތާ ފަޒާލްގެ ކުރިމައްޗަށް ފުންމައިގެންއެރިއެވެ. ފަޒާގެ ގަމީހުގައި ދެއަތުން ހިފާތަޅުވަންފެށިއެވެ. "ކީއްވެ ދޮގުހެދީ... އަހަރެން... ފަޒާލްއަށް ކިހާ..އިތުބާރެއްކުރިން... ކީއްވެ..ފާޒާލް ބުނެބަލަ..ޕްލީޒް..." ރޮމުންގޮސް ނަތާގެ އަޑުވަނީ ބެދިފައެވެ. ވަރުދޫވެގެން ނަތާ ބިމަށްތިރިވިއެވެ. ފަޒާލް އޭރުވެސް އަނގައިން ނުބުނެއެވެ. ބުނާނީ ވަކިކީކޭ ހެއްޔެވެ؟ ފަޒާލް އޭނާގެ ހިތިޙަޔާތް އެއްފަހަރާ ނަތާގެ ކުރިމައްޗަށް ބަންޑުން ޖަހާލަން ބެނުމެވެ. ވިޔާނުދާ ކަންކަމަށް ވަދެވުނުގޮތް ކިޔައިދޭން ބެނުންވިއެވެ. އެހުރިހާ ކަމަކުން ދުރުވާނެ ކަމަށް އެތަށް ހުވަޔަކާއި އަހުދާއި ވަޢުދު ވާން ފާޒާލް ބޭނުންވިއެވެ. އެހެނަސް އެދުލުގައި ވަނީ ތަޅުއެޅުވިފައެވެ. ބެނުންވިޔަސް ދޫ ހަރަކާތެއް ނުކުރިއެވެ. ފަށައިގަންނާނެ ގޮތެއް ކިޔާނެ އެއްޗެއްނެގި މީހާ ގަބުވެފައި އިނީއެވެ.

އޭރުވެސް ނަތާ އޭނާގެ ސިކުނޑިއަށް އައިހައި އެއްޗެއް ދުލުން ބެރުކުރަމުން ދިޔައެވެ. ކިޔޭއެއްޗެހީގެ މާނައެއް ދޭހަވާކަމެއް ނުވަތަ ނުޥާކަމެއްވެސް އޭނައަކަށް ނުވިސްނެއެވެ. "އޭރުވެސް...ނަތާ ކިހާ އިތުބާރެއްކުރިން... ފާޒާލް ލަނޑުދިނީ ...ހުސްލަނޑު ...ފަޒާލް އަކާހެދި މާމަވެސް ދޫކޮށްފަ...އޭއި..! ..މާމަ ކޮބާ؟؟ މާމަ...ފަޒާލް... މާމަ ބަހައްޓާފަ މިއާދެވުނީ.. ހިނގާ މާމަ ހޯދަން ..." މާމަ ދޫކޮށްފަ ޢާދެވުނުކަން ނަތާ ހަނދާންވީ ދެނެވެ. އެހާ ހިސާބުން ފަޒާލް ހާސްވާންފެށިއެވެ. ފާޒާލް ނަތާ ދުރަށްޖެއްސުމަށްފަހު މާމަ އަށް ގޮވަމުން ގޭތެރެ ހޯދަންފެށިއެވެ. "ނަތާ ..އަސްލުވެސް ތިއައީ މާމަ ދުކޮށްލާފަތަ.." ހައިރާންކަމާއިއެކު ފަޒާލް ނަތާގެ ދެކޮނޑުގައި ހިފާތަޅުވަމުން އަހަންފެށިއެވެ. ހަދާނެ ނުހަދާނެއެއް ފަޒާލް އަކަށް ނުވިސްނުނެވެ. ދެކޮޅަށް ކުރުކާލި ކަނޑާލަ ކަނޑާލާ ފަޒާލް ހުރިއިރު ބިންމަތީ އެހެން ދުނިޔެއަކަށް ގެއްލިފައި ނަތާއިނެވެ. "ދަރިފުޅާ..ފަޒާލް..ނަތާ ދެރަނުކުރާތި..ހިތުގަ ނުޖައްސާތި... އެއީ މި މާމަގެ ވަރަށްބޮޑު އެދުމެއް .. ނަތާއަކީ ބަލިކުއްޖެއް..މާބޮޑަށް ދެރަވާފަދަ ކަމެއްވެއްޖެނަމަ ނަތާއަކަށް ކެތެއްނުވާނެ.." އެދެމީހުންގެ ގުޅުމަށް އާބަސް ދެމުން މާމަ ބުނި ޖުމުލަ ފަޒާލްގެ ކަންފަތް ބުޑުގައި ގުގުމަންފެށިއެވެ. ނަތާގެ ޙާލުފެނުމުން ފަޒާލްެ ހިތަށް ވަރަށް އަސަރުކުރެއެވެ.

ކުއްލިއަކަށް ނަތާ ދޮރުހުޅުވާލުމަށްފަހު ދުއްވައިގަތެވެ. ފަޒާލްވެސް ވިނުވިއެއްނެގުމުން ނަތާގެ ފަހަތުން ފުއްވައިގަތެވެ. " ނަތާ..." ސިޑިން ފޭބުމަށް ފަހު ނަތާ ދުއްވައިގަތީ މަގާދިމާލަށެވެ. ފަޒާލްއަށް ނަތާއާއި ހަމައަށް އާދެވުމުގެ ކުރިން ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރުގެ ޝިކާރައަކަށް ނަތާވިއެވެ. "ނަތާ..." އަޑުގެ ކޮޅަށް ފަޒާލްއަށް ހަޅޭއްލަވައި ގަނެވުނެވެ. ފަޒާލްގެ ލޮލުގެ ކުރިމަތީ މިހާދުވަހު ބިނާކުރި ގަނޑުވަރު ބިމާހަމަވިއެވެ. ލެއިންތަތް ތެޅިފައި އޮތް ނަތާގެ ބޯ އުނގަށްލައިގެން މަގުގެ މެދުގައި ރޯން ފަޒާލް އިނެވެ. އެއްވެފައި ތިބި މީހުންގެ އެހީގައި ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ނަތާ މިދުނިޔެއަށް ޢަލްވަދާޢު ކިޔައިފިއެވެ.ނަތާގެ ހަޔާތަށް އެރި ލޮޅުންތަކަށް ކެތްނުވީއެވެ.ފަޒާލް އެކަނިވީއެވެ.

ފަޒާލްގެ ބުރަ މަސައްކަތުން ނަތާގެ މާމަ މާލެގެނައެވެ. އެހެނަސް އެމާމަގެ ކުރިމައްޗަށް އަރާނެހާ ހިތްވަރެއް ފަޒާލް އަކަށް ނުލިބުނެވެ. ކޮންމެ ގޮތަކަށްވިޔަސް އެމާމަގެ މުޅި ދިރިއުޅުމުގައި ބުރައުފުލައިގެން ބަލާބޮޑުކުރި ދަރިފުޅުގެ ގާތިލަކީ އެއީއެވެ. ކަންއެހެންވެދާނެ ކަމަށް އިންޒާރު އެތައް ފަހަރަކު ލިބުނެވެ. އެހެނަސް އެއީ ހަމަ ފަޒާލްގެ އަތުން އަމިއްލަ ހަޔާތްބައްޓަން ވިގޮތެވެ.

ފަޒާލް ޢެނާގެ ޙިޔާލީ ދުނިޔެއިން ބޭރުވެލިއެވެ. އޭރު ފަޒާލް ހުރީ އަތިރިމަތީގައެވެ. ސާދަވިލޭރޭގެ ހަނދު ބަބުޅަމުން މުޅިޖައްވަށް އަލިކަން ގެނެސްދެމުން ދިޔައެވެ. ހުދު ދޮންވެލިގަނޑުމަތީ ދެފައި ވަށްކޮށްލައިގެން އިށީނެވެ.އެވަގުތު ނަތާ ދުރުންހަނާ އަޅާލިހެން ހީވެއެވެ. އެހެނަސް އެއީ ކުށްހީއެކެވެ. ނަތާ އެއްނާންނާނެއެވެ. އޭނަ ވަނީ ފަޒާލްއާއި މާދުރަށް ގޮއްސައެވެ.ފަޒާލްއަށް ވިސްނުނީ މާފަހުންނެވެ. އަމިއްލަ އުފާތަކަށްޓަކައި ހަލާކުގެ ތެރެއަށް ވެއްޓިގަތުމުން އޭނައަށް ލިބުނު ހުރިހާ އުފަލެއް ބީވެދިޔައީއެވެ.

ކޮމެންޓް 0