75

ރީން" އެހެންދުވަސް ދުވަހާއި ހިލާފަށް ރަޙުމަތްތެރިންނާއި ވަކިވެގެން ގޮސް ޓެކްސީއަށް އަރަން އުޅުނު ވިލާ ކޮލެޖުގެ ޔުނީފޯމްގައި ހުރި އަންހެން ކުއްޖާއަށް ވިޝާލް ގޮވާލި އެވެ. އަދި ރަޙުމަތްތެރިންގެ ތެރޭ ހުރެ ދުވެލާފައި އައިސް އާރީންގެ ގާތުގައި މަޑުކޮއްލި އެވެ.
"މިއަދު ހާދަ އަވަހަކަށް ތިދަނީ، އެންމެން އެއުޅެނީ މެރީބްރައުނަށް ދާންވެގެން، ނުދާނަންތަ؟" ވިޝާލް ޓެކްސީގެ ދޮރުހުޅުވައިގެން ހުރި އާރީންގެ އަތުގައި ހިފާލި އެވެ. ސިހިގެންދިޔަ އާރީންގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ނިތުގައި ދަޅައަޅަމުންދިޔަ ކުދިކުދި ދާތިކިތަކުން ފަހަރަކު ތިއްކެއް އާރީންގެ މޫނުގެ އެއްފަރާތުން ފައިބައިގެންދެ އެވެ.
"އާން، މިއަދަކު ނޫން، މަންމައާއެކު ތަނަކަށް ދާންޖެހޭތީވެ ވަރަށް އަވަހަށް ދާންވެގެން މިދަނީ" އާރީން އަވަސް އަވަހަށް ބުނެލި އެވެ. ވިޝާލްއަށް ވެސް އިތުރަށް އާރީން ހުއްޓުވާކަށް ނުކެރުނެވެ. އެހެންނަމަވެސް އާރީނަށް ކޮންމެވެސް ކަމެއްވެއްޖެކަން އެނގުނެވެ. ޓެކްސީ ދުއްވާލި ދިމާލަށް ބަލަހައްޓައިގެން ހުއްޓަ ވިޝާލްގެ ރަޙުމަތްތެރިން އޭނަގެ ގާތަށް އައިސް ހުއްޓިއްޖެ އެވެ.
ވިލާ ކޮލެޖުގައި އެންމެ ފަހު އަހަރު ހޭދަކުރަމުންދާ ވިޝާލް އާއި އޭނަގެ ރަޙުމަތްތެރިން މެރީ ބްރައުންގައި ތިއްބެވެ. ޔުނީފޯމްގަ އެވެ. ގެއަށް ދިއުމުގެ ކުރިން ރަޙުމަތްތެރިންނާއިއެކު ވަގުތުކޮޅެއް ހޭދަކޮއްލުމަކީ އެމީހުންގެ އާދައެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް އާރީން އެ ގްރޫޕުން ފެނުން މަދެވެ. އެކަމާ ކޮންމެ ކުއްޖަކުވެސް ސުވާލު ކުރަނީ ވިޝާލް އާއެވެ.
"އޭ، ރީންއާ ކަމަކާ ދެބަސްވެގެންތަ ތިއުޅެނީ؟" ރާއިދު ވިޝާލަށް ބަލާލަމުން ބުނެލި އެވެ.
"ނޫން، ކިހިނެއްވީ...ހޫމް އެއްކަލަ ވާހަކަ ފެށުނީ ދޯ، އަހަރެން ބުނެފީމެއްނު ރީންއަކީ އަހަރެންގެ ގާތް ރަޙުމަތްތެރިއެކޭ، އަދި އަހަރެން ތިބުނާފަދަ ކަމަކާ ނުވިސްނަމޭ، އިހަށް ރަނގަޅަށް ކިޔެވޭތޯއެއްނު ބަލަންވީ" ވިޝާލް ބުނެލިއެވެ.
"މިގުރޫޕުގަ ތިދެމީހުން ނޫނީ މިހާރު ރައްޓެހިނުވާ މީހަކުނެތް، އަހަންނަށް އެނގޭ ވިޝާލްގެ ހިތުގަ ރީނަށް ޙާއްޞަ މަގާމެއް ދެވިފައިވާކަން، ރީން ވެސް އުޅޭގޮތުން ހީވޭ ވިޝާލްއަށް ހިތްކިޔާހެން..." މިހެން ބުނުމާއިއެކު ރާއިދުގެ ގައިގާ މޭޒުމަތީގައި އޮތް ފޮތަކުން ވިޝާލްޖެހި އެވެ. ބޭނުމަކަށްވީ އޭނަގެ އަނގަ މަޑުކުރުމެވެ. އެހެންނަމަވެސް ގުރުޕޫގައި ތިބި ހުރިހާ އެންމެންގެ ދުލަކު ވިޝާލްއަކަށް ނުހިފެއްޓުނެވެ. އެއްބަސް ނުވިޔަސް ވިޝާލްގެ ހިތުގައިވެސް އޭނަގެ އެކުވެރިން ބުނާފަދައިން އާރީނަށް ޙާއްޞަ މަގާމެއް ދެވިފައިއެވެ. އެކުވެރިއަކަށްވުރެ އާރީނާއި ދޭތެރޭ ދެކެވެނީ މާ ގާތްކޮށެވެ. އެހެންނަމަވެސް ލޯބިވެރިއެކޭވެސް ބުނެވޭކަށް ނެތެވެ. ހިތުގައިވާ އެއްޗެއް ފާޅުކުރަން ވިޝާލް ޖެހިލުންވަނީ އެވެ. ދުވަހަކުވެސް އާރީންގެ ފަރާތުން އެފަދަ އިޝާރާތެއް ނުފެންނާތީ އެވެ.

ކޮޓަރިތެރޭގައި ދެކޮޅަށް އެނބުރެމުންދިޔަ އާރީން ދާހިތްލާ ފޯވެއްޖެ އެވެ. އޭނަގެ ދެއަތުން މޭގައި ހިފަހައްޓާލެވިފައިވެ އެވެ. އޭސީ ކުރެވިފައި ހުރި އެކޮޓަރީގެ ފިނިކަން ސޯޅަ ޑިގްރ ީސެލްސިއަސްއަށް ލާފައިހުރިއިރު ވެސް އާރީނަށް ފިނިކަމުގެ އިޙްސާސެއް ނުކުރެވެ އެވެ. ދޭތެރެއަކުން ނޭވާ ނުލެވިގެން އުޅޭފަދަ ގޮތަކަށް އަނގ ަހުޅުވާލަ އެވެ. ނޫނީ މޭގައި އަތް އޮބައިގަނެގެން މީހާ ގުދަށްއޮވެއެވެ. މިކަހަލަ ސަކަރާތެއްގައި ވިއްސަކަށް މިނެޓު އުޅުމަށްފަހު އާރީން އޭނަގެ މެއިން އަތްދޫކޮއްލައިފި އެވެ. އަދި ނޭވާ ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުންދިޔައެވެ. މަޑުމަޑުން ކޮމްޕިއުޓަރު މޭޒުގެ ދޮށުގައި ހުރި ގޮނޑި ދަމާލާފައި އިށީނދެއްޖެ އެވެ.
އާރީނަށް ބުނެދޭން ނޭނގޭ ގޮތްތަކެއްވާތާ މިހާރު މަސްދުވަސްވަނީ އެވެ. އޭނާ އެކަކު ގާތުވެސް އެވާހަކައެއް ނުދައްކައެވެ. ބައެއް ފަހަރަށް ހުންވައްތަރުވެފައި ހުރެއެވެ. ނޫނީ މޭގައި ރިއްސައިގަތީނުން ނޭވާ ހުއްޓިދާވަރުވެ އެވެ. އާރިނަކީ އެއްވެސް އިރެއްގައި މާބޮޑު ބައްޔެއްވީ ކުއްޖަކަށްނުވާތީ އޭނަ ހޮސްޕިޓަލަށް ދާކަށް ގަސްދެއް ނުކުރެއެވެ. ފަހަރެއްގައި މޭގަ ރިއްސާ ވާހަކަ މަންމަމެން ގާތު ބުނެފިނަމަ ޑޮކްޓަރަކަށް ދައްކަން ބޭނުންވެދާނެތީ އެކަން އޭނަ ސިއްރުކުރަނީ އެވެ. މޭގެ ރިހުމަކީވެސް ވަގުތީ ރިހުމަކަށްވެފައި ހުންއައިސް ގައިގަ ރިއްސަނީ ވެސް އެފަދަ ގޮތަކަށެވެ. އެހެންވެގެންނާއިއެކު އާރީނަށް އޭނައަށް ދިމާވަމުންދާ ކަންތައްތަކުގެ ކުޑަބޮޑުމިން އަންދާޒާ ކޮއްނުލެވެނީއެވެ.
"ދަރިފުޅާ، އާރީން... އެބައުޅެންތަ؟" ފައުޒިއްޔާގެ އަޑާއިއެކު ދޮރުގައި ޓަކި ޖެހިއަޑު ވެސް އިވުނެވެ.
"ލައްބަ މަންމާ، ފެންވަރާލައިގެން މި ނިކުންނަނީ" އާރީން އޭނަގެ ކޮޓަރީގެ ބޭރުގައި ހުރި ފައުޒިއްޔާއަށް އަޑުއިވޭ ވަރަށް ބާރަށް ބުނެލި އެވެ. އަދި ގޮނޑިން ތެދުވެގެން ގޮސް އެނދުގައި އުއްޑުން ހަށިގަނޑު ދަމާލައިގެން އޮށޯވެލި އެވެ. 

މަދު ދުވަހެއް ނޫނީ އާމުކޮށް އާރީންގެ ދުވަސް ނިމިގެންދަނީ މިފަދަ ގޮތަކަށެވެ. އާރީނަކީ އަޙްލާގު ރަނގަޅު ކިޔެވުމަށް މޮޅުކުއްޖެކެވެ. އޭނައަށް އަމިއްލަ ކޮޓަރިއަކާއި އަމިއްލަ ބޭނުމަށްޓަކައި ކޮމްޕިއުޓަރަކާއި އިންޓަނެޓް ލާދީފައި ހުންނަނީ ވެސް އެހެންވެއެވެ. އާރީންގެ މައިންބަފައިން އޭނައަށް ފުރިހަމަ މިނިވަންކަން ދީފައިވެ އެވެ. ސްކޫލުގައި ރަޙުމަތްތެރިންނާއިއެކު އެމީހުން ޖަހާ ސަކަރާތުގައި އާރީންވެސް ބައިވެރިވެ އުޅެއެވެ.
ކިޔެވުމުގެ އެންމެ ފަހު އަހަރަށްވެފައި ފަހު އިމްތިހާނުން ރަނގަޅު ނަތީޖާއެއް ގެނައުމަށް އާރީނާއި އޭނަގެ އެކުވެރިން މަސައްކަތްކުރިއެވެ. ހުރިހާ ކުދިންވެގެން ގުރޫޕު ސްޓަޑީޒް ކުރިއަށް ގެންދިޔައީ އާރީންގެ ގޭގައެވެ. ސަކަރާތާއި އެހެނިހެން ކުޅިވަރުތައް ހުއްޓާލުމަށްފަހު ހުރިހާ ކުދިންގެ ފުރިހަމަ ސަމާލުކަން އިމްތިހާނަށް ހުއްޓާލައިގެންނެވެ.
އިމްތިހާން ހަދާނިމި ނަތީޖާ ލިބުމާއިދެމެދު އޮތް ދުވަސްތަކެވެ. އެއްއެކުވެރިއެއް އަނެއް އެކުވެރިޔާއަށް ގުޅާހެދިއެވެ. އެގޮތުން ވިޝާލް އާއި އާރީނާއި ދެމެދު އޮތް އެކުވެރިކަމުގައި ފޮރުވިފައިވާ ލޯތްބެއްވާ ކަމުގެ މަލަމަތި ފެންނަން ފަށައިފިއެވެ. އާރީން ގިނަވަގުތު ހޭދަކުރަނީ ވިޝާލް އާއި ވާހަކަދެއްކުމުގައި ފޯނުގައެވެ. ދެމީހުންވެސް އުއްމީދު ކުރަމުންދިޔައީ ރަނގަޅު ފެންވަރަކުން ފާސްވުމާއިއެކު ސްކޮލާޝިޕްގައި ބައިވެރިވުމުގެ އުއްމީދުގައެވެ. އެއް ހުވަފެނެވެ. ދެމީހުންގެ މަންޒިލަކީ އެއް މަންޒިލެއްކަމުގައި ދެމީހުން ވެސް ދެކުނެވެ. ކުރިއަށް ދާންބޭނުންވީ މެޑިކަލް ދާއިރާއިންނެވެ. މިގޮތަށް އެކި ވާހަކަތައް ދެމީހުންގެ މެދުގައި ދެކެވެމުންދިޔަ ނަމަވެސް އެކަކަށްވެސް އަނެކާ ދެކެ ލޯބިވާ ވާހަކައެއް ނުބުނެވެއެވެ. ދައްކާ ވާހަކައަކިން ދެމީހުންނަށްވެސް އެކަކު އަނެކަކު ވަރަށް ޙާއްޞަކަން ޔަގީންވެއެވެ.

އިމްތިހާނުގެ ނަތީޖާ ލިބި އާރީން ބޭނުންވި ގޮތަށް އޭނައަށް ސްކޮލާޝިޕްގެ ފުރުޞަތު ލިބިގެން ދިޔައެވެ. ނަމަވެސް ވިޝާލްއަށް އެފުރުޞަތެއް ނުލިބުނެވެ. އެހެންނަމަވެސް އޭނަގެ މައިންބަފައިން ތިބީ ވިޝާލް ބޭނުން ދާއިރާއަކުން ކިޔަވަން ރާއްޖޭން ބޭރަށް ފޮނުވާ ގޮތަށެވެ. ދެމަފިރިއަކަށް ލިބިފައިފާ ދެކުދިންގެ ތެރެއިން ވިޝާލްއަކީ ހަގު ކުއްޖާއަށް ވެފައި އެއާއިލާއަކީ މާލޭގައި އުޅެވޭ އާއިލާއަކަށް ވާތީ ވިޝާލް ރާއްޖޭން ބޭރަށް ފޮނުވުމަކީ އުނދަގޫ ކަމަކަށް އެމީހުންނަށް ނުވިއެވެ. ނަމަވެސް އެމީހުން ގޮތެއް ނުނިންމާ މަޑުކުރީ ވިޝާލްގެ އެދުމުގެ މަތިން އޭނައަށް ސްކޮލާޝިޕްގެ ފުރުޞަތު ހަމަޖެހޭތޯ ބެލުމަށެވެ. އާރީނަށް ވިޝާލްގެ ހިތުގައި ޙާއްޞަ ކަމެއްދެވިފައިވުމުން އޭނަ ބޭނުންވީ އާރީނާއި އެއް ޔުނިވަރސިޓީއަކަށް ދިއުމަށެވެ. އެފުރުޞަތު އޭނައަށް ލިބުނީ ވަރަށް އުނދަގުލުންނެވެ. މައިންބަފައިންގެ އެހީއާއިއެކު ލިބުނު ފުރުޞަތާއިގެން ވިޝާލް ފުރަން ބޭނުންވީ ވެސް އާރީނާއި އެކުގައެވެ. އޭރު ކިޔަވަން ފުރަން ފަސްމަސް އޮތުމާއިއެކު ވިޝާލް ބޭނުންވީ ފުރުމުގެ ކުރިން އާރީނަށް ލޯބި ހުށަހެޅުމަށެވެ. ގާތް އެކުވެރިންގެ މަޝްވަރާހުރި ގޮތުންނެވެ. އެކުވެރިންނާއިއެކު ބޭރަށް ނުކުމެއްޖެނަމަ އެމީހުން ބުނެއުޅެއެވެ. "ވިޝާލް ތިހެން ހުއްޓަ ދެންފެންނާނީ ތެޔޮނާށި ކާޅުގެންދާތަން... ހެ ހެ ހެ..." މިހެންނެވެ. އެއާއިއެކު ދިމާކުރާފަދަ ހިނިގަނޑެކެވެ.

އާރީނަށް ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އޭނަގެ ހަށިގަނޑަށް ކުރެވޭ އުނދަގޫތައް އިތުރުވެ މީހާ ވަރުބަލިވެ ނޭވާ ކުރުވާހެން މާބޮޑަށް ހީވާންފަށައިފި އެވެ. ހަށިގަނޑުގެ ބައްޓަން ރީތިވެފައި ބޭކާރު މަސްތަކެއް ނެތަސް އޭނަ ގަސްދުކުރީ ކުޑަކޮށް ކަސްރަތުކޮށް ހަދާލުމަށެވެ. ފަހަރެއްގައި ކޮލެސްޓްރޯލް ހަށިގަނޑުގައި ގިނަވަނީކަމަށް ހީވެފައެވެ. އެހެންވެ އާރީންގެ ދޮންބެގެ އަންހެނުން ކާމިލާ އާއިއެކު އިރުއޮއްސޭއިރު ހިނގަން ނުކުމެއެވެ. ނަމަވެސް އެކަންވެސް ވީ އިތުރު ވޭނަކަށެވެ. މާއަވަހަށް ނޭވާ ކުރުވަނީ އެވެ. އެތަށް އިރަކު ހިނގައިނުގަނެވިފަ އާރީން މޭގައި އަތްއަޅައިގެން މަގުމަތީގައި ހުންނަން ފެށުމުން އެކަމާ ކާމިލާ ސުވާލު ކުރަންފެށި އެވެ. އެވަރުގެ ކަމެއްވެސް ބޮޑުކޮއްލާނެތީވެ އާރީން އިތުރަށް ހިނގަންދިއުން ހުއްޓާލިއެވެ. ގޭތެރޭގައި އެކަން ފާހަގަކުރެވިގެން އެކަކުވެސް ނޫޅެއެވެ. ނަމަވެސް އާރީންގެ ނަޒަރުގައި ފައުޒިއްޔާއަށް ފަހަކަށް އައިސް ގޭގައި ކުޅިމަޑުކޮށް އެއްވެސް އެއްޗެއް ހެދޭކަމަކަށްނުވެއެވެ. ގޭގެ ހުރިހާ އެންމެނަށް ކުޅި ރަހައެއް ނުދިނަސް އާރީން ހީވާނީ ކުޅިވެގެން ހަލާކު ވެދާނެހެންނެވެ. އެއީ މާބޮޑު ކަމެއްކަމަށް ފައުޒިއްޔާ ނުދެކުނެވެ. ބައެއް ކުދިންނަކީ ކުޅިކޮށް ކާން ބޭނުންނުވާ ކުދިންކަން އޭނައަށް އެނގެއެވެ.
"ހެލޯ... ރީން ބިޒީތަ" ފޯނުން ވިޝާލްގެ އަޑުއިވުނެވެ.
"ކޮންމެ ރެއަކު ގުޅާފަ ހަމައެހެން އަހަންޖެހޭ ދޯ... ސާބަސް ވިޝާލް" އެނދުގައި ނިދަންއޮތް އާރީން ކަންފަތުގައި ޖަހާފައިވާ ހެޑްސެޓުގެ މައިކް އަނގަޔާއި ކައިރިކޮއްލަމުން ވާހަކަ ދެއްކި އެވެ.
"އާދަވެފަ... ހެ ހެ ހެ...ރީން" ވިޝާލް ހީނލާފައި އާރީނަށް ގޮވާލި އެވެ.
"ހޫމް، އެބަ އޮތީމޭ، ބުނެބަލަ..." އާރީން ބުނެލި އެވެ.
"އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން، ދުވަސްކޮޅެއްވެއްޖެ ރީން ކައިރީ އެވާހަކަ ބުނަން ބޭނުންވެގެން އުޅޭތާ" ވިޝާލް ރަޙުމަތްތެރި ރާގެއްގައި ބުނެލި އެވެ.
"އަަވަހަށް ބުނޭ، ކީއްވެ ކުރިން ނުބުނެ މަޑުކުރީ... މިހާރު ދެން އަވަހަށް ބުނޭ" އާރީން ޝައުގުވެރިވެފައިވާވަރު އޭނަގެ އަޑުން ވިޝާލަށް ނަގައިގަނެވުނެވެ.
"މިރެއަކު ނޫން، އަންނަ މަންތު ބާވީހުގަ ރޭގަނޑު ބާރަޖަހާއިރު" ވިޝާލް ދުވަހަކާއި ވަގުތެއް ކަނޑައެޅި އެވެ.
"އަންނަ މަންތޭ، އޯ... ސެޕްޓެމްބަރު ބާވީސް، އަހަރެންގެ އުފަންދުވަސް، ވިޝާލް އަހަންނަށް ސަޕްރައިޒެއް ދެނީތަ، ނޫން... ޔޫ ނޯ އައި ޑޯންޓް ލައިކް ސަޕްރައިޒަރސް" އާރީންގެ ހިތް އެދުވަހުގެ އެވަގުތަށް އިންތިޒާރު ކުރާނަންކަމަށް ބުނިކަމުގައިވިޔަސް އޭނަ ވިޝާލްއަށް އެކަމެއް ނުދެއްކި އެވެ. 
"އާން، އާރީނަށް ޚާއްޞަ ދުވަހަކަށްވާތީ އެދުވަހު ބުނަން ނިންމީ، ވާހަކައިގެ ވެސް ޚާއްޞަކަމުން" ވިޝާލް ބުނެލިއެވެ.
"އަދި އެބައޮތް މަހެއްހާ ދުވަސް، އެހާ ދުވަހު މަޑުކުރަންވީތަ... ނުވާނެ ވިޝާލް، ޕްލީޒް ދެން ބުނެބަލަ" އާރީން ބޭނުންވީ އޭނަގެ އާދޭސްކުރުން ތަކާއިއެކު ވިޝާލް ބުނަން ބޭނުންވެފައިވާ އެއްޗެއް އޮޅުންފިލުވުމަށެވެ. ފަހަރެއްގައި އޭނަގެ ހިތުގެ އަޑު ވިޝާލާއި ހަމައަށް ފޯރީބާއޭ ހިތަށް އެރުމުންނެވެ. ނަމަވެސް ވިޝާލް އާދައިގެ މަތިން އޭނަގެ ބަހުގައި ހިފެހެއްޓިއެވެ. އެރޭގެ ފޯންކޯލު އެހެން ރޭރެއަށްވުރެ ދިގުވެގެންދިޔަ އެވެ.

އިންތިޒާރަކީ ކުރަން ކިހާ އުނދަގޫ އަދި ކިހާ ވޭންދެނެވިކަމެއްކަން އާރީނަށް އިޙްސާސްކުރެވުނީ އަދިކިރިޔާއެވެ. އެވެސް ޚާއްޞަކޮށް އެކަމަކަށް ހިތްއެދި ގޮވާ ކަމަކާއެވެ. ނަމަވެސް ކެތްތެރިވުމަކީ އިންސާނާގެ ގައިގާ ހުންނަންޖެހޭ މާތްސިފަތަކުގެ ތެރެއިންވާ ސިފައެކެވެ. ކެތްތެރިކަމަކީ ތިމާއަށް ކުރިމަތިވާ އިމްތިހާނެއްކަމުގައި ދެކުމަށް އާރީންގެ މަންމަ ބުނާއަޑު އޭނައަހައެވެ. އެހެންވެ ވަގުތު ޖެހެންދެން އޭނަ ވިޝާލަށް އިންތިޒާރުކުރާނީ ކެތްތެރިކަމާއިއެކުގައެވެ.

އޮޅާލާ ސާލެއ ްފަދައިން ދުވަސްތައްވެސް މާޒީއާ އެކުވަމުންދިޔަ އެވެ. ތަފާތަކީ ދުނިޔޭގައި އިންސާނާ ހޭދަކުރާ ދުވަސްތައް މާޒީވެ ދިއުމަށްފަހު އޮޅާލާ ސާލުފަދައިން އަލުން ނިއުޅާ ނުލެވޭނެ ކަމެވެ. ފާއިތުވާ ދުވަހެއް އަނބުރާ ލިބުމެއް ނުވެއެވެ. 

އާރީންގެ މައިންބަފައިން އޭނައަށް ދީފައިވާ ތަރުބިއްޔަތަކީ އެހެންމައިބަފައިންނަށް ރިވެތި ނަމޫނާއެކެވެ. ހެޔޮލަފާ ތަޤުވާވެރި ދަރިއަކު ހަމަ ކޮންމަ މަޔަކާއި ބަފަޔަކުވެސް ބޭނުންވާނެ އެވެ. ހަމައެގޮތަށް އެފަދަ ދަރިއަކު ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ޒިންމާ ކުޑައެއް ނޫނެވެ. އާރީންގެ ކެތްތެރިކަމަށް ނިމުމެއް އައެވެ. ސެޕްޓެމްބަރު މަހުގެ ބާވީސްވަނަ ދުވަހު ގޭތެރޭގައި އެއް އަޑަކަށް އޮތީ އުފަންދުވަހުގެ ތަހުނިޔާ ކިޔުމެވެ. އާރީނަށެވެ. އޭނަގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމަށް ނިމުމެއްނެތްއިރު ފައުޒިއްޔާ އާއި ނިހާދުގެ ދުޢާއަކަށްވީ އެމީހުންގެ ހަގު ދަރިފުޅުގެ އުމުރު ދިގުކުރައްވާ އެދަރިފުޅުގެ ހިތުގެ މުރާދުތައް ހާޞިލުވުމެވެ. މުޖުތަމައުއަށް ފައިދާހުރި ދަރިއަކަށްވެ ނަމޫނާ ދަރިއަކަށްވުމެވެ. މައިންބަފައިންގެ ކޮންމެ އުފަލަކީ އާރީންގެ ވެސް އުފަލެވެ. އާއިލާގައި ދޮއްޓަށްތިބި ކުދިންގެ ފަރާތުން އެކި ކަހަލަ ބޭނުންތެރި ހަދިޔާތައް އާރީނަށް ލިބުނެވެ.

އާރީންގެ ހާލު ދަށަށްދާން ފެށުމާއިއެކު ނުކެވުމުގެ އިތުރުން މީހާގެ ހަށިގަނޑުން އެކަންތައްތައް ފެންނަން ފަށައިފިއެވެ. ހަށިަގަނޑު އަނަރޫފަވަމުން ދިއުމާ އަބަދު ވަރުބަލިވެ ނޭވާ ކުރުވުމާއިއެކު ކަރުން ލޭލުން ވެސް ގިނަވެއްޖެއެވެ. ރަނގަޅަށް ނިދިޔަސް އާރީންގެ ދެ ލޯކައިރި ވަޅުވަދެ މަޑު އަޅިކުލައެއް އަރަން ފަށައިފި އެވެ. އެކަމާ ފައުޒިއްޔާ ކަންބޮޑުވުން ފާޅުކުރެ އެވެ. ދަރިފުޅު ނުބައި މަގަކުން ނުދިޔަކަމުގައި ވިޔަސް އޭނައަށް ހީވަނީ އާރީން ރޭގަނޑު ނުނިދާ އުޅެނީހެންނެވެ. އެކަމާ ނަޞޭޙަތްތެރިވަމުންދިޔަ އެވެ. ރޭގަނޑުގެ ނިންޖަކީ ވަރަށް މުހިއްމު އެއްޗެއްކަން އާރީނަށް ވެސް އެނގެއެވެ. ގޭގައި އުޅޭ ދައްތަ އާއި ފަހަރިންގެ ވާހަކަތަކާއިއެކު އާރީންގެ ލޯ ކައިރީގައި ހުންނަ އައިބުކަން ފޮރުވަން ތަފާތު ކުރީމްތައް ބޭނުންކުރަން ފެށިއެވެ.

އުފަންދުވަހުގެ ރޭ ރަޙުމަތްތެރިންނާއިއެކު ބޭރަށް ދިއުމަށް އާރީން ތައްޔާރުވަމުންދިޔަ އެވެ. އެދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ލިބުނު ޖިންސާއި ގަމީސްކޮޅު ގަޔަށް ހެޔޮވަރު ކޮއްލުމާއިއެކު އަލަމާރީގެ ދޮރުފަތުގައި ހުރި އިސްކޮޅުވަރުގެ ބޮޑު ލޯގަނޑުން ބަލާލާފައި ދެފަރާތަށް އެނބުރި ފަރިބަލާލި އެވެ. ސްކޫލަށް ދާއިރު އައްސާލާފައި ހުންނަ އާރީންގެ ކަޅުކުލަގަދަ ފަންއިސްތަށިކޮޅު ވަނީ ރީތިކޮށް މިނިވަންކަމާއިއެކު ދޫކޮއްލެވިފަ އެވެ. ރީތިވާ މޭޒުގެ މަތީގައި ހުރި ސެންޓުފުޅިން ކަރުގެ ދެފަރާތަށާއި އަތަށް ސެންޓު ޖަހާލުމާއިއެކު އެނދުމަތީގައި އޮތް އަތްދަބަސް ހިފައިގެން ކޮޓަރިން ނުކުތެވެ. ކާކޮޓަރީގައި އެއްޗެހި ހޫނު ކުރަން އުޅުނު ފައުޒިއްޔާގެ ގާތުގައި ދަނީކަމުގައި ބުނެ އަތުގައި އޮތް އަތްދަބަހުގެ ދިގު ވާގަނޑު އެއްފަރާތަކަށް ވާގޮތަށް އަޅުވާލައިގެން ގޭން ނުކުތުމަށް ހިނގައިގަތެވެ. އެހިނދު ލަސްނުވެ އައުމަށް ފައުޒިއްޔާ ހަނދާން ކޮއްދިނެވެ. އާރީނަށް ވިޝާލްގެ ވާހަކަ މަތިން ހަނދާންވުމާއިއެކު ކުޑަކޮށް ލަސްވެދާނެކަމަށް އޭނަގެ މަންމައަށް އަންގާލި އެވެ.

އެކުވެރިންނާއިއެކު މާލޭގެ ނަން މަޝްހޫރު ބޮޑު ރެސްޓޯރެންޓެއްގައި އުފަންދުވަސް ފާހަގަ ކުރުމަށްފަހު އާރީނާއި އޭނަގެ ރަޙުމަތްތެރިން ނުކުތީ ގެއަށް ދާށެވެ. މަޖާ ވާހަކަތަކާއިއެކު ހީސަމާސާތައް ކުރުން އޮތެވެ. އެތަނުން ނުކުމެވެންދެން ވެސް އެކަން ކުރިއަށް ދިޔައެވެ. އާރީނާއިއެކު އެތަނަށް އައީ ލިއުޝާ އެވެ.
"ހިނގާ ދަމާ" ރެސްޓޯރެންޓުން ނުކުތް ގޮތަށް ލިއުޝާ ބުނެލި އެވެ.
"ލިއު، ޖައުބުނީ ލިއު ގެއަށް ލާދެން ދާނީ އޭނަޔޯ، އެހެންވެ އަހަރެން ބުނެފިން ރީން ކައިރީ އަހަރެން އޭނަ ގެއަށް ގެންގޮސްދީފާނަމޭ" އާރީންގެ ފަހަތުގައި ހުރި ވިޝާލް ކުރިއަށް ނުކުމެ ލިއުޝާ އަށް ބުނެލި އެވެ.
"އޯ އެހެންތަ، ތިވީ މާރަނގަޅަކައްނު، އަހަންނާ ޖައު އެކީގައި ނުދާން ނިންމީ ރީން އެކަނިވެދާނެތީވެ، އެކަމަކު މިހާރު އެނގިއްޖެ ރީންގެ ބައިވެރިއަކު އެބަހުރިކަން" ލާނެތް ގޮތަކަށް ލިއުޝާ އާރީންގެ އަތުގައި ޖަހާލަމުން ވިޝާލް އާއި ދެމީހުންނަށް ހީނލާފައި ބުނެލި އެވެ.
"ދެން ލިއު..." އާރީން ލަދުވެތި ގޮތަކަށް ބުނެލި އެވެ. އެއަޑާއި އެއްވަރަށް އާރީން ބުނެލި ގޮތަށް ރާއިދު އެހެން ބުންޏެވެ. ހުރިހާކުދިންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. އެކިކުދިން އެކިދިމާލަށް ދިއުމަށް ހިނގައިގަތުމާއިއެކު ވިޝާލް ވެސް އާރީން އާއިއެކު އާރީންގެ ގެއަށް ދިއުމަށް ހިނގައިގަތެވެ. ދެމީހުން އެކުގައި މާލޭގެ ބައިބޯ މަގުތަކުން ހިނގަމުންދިޔައީ އެކުގައި ކަމަށްވިޔަސް އެކަކުވެސް ބަހެއް ނުބުނެ އެވެ. ދޭތެރެއަކުން ދެމީހުން ދެމީހުނަށް ބަލާލާފައި ބަދަލުކޮއްލާ ހިނިތުންވުން ފިޔައި އިތުރު ކަމެއް ނުހިނގަ އެވެ. ތަންކޮޅަކަށް ހިނގުމާއިއެކު އާރީން ވަރުބަލިވާ ގޮތްވެއްޖެ އެވެ. ފުންކޮށް ނޭވާ ލެވެން ފެށުމުން ވެސް އޭނަ އެކަން ވިޝާލްއަށް ހާމައެއްނުކުރި އެވެ. މިގޮތަށް ހިނގަމުންގޮސް މީހުން މަދު ގޯޅިއެއްގެ ކަންމައްޗަށް އެރުމާއިއެކު އާރީންގެ އަތުގައި ދޭތެރެއަކުން ޖެހިލާ ވިޝާލްގެ އަތުން އޭނަގެ އަތުގައި ހިފައިފި އެވެ. ސިހިފައި އާރީންއަށް ބަލާލެވުމާއިއެކު ހުއްޓެވުނެވެ. ވިޝާލް ވެސް މަގަށް ނަޒަރު ހިންގާލުމާއިއެކު މަގުގެ އެއްފަރާތެއްގައި ހުރި ކަރަންޓު ކޭބަލް ފޮއްޓެއްގެ ކައިރިއަށް އާރީންގެ އަތުގައި ހިފައިގެން ގޮސް މަޑުކޮއްލައިފި އެވެ.
"ވިޝާލް..." އާރީނަށް ހައިރާންކަމާއިއެކު ގޮވާލެވުނެވެ.
"ރީން... ކިހިނެއްވަނީ؟ ރީނަށް ކޮންމެވެސް ކަމެއް އެބަވޭ، ހީވަނީ ހިނގަން އުނދަގޫވެގެން އުޅޭހެން، ނޭވާލާން އުނދަގޫވަނީތަ... ބުނެބަލަ..." ވިޝާލް ކަންބޮޑުވުމާއިއެކު އަހާލި އެވެ. އާރީނަށް ލިބުނީ އިތުރު ސިހުމެކެވެ. ވިޝާލް އޭނައަށް އެހާވަރަށް ބެލި ހެއްޔެވެ. ގައިމު ނުބަލާނަމަ އެހެން ބުނާކަށް ނޭނގުނީހެވެ. އޭނަ ހީކުރީ ވިޝާލްގެ ފަރާތުން އެހެންކަހަލަ ޢަމަލެއް ފެންނަން އުޅެނީ ކަމަށެވެ. އާރީން ކިޔާ ވާހަކަތަކާއި ބަލާ ފިލްމުތަކުގައި ފެންނަފަދަ ދެލޯބިވެރިންގެ ލޯބީގެ ވަގުތުކޮޅުދައްކުވައިދޭ ފަދަ ސީނެއް އަންނަން އުޅުނީ ކަމަށެވެ.
"މާބޮޑަށް ސަކަރާތް ޖެހުނީކަންނޭގެ، ވަރަށް ވަރުބަލިވަނީ" ނުބުނަން ހުރެފަވެސް އާރީން ބުންޏެވެ.
"ޓެކްސީއެއް ނަގަންތަ، ޓެކްސީއެއްގަ ވެސް އަހަރެން އާރީން ގެންގޮސްދީފާނަމޭ" އާރީންގެ އަތްތިލާގައި ބާރަށް ހިފާލަމުން ވިޝާލް ބުނެލި އެވެ. އާރިންއަށް އެވަގުތު ވިޝާލްގެ ލޮލުގެ ތެރެއިން ފެނުނީ އޭނަ ބޭނުންވާފަދަ މަންޒަރެކެވެ. ހިތް އުފަލުން ފޮޅުނުކަހަލަ އެވެ. މަޑުމަޑުން އާއެކޭ ބުނެ ބޯޖަހާލި އެވެ. އެއާއިއެކު ވިޝާލް އަވަސް އަވަހަށް ޖީބުގައި އޮތް ފޯނު ނަގާ ހުރި ހިސާބާ އެންމެ ކައިރިވާނެހެން ހީވާ ޓެކްސީ ސެންޓަރާއި ގުޅާލި އެވެ.

ޓެކްސީގައި ހަމަޖެހިލުމާއިއެކު ވިޝާލް، މިހާރު ރަނގަޅުތޯ އާރިންނާއި ސުވާލުކުރި އެވެ. އާރީން ހިނިތުންވެލަމުން އާއެކޭ ބުނެ މިފަހަރުވެސް ބޯޖަހާލީ އެވެ. އާރީންގެ އަތުގައި ހިފާލައިގެން ޓެކްސީގައި ވިޝާލްއިނެވެ. ދެމީހުންގެ ހިތަށްވެސް އެވަރުން ހިތްހަމަޖެހުމާ އުފާ ލިއްބައިދިނެވެ. ތިމާ އެމީހަކު ދެކެ ލޯބިވާ މީހާގެ އަތުގައި ހިފާލުމާއިއެކު ގާތުގައި ކުޑަހިނދުކޮޅަކަށްވެސް މަޑުކޮއްލުމުގެ ފުރުޞަތު ލިބުމަކީ ނަސީބެކެވެ. މަޑުމަޑުން އާރީން އޭނަގެ ބޯ ވިޝާލްގެ ކޮނޑުގައި ޖައްސާލައިގެން އިނދެ ދެލޯ މަރާލި އެވެ. އޭނަގެ މޭގެ ރިހުން ގަދަވަނީ އެވެ. ހިތާހިތާ ދުޢާކުރަމުންދިޔައީ ވިޝާލް އާއިއެކު އިންދަ އެއްވެސް ކަމެއް ނުވުމަށް އެދި އެވެ. ކުއްލިއަކަށް އާރީންގެ ސަމާލުކަން ހުއްޓުނީ ޓެކްސީގެ ތެރެއިން އިވެމުންދިޔަ ރޭޑިއޯ ޕްރޮގްރާމެއްގެ އަޑަށެވެ. އަޑުއެހުންތެރިއެއްގެ އެދުމުގެ މަތިން ގެނެސްދިންލަވައަށެވެ. ލަވައިން ހިތަށް ތަދުކުރުވާފަދަ ބައެއް ލަފްޒުތައް އިވުނެއްކަމަކު އެއީ ލޯބިވެރިޔެއްގެ ހިތުގެ އާހުގެ އަޑުކަން ގައިމެވެ.

ގިނައިރެއްނުވެ ގެއަށް އާދެވުނެއްކަމަކު އާރީން އިނީ ކާރުގައި އިންނަންޖެހުމުން މޭ ނުބައިކޮށް ހޮޑުލަވާ ގޮތްވެފައެވެ. ކާރުން ފޭބިގޮތަށް އޭނަ ދޮރާށި ދޮށުގައި މަޑުކުރަން ބޭނުންނުވީ އެހެން ވެއެވެ. ނަމަވެސް ވިޝާލް އޭނަގެ އަތުން ދުލެއް ނުކުރިއެވެ.
"މިހާއިރުވިއިރު ވެސް ނާހާނަންތަ އަހަރެން މިރޭ ބުނަން އުޅުނީ ކޮނ ވާހަކައެއްތޯ" ވިޝާލް އާރީނަށް ބަލާލަމުން ބުނެލި އެވެ. އާރީން ވިޝާލްއަށް ބަލާލާފައި ހިނިތުންވެލަން މަސައްކަތްކުރި އެވެ. އޭނައަށް އެތަނުގައި ހުންނަން އުނދަގޫވަނީ އެވެ. މޭގައި އުފުދެމުންދިޔަ ތަދުވަނީ ހައްތަހާ ގަދައެވެ. އޭނަ ބޭނުންވަނީ އަވަހަށް އޭނަގެ ކޮޓަރިއަށް ދާށެވެ. ޕެނެޑިން ގުޅައެއް ކާލައިގެން އެނދުގައި އޮށޯވެލައިގެން އޮންނާށެވެ. އެކަމަކު ހިތްއެކަމާ އެއްބަހެއް ނުވެއެވެ. ވިޝާލް އޭނަ ކައިރީ ދާން ނުބުނާހާ ހިނދަކު ހުރިތަނުން ގުޑިލަން ވެސް އޭނަ ބޭނުމެއް ނުވެއެވެ. ހަށިގަނޑުގައި ކިތަންމެބޮޑު ވޭނެއް އެޅިކަމުގައިވިޔަސްއެވެ.
"ހެޕީ ބާތްޑޭ..." ވިޝާލް އޭނަގެ ޖީބުން ނެގި ކުޑަފޮށި އާރީނަށް ދިއްކޮއްލަމުން ބުނެލި އެވެ.
"ގިފްޓެއް ވެސް ގެނައިންތަ؟ ތެންކިއު..." އާރީން ހަމަޖެހޭކަން ދައްކަން މަސައްކަތްކުރިއެވެ.
"ބަލާބަލަ، އަހަންނަށް އަސްލު ނޭނގުނު ދޭނެ އެއްޗެއް އެހެންވެ، ހޯޕް ޔޫ ލައިކް އިޓް" ވިޝާލް މޫނަށް ވައްތަރެއް ޖައްސާލަމުން ކަނދުރާގައި އަތްހާކާލާފައި ބުނެލި އެވެ. ފަހަރެއްގައި އާރީނަށް ކަމުނުގޮސްދާނެއޭ ހިތައެވެ.
އާރީން އެކުޑަފޮށި ހުޅުވާލިއިރު އޮތީ ވިޔެފައިއޮތް އަތުގަ އަޅާ އެތިކޮޅެކެވެ. އޭގައި އެއްފަރާތްވަނީ ފިޔާތޮށިކުލައިންނެވެ. އަނެއްފަރާތްވަނީ މަޑު ނޫކުލައަކުންނެވެ. ފިޔާތޮށިކުލައިން ފެންނަން އޮތް ފަރާތުގައި އާރީންގެ ނަންޖަހާފައިވާއިރު މަޑުނޫކުލައިގެ ފަރާތުގައި ވަނީ ވިޝާލްގެ ނަން ޖަހާފަ އެވެ.
"ވަރަށް ލޯބި... އަހަރެންގެ އަތުގަ އަޅުވައެއް ނުދޭނަންތަ" އާރީނަށް ކަމުދިޔަކަން އެނގުމުން ވިޝާލްގެ ހީނލުމާއިއެކު އާރިން އެދުނެވެ. ވިޝާލް އަވަސް އަވަހަށް އާރީންގެ ކަނާތުގައި އޭތިކޮޅު އައްސާލަ ދިނެވެ. އެވަގުތު އާރީން ކެއްސައިގަތެވެ. އެއާއިއެކު މޭގައި އަތްއަޅާލައިގެން ގުދުވެލި އާރީންގެ ދެ ލޮލުން ކަރުނަފާއްދާލައިފި އެވެ. އަނގަމަތީ އެޅި އަތަށް ސިއްރުން ބަލާލެވުނެވެ. ނަސީބެކެވެ. އޭނަ އެގޮތަށް އެބަލާލީ ކެއްސާއިރު ކަރުން ލޭ އަންނާތިއެވެ. ފުރަތަމަ ކެއްސާލުމުން ލޭނެތަސް ދެން ގިނައިރެއ ްނުވާނެކަން އާރީނަށް އެނގެއެވެ.
"ރީން އޯކޭތަ...ބަލީތަ" ވިޝާލްއަށް ޝައްކެއްގެ ތެރޭގައި ހުރެ އެހުނެވެ. މިފަހަރުވެސް އާރީން ހިންދެމިލުމާއިއެކު ހިނިތުންވެލާފައި ދެފަރާތަށް ބޯހޫރުވާލި އެވެ. ގިނަ ވާހަކަތަކެއް ނުދެއްކުން އެއީ އެންމެ ބުއްދިވެރިގޮތްކަމުގައި އޭނަ ދެކުނެވެ. އެކަން ނޭނގި ހުރި ވިޝާލް ވާހަކަ ދައްކަން ފެށިއެވެ.
"އަން، މިވެސް ރީނަށް، އެކަމަކު މީތި ބަލަންވާނީ ރީން އެކަނިވީމަ، މީގަ އޮންނާނެ އަހަރެން ރީން ގާތު ބުނަން ބޭނުން ވެގެން އުޅުނު ވާހަކަ، އަހަންނަށް ޖަވާބެއް ދޭންވާނެ... އެކަމަކު މާލަސް ނުކުރައްޗޭ، ވަރަށް ކެތްތެރިކަން ކުޑަވާނެ އަހަރެން... އެނގެއެއްނު" ވިޝާލް ފިރިހެނަކަށް ވިޔަސް އާރީންގެ ކުރިމަތީ ޖެހިލުންވެހުރެ ބުނެލި އެވެ. އާރީންގެ ލޮލުން ތަފާތު ވިދުމެއް ފެނިގެންދިޔައެވެ. ވިޝާލް ދިއްކޮލި ސިޓީއުރައިގައި ހިފުމާއިއެކު އޭގައިވާ އެއްޗެއް ބަލަން އޭނަ ބޭނުންވި އެވެ. ދެވަނަ ފަހަރަށް ކެއްސައިގަތުމާއިއެކު އާރީން ގޭތެރެއަށް ވަނުމުގެ ހުއްދައަކަށް ވިޝާލްގެ ކައިރިން އެދުނެވެ. ބޭރުގައި ހުރުމުން މާފިނިވަނީ ކަމުގައި ބުނެ އާރީން އުޒުރެއް ދެއްކިއެވެ. ވިޝާލް އެކަން ގަބޫލު ކޮއްލުމަށްފަހު ގެއަށް ދިއުމަށް ހިނގައިގަތެވެ. އާރީނާއި ސަލާމްކޮއްލުމަށްފަހު އެވެ.
ދޮރާށި ލައްޕާލި އާރީނަށް މޭގައި އަތްއަޅާލެވުނެވެ. އަވަހަށް ކޮޓަރިއަށްގޮަސް ވަނެވެ. އޭރުވެސް ގޭގައި ނުނިދާ މީހުން އުޅެއެވެ. ސޯފައިގައި އިން ކާމިލާ ގޮވަގޮވާ އިންދާ އަނގައިންވެސް ނުބުނެ ގޮސް އާރީން ކޮޓަރިއަށް ވަނުމުން ވަރަށް ހައިރާންވި އެވެ. އޭގެ ކުޑައިރުކޮޅެއް ފަހެވެ. އާރީން އަޑުން އަޑުނަގާ ރޯއަޑުއިވޭހެން ކާމިލާއަށް ހީވާންފެށި އެވެ. ޔަގީންކޮއްލުމަށް ޓީވީގެ އަޑުމަޑުކޮއްލާފައި އާރީންގެ ކޮޓަރި އާއި ދިމާލަށް ސަމާލުވެލި އެވެ.
"ކާމި، ތި ޓީވީގެ އަޑުމަޑު ނުކޮއްބަލަ..." ކާމިލާގެ ފިރިމީހާ ހާނިމް ބުންޏެވެ.
"މަޑުކޮއްބަލަ، ރީން ކޮއްކޮގެ އަޑެއް ނޫންތަ އެއިވެނީ" ކާމިލާ އަތުގައި އޮތް ރިމޯޓާއިއެކު ހާނިމްއަށް އަޑުމަޑު ކުރުމަށް އިޝާރާތްކޮއްލަމުން ބުނެލިއެވެ.
"ކިހިނެއްވީބާ... އެއީ ހަމަ އާރީންގެ އަޑު" ފިލްމު ބަލަން ކާމިލާގެ ދެމަފިރިންނާއިއެކު އިން އާރީންގެ އެއްބަނޑުއެއްބަފާ ދައްތަ އިބާ ބުނެލި އެެވެ. އެންމެންނަށް އެއްފަހަރާ ތެދުވެވިއްޖެއެވެ. ދުވަފައިގޮސް އާރީންގެ ކޮޓަރީގެ ދޮރުހުޅުވާލިއިރު ކަމަކުދާކަށްނެތެވެ. އާރީން އޮތީ ޓައިލްސްތަކުގެ މަތީގައެވެ. ކެއްސަކެއްސާފައި ރޮނީ އެވެ. އަނގައިން ފައިބަނީ ރަތްލެޔެވެ. އިބާއަށް މަންމާއޭ ކިޔާ ހަޅޭލަވައިގަނެވުނު އިރު ދުވެފައި ވަތް ހާނިމްގެ އަތްދަނޑިމައްޗަށް އާރިން އުފުލާލައިފި އެވެ. ކާމިލާއަށް ލިބުނު ޝޮކުން މީހާ ގަނޑުވީ އެވެ. ކުޑަހިނދުކޮޅެއްގެތެރޭގައި ފައުޒިއްޔާ އާއި ނިހާދުވެސް ނުކުތެވެ. ގޭގައި އެވަގުތު ތިބިއްޔާ ތިބި ބަޔަކު ނުކުތެވެ. އެންމެން ހާސްވެގެން އުޅެގަތްވަގުތު ނިހާދު ސިކުނޑީގެ ބޭނުން ހިފި އެވެ. އަވަހަށް ދަރިފުޅު ހޮސްޕިޓަލަށް ގެންދިއުމުގެ ކަންތައް ހަމަޖެއްސިއެވެ. ހާނިމްގެ އަތުގެތެރޭގައި އޮތް އާރީން ހުއްޓުމެއްނެތި ކިޔަމުންދިޔައީ އޭނައަށް ތަދުވާކަމަށެވެ. ތަދުވަނީ ކޮންތާކަށްކަމެއް ނުބުނެއެވެ. ފައުޒިއްޔާއަށް ރޮވިއްޖެއެވެ. ކަރުން ލަމުންދިޔަ ލެޔާއިއެކު ދަރިފުޅުމަރުވަނިއްޔޭ ހިތާ ލިބުނު ނުތަނަވަސްކަމާއި ހިތްދަތިކަމެއްގެ ބޮޑުކަމުންނެވެ.

ހޮސްޕިޓަލުގައި އެޑިމިޓް ކުރެވި އާރީނަށް ފަރުވާދޭން ފެށިއެވެ. އާއިލާގެ ކޮންމެ މެންބަރަކު އަނެއް މެންބަރު ކައިރީ އަހަނީ އާރީނަށް ވީކީއްތޯ އޮޅުންފިލާތޯ އެވެ. އާރީން އޭނަގެ ފުރާނައަށް ގެއްލުމެއްވާފަދަ ކަމެއް ކުރީބާއޭ ފައުޒިއްޔާއަށް ބުނެލެވުނެވެ. އެންމެނަށްވެސް ފައުޒިއްޔާ ބުނި އެއްޗެއްގެ މާނަ އެނގި ހާސްކަމުގެ ތެރެއިން އެކިމީހުންގެ ހިޔާލުތައް ފާޅުކުރަންފެށިއެވެ.
ޑޮކްޓަރުން މަސައްކަތްކުރީ އާރީން ލޭލަމުންދާތީވެ އެކަން މަނާކުރެވޭތޯ އެވެ. އަދި އެކިއެކި ޓެސްޓުތައް ހަދަންފެށި އެވެ. އާރީންގެ ވަރުދެރަވެ އެނދުގައި ދިރުމެއްނުވާ މަސްގަނޑެއް އޮތްހެން ހަރަކާތް ކެނޑިގެންދިޔައެވެ. ހުރިހާ ޑޮކްޓަރުން ވެސް ހާސްކަމުގެ ތެރެއަށް ގެނައި ވަގުތުކޮޅަކަށް އެވަގުތު ވެގެންދިޔައެވެ. ނަމަވެސް ހުރިހާކަމެއް ކޮންޓްރޯލުގެ ދަށަށް ގެނައި ޑޮކްޓަރުންގެ ޓީމުގައި އިސްވެހުރި ޑޮކްޓަރގެ ކުޅަދާނަކަމާއި ހުނަރުވެރި ތަޖުރިބާގެ ސަބަބުންނެވެ.

ދެގަނޑިއިރަށްވުރެ ގިނައިރު ވީފަހުން ޑޮކްޓަރެއް ނުކުމެ އާރީންގެ އާއިލާގެ މީހުންނާ ބައްދަލުކުރި އެވެ. އަދި އާރީންގެ ހާލު މިވަގުތަށް ކޮންޓްރޯލް ކުރެވައިފައިވާ ވާހަކަ ބުންޏެވެ. ޑޮކްޓަރ މިވަގުތަށޭ ބުނުމުން އެކަމާ ނިހާދު ސުވާލުކުރި އެވެ. ހެދުނު ޓެސްޓުތަކުގެ ރިޕޯޓްތައް ލިބުމުން ނޫނީ އިތުރު އެއްޗެއް ބުނަން ނޭނގޭނެ ކަމަށް ދެންވެސް ޑޮކްޓަރު ވިސްނައިދިނެވެ. ފައުޒިއްޔާ އާއި ނިހާދު ހުރިހާ ކުދިން ގެއަށް ފޮނުވާލުމަށްފަހު ހޮސްޕިޓަލުގައި މަޑުކުރި އެވެ. އާރީން ހޭއަރާނެ އިރަކަށެވެ.

އާރީނަށް ލޯހުޅުވުނު އިރު އެނދު ކައިރީގައި އިން ފައުޒިއްޔާ އެނދުގައި ބޯޖަހާލައިގެން އިނދެ ގިސްލަ ގިސްލާފައި ހަމަ ރޮނ އެވެ. ނިހާދު އޭނަގެ ބުރަކަށީގައި ފިރުމަމުން ކެތްތެރިވުމަށް އެދެމުންދިޔައެވެ. އޭރު ނިހާދުގެ ދެލޮލުން ވެސް ކަރުނަ ނިރާލައިފި އެވެ. މިއަދު މުޅި އާއިލާއަށްޓަކައި އޭނަގެ ނެތްހިތްވަރު ދައްކަންޖެހޭނެކަން އަމިއްލަ ޒަމީރަށް ވިސްނާދެމުން ނިހާދު ދިޔައެވެ. އާރީނަށް ލޯހުޅުވާލާފަ ވެސް އަނެއްކާވެސް ލޯމަރާލެވުނީ އެވެ. އޭގެ އިރުގަނޑެއް ފަހުން ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް ވަރުޖެހުމާއިއެކު ލޯހުޅުވާލާފައި އާރީން އެންމެ ފުރަތަމަވެސް އެދުނީ ފެންފޮދަކަށެވެ. ފައުޒިއްޔާ ދަރިފުޅުގެ ހިކިފައިވާ ދެތުންފަތުގައި ފެންފޮދެއް ސަމްސަލުން ޖައްސާލަ ދިނީ ނޭފަތާ އަނގަޔާއިއެކު އަޅާފައިވާ މާސްކުހިއްލާލުމާއިއެކު އެވެ. އޭރު އޭނަގެ އެނދުގެ ވަށައިގެން އާއިލާގެ ހުރިހާ މެންބަރުންނެއްހެން ތިއްބެވެ. އާރީނަށް އެހެން އޭނަ އޮންނަތާ ކިހާއިރެއްވެއްޖެކަން ވެސް ނޭނގ ެއެވެ.
"ސިޓީ އުރަ... މަންމާ...މޭޒު...ސިޓީ..." ވަރުނެތްފަދަ ގޮތަކަށް އާރީން ވާހަކައެއް ބުނަން އުޅުނެވެ. ފައުޒިއްޔާއަށް އާރިން ބުނަން އުޅުނު އެއްޗެއް އެއްކޮށް ނޭނގުނު ކަމުގައިވިޔަސް އާރީން އެދައްކަނީ ކޮންމެވެސް ސިޓީ އުރައެއްގެ ވާހަކަކަން އެނގުނެވެ. އެވަގުތު އެތަނުގައި އާރީންގެ ދާދިގާތުގައި ހުއްޓިލައިގެން ހުރި އިބާއަށް ވެސް އާރީން ކީއެއްޗެއް ސާފުވީ ފައުޒިއްޔާއަށް އެނގުނު ވަރަށެވެ. މާގިނައިރަކު އާރީނަށް ލޯހުޅުވައިގެން ނޯވެވުނެވެ. އަނެއްކާވެސް އޭނަ ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. މިވަނީ ކީއްކަން ނޭނގިއެވެ.

ދަންވަރު އޮތް ފްލައިޓަކުން އެމަރޖެންސީކޮށް އާރީން ރާއްޖޭން ބޭރަށް ގެންދެވުނެވެ. އޭނަގެ އެންމެ ގާތުގައި ފައުޒިއްޔާ އާއި ނިހާދުގެ އިތުރުން އިބާގެ ދެމަފިރިން ތިއްބެވެ. ލޯބިވާ ކޮއްކޮއަށް ކަމެއްބޭނުންވާ ހިނދު މަންމަ އާއި ބައްޕައަށް އެހީތެރިވުމަށްޓަކައެވެ. އާއިލާގެ ހުރިހާ ކުދިންގެ ފައިސާ އެއްކޮއްލެވި ގޭގެ އެންމެ ހަގުކުއްޖާގެ ބޭސްފަރުވާއަށް އެފައިސާ ޖަމާކުރެވުނެވެ. އާރީނަށް ހޭވެރިކަމެއްވީއިރު ބޫން އަޑެއް ވަށައިގަނެ ހަރުލާފައި ހުއްޓެވެ. ވަނީ ކިހިހިނެއްކަމެއް އޮތީ ކޮންތާކުކަމެއް ނޭނގެއެވެ. ދޭތެރެއަކުން އޭނައަށް ހޭލެވެއެވެ. އަނެއްކާވެސް ނިދެނީއެވެ. ބޭހުގެ އަސަރުކަމެއް ނޫނީ ގުޅާފައި ހުރި އައިވީގެ ސަބަބުންކަމެއް ނޭނގެއެވެ.

ވިޝާލަށް ހެނދުނު ހޭލެވުނީ ދިހައެއް ޖެހިފަހުންނެވެ. ހޭލެވުނު ގޮތަށް އަވަހަށް އޭނަ ބަލާލީ ފޯނަށެވެ. އާރީންގެ މެސެޖެއް އައިސްފައި އޮވެދާނެ ކަމަށެވެ. ހީކުރިގޮތެއް މިފަހަރަކު ނުވިއެވެ. މުޅިދުވަހު އިންތިޒާރުގައި ދެކޮޅަށް އެނބުރުން ނޫންކަމެއް ވިޝާލްއަކަށް ނުވިއެވެ. ގިނަވަގުތު ހޭދަކުރީ ކޮޓަރީގައެވެ. އިރުއޮއްސުމާއިއެކު ވިޝާލްގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ފޯނަށް ބަލަހައްޓައިގެން ނީނދެ އާރީންގެ ނަންބަރަށް ގުޅިއެވެ. މީގެ ކުރިން ދެފަހަރަކު ފޯނު ރިންގުވާއިރަށް އާރީން ފޯނު ނަގާނެއެވެ. ނަމަވެސް މިފަހަރު އާރީންގެ ފޯނު ރިންގުވެފަ ކަނޑެނީ އެވެ. ވިޝާލް ވަރަށް ކަންބޮޑުވި އެވެ. ހަދާނެގޮތެއް ނޭނގި ސިކުނޑި ހާސްކަމުން ފުރިއްޖެއެވެ. އާރީން އޭނައަށް ޖަވާބެއް ނުދިންތަނުގައި ފޯނު ނުނެގީ ކީއްވެބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. ރޭގަނޑު ނުވައެއް ޖަހަނިކޮށް ވިޝާލް އާރީން މެންގެއަށް ހިތްވަރުކޮއްފައި ދިޔައެވެ. ނަމަވެސް ނަސީބު ވަރަށް ދެރައެވެ. ގޭގެ ދޮރޯށި ހުރީ ތަޅުލާފަ އެވެ. އެގޭގައި މީހަކު އުޅޭހެންވެސް ހިއެއްނުވެއެވެ. އެއްވެސް އަލިކަމެއް ގޭތެރެއިން ނުފެނެއެވެ. ލިބުނު ހިތްދަތިކަމެއްގެ ބޮޑުކަމުން ބޮލުގައި އަތްހާކާލާފައި ވިޝާލް އެނބުރި އޭނަގެ ގެއަށް ދިޔައެވެ.

މަތީ ތަޢުލީމު ހާސިލުކުރުމަށްޓަކައި އިންޑިއާއަށް ވިޝާލް ފުރީ ދާހިތްނެތިފައިހުރެ އެވެ. އެހެންނަމަވެސް މައިންބަފައިންގެ ފަރާތުން ލިބުނު ކުޑަކުޑަ އުއްމީދާއިއެކުއެވެ. ޔުނިވަސިޓީއިން އާރީންނާއި ދިމާވެދާނެކަމުގެ އުއްމީދުގަ އެވެ. އޮރިއެންޓޭޝަން ކުލާސްތައް ނިމި ކިޔެވުންފެށުނު އިރުވެސް އާރީންގެ އެއްވެސް ޚަބަރެއް ވިޝާލަށް ނުލިބުނެއެވެ. އޭނަ ހުރިހާ ކަމެއްގެ މަތިން ފޫހި ކުރުވީ އާރީންގެ ހިޔާލުތަކެވެ. ކުއްލިއަކަށް ހުރެފަ އާރީން ގެއްލުނީ އެވެ. ދިޔައީ ކޮންތާކަށް ކަމެއް އުޅެނީ ކޮންހާލެއްގަ ކަމެއް ވިޝާލަށް ނޭނގެއެވެ. މައްސަލައަކީ އާރީންގެ އުފަންދުވަހުގެ ރޭ އޭނަ އާއި ހަވާލުކުރި ސިޓީ އުރަބާއޭ ވިޝާލްގެ ޒަމީރާ ސުވާލުކުރަމުން އޭނަ ދިޔައެވެ. އެކަނިމާއެކަނި ވިސްނުމުގައި އޭނަ ގިނަ ވަގުތު ހޭދަކުރެއެވެ.
ކިޔަވަން ދާތާ ތިންމަސްވިއިރު ވިޝާލަށް އައު ރަޙުމަތްތެރިން ލިބުނެވެ. އެމީހުނާއިއެކު ޔުނިވާސިޓީ އާއި މާދުރ ުނޫން ހިސާބެއްގައި ހުންނަ އާދައިގެ ކެފޭއަކަށް ވިޝާލް ވެސް ދެއެވެ. އެގޮތަށް ގޮސްއިންދުވަހެކެވެ. ކެފޭގެ ކުރިމަތީގައި ހުންނަ މާވިއްކާ ފިހާރައަކުން ފެނުނު ޒުވާނާ ވިޝާލްގެ ލޮލުގައި އަޅައިގަތެވެ. ގޮނޑިން ތެދުވުމާއިއެކު ކެފޭގެ ދޮރުމައްޗަށް އައިސް ކުރިމަތީ ހުރި މާވިއްކާ ފިހާރައިގެ ބޭރުގައި ބަހައްޓާފައި ހުރި މާ ބާލިދީތަކުން މާތަކެއް ނަގައިގެން ފިހާރައިގެތެރެއަށް ވަތް ޒުވާނާއަށް ނަޒަރު ހުއްޓާލައިގެން ވިޝާލް ހުއްޓެވެ. މާފިހާރައިން ނުކުތުމުން ވިޝާލްއަށް އަވަސް އަވަހަށް ފުރަގަސް ދެވުނީ އެމީހަކަށް ނުފެނުމަށެވެ.
"އާރީން..." ވިޝާލަށް ވައިއަޑުން ކިޔާލެވުނެވެ. އެހިނދު އޭނަގެ ހިތަށް ތަދުވީ ބުނެދޭންވެސް ނޭނގޭ މިންވަރަށެވެ. އޭނައަށް ފެނުނީ އާރީނެއްނޫނެވެ. އޭނަގެ ބޭބެއެވެ. ސްކޫލު ދުވަސްވަރު އާރީންމެންގެއަށް ގޮސް އުޅުނުއިރު އެގޭގެ ހުރިހާ މީހުން ކަހަލަ ގޮތަކަށް ވިޝާލްއަށްވަނީ ފެނިފަ އެވެ. އޭނައަށް އެފެނުނީ އާރީންގެ މެދަށް ހުނަ ބޭބެ އާލިމްއެވެ.
"އޭގެ މާނައަކީ އާރިން މިކޮޅުގައޭތަ..." ވިޝާލްގެ ޒަމީރު ބުނެލިކަހަލަ އެވެ. ފުރަގަސްދީގެން ހުރި ވިޝާލް އަވަސް އަވަހަށް އެނބުރުނެވެ. ހާދަދެރައެވެ. އާލިމް ފެންނަ ހިސާބަކު ނެތެވެ. އެވަގުތު ކެފޭގައިތިބި ވިޝާލްގެ ރަޙުމަތްތެރިން ވެސް އޭނައަށް ގޮވަންފަށައިފި އެވެ. ނާއުއްމީދުވެފައި ކަރުއެލުވާލައިގެން ހުރެ ވިޝާލް އެނބުރި ކެފޭގެ ތެރެއަށްވަނެވެ. ނަމަވެސް އޭނަގެ ޒަމީރު އަނެއްކާވެސް ވާހަކ ަދެއްކިއެވެ. އަދި ނާއުއްމީދު ނުވުމަށެވެ. އުއްމީދު އާލާވުމަށް ލިބުނު ފުރުޞަތެއްކަމުގައި އެކަން ދެކުމަށެވެ. އާރީން ފެންނާނެ ކަމުގެ އުއްމީދެވެ.

އެދުވަހަށްފަހު ކޮންމެ ދުވަހަކު ވިޝާލް އެކަނިވިޔަސް އެގަޑިއަށް ކެފޭއަށް އައިސް އިނދެއެވެ. އާލިމް އާއި ދެން ދިމާވީ އޭނަ ފެނުނުތާ ދެދުވަސް ފަހުންނެވެ. މިފަހަރުވެސް އާލިމް އަައީ ކެފޭގެ ކުރިމަތީގައި ހުރި މާފިހާރައަށެވެ. މިފަހަރުވެސް ގަތީ ފިޔާތޮށި ކުލައިގެ ފިނިފެންމާ ތަކަކާއި ނޫކުލަޖައްސާފައިވާ ފިނިފެންމާ ތަކެކެވެ. އެމާތަކުގައި ވިޝާލް އަޅައިގަތެވެ. މާތަކުގެ ކުލަފެނުމުން އޭނައަށް އާރީންގެ ހަނދާންތައް އާވެގެންދިޔަ އެވެ. ޔުނިވަރސިޓީއަށް އެނބުރި ދިއުމުގެ ބަދަލުގައި ވިޝާލް އާލިމްގެ ފަސްފަހަތުން ދިޔައެވެ. އޭނަވަނީ އެތާ ކައިރީގައި ހުރި ބޮޑު ހޮސްޕިޓަލަކަށެވެ. ވަންނަން އުޅެފަވެސް އެތަނަށް ވަންނާކަށް ވިޝާލްއަކަށް ނުކެރުނެވެ. މަތީގައިވާ ބޯޑަށް ބަލާލުމުން އެއީ ކެންސަރުޖެހިފައިވާ މީހުން ތިބޭ ތަނެއްކަން އޭނައަށް އެނގުނެވެ. އާރީންގެ ހިޔާލު ފިލާ ދިޔައީ އަނެއްކާވެސް އެހިސާބުންނެވެ. ވިޝާލްގެ ހިތަށް އެރީ އާރީންގެ މައިންބަފައިން ނޫނީ އާލިމްގެ ފަރާތުން އެހެން މީހަކަށް ކަމެއްދިމާވެގެން އުޅެދާނެކަމަށެވެ. އެތަނަށް އާރިން ނާންނާނެކަމެވެ. އާލިމްގެ ފަހަތުން އާދެވުނީ ބޭކާރު ކަމެއްކަމުގައި ދެކެވުނެވެ.

ވިޝާލްއަށް އާރީންގެ ބޭބެ އާލިމް ފެނުނު ފަހުން އާރީންގެ ހިޔާލުތަކާއި ވަތްކެއްނުވެވުނެވެ. ކޮންމެ ގޮތަކުންވެސް އާރީންގެ ޚަބަރެއް އޮޅުންފިލުވަން ބޭނުންވިއެވެ. އެހެންވެ އަނެއްކާވެސް ކެފޭއަށް ދިޔައީ އާލިމު ފެނޭތޯއެވެ. އެދުވަހު ވިޝާލްއަށް ކަމެއް ފާހަގަ ކުރެވުނެވެ. އެއީ އާލީމް އަންނަނީ ކޮންމެ ތިންދުވަހުން އެއްދުވަހު ކަމެވެ. މާގަނެގެން އާލިމު އެނބުރިލިއިރު ވިޝާލް އޭނަގެ ކައިރީ މަޑުކޮއްލައިގެން ހުއްޓެވެ.
"ހެލޯ...މީ ވިޝާލް" ވިޝާލް އަޅައިގެން ހުރި އަވިއައިނު ނަގަމުން ސަލާމްކޮއްލުމަށް އަތްދިއްކޮއްލި އެވެ.
"ވިޝާލް، ނޭނގުނު..." އާލިމް ކޮންމެވެސް ވަރަކަށް ހައިރާންވެފައި ހުރެ ބުންޏެވެ.
"އަޅުގަނޑަކީ އާރީންގެ ވަރަށް ގާތް ރަޙުމަތްތެރިއެއް، ކޮބާތޯ އާރީން؟ އެއްވެސް ޚަބަރެއްނުވޭ އޭނަގެ..." ވިޝާލް އާރީންގެ ނަން ކިޔުމާއިއެކު އާލިމްގެ މޫނަމައްޗަށް އަރާފޭބި ހިތައިމައިގެ ކުލަވަރު ފާހަގަކުރެވުނެވެ.
"އާރިން އެބައުޅޭ" އާލިމް ކޮންމެވެސް ކަމެއް ސިއްރުކުރާފަދަ ގޮތަކަށް ބުނެލި އެވެ.
"ކޮބާތޯ... އަޅުގަނޑު އާރިންނާއި ބައްދަލުކޮއްލަން ބޭނުން، އަޅުގަނޑުމެން ދެމީހުންނަކީ ބެސްޓު ފުރެންޑްސް، އެކުގައި މިކޮޅުން ކިޔަވަން ނިންމީވެސް، އާރީންގެ ސްކޮލަޝިޕަށްވީގޮތެއް ވެސް ނާންގާ... ޕްލީޒް... އަޅުގަނޑު ބޭނުން އާރިން މިކޮޅުގަ އުޅެންޏާ އޭނަ އާއި ބައްދަލު ކޮއްލަން..." ވިޝާލް އާދޭސްކުރި އެވެ.
"ރީން ކޮއްކޮ... އާދޭ އަހަންނާއިއެކު..." އާލިމް އެއްޗެއް ބުނަން އުޅެފަވެސް ވިޝާލަށް އޭނަ އާއިއެކު އައުމަށް ބުންޏެވެ.
އާލިމް އާއިއެކު ވިޝާލް ދިޔައެވެ. ކުރިންވެސް ވިޝާލަށް ފެނުނުގޮތަށް އާލިމްވަނީ ކެންސަރުގެ ބަލިމީހުންނަށް ޙާއްޞަކުރެވިފައިވާ ހޮސްޕިޓަލަށެވެ. އެތަނަށް ވަންނަން ވިޝާލް ޖެހިލުންވިހެން ހީވެ އާލިމް އޭނައަށް ބަލާލި އެވެ.
"މިތާނގަ ތިބޭނީ ކެންސަރ ޕޭޝަންޓުން އެކަނި، ހާސްނުވޭ... އެނގެއެއްނު އެއީ ގައިގަޔަށް އަރާ ބައްޔެއް ނޫންކަން، އެހެންނޫނަސް މިތަނަށް ނުވަދެ ކިހިނެއް ވިޝާލަށް އާރީން ފެންނާނީ..." އާލިމް ބުނެލި އެވެ. ވިޝާލަށް އަޑުއިވުނު ގޮތް ގޯސްވީބާއޭ އޭނާގެ ހިތަށްއެރ ިއެވެ. އާލިމް އެންމެ ފަހުން އެ ބުނެލި އެއްޗަކުންނެވެ. މޫނުމަތީގެ ލޭހިނދިގެންދިޔަކަހަލައެވެ. މޫނު ހުދުވެ އަނގަހުޅުވެގެންދިޔަ އެވެ. އެހެނެއް ނުވާނެއޭ އެތަށް ފަހަރަކު ވިޝާލަށް ހިތާ ހިތުން ކިޔާލެވުނެވެ.
"ރީން.." އާލިމް ދޮރުގައި ޓަކި ޖަހާލާފައި ދޮރުހުޅުވާލި އެވެ. އޭރު ހިކިއަނަރޫފަވެ ސިފަގެއްލިފައިވާ ރީން އަޅުވާފައިވާ އޮކްސިޖަން މާސްކާއިއެކު ހިނިތުންވެލި އެވެ. އޭނަގެ ގާތުގައި އިބާ އިނެވެ.
"ރޯސަސް..." ވައިއަޑަކުން އާރީން ބުނެލި އެވެ. އެއަޑުގައިވެސް ދިރުމެއްނެތެވެ. އުމުރުގައި ބާކީއޮތީ ކިހާދުވަހެއްކަން ވެސް އާރީނަށް ނޭނގެއެވެ. އޭނައަކީ ފުއްޕާމޭގެ ކެންސަރުގެ ޝިކާރައަކަށްވެފައިވާ ދާއިމީ ބަލި މީހެކެވެ. ފަސޭހަ ނުކުރެވުނު ބައްޔެކެވެ. ވޭންދެނެވި ބައްޔަކެވެ. މިއަދު އާއިލާގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން ހަމައަކަށް އެޅި ފައިވާ އާރީން ސިއްރު ކުރާ އެއްކަމެއް އޮވެއެވެ. އެހިތުގައި އުފެދުނު ފުރަތަމަ ލޯތްބެވެ.
"ބަލާބަލަ، މިހިރީ ރީން ކޮއްކޮގެ ބެސްޓު ފުރެންޑް" އާލިމް ދޮރުން އެތެރެއަށް ވަނުމަށްފަހު ވިޝާލް ވަނުމަށް ތަންދެއްކި އެވެ. ހައިރާންކަން ވެރިވެފައިވާ އާރީން އެއްފަހަރު އިބާއަށް އަނެއްފަހަރު އާލިމަށް ބަލާލިއެވެ. އަދި ދޮރުން ވަންނަނީ ކާކުތޯ ބަލަމުންދިޔަ އެވެ. އާރީނަށް ވިޝާލް ފެނުމާއިއެކު އެނދުގައި އޮވެފައި ތެޅިގަތެވެ. ނޫން ނޫނޭ ކިޔާ ހަޅޭލަވަންފެށި އެވެ. އިބާ ތެދުވެ ކޮއްކޮގެ ގައިގާ އޮޅުލައިގަތެވެ.
"އޭނަ ނެރޭ... އޭނަ ނެރޭ މިތަނުން..." އާރީން ރޯންފެށި އެވެ. ކަންބޮޑުވެ ހާސްވި އާލިމް ވަގުތުން ވިޝާލްގެ ކޮނޑުގައި ހިފަހައްޓާލައިގެން ބޭރަށް ނުކުތެވެ. ބަސް ހުއްޓިފައިވާ ވިޝާލަށް ބުނާނ ެއެއްޗެއް ނޭނގުނެވެ. އެ ދެލޮލުން ކަރުނަ އައީ ހިފެހެއްޓުމެއްނެތި އެވެ. ފާރުގައި ޖައްސާލި އަތާއިއެކު މޫނު ފޮރުވާލައިގެން ހުރެ ވިޝާލަށް ރޮވެނީ އެވެ. އެހިތް ފޮތިފޮތިވެގެން ދިޔަ ކަހަލައެވެ. އެވަގުތު އާލިމް ހިތްވަރު ކުރާށޭ ބުނާފަދަ ގޮތަކަށް ވިޝާލްގެ ކޮނޑުގައި މަޑުމަޑުން ޖަހާލި އެވެ.
"ކޮންއިރަކު..." ނޭފަތް އެތެރެއަށް ދަމާލަމުން ދެލޯ ފޮހެލާފައި ވިޝާލް އެހިއެވެ. އާލިމް ހުރިހާ ވާހަކައެއް ވިޝާލްއަށް ކިޔާދިނެވެ. މުޅި ދުވަހު ވިޝާލްއަށް ސިފަވަމުންދިޔައީ ދެލޯވަޅުވަދެ ހަންގަނޑުގެ ކުލަ އަނދާފައިވާ އާރީނެވެ. ބޮލުގައި އައްސާލެވިފައިވާ ސްކާފާއިއެކު މީހަކު ބިރުގަންނަ ފަދަ ސިފައެކެވެ. އޭނަގެ ލޯބި ލޯބި އާރީންނޭ ބުނާވަރެއް ނުވެއެވެ.
"އެއީ ކާކުތަ..." އާރީން ހަމައަކަށް އެޅުމުން އިބާ ސުވާލުކުރި އެވެ.
"އެއްވެސް މީހެއް ނޫން..." އާރީން މޫނު އަނެއް ފަރާތަށް އަނބުރާލައިގެން އޮވެ ބުންޏެވެ. އޭރުވެސް އޭނައަށް ރޮވެނީ އެވެ. އިބާ އާރީންގެ ސްކާފްގެ މަތިން ބޮލުގައި ފިރުމަމުން ދިޔައެވެ. އެތަށް އިރަކު އެހެން ރުއިމަށްފަހު އާރީން އޭނަގެ ދެލޯ ފޮހެލި އެވެ. އަދި އެނދުން ތެދުވުމަށް އޭނައަށް އެހީތެރިވުމަށް އިބާގެ ގާތުގައި އެދުނެވެ. އިބާގެ އެހީގައި އާރީން އެނދުން ފައިބައިގެން އަސައެއްގެ އެހީގައި ފައިއަޅަމުން ގޮސް އެއްފަރާތު ކަބަޑުގައި ހުރި ދަބަހުން ސިޓީ އުރައެއްނެގި އެވެ. އެހުރިހާ މަންޒަރެއް އިބާ ހުރީ ބަލާށެވެ. އާރީން ސިޓީ އުރަ ހިފައިގެން ހޮސްޕިޓަލުގެ އެ ކޮޓަރީގައި ހުރި ކުޑަދޮރުގެ ކައިރީ މަޑުކޮއްލި އެވެ. އޭނައަށް ކިރިޔާވެސް ތެދުވެވޭނަމަ އެކުޑަދޮރުގެ ކައިރީ އޭނައަށް ހުރެވޭ އެންމެ ގިނައިރަކު މަޑުކޮއްލައިގެން ބޭރުބަލަން ހުރެއެވެ. ހަގީގަތުގައި އެ ކުޑަދޮރުގެ ބިއްލޫރިގަނޑުން އޭނަ ސިފަކުރަމުންދިޔައީ އޭނަ އާއި ވިޝާލްގެ އެންމެ ފަހުގެ ބައްދަލުވުމެވެ. އޭނަގެ އުފަންދުވަހުގެ އެރެޔެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަ ފޮހެން އާރިން އެއްވެސް މަސައްކަތެއް ނުކުރެއެވެ. މަޑުތުރުތުރެއް ހުރި އަތުގައި އޮތް ސިޓީއުރަ ނަގާ ނޭފަތާ ކައިރިކޮއްލަމުން ވަސް ބަލާލި އެވެ. މިހާރު އޭނގެން ވިޝާލްގެ ވަސް ކެނޑުނުތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް އަދިވެސް އާރީނަށް އެވަސް ދުވާފާނެ ކަމުގައި ހީކުރެވެނީ ކީއްވެކަމެއް ނޭނގެއެވެ.
އާރީނަށް ވިޝާލް ފެނުންވީ އޭނަގެ ހާލު އިތުރަށް ދަށަށް ދިޔަކަމަކަށެވެ. އާރީނަށް އަބަދު ރޮވެނީ އެވެ. ވިޝާލް ދެކެން އޭނަ ބޭނުން ނުވަނީއެއް ނޫނެވެ. އޭނައަށް ވިޝާލް އާއި ކުރިމަތިލާން ނުކެރެނިއްޔެވެ. މިހާރު އޭނައަކީ ކުރީގެ އާރީނެއް ނޫނެވެ. ސިފަގެއްލި މީހާ ހުތުރުވެފައި ވުމުގެ އިތުރުން ދުނިޔޭގައި ހުންނާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ވީއިރު އޭނައަށް ވިޝާލަށް ދެވޭނީ ކޮން ލޯތްބެއް ހެއްޔެވެ. އެކަމަކުވެސް އެހިތަށް ވަރަށް ތަދުވެއެވެ. ވިޝާލްގެ މަތިން ހަނދާންނައްތައެއް ވެސް ނުލެވުނެވެ.

ވިޝާލްގެ ފޯނު ވައިބްރޭޓް ވާން ފެށުމުން ބަލާލިއެވެ. އޭނައަށް ގުޅަނީ އާލިމްއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލުމާއިއެކު ލިބުނީ ވަރަށްވެސް ނުބައި ހަބަރެކެވެ. ޔުނިވާރސިޓީގެ ހުސްކޮށް އޮތްބައިގެ ވިނަގަނޑުމަތީ ހުރި ވިޝާލް ދުއްވައިގަތެވެ. ވަށައިގެން ތިބި އެންމެނާއި އޭނަގެ ރަޙުމަތްތެރިން ވީނުވީއެއް ނޭނގިފައި ބަލަންތިބީ އެވެ.

އާރީންގެ ކޮޓަރީގެ ދޮރުމަތީ އާއިލާގެ ހުރިހާ އެންމެން ތިއްބެވެ. ރޯއަޑާއިއެކު އެންމެންގެ ލޯތައްވެސް ކަރުނުން ފުރިފައިވާތަން ވިޝާލަށް ފެނުނެވެ. އާލިމް ވިޝާލްގެ އަތުގައި ހިފާލުމާއިއެކު ކޮޓަރިތެރެއަށް ވަންނަން އުޅުނެވެ.
"ރީން ކޮއްކޮ އެދުނީ ވިޝާލް ގެނެސްދިނުމަށް" ކަރުނައިގެ ތެރެއިން އާލިމް ވިޝާލަށް ބަލާލަމުން ބުނެލި އެވެ. ވިޝާލް ކޮޓަރިއަށް ވަނުމާއިއެކު ދެލޯމެރިފައި އޮވެ ފުން ނޭވާތަކެއް ލަމުންދިޔަ އާރިންގެ ކަންފަތް ކައިރީ އިބާ އެއްޗެކޭ ބުނެލިއެވެ. އެވަގުތު ފަނޑު ހިނިތުންވުމެއް އާރިންގެ ތުންފަތަށް ވެރިވެގެންދިޔަ އެވެ. އަދި

ކޮމެންޓް 0