0

ފެންމީރުވި ރީތިރަށޭމީ ރޫހުވަނީ ތިނަދޫގައޭ'' މިލަވަ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކޮންމެ ފަހަރަކު ގުމްރީ ނެތުމުން ކުރެވޭ ފުން އިހްސާސްތައް އަހަރެންނަށް ކުރުވައެވެ. އެއީ އަހަރެންގެ މަލެއްފަދަ އެ ގުމްރީއަށް އެންމެ ރީތި ލަވައެވެ. އަހަރެންނަކީ ފެންމީރުވި އެ ހިތްގައިމު ތިނަދުއަށް އުފަން ޒުވާން ހިތެއްގެ ވެރިއެކެވެ. ގުމްރީ އަކީވެސް ތިނަދޫ އަށް އުފަން ފެންމީރު ކުރި ރުކެކެވެ. ގެވެށި އަންހެނެކެވެ. މުރާލިކަމާއި ހިތްހެޔޮކަމުގެ ލާމަސީލު މިސާލެކެވެ. ނަމަވެސް މިއަދު އެ އެ ގުމްރީ ވަނީ އަހަރެންގެ އަތުން ބީވެފައެވެ. އެއީ އަހަރެންނަށް އެޅުނު ޅަ އެއްޗެކެވެ. އަހަރެންގެ ހިތަށް ވެރިވި ރުޅިވެރިކަމާއި ވަސްވާސްތަކަކުންނެވެ. ދިރިއުޅުމުގައި ގުމްރީ އަކީ ހަމަ ރަން މުތެކެވެ. ނަމަވެސް އެރަން މުތް އަހަރެންގެ އަތުން މިއަދު މިވަނީ ފަސްއަޅާ ފޮރުވާލާފައެވެ. އަހަރެމެން ދެމަފިރިންނަށް ލިބިފައިވާ އެތުއްތު މަޢުޞޫމް ދަރިފުޅު މިއަދު މިވަނީ މަންމަ އެއްގެ ލޯބިން މަޙްރޫމް ވެފައެވެ. އެއީވެސް އަހަރެންގެ ކުށެވެ.

އެކުވެރިންނެވެ. އަހަރެން މިކިޔައިދެނީ އަހަރެން ދިރިއުޅުމުގެ ވާހަކައެވެ. ދިރިއުޅުމަކީ ކިހާ މުހިންމު އެއްޗެއްކަން މިއަދު މިވަނީ އަހަރެންނަށް ވިސްނިފައެވެ. މަޔަކު ދަރިއަކަށްޓަކައި އުފުލާ ވޭނާއި ތަކްލީފްތައް މިއަދު މިވަނީ އަހަރެންނަށް އުގެނި ދަސްވެފައެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. މިދުވަސް އައިއިރު ގުމްރީ މިއަދު އެވަނީ ހަނަފަސް ސަހަރާއެއްގެ ތެރޭގައި ކަފުންކޮށް ވަޅުލެވިފައެވެ. އެފަކީރުގެ ހިތަށް ކެތް ނުކުރެވިގެންނެވެ. އަހަރެން މިއީ ކިހާ ނުލަފާ މީހެއް ހެއްޔެވެ. އަހަރެންގެ މާޒީގެ ޞޮފްހާތަށް އަހަރެންގެ އަމިއްލަ ދުލުން މިއަދު ތިޔަ އެކުވެރިންނާ މި ހިއްޞާކޮށްލަނީ މަރުވެފައިވާ ހިތަކައިގެންނެވެ.

އެއީ މީލާދީން 1995 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 27 ވީ ހޮނިހިރު ދުވަހެވެ. އޭރު އަހަރެންނަކީވެސް އަންހެން ކުދިންގެ ހިތްކަތިލާފަދަ ނިކަން ދޯޅަ ފަހުލަވާނެކެވެ. ޅަނދޮޅު ފިރިހެން ކުއްޖެއްގެ ގައިގައި ހުންނަ ހުރިހާ ސިފަތަކެއް އަހަރެންނަށް ލިބިގެން ވިއެވެ. އަހަރެންގެ ޒުވާންކަމުގެ ބައްތީގެ ހުޅުކޮޅު މިއަދު ނިއްވާލެވުނީވެސް ހުދު އަހަރެންގެ ދެއަތުންނެވެ.

އެއީ ރަންގު ލޯބީގެ ދުވަސްވަރެވެ. ރަށުގެ ޒުވާންފުރައިގެ ހުރިހާ އަންހެން ކުދިންވެސް މަށަށް މަށަށް ކިޔާލަ ކިޔާލަ އެތިބެނީ އަހަރެންގެ ސުމާޓްކަމާއި ފިރިހެންވަންތަ ކަމުންކަން އަހަރެންނަށް ޤަބޫލުކުރެވެއެވެ. އަހަރެންގެ އާއިލާއަކީ މުޅި ތިނަދުއަށްވެސް މަޝްހޫރު އާއިލާއެކެވެ. ރަށުގެ މުއްސަނދި ގަދަރުވެރި އާއިލާއެކެވެ. އަހަރެންގެ މައިންބަފައިންވެސް ބޭނުންވަނީ އަހަރެމެންގެ އާއިލާފަދަ ގަދަރުވެރި އާއއިލާއެއްގެ ކުއްޖަކާއިއެކު އަހަރެންގެ ދިރިއުޅުން އާރާސްތުކުރުމަށެވެ. ނަމަވެސް ރަށުގައި އުޅޭ ގިނަ މުއްސަނދިންގެ ކުދިންނަކީ ދިރިއުޅުމުގެ ރިވެތި ވައްޓަފާޅި ހުންނަ ކުދިންނެއް ނޫނެވެ. ފުށާއި އޭތި މީތި އުނގުޅައި މޭކަޕް ކޮށް ގައިގެ ކުލަ ދޮންވެފައި ހުއްޓަސް އެކުދިންނެކޭ ޅޮހެކޭ އެއްފަދައެވެ. ދިރިއުޅުމުގެ އެއްވެސް ތަޖްރިބާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެކުދިން ކިތަންމެ ވަރަކަށްވެސް އަހަރެންނާއި ރައްޓެހިވާން ބޭނުންވެއެވެ. އެކަމަކު އަހަރެން އަބަދުވެސް ލޯބި ކުރަނީ ގެވެށި ދިރިއުޅުމަށެވެ. މުރާލިކަމާއި ހިތްހެޔޮ ކަމަށެވެ. އަހަރެން އިންތިޒާރު ކުރަމުންދިޔައީ މިފަދަ ކުއްޖަކު އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ވާނެ ދުވަހަކަށެވެ. އަހަރެންގެ ބަސް ޤަބޫލުކުރާ ސާދާ ދިރިއުޅުމެއް އުޅެމުންދާ ޒުވާން އަންހެން ކުއްޖަކަށެވެ. ވިދާހާ ކޮންމެ އެއްޗަކީ ރަނެއް ނޫންކަން އޭރުވެސް އަހަރެން އައީ ޤަބޫލުކުރަމުންނެވެ. ނަމަވެސް އެއިން ކުއްޖަކާއި އަނގައިން ބުނެ ހީލާ ވާހަކަ ދެއްކިޔަސް އެއިން އެއްވެސް ކުއްޖެއްގެ ހިތުގެ ބައިވެރިއަކަށް ވާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އެކުދިންނަށް އަހަރެންގެ މިޒާޖު އެނގެއެވެ. އަހަރެންނަކީ މާސަކަ މިޒާޖެއްގެ މީހެއް ނޫނެވެ. ފެންނަ ކޮންމެ އެއްޗަކަށް އަހަރެންގެ ހިތެއް ނޭދެއެވެ. ނަމަވެސް ކުރަން ބޭނުން ކަމެއް ނުކުރެވިއްޖެނަމަ އަހަރެންނަށް އިންތިހާއަށް ރުޅި އާދެވެއެވެ. އަހަރެންނަކީ ކޫސަނި ރުޅި އަންނަ މީހެއްކަން އަހަރެންގެ ގިނަ ރައްޓެހިން ބުނެއެވެ. ނަމަވެސް އެކަން އަހަރެންނަކަށް ނުހުއްޓުނެވެ. އެއީ އަހަރެންގެ ކަށީގައި ހިފާފައި ހުރި ކަމެކެވެ.

މިގޮތުގައި އިރުއަރާ އޮއްސި ދުވަސްތައް މާޒީވަމުން ދެއެވެ. އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އަހަރެން ރަށުތެރޭގައި ބުރެއް ޖަހާލަން ސައިކަލުގައި ނިކުތީމެވެ. ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުން އެވަގުތަކީ އާއްމުކޮށް އަހަރެން ބޭރަށް ނިކުމެ އުޅޭ ވަގުތެއްވެސް ނޫނެވެ. އަދި އަހަރެންނަކީ ރަށު އޮފީހުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ސަރުކާރު ބަންދު ދުވަސްދުވަހު ހެނދުނު ނިދާފައި އޮތުމަކީ އަހަރެންގެ އާދައެއް ނޫނެވެ. ހޭލައިގެން ކޮންމެވެސް ކަހަލަ ކޮމްޕިއުޓަރ ގޭމް އެއް ކުޅުމަކީ އަހަރެންގެ އާދައެކެވެ. ނަމަވެސް ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން ހެނދުނު ބޭރަށް ނުކުމެލާ ބުރެއް ޖަހާލުމަށް އަހަރެންގެ ހިތް އެދެމުންދިޔައީއެވެ. އެހެންކަމުން ސައިކަލްގައި ބުރުޖަހަން ނިކުމެ އުޅުމުގެ ތެރޭގައި ރަށުގެ އަތިރިމައްޗަށް ނިކުމެ ޖެހޭ ފިނިވައިރޯޅީގެ ހިތްގައިމުކަމާއެކު ރަށުގެ އަތިރިމަތީ ފަރާތުގައި ހުރި ހޮޅުއަށްޓެއްގައި އަހަރެން އިށީނީމެވެ. އޭރު މިރަށަކީވެސް ތަރައްޤީވެ ތަހްޒީބުވެފައި އޮތް ރަށެއް ނޫނެވެ. ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން ރަށްފުށުގެ ގިނަ އަންހެން ވެރިން ހެނދުނު ގަޑީގައި ގޮނޑުދޮށުގައި ތެލިދޮންނަން އުޅޭ މަންޒަރަކީ އަހަރެން ގަޔާވާ އަދި ވަރަށް ބަލާ ހިތްވާ ހިތްގައިމު މަންޒަރަކަށް ވުމާއެކު ރަށުގެ ގޮނޑުދޮށުގައި ތެލި ދޮންނަން އިން ރީތި ޒުވާން އަންހެން ކުއްޖަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އަދި އޭނާގެ ހަރަކާތްތަކަށް ބަލަން އިނދެވުނީ ކިހާއިރަކުކަމެއްވެސް ހުދު އަހަރެންނަކަށް ނޭގުނެވެ. އެއަންހެން ކުއްޖާ ތެލި ދޮވެ ނިމިގެން އެއްގަމަށް އަރައި ރަށުތެރެއަށް ހިނގައި ގަތުމާއެކު އަހަރެންގެ ހިތް އޭނާގެ ފަހަތުން ދިއުމަށް ގޮވަން ފެށިއެވެ. އެހެންކަމުން އަހަރެން ހޮޅުއަށިން ތެދުވެގެން ސައިކަލުގައި ދުއްވާފައި ގޮސް އޭނާއާއި އަރާހަމަ ކުރީމެވެ. އަދި ގޮވާލިން.. ކަނބުލޮ ހާލު ކިހިނެއްތަ؟... އަހަރެން އޭނާގެ ހާލު އަހާލުމުން ހިނިތުންވުމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އޭނާ ވަރަށް ރަކިވެފައި އަހަރެންނާއި ދިމާލަށް ބަލާލިގޮތުން އަހަރެންގެ ހިތް ފުރި ބަންޑުންވި ކަހަލައެވެ. ނަމަވެސް އަހަރެން މަޑުކުރުމުންވެސް އޭނާ މަޑުނުކޮށް ހިނގައިގަތެވެ. އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. ވަންނަ ގެއެއް ބަލަންވީއެވެ. މިހެން ހިތާ އޭނާ ގެއަށް ވަންނަންދެން އަހަރެން ސައިކަލްގައި ފަސްފަހަތުން ބުރުޖަހަމުން ގެންދިއީމެވެ. އެއީ އަހަރެމެންގެ ގެއާއި ވަރަށް ދުރު ހިސާބެއްގައި ހުންނަ ގެއެކެވެ. އޭނައަކީ ކުރިން މިރަށުން އަހަރެން ދެކޭ ކުއްޖެއް ނޫނެވެ. އިސްކޮޅާއި ރޫފަ އެއްވަރެވެ. ހިމަތޮޅި އޮޅަލި ކުއްޖެކެވެ. އެހާމެ ފުރިހަމަ އަންހެން ވަންތަ ހަށިގަނޑެކެވެ. އޭނާ ގެއަށްވަނުމާއެކު އަހަރެން އެގެއާއި ދިމާލަށް ބަލާލުމަށްފަހު އެނބުރި އަހަރެންގެ ގެއާއި ދިމާލަށް މިސްރާބު ޖެހީމެވެ. މުޅި ދުވަހުގެ ކަމަކީ އެއަންހެން ކުއްޖާއާއި ބައްދަލުކުރާނެ ގޮތެއް ރޭވުމެވެ. އަހަރެންނަށް އެރޭ ނިދުނީ އޭނާގެ ހަނދާނުގައި އެދުނމަތީގައި ދެއަތަށް ފުރޮޅި ފުރޮޅި އޮއްވައެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. މިއަދު އަހަރެން މިސްރާބުޖެހީ އެ އަންހެން ކުއްޖާގެ ގެއާއި ދިމާލަށެވެ. އެގެއަކީ އާދައިގެ ގޮތަކަށް ރާނާއި އުވަޖަހާފައި ހުންނަ ގެއެކެވެ. ގޯތީގެ އިންފާރު ވަކިކުރަން ފުޅަށް ގަނޑެއް ޖަހާފައި ހުއްޓެވެ. އަހަރެން ސައިކަލުގައި ގޮސް އެގޭދޮށަށް މަޑުކޮށްލީމެވެ. އޭރު އޭނާ އިނީ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ޖޯލިފައްޗެއްގައި ހަނޑޫ ހޮވާށެވެ. އޭރު އޭނާ އަށް އަހަރެންނެއް ނުފެނެއެވެ. ހީވާގޮތުން އޭނާ އިނީ ފުން ޚިިޔާލެއްގައެވެ. ގޭތެރެއިން ނިކުމެގެން އައި މެދު އުމުރެއްގެ އަންހެނަކު އޭނާގެ ކައިރިއަށް އައިސް ގޮވާލިއެވެ.“ސާބަސް ގުމްރީއަށް!. ކޮން ދުނިޔެއެއްގަ…އަދިވެސް ޚިޔާލީ ފޮލާ ކައްކަނީތަ؟” ގުމްރީ އިން ޖޯއްޔާއި ޖެހިގެން އިން ޖޯލީގައި އިށީންނަމުން މަރީ ބުނެލިއެވެ. “މަރީ ދައްތައަށް އެނގެއެއްނު މަ ވިސްނާނީ ކޮން ކަމަކާ ކަން. ތީ ހުރިހާ ކަމެއްވެސް އެނގޭ މީހަކީ” ގުމްރީގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. “ހޫނ!…އޭ އިނގޭތަ ދައްތަ މާދަން މިއުޅެނީ ބޭބެމެން ރަށަށް ވިލިނގިއްޔަށް ދާންވެގެން. ވަރަށް ދެރަވޭ ގުމްރީ އެކަނި ބައިންދާފަ ދާންވެސް” އެވަގުތު މަރީގެ މޫނުމަތީގެ މަޖާ ކުލަވަރުވެސް ފޫހިކަމަށް ބަދަލުވެގެން ދިޔައެވެ. ގުމްރީ އުނގުމަތީ ހޮވަން އިން ހަނޑޫ ދޮލަނގު ކައިރީގައި ހުރި ގޮނޑިމަތީގައި ބަހައްޓަމުން ވަރަށް ދެރަވެފައި މަރީއަށް ބަލާލިއެވެ. އެހެންތަ؟ އޭރުން ހާދަ އެކަނި ވާނެޔޭ. ގުމްރީ މާޔޫސްވެފައިވާ ރާގެއްގައި ބުނެލިއެވެ. “ ދެރަނުވޭ ގުމް. މާދަން އަންނާނަމޭ.. އެހެން ނޫނަސް ގުމްއަށް އެނގޭނެ ނު ނިހާދުބެ އުޅެނީ އެރަށު ވަޒީފާގަ ކަން. ބޭބެއަށް މިރަށަށް އާދެވެނީ ވަރަށް މަދުން... ދައްތަވެސް އެރަށަށް ބަދަލުވާނީ ގުމް މީހަކާއި އިނދެ ދިރިއުޅުމެއް ފެށީމަ... ދައްތަ އަކަށް ނުކެރޭނެ ކޮއްކޮ އެކަނި ކޮށްފަ ދާކަށްވެސް. އެހެންވެ މާދަން އަންނަން މިދަނީ.. އެހެން ނޫނަސް ނިހާދުބެއަށްވެސް ބަންދު ދުވަހެއްވެސް ލިބެނީ ވަރަށް މަދުން... އާނ ދެން ދައްތަ ނެތިއްޔާ މަފަކީރު ވަރަށް އެކަނިވާނެ... މިގޭގަވެސް އުޅެނީ އަހަރެން އެކަނި.. ގުމްރީ ދެރަވެލަފައި ބުންޏެވެ... ދެރަނުވޭ ކޮއްކޯ.. ކޮއްކޮ އެކަނިވިޔަކަ ދައްތަ ނުދޭނަން.. ބޮޑުބެ ކައިރީ ބުނެފަ ދާނީ... ދައްތަ އަންނަން ދެން ބޮޑުބެ ދައްތަ މިގެއަށް ނިދަން ފޮނުވަދޭށޭ.

މިވާހަކަތައް އަޑުއަހަން އެގޭގެ ފުޅަށް ބުޑުގައި އަހަރެން އޮތީމެވެ. އެމީހުންނަކަށް އަހަރެންނެއް ނުފެންނާނެއެވެ. އަދި މަރިޔަމް ދައްތަ އާއި ގުމްރީ ގޭތެރެއަށް ވަނުމުން އަހަރެން ސައިކަލުގައި ގޮސް އަތިރިމަތީގައި ހުރި އެއްކަލަ ހޮޅުއަށީގައި ޖައްސާލީމެވެ. އަދި ހިތާތިހާ ސުވާލުކޮށްލީމެވެ. ނަމަކީ ގުމްރީ.. ދެން އުޅެނީ ދައްތަ މަރިޔަބު. އެގޭގަ އިތުރު މީހަކު ނޫޅެނީބާ! ވެއްޖެ ގުމްރީއާއި ބައްދަލުވޭތޯ ބަލަން... މާދަން ހަވީރު އެގޭދޮށަށް ޖައްސާލާނީ.. ފަހަރުގައި ވާހަކަ ދައްކާލެވިދާނެ ކަންނޭގެ.. މި ފަދަ ފުން ޚިޔާލެއްގައި ހޮޅުވަށީގައި އޮވެވުނީ ކިތައް ގަޑިއިރުކަންވެސް އަހަރެންނަކަށް ނޭގުނެވެ. ކުއްލިއަކަށް އިވުނީ މެންދުރު ނަމާދަށް ބަންގި ގޮވާ އަޑެވެ. އަހަރެން އަވަސް އަވަހަށް ސައިކަލުގައި ގެއާއި ދިމާލަށް މިސްރާބު ޖެހީމެވެ. ހެނދުނު ސައިނުބޮއެ ހުރިކަންވެސް އިހްސާސް ކުރެވުނީ ދެނެވެ.

ވަގުތަކީ ހަވީރުގެ ހިތްގައިމު ވަގުތެވެ. އުނޑުމަތީގައިވާ ނޫ ވިލާތައް ފިލާގޮސް އުނޑުމަތި ރަތްވަމުން ދިޔައެވެ. ރަށުގެ މަގުތައް ފެންނަނީ ވަރަށް އަމާންކޮށެވެ. އަހަރެން ގުމްރީ އާއި ބައްދަލުކުރުމަށް ގުމްރީ އުޅޭ ގޭގައި މުގޯލި އަޅަން ފެށީމެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ފެންބަނޑިޔަލެއް ކިހިލި ޖަހާލައިގެން ގުމްރީ ގެއާއި ދިމާލަށް އަންނަ މަންޒަރެވެ. އެ ހިތްގައިމު ހިނގުމުގައި ގުމްރީ ގެއާ އަރާ ހަމަވުމުން '' ގުމްރީ ގެނަމުން މުހާތަބުކޮށް އަހަރެން ގޮވާލީމެވެ. އެވަގުތު ގުމްރީ ހައިރާންވެހުރެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް ގުމްރީ މަޑުނުކޮށް ގެއަށް ވަންނަން އުޅުމުން އަހަރެން ގުމްރީގެ އަތުގައި ހިފީމެވެ. އެވަގުތުު ގުމްރީ ލަދުވެތިކަމާއެކު އަތުން ދޫކޮށްލުމަށް އެދުނެވެ. އެ ލޫޅާފަތި އަތުން ދޫކޮށްލުމަށްފަހު ''ޕްލީސް އަހަރެން ބޭނުން ބައްދަލުކޮށްލަން'' މިހެން އަހަރެން ބުނުމާއެކު ގުމްރީ އަތުގެ އިޝާާރާތުން ޖޯލިފަތީގައި މަޑުކޮށްލުމަށް އެދުނެވެ. އަދިި ފެންބަނޑިޔާ ހިފައިގެން ގޭތެރެއަށް ވަނެވެ. އަހަރެން ގުމްރީގެ އިންތިޒާރުގައި އެ ޖޯލިފަތީގައި އިނީ މިފަދަ ފުރުސަަތެއް ލިބުމުން ވަރަށް އުފާވެފައެވެ. ގުމްރީ ގޭތެރެއިން ނިކުމެގެން އައިސް އަހަރެންގެ ކައިރީ ޖެހިގެން އިން ޖޯލީގައި އިށީނެވެ. އަދި ވަރަށް ލަދުން ހުރެ ބުންޏެވެ. ކޮންކަމަކާތަ ތިއައީ.. އަހަރެން މިއައީ ހަމަ ފޫހިވެގެން ގުމްރީ އާއި ވާހަކަ ދައްކާލާ ހިތުން'' އަހަރެން ބުނީމެވެ. މިގޭގައި އުޅެނީ ގުމްރީ އެކަނިތަ؟ އާނ މަންމައާއި ބައްޕަ ވަނީ އަހަރެން ވަރަށް ކުޑައިރު ނިޔާވެފަ.. އަހަރެންނާއި އެކު މިގޭގައި އުޅެނީ އަހަރެންގެ ދެބެންގެ ދެދަރި ދައްތައެއް.. މަރީ ތައްދަ... އަހަރެން ކުރި ސުވާލުތަކަށް އެއްވެސް ޖެހިލުމެއްނެތި ގުމްރީ ޖަވާބު ދެމުން ގެންދިޔައެވެ. ކޮންނަމެއްތަ ކިޔަނީ.. އަހަރެންނަށް ކިޔަނީ އަރީޝް އަހަރެން ގެ ނަން އަހަރެން ބުނެލީމެވެ. ދެން ކިހިނެއް އަހަރެންގެ ނަން ހޯދީ.. ގުމްރީ އަހާލިއެވެ. މިރަށުގައި އުޅެންޏާމު ނަންވެސް ހޯދޭނެތާ! އަހަރެން ބުނީމެވެ. އަހަރެންނަށް އަރީޝް އިނގޭ...އަދި އަރީޝްގެ އާއިލާވެސް އެނގޭ.. އަރީޝް އަށް އަސްލު އަހަރެން ނޭގުނީ އަރީޝް ކިޔަވަން އުޅުނީ މާލޭގަ ނު. ގުމްރީ އަށް އަހަރެން ވަރަށް ރަނގަޅަށް އިނގޭކަމަށް ބުނުމާއެކު އަހަރެން ހައިރާންވިއެވެ. ނަމަވެސް އަހަރެން ކުރިއަކުން ގުމްރީއެއް ނުދަންނަމެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ ގުމްރީއަށް ނޭގި ގުމްރީއާއި ބެހޭ މަޢުލޫމާތު ރަށުގެ ރައްޓެހި ކުދިން ކުރެން އަހާ އޮޅުން ފިލުވުމަށެވެ. އެދުވަހު އަހަރެން ގުމްރީއާއި ވަކިވީ އަލުން ބައްދަލުވާނެ ކަމުގެ ޢުންމީދުގައެވެ. އެދުވަހުގެ ފަހުން ދެމީހުންނަކީ ދެމިތުރުން ކަމުގައި ބުނެފައެވެ. ގުމްރީއާއި އެކު މިވީ ކުޑަ ވަގުތު ކޮޅުގެތެރޭގައި އަހަރެންނަށް ގުމްރީގެ ފަރާތުން ނެގޭ އެތައް ކަމެއް އެނގުނެވެ. އަދި ގާތް ދެ މިތުރުންނަށް ބަދަލުވެގެން ދިޔައެވެ.

ގެއަށްދިޔަ މަގުމަތީގައި އެކުވެރިއެއްގެ ފަރާތުން ގުމްރީއާއި ބެހޭގޮތުން މަޢުލޫމަތުތައް އަހަރެން ހޯދީމެވެ. ގުމްރީއަކީ އަޚްްލާޤް ރަނގަޅު ކުއްޖެކެވެ، ސާދާ ދިރިއުޅުމެއް އުޅެމުންދާ މުރާލި ކުއްޖެކެވެ. އެކަނިވެރިކަމާއި ފަޅުކަން އިހްސާސް ކުރަމުންދާ އެކަނި ވެރިއެކެވެ. ރަށުގެ އެހެން ކުދިންނާއި ޚިލާފަށް ވަފާތެރި ބައިވެރިއަކަށް ބޭނުންވެފައިވާ ކުއްޖެއްކަން އަހަރެންނަށް ރަޙުުމަތްތެރިޔާގެ ފަރާތުން އެނގުނެވެ. އަހަރެންނަކީވެސް އެފަދަ މީހެކެވެ. ގުމްރީ ފަދަ ގެވެށި ކުއްޖަކު ހަޔާތުގެ ބައިވެރިއަކަށް ބޭނުންވެފައިވާ މީހެކެވެ.

ގުމްރީއަކީ ނިކަމެތި އާއިލާއެއްގައި ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ގުމްރީގެ ވަރަށް ކުޑައިރު ގުމްރީގެ މަންމައާއި ބައްޕަ ނިޔާވުމުން ގުމްރީގެ އެންމެހާ ޚަރަދުތައް ބަލަހައްޓަމުން ދަނީ ގުމްރީގެ ބޮޑުބޭބެ އިބްރާހިމެވެ. ގުމްރީ އުޅެމުންދަނީ ގުމްރީގެ މައިން ބަފައިންގެ ގޭގައެވެ. މި އެގޭގައި ގުމްރީއާއިއި އެކު ހަމައެކަނި ދިރިއުޅެމުންދަނީ ގުމްރީގެ މަންމައާއި އެއްބަފާ ދައްތަ މަރިޔަމް އެވެ. ކުޑައިރުއްސުރެ ފެށިގެން ގުމްރީއަށް އަމިއްލައަށް ކަންކަން ކުރަން ވަނީ ދަސްވެފައެވެ. ކެއްކުމާއި ގޭތެރޭގައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުންދަނީ ހުދު ގުމްރީއެވެ. ގުމްރީގެ ދައްތަ މަރިޔަމް ގުމްރީ ދެކެ ނިހާޔަތަށް ލޯބިވެއެވެ. އަމިއްލަ ދަރިއަކު ފަދައިންނެވެ. ގުމްރީވެސް މަރިޔަމް ދެކެ ނުލާހިކު ލޯބިވެއެވެ.

މިއާއި ޚިލާފަށް އަހަރެންގެ އާއިލާއަކީ ތަނަވަސް އާއިލާއެކެވެ. މިކަން ގުމްރީއަށްވެސް އެނގެއެވެ. ގުމްރީ ފަދަ ނިކަމެއްޗަކަށް މިފަދަ ތަނަވަސް އާއިލާއެއްގެ ހަމައެކަނި ހުރި ފިރިހެން ދަރިއާއި ކައިވެނިކުރަން އެއާއިލާއިން ރުހޭނެ ބާއެވެ. މިއީ ގުމްރީގެ ހިތުގައި އުފެދޭ ސުވާލެވެ.

ދުވަސްތައް މާޒީވެ ދެއެވެ. އަހަރެންނާއި ގުމްރީގެ އެކުވެރިކަން ލޯތްބަށް ބަދަލުވެއްޖެއެވެ. އަހަރެން ގުމްރީ ދެކެ އިންތިހާއަށް ލޯބި ވެއެވެ. އަދި ގުމްރީވެސް އަހަރެންދެކެ އިންތިހާއަށް ލޯބި ވެއްޖެއެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ މާގިނަ ދުވަހު އިންތިޒާރު ނުކޮށް މިކައިވެނި ކުރެވޭތޯއެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. އަހަރެން ފެންވަރާލައިގެން ކޮޓަރިން ނިކުތް އިރު މަންމައާއި ބައްޕަ އޮލަވާހަކަ އެއްގައި ތިއްބެވެ. އަހަރެން ގެއިން ނިކުންނަން ފެށުމުން މަންމަ ގޮވާލިއެވެ. ދަރިފުޅާ! އައިސްބަލަ މިތަނަށް.. މަންމަ ގޮވާލުމުން އިޖާބަދީ އަހަރެން މަންމައާއި ބައްޕަގެ ކައިރީގައި އިށީނީމެވެ. މަންމާ ކިހިނެއްވީ! ދަރިފުޅާ ބައްޕަ އެއުޅެނީ އަންނަ ހަފްތާގަ މާލެ ދާންވެގެން.. ދަރިފުޅުވެސް ބައްޕަ އާއި އެކު ފިހާރައަށް މުދާ ބަލާ މިފަހަރު ދާންވާނެ.. ދަރިފުޅު ތިއުޅެނީ ޗުއްޓީވެސް ނަގާކަށް ނުދޯ... ލައްބަ! އެކަމަކު ބައްޕާ އަހަރެން އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ.. އެއީ އަނެއްކާ ކޮން ވާހަކައެއްތަ ދަރިފުޅާ! ބައްޕަ މިހެން ބުނުމާއިކު އަހަރެން މިއުޅެނީ މީހަކާ އިންނަން ކަމަށް ބުނީމެވެ. އެއީ ގުމްރީ ކަމަށް ބުނުމުން ބައްޕަ އާއި މަންމަ މިކަމާއި ނުރުހި އިންކާރު ކުރިއެވެ. ސަބަބަކީ ގުމްރީ އަކީ ނިކަމެތި ކުއްޖެއްކަން އަހަރެންގެ މައިން ބަފައިންނަށް އެނގޭތީއެވެ. އަދި އެ އާއިލާ އަކީ އަހަރެންގެ މައިންބަފައިންނަށް އެނގޭ އާއިލާއަކަށް ވުމެވެ. ނަމަވެސް އަހަރެންނަކީ ގޮތް ދޫކުރާ މީހެއް ނޫންކަން މަންމައަށާއި ބައްޕައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ އަހަރެންގެ މައިންބަފައިންނާއި ދެކޮޅަށް ގުމްރީ އާއި ކައިވެނި ކުރާށެވެ.

މިއަދަކީ އެތައް ދުވަހަކުންސުރެ ކުރަމުން އައި އިންތިޒާރުގެ ނިމުމެވެ. އަހަރެންގެ މައިން ބަފައިންގެ ނުރުހުމުގައި އަހަރެން ގުމްރީ އާއި ކައިވެނި ކުރި ދުވަހެވެ. ކައިވެންޏަށްފަހު އަހަރެންގެ ދިރިއުޅުން ގުމްރީގެ ގެއަށް ބަދަލުކުރީމެވެ. އަހަރެން ގުމްރީގެ ގެއަށް ބަދަލުވުމާއެކު ގުމްރީގެ ދައްތަ މަރީ އޭނާގެ ފިރިމީހާގެ ރަށަށް ވިލިނގިއްޔަށް ދިރިއުޅުން ބަދަލުކުރިއެވެ. އެހެންކަމުން ގުމްރީގެ ގޭގައި ދިރިއުޅެނީ ހަމަ އެކަނި އަހަރެންނާއި ގުމްރީ އެވެ. ގުމްރީއަކީ ނަމާދުކުރުމާއި އަޅުކަމަށް ލޯބިކުރާ ކުއްޖެކެވެ. އަހަރެންނަކީ ވަރަށް މަދުން ނޫނީ މިސްކިތަށް އަރާ ނަމާދެއް ކޮށްލާ މީހެއް ނޫނެވެ. ނަމަވެސް ގުމްރީ އާއިއެކު ދިރިއުޅެން ފެށިފަހުން ގުމްރީގެ ރިވެތި އާދަތައް އަހަރެންގެ ގައިގައިވެސް ވަކި ހިއްޕަން ފެށިއެވެ. އަންބެއްގެ ފަރާތުން ދޭންޖެހޭ ފުރިހަމަ ލޯތްބާއި އަޅާލުން އަބަދުވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަހަރެންނަށް ލިބެމުންދިޔައެވެ. އަހަރެން ގުމްރީގެ ހަޔާތަށް އައުމުން ގުމްރީގެ މާޔޫސްކަމާއި މޮޅިވެރިކަން އެއްކޮށް ފިލާ ދިޔަ ކަހަލައެވެ. ދުވަހަކަށްވުރެ ދުވަހެއް އަހަރެންގެ އަތްމަތި ދިޔައީ ތަނަވަސް ވަމުންނެވެ. އޯގާތެރި ވަފާތެރި އަންބަކު ލިބުމުން އަހަރެންގެ މުޅި ދިރިއުޅުމަށް މިއަދު މިވަނީ ބަހާރު މޫސުން އައިސްފައެވެ. އެހެންކަމުން އަހަރެމެން ޤަސްތުކުރީ މާލަސްނުކޮށް މި އައި ބަހާރު މޫސުމާއެކު އަހަރެމެންގެ ދެމަފިރިންގެ ހަޔާތަށް އިތުރު މަލެއް ފޮޅުވުމަށެވެ. ގެ ފަޅުފިލުވާލާނެ ތުއްތު ތުއްތު ކުއްޖަކު ހޯދުމަށެވެ.

ކައިވެންޏަށް އަހަރެއްވީތާ މާގިނަ ދުވަސްތަކެއް ނުވެ އަހަރެންގެ އަލަތު ދަރިފުޅަށް ގުމްރީ ބަލިވެ އިނދެ ލޯބި ލޯބި އަންހެން ކުއްޖަކު ލިބިއްޖެއެވެ. އެއީ އަހަރެންގެ ދެ ލޮލުގެ ނޫރުފަދަ ދަރިފުޅު މަލްހާ އެވެ. ﷲ އަހަރަމެންނަށް ދެއްވި މި އަގުހުރި ހަދިޔާ އަހަރެމެން ބަލައިގަތީ ނުހަނު ލޯތްބާއި ކުލުނާއި އެކުގައެވެ. އެލޯބި ލޯބި ދަރިފުޅަށް ބައްޕައާއި މަންމަގެ ފުރިހަމަ ލޯބި ދިނުމުގެ ނިޔަތުގައެވެ. އަދި ދުވަހަކުވެސް މި ދިރިއުޅުމަށް ހަރީފު މޫސުމް އައުމަކީ އަހަރެން އެދޭކަމެއް ނޫނެވެ. ގުމްރީ ގެ އެދުމަކީ ދުވަހަކުވެސް އޭނާ ދޫކޮށްފަ އަހަރެން ނުދިއުމެވެ. ގުމްރީ އަހަރެންދެކެ އިންތިހާއަށް ލޯބިވެއެވެ. އަހަރެންވެސް ގުމްރީ ދެކެ އިންތިހާއަށް ލޯބިވެއެވެ. އަހަރެން ނެތް ދުވަހަކުން ގުމްރީއަަށް އެކަނިި ދިރިއުޅުމަކީ އުދަނގޫކަމަކަށް ވާނެކަން ގުމްރީ އަބަދުވެސް އަހަރެންނަށް ހަނދާންކޮށްދެއެވެ.. އަހަރެންނަށްވެސް ގުމްރީ ނުލާ ދިރިއުޅުމަކީ މިހާރު ވަރަށް އުދަގޫކަމެކެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ދުވަހަކީ އަހަރެންގެ އަލަތު ދަރިފުޅަށް 01 އަހަރު ފުރުނު ދުވަހެވެ. ނަމަވެސް ކަންތައްތައް ވީ އަހަރެން އުއްމީދު ކުރި ގޮތަކަށް ނޫނެވެ. އެދުވަސް ވީ ހިތާމަވެރި ދުވަހަކަށެވެ. ދަރިފުޅުގެ އުފަން ދުވަސް އައުމުގެ ދެދުވަސް ކުރީން އަހަރެންނާއި މަލެއްފަދަ ގުމްރީއާއި ދެމެދު ފުރަތަމަ ފަހަރަށް މައްސަލައެއް ޖެހުނެވެ. ނަތީޖާ އަކަށް ވީ ދަރިފުޅުގެ އުފަންދުވަހުގެ އުފާވެރި ކަމުގެ އަސަރު އަހަރެންގެ ކުޑަކުޑަ އާއިލާއިން ނުފެނުމެވެ. އެދުވަހު ލިބޭނޭ ކަމަށް އުއްމީދުކުރި އުފަލުގެ ބަދަލުގައި ލިބުނީ ހާސްކަމާ ނުތަނަސް ކަމެވެ. އަމިއްލަ ނަފްސާ ސުވާލުކުރެވުނެވެ. އަހަރެންނަށް މިވީ ކިހިނެއްބާވައެވެ؟ މިވީ ދުވަސްތަކުގައި އަހަރެންނަށް ނާންނަ ބަދަލެއް މިއަދު މިއައީ ކީއްވެ ބާވައެވެ. ކޫސަނި ކަމަކާއިހުރެ ގުމްރީ ދެކެ އިންތިހާއަށް ރުޅި އާދެވުނީ ކީއްވެބާވައެވެ. މިހުރިހާ ދުވަހަކު ގުމްރީ ދެކެ ނާންނަ ރުޅިއެއް މިއަދު މިއައީ ކީއްވެގެންބާއެވެ. ގުމްރީ ދައުވަތު ދިން މީހުންނަކީވެސް ހަމަ އަހަރެމެން ދެމީހުންގެވެސް ރައްޓެހިންނެވެ. އެހެންވީއިރު ސާފިއު އަށް ގުމްރީ ދައުވަތު ދިނީ އަހަރެން އެދިގެން ބާވައެވެ. ސާފިއު އަކީ އަހަރެންގެ ރައްޓެއްސެކެވެ. މިފަދަ ޚިޔާލެއްގައި ހުއްޓާ މަޢްރިބް ނަމާދަށް ބަންގި ގޮވައިފިއެވެ. އަހަރެން ނަމާދަށް ދިއުމަށް ގެއިން ނިކުތީމެވެ، ނަމަވެސް އެއްވެސް ކަމަކާއި ނުލާ ކުށްހީކުރެވި ރުޅި އާދެވުނީތީ ކަންބޮޑުވެ ދެރަވެގެން ރަށުގެ ދެކުނުފަރާތު އަތިރިމަތީގައި ހުރި ޖޯލިފައްޗެއްގައި އަހަރެން ޖައްސާލީމެވެ.

ކުއްލިއަކަށް އަހަރެންނަށް ފެނުނީ އަހަރެންގެ ލޯބިވާ މަލެއްފަދަ ގުމްރީ އަހަރެންގެ އެކުވެރި ސާފިއުއާއި އެކު ގޮނޑުދޮށުން އަރައިގެންދާ މަންޒަރެވެ. މިއީ އަހަރެން ދުވަހަކުވެސް ދެކިފައިނުވާ މަންޒަރެކެވެ. އަހަރެންގެ ގުމްރީ އެހެން ފިރިހެނަކާއެކު އެއްވެސް ތާކުން އަދި މިވީހާ ދުވަހު ފެނިފައެއް ނުވެއެވެ. ސާފިއުއަކީ އަންހެނުން ހިތި މީހެކެވެ. އެހެންކަމުން އަހަރެންނަށް ރުޅި އާދެވެން ފެށިއެވެ. މުޅި މީހާ ތުރުތުރު ލާން ފެށިއެވެ. ނަމަވެސް ގުމްރީ އާއި ސާފިއު އެދާތަނެއް ބަލަން އަހަރެން މިއަދު ބޭނުމެވެ. އަހަރެންގެ ހިތާއި ނަފްސާމެދު އިތުރަށް ސުވާލުކުރެވުނެވެ. އަނެއްކާ މިފެންނަނީ ހަމަ ގުމްރީ ބާވައެވެ. މިގަޑީގައި ގުމްރީ މިތަނަށް އައީ ކިހިނެއް ހެއްޔެވެ.

މިފަދަ ސުވާލުތަކަކާއި ވަސްވާސްތަކެއް ހިތުގައި އުތުރި އަރަން ފެށުމާއިއެކު އަހަރެންނަށް ކެތް ނުކުރެވިގެން ގެއަށް ދިޔައީމެވެ. އޭރު ގުމްރީ ދަރިފުޅަށް ކާންދޭން ވެގެން ގޭގައި އުޅެއެވެ. އިތުރު އެއްވެސް މީހަކު ނެތެވެ. އެކަމަކު އަހަރެންނަށް މިރޭ މިފެނުނީވެސް ހަމަ މިގުމްރީއެވެ. ނަމަވެސް އަހަރެން މިއިން އެއްވެސް ވާހަކައެއް ގުމްރީ އާއި ހިއްސާއެއް ނުކުރަމެވެ. ގުމްރީ ދެރަ ކޮށް ރޮއްވާލަން ބޭނުންނުވާތީއެވެ.

ނަމަވެސް އޭގެ ފަހުން ދުވަހެއް ދުވަހަކަށް އަހަރެން ގުމްރީ މަތިން ފޫހިވާން ފެށިއެވެ. މިކަމާ ގުމްރީ ސުވާލުކޮށް ހަދައެވެ. އަހަރެން އެއްވެސް ޖަވާބެއް ނުދިނުމުން މާގިނަ ވާހަކައެއް ގުމްރީ އެއް ނުދައްކާނެއެވެ. މިއީ ގުމްރީގެ އާދައެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުންދެއެވެ. އަހަރެން ނަމާދުކުރުމާއި އަޅުކަން މަޑުމަޑުން ދުރުވާން ފެށިއެވެ. ނަމާދަށޭ ކިޔާފައި ގުމްރީއަށް ދޮގުހަދައި އޮޅުވާލައިގެން އިރުއޮއްސޭ ދަޅަމައްޗަށް އަތިރި މައްޗަށް ދިއުމަކީވެސް އަހަރެންގެ އާދައަކަށްވިއެވެ. މިކަން ގުމްރީއަށް އެނގެއެވެ. އަދި މިކަމާއި ދެރަވެ ރޮއެ ގުމްރީ ކުރާ އާދޭސް އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެންގެ ހިތަކީ ހަރުހިލަ ހިތެކެވެ. އަހަރެން ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް ގުމްރީ އަހަރެން ދޫކޮށްފަ ނުދާނެކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އޭނަގެވެސް އޮންނަނީ ހިތެކެވެ. އެހިތަށް އަބަދު ތަދުކުރުމަކީ އޭނައަށްވެސް އަދި ދަރިފުޅަށްވެސް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ނަމަވެސް ގުމްރީގެ އެ ނުފެންނަ ފަރާތް އެރޭ އަހަރެންނަށް ފެނުނު ފަހުން އަހަރެންނަށް މިގޮތަށް އުޅުމަށް މަޖުބޫރުވިއެވެ. ގުމްރީއާއި ދިމާލަށް ސީދާ ނުބުނި ކަމުގައި ވިޔަސް އަހަރެންގެ ހިތުން ގުމްރީއަށް އެކަން އެނގޭނެއެވެ.

މިގޮތުން އެއްރެއަކު އަހަރެން ރަށުގެ ދެކުނުފަރާތު އަތިރިމަތީގައި ހުއްޓާ އަހަރެންގެ ފަހަތުން މީހަކު ގޮވާލިހެން ހީވެގެން ފަހަތް ބަލާލީމެވެ. އެވަގުތު އަހަރެންނަށް ފެނުނީ ރީތީ ޕަރީ ޒާދެއްފަދަ އަންހެން ކުއްޖެކެވެ. އެހާމެ ރީއްޗެވެ. އަހަރެން އޭނަޔާއި ދިމާލަށް ބަލާލުމުން އަހަރެންގެ ގާތަށް އައެވެ. އަދި ހީލިއެވެ. އަހަރެން ނަން އަހާލީމެވެ. ނަމަކީ ނަޝާ.. އަހަރެންނަކީ މިރަށު ކުއްޖެއް. މާލޭގަ އުޅެނީ.. މަންމަ މެންނާއިއެކު ޗުއްޓީއަކަށް މިރަށަށް މިއައީ.. އޭނަ އަމިއްލައަށް އަހަރެންނަށް ތަޢާރަފްވިއެވެ. އަހަރެން ހައިރާންވިއެވެ. އަހަރެން ހީކުރީ ގުމްރީ ފަދަ ރީތި ދެވަނަ ކުއްޖަކު މިރަށުގައި ނޫޅޭ ކަމަށެވެ. ނަމަވެސް މިވީގޮތުން ނަޝާއަށް އަހަރެން ހިތް ލަންބުވާލިއެވެ. އިތުރަށް ގުމްރީ މަތިން ފޫހިވިއެވެ. މިގޮތުން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އަހަރެން މިތަނަށް އައިސް ނަޝާ އާއި ބައްދަލުކޮށް ވާހަކަ ދައްކާ ހަދަމެވެ. އަދި މިވާހަކަތައް އޮންނަނީ އަހަރެން ސިއްރުކޮށްފައެވެ.

އޭގެ ދެ ހަފްތާ ފަހެވެ. އެއްރެއަކު އަހަރެން ނިދާފައި އޮވެފައި ސިއްސައިގެން ހޭލެވުނީ ނަޝާ އަހަރެންނަށް ގޮވާލުމުންނެވެ. އެވަގުތު އަހަރެން ވަރަށް ބާރަށް ނަޝާއޭ ކިޔާ ގޮވާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހަމަ އެކަނި އޮތީ އަހަރެންގެ ދަރިފުޅާއި އަންހެނުންނެވެ. އަހަރެން ސިއްސައިގެން ދިޔައީ ގުމްރީ ތެދުވެ އަހަރެންނާއި ދިމާލަށް ބަލަން އިނުމުންނެވެ. އަހަރެން އެކައްޗެކޭވެސް ނުބުނެ އަނެއްކާވެސް އަރާ އޮށޯއޮތީމެވެ. އިސާހިތަކު ނިދިއްޖެއެވެ. އަހަރެން ހީކުރީ ހެނދުނު ތެދުވެ ގުމްރީ އެކަމާއި ބެހޭގޮތުން ސުވާލު ކުރާނެކަމަށެވެ. ނަމަވެސް ގުމްރީގެ ފަރާތުން އެފަދަ އެއްވެސް ސުވާލެއް ނުކުރެއެވެ.

ދުވަސްތައް މާޒީވެ ދެއެވެ. އަހަރެންގެ މިއުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. އަހަރެންގެ އުޅުމާއި ބެހޭގޮތުން ގުމްރީ ސުވާލެއް ކުރިއަސް އަހަރެންނަށް ރުޅި އާދެވެއެވެ. އެކަމަކު ގުމްރީއަކަށް އަނިޔާއެއް ނުކުރަމެވެ. ނަމަވެސް މިކަމާ ގުމްރީ ރޮއެ ހިތަމަ ކުރާކަން އަހަރެންނަށް އެނގެއެވެ. ކެއުމާއި ދުރުވެ މާޔޫސްވެއެވެ. ގުމްރީ އެ ހިތާމަތައް ފޮރުވަން ކިތަންމެ ވަރަކަށް އުޅުނަސް ގުމްރީގެ ލޮލުން އެކަން އަހަރެންނަށް އެނގެއެވެ. އެކަމާވެސް އަހަރެން އަންނަނީ ރުޅިއެވެ. އަދި ގުމްރީ މިގޮތަށް ހިތާމަކުރާތަން ފެނުމުން ފަހަކަށް އައިސް އަހަރެންނަށް ސާފިއު އޭ ކިޔައިގެންް ގުމްރީ އާއި އަޅުވާވެސް ކިޔެއެވެ. މިކަމާ ގުމްރީ ވަރަށް ދެރަވެއެވެ. އަދި އެކަހަލަ ގުޅުމެއް ނޯންނާނެކަމަށް ބުނަމުން ދެއެވެ. މިއީ އަހަރެންގެ ދިރިއުޅުމެވެ.

މިގޮތުގައި ދުވަސްތައްް ގުނަމުން ދެއެވެ. އަހަރެންނާއި ނަޝާގެ ގުޅުމަކަށް ބަދަލެއް ނާދެއެވެ. އެކަމަކު ހައިރާންވާ ކަމަކީ ނަޝާއާއި ދުވާލު ބައްދަލުކުރަން އެދުނަސް އެކަމާ ނަޝާ ދެކޮޅު ހަދާ ކަމެވެ. ރޭގަނޑުގެ ކަޅު އަދިރީގައި ނޫނީ ބައްދަލެއް ނުވެއެވެ. އެހެންކަމުން އަހަރެންނަށް ނަޝާ ދެކެ އިންތިހާއަށް ރުޅި އަންނަން ފެށުނެވެ. އަދި ރައްޓެހިވެގެން މިގޮތަށް އުޅެން ބޭނުން ނުވާކަމަށް ބުނުމުން އަހަރެންނާއި ދުވަހަކުވެސް ވަކި ނުވެވޭނެކަމަށާއި، ވަކި ވެއްޖެނަމަ އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލާނެކަމަށްބުނެ ނަޝާ އަހަރެންނަށް އިންޒާރު ދިނެވެ. އަދި އަހަރެންދެކެ ނަޝާ ވަރަށް ލޯބިވާކަމަށާއި، ތިނޫން މީހަކާއެކު ނޫޅެވޭނެކަމަށް ބުނަންފެށިއެވެ. ނަމަވެސް އެރޭގެ ފަހުން އަހަރެން އަތިރި މައްޗަށް ދިއުން އެއްކޮށް ހުއްޓާލީމެވެ. އެއީ ނަޝާ ދެކެ އަންނަ ރުޅީގައެވެ. އެހެންނަމަވެސް ދެން ވާންފެށީ އެހެންކަމެކެވެ. އިރުއޮއްސޭ ދަޅަމައްޗަށް އަހަރެންގެ އަތްފައި ފިނިވެ ހެޔަށް ގޮތް ވަނީއެވެ. އަދި ހަމަޔަކަށް އެޅޭ ކޮންމެ ފަހަރަކު ގުމްރީ އާއި ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ ހިތުގައި ޖެއްސެނީއެވެ. އަހަރެންނަކީ މޮޔައެއް ފަދައެވެ. އަހަރެން ބައެއް ރޭރޭ ބުއްދި ގޯސްވެގެން ހަޅޭއް ލަވަން ފެށުމުން ދަރިފުޅު ބިރުން ރޯން ފަށައެވެ. މިކަމާ ގުމްރީ ހުންނަނީ ބިރުން ހަދާނެގޮތް ހުސްވެފައެވެ. ނަމަވެސް މިވާހަކަ އެއްވެސް މީހެއްގެ ކައިރީ ބުނެފިނަމަ ގުމްރީގެ ދުވަސް ދުއްވާލާނެ ވާހަކަ ނަޝާ ވަނީ އަހަރެންގެ ގާތު ބުނެފައެވެ. އެހެންކަމުން އަހަރެންނަށް މިވާގޮތް އެއްވެސް މީހެއްގެ ގާތު ނުބުނުމަށް ގުމްރީއަށް އިންޒާރު ދިނީމެވެ. މިއީ ޖިންނިއެއްގެ ކަންތައް ގަނޑުކަން ހުދު ގުމްރީއަށް ވެސް އެނގެއެވެ. ނަމަވެސް މިގޮތުގައި ގުމްރީއަކަށް މާގިނަ ދުވަހަކު ކެތެއް ނުކުރެވުނެވެ. އެންމެފަހުން ގުމްރީ އަހަރެންނަށް ސިއްރުން މިކަން ގުމްރީގެ ބޮޑުބެ މެންނަށް އެންގިއެވެ.

މިގޮތުން އެއްދުވަހަކު އިރުއޮއްސޭ ދަޅަ މައްޗަށް ރަށުގައި ފަންޑިތަ ހަދާ މީހަކު ގޮވައިގެން ބޮޑުބެ ގެއަށް އައެވެ. އޭރު އަހަރެންގެ އަތްފައި އޮތީ ވާން ވެފައެވެ. ދެލޯ އޮތީ ބޮޑުވެފައެވެ. ކައރީގައި އަހަރެންގެ ދަރިފުޅު އުނގުމައްޗައްލައިގެން ގުމްރީ ގިސްލަ ގިސްލާފައި ރޯން އިނެވެ. އަހަރެންނަށް ގުމްރީގެ ރުއިމުގެ އަޑުއިވެއެވެ. ނަމަވެސް އަހަރެންނަކަށް އެއްވެސް ހަރަކާތެއް ނުކުރެވެއެވެ. ވާހަކައެއް ނުދެއްކެއެވެ. އެހެންކަމުން ބޮޑުބެމެން ގެނައި ފަންޑިތަ ހަދާމީހާ އަހަރެންގެ ނިއްކުރީގައި ހިފަހައްޓައިގެންހުރެ ފެންތައްޓެއް ކިޔެވުމަށްފަހު އަހަރެންގެ ގައިގައި އުގުޅުމުން އަހަރެންނަށް ހޭވެރިކަން ވިއެވެ. އަދި އަވަހަށް ކޮޅަށްތެދުވީމެވެ. އޭރު އަހަރެންގެ ގައިގައި ކުރިން ހިފާފައި ހުރި ބާރު ގަނޑު ވަނީ ފިލައި ގޮއްސައެވެ.

އަހަރެންނަށް ހޭވެރިކަން ވުމުން ފަންޑިތަހަދާ މީހާ ބުންޏެވެ. މާދަންރޭ އަންނާނަމެވެ. ތިހުރީ ޖިންނިއެއް އަވަލާފައެވެ. އަންހެން ޖިންނިއެކެވެ. މިހެން ބުނެ ބޮޑުބެމެން ގެއިން ނިކުމެގެން ހިނގައްޖެއެވެ. އަހަރެންނަށް ދިމާވި މިކަންތައްގަނޑު ގުމްރީއަށް އެނގުމުން ވަރަށް ރޮއެ ހިތާމަކުރިއެވެ. އަދި ނަމާދުކުރުމަށާއި ދުއާކުރުމަށް އަހަރެންގާތު ބުނަމުން ދިޔައެވެ. ނަމަވެސް އޭރުވެސް ގުމްރީ އެ ދައްކަ އެއްވެސް ވާހަކަ އަކަށް އަހަރެންނަކަށް އިޖާބައެއް ނުދެވުނެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އަހަރެންނަށް ހޭލެވުނީ އަހަރެންގެ ދަރިފުޅު ރޯ އަޑަށެވެ. އޭރުވެސް ގުމްރީ ނިދާފައި އޮތެވެ. އަހަރެންގެ ހިތަށް އެރިއެވެ. ގުމްރީއަށް މިއަޑު ނީވެނީ ބާވައެވެ. އެހެން ނޫނީ ގުމްރީ ކޮންމެ ދުވަހަކު ހެނދުނު ތެދުވެގެން ގޭދޮށް ކުނިކަހަން އުޅޭނެއެވެ. އެހެންކަމުން އަހަރެން ގުމްރީއަށް ގޮވާލީމެވެ. ދެތިން ފަހަރަކު ގޮވާލުމުންވެސް ގުމްރީގެ ހަބަރެއް ނުވުމުން އަހަރެން ގުމްރީ އަތުގައި ހިފާލީމެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ގުމްރީ ނަގާ ކޮޅަށް ޖެހޭތޯ ބެލީމެވެ. ނަމަވެސް ގުމްރީ އޮތީ މަރުވެ ހަރުވެފައެވެ. އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން. އަހަރެންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އަދި ދަރިފުޅު ގޮވައިގެން ދުވެފައި ގޮސް ބޮޑުބެ މެންނަށް މިކަން އެންގީމެވެ. ތަންގަނޑު އެންމެން ގޭދޮށަށް އެއްވެއްޖެއެވެ. އަހަރެންގެ ގުމްރީ މިދުނިޔެއާއި އަލްވަދާއު ކިޔައިފިއެވެ. އަހަރެންނާއި އަހަރެންގެ ދަރިފުޅު އެކަނި ކޮށްފައެވެ. ކުރާނެކަމެއް ނެތެވެ. ދެންއޮތީ އަހަރެންނަށް ދިމާވެފައި އޮތް މުސީބާތުން ސަލާމަތްވުމެވެ.

ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު ދުވަހުގެ މެންދުރު ނަމާދުން ފައިބައިގެން ގުމްރީ ރަށުގެ ސަހަރާގައި ވަޅުލެވިއްޖެއެވެ. އަހަރެންގެ މައިންބަފައިންނާއި ރައްޓެހިން އަހަރެންނަށް ހިތްވަރު ދެމުން ދިޔައެވެ. ނަމަވެސް މިއަދު ގުމްރީ ނެތުމުން އަހަރެންގެ މިދަރިފުޅަށް ކުރާނީ ކޮންފަދަ އިހްސާސެއް ހެއްޔެވެ. ނަމަވެސް އަހަރެން އުޅެން ބޭނުންވަނީ ހަމަ ގުމްރީގެ ގޭގައެވެ.

ގުމްރީ ނިޔާވިތާ ތިން ވަނައަށް ވީ ދުވަހެވެ. ފަންޑިތަހަދާ މީހާ އައިސް ތިން ރޭ ވަންދެން ކިޔެވުމަށްފަހު އެ ޖިންނި ޝައިތާނާގެ ކިބައިން އަހަރެން ސަލާމަތްކޮށްފިއެވެ. އަދި ނަމާދުކުރުމާއި އަޅުކަމުގައި އުޅުމަށް ނަސޭހަތްތެރިވިއެވެ. އަދި އެ ނަޝާއަކީ އަވަލައިގެން އުޅޭ ޖިންނި އެއްކަމަށްވެސް ބުންޏެވެ. އަދި އޭގެ ކުރިން ގުމްރީގެ ސޫރައިގައި ފެނުނީވެސް އެ ނަޝާ ކަމަށް ބުންޏެވެ. އެހެންކަމުން އަހަރެން ސާފިއު ކައިރިއަށްގޮސް އެދުވަހު އެގަޑީގައި ގުމްރީ އާއިއެކު އަތިރިމައްޗަށް ދިއައިންތޯ އާއި އެއްވެސް ގުޅުމެއް ވޭތޯ ސުވާލުކުރީމެވެ. ސާފިއު ހައިރާންވިއެވެ. އަދި ބުންޏެވެ. ދުވަހަކުވެސް ތިފަދަ ކަމެއް ނުކުރަމެވެ. އަދި ގުމްރީއަކީ މާތް އަންހެނެކެވެ. އަހަރެން ދުވަހަކުވެސް ތިކަހަލަ އެއްވެސް ގުޅުމެއް ގުމްރީ އާއި މެދު ބާއްވަފައި ނުވާނެއެވެ. އެދުވަހު ތިގެއަށްދިޔައީވެސް ސާފިއު އަކީ އަހަރެންގެ ރައްޓެއްސަކަށްވާތީ ގުމްރީ ދިން ދަޢުވަތަކަށެވެ. އަދި އެއީ އަހަރެންނަށް ކުރެވުނު ވަރަށް ބޮޑު ކުށްހީއެއް ކަމަށް ސާފިއު ބުނުމުން އަހަރެން ފެންކަޅިވިއެވެ. އަދި ދެރަވެ މާޔޫސްވިއެވެ. ކުރާނެކަމެއް ނެތެވެ. އަހަރެންގެ ގުމްރީ މީގެ ތިން ދުވަސް ކުރިން އަހަރެންގެ ދެއަތުން މިއައީ ކަފުންކޮށް ވަޅުލާފައެވެ. މިއީ އަހަރެންގެ ކުށެވެ. އަހަރެން މިއަދު އެ ކުށަށް ތައުބާވަމެވެ. ގުމްރީ ފަދައިން ސާލިހް އަޅަކަށް ވުމަށް އެދި އިބަ ﷲގެ ހަޞްރަތުގައި ދުއާ ކުރަމެވެ. އެފުރާއަނަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލައްވާށި. އާމީން.

އަހަރެން ފަދައިން ކޮންމެ މީހަކުވެސް ދިރިއުޅުމަށްޓަކައި ވަރަށްބޮޑު އުއްމީދެއްކުރެއެވެ. ހަޔާތުގެ ބައިވެރިޔާ އާއި މެދުއެވެ. ދިރިއުޅުމާއި މެދުއެވެ. އަހަރެންވެސް އުއްމީދުތަކެއް ކުރީމެވެ. އަހަރެންގެ ހަޔާތަށް އެތަޢް ކަނޑެއް ހުރަސްކުރުމަށްފަހު ލޯބިވެރިއަކުއައެވެ. އަހަރެން ދެކެ އިންތިހާއަށް ލޯބިވާ ގުމްރީއެކެވެ. އަހަރެންވެސް ލޯބިވީމެވެ. އެޒުވާނާގެ އަސަރުގަދަ ލޮލުގެ އަޑިއަށް ހިތްފީނައިގަތެވެ. ނަމަވެސް އެލޯބި ގަދަވަޔާ ވިއްސާރައިގެ ތެރޭގައި މަންޒިލެއްނެތި އަހަރެންގެ އަތުން މުޅި ދިރިއުޅުން ކަފުންކޮށް ވަޅުލެވިއްޖެއެވެ. އަހަރެންނަކީ އަމިއްލަ އުސޫލަށް ތަބާވާ މީހެކެވެ. އެކަމު ހިތް އޮތީ ރޯލަރޯލައެވެ. ހިތުގެ މައްޗަށް އެއްވެސް ފަރާތަކަށް ބާރެއްނުހިނގިއެވެ. ނަމަވެސް އެކަން އަހަރެންނަށް ވިސްނުނީ މާފަހުންނެވެ. އޭރު މާލަސްވެއްޖެއެވެ. ދެލޯނޭދި އެދުނު ލޯބިވެރިޔާ މިދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ.


އަހަރެން ސިއްރުސިއްރުން ކަރުނައޮހޮރީމެވެ. ނަމަވެސް ކަރުނަ ހަޔާތުގައި ގެއްލި ދިޔަ އަހަރުތައް ހޯދައެއް ނުދިނެވެ. އެހެންކަމުން މާޔޫސްކަމާއެކު ދިރިއުޅުން ކުރިއަށް ދިޔައެވެ. އަހަރެން ހުރީ ނާއުއްމީދުވެފައެވެ. ދިރިއުޅުން ދެކެ ފޫހިވެފައެވެ. ނަމަވެސް އުއްމީދުގެ އަލިކަމެއް ނުވާގޮތަކަށް ހަޔާތުގެ ދޮރުތައް ބަންދެއްނުވެއެވެ. އެހެންކަމުން ހިތްވަރާއެކު ދިރިއުޅެން ނިންމީމެވެ.
އަހަރެންގެ މަލެއް ފަދަ އެ ލޯބި ލޯބި ދަރިފުޅުގެ ހައްޤުގައެވެ. ނަމަވެސް ކަންތައް ދިމާވީ އެހެންގޮތަކަށެވެ. އަހަރެންގެ ދެވަނަ ބައިވެރިޔާވީ އަހަރެން އުއްމީދު ކުރިފަދަ ސަހުސިއްޔަތަކަށް ނޫނެވެ. އެއީ އަހަރެންގެ ގުމްރީ ފަދަ މަލެއް ނޫނެވެ. އަހަރެންގެ ދިރިއުޅުމުގެ ބާރަކަށް އޭނާ ވުމުގެ ބަދަލުގައި އޭނާވީ އަހަރެންގެ ދިރިއުޅުމުގެ ބަލިފަޔަށެވެ. އަހަރެންގެ ކުށް ހޯދައިގެން އަހަރެންގެ ހިތަށް އޭނާ ތަދުކުރިއެވެ. އަހަރެންނާއި ވަގަށް އެހެން ފިރިހެނުންނާއި އެކު ސިއްރު ގުޅުންތައްވެސް ބާއްވައެވެ. އަދި އަހަރެން ގޭގައި ނޫޅޭ ގަޑިތަކުގައި އަހަރެން އެ ތުއްތު ތުއްތު ދަރިފުޅަށް އަނިޔާކުރާކަން އެދަރިފުޅުގެ ގައިގެ ގުނަވަންތަކުން ހެކިދިނެވެ. އަދި ބައެއް ދުވަސްދުވަހު އަހަރެން ގެއަށް އަންނައިރު ކޮންމެވެސް ފިރިހެނަކު އަހަރެންގެ ގެއިން ނިކުމެގެންދާތަން ފެނެއެވެ. މިގޮތުން އެއްދުވަހަކު އަހަރެން ގެއަށް އައިސް ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު އަހަރެންގެ ހަޔާތުގެ ދެވަނަ ބައިވެރިޔާ އެހެން މީހަކާއެކު ގައިގޯޅިވެ އުޅޭމަންޒަރު ފެނުމުން އަހަރެން ހިތަށް ތަދުވިއެވެ. އަދި ވަގުތުން އަހަރެންނަށް ހަޅޭއް ލަވައިގަނެވުނެވެ. ނަތީޖާއަކަށްވީ އެވަގުތުން ފެށިގެން އުއްމީދުގެ އެންމެފަހު ހުޅުކޮޅު ހަޔާތުން ނިވިގެން ދިޔުމެވެ. އެދުވަހު އަހަރެންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބުނެވެ. ދިރިއުޅުމަކަށްޓަކައި ލޯތްބާ އިތުބާރުގެ މުހިއްމުކަން ވިސްނުނެވެ. ނަމަވެސް އޭރުވަނީ މާލަސްވެފައެވެ.


ގެވެށި އަންބަކު ލިބުނެވެ. ދަރިފުޅަކު ލިބުނެވެ. އެކަމު ޅަދުވަހު ދުށް އެއްވެސް ހުވަފެނެއް ހަގީގަތަކަށް ނުވިއެވެ. އެކަމު ޝުކުރުވެރިވީމެވެ. ގެބެމުންދާ އިންސާނަކަށް ފިލާގަޑެއްވެސްވާނީ އަގުހުރި މުދަލަކަށެވެ. އަހަރެންގެ ދަރިފުޅުވީ އަހަރެންގެ ޖަވާޒީހަޔާތް ދެމެހެއްޓުމަށް މަޖުބޫރުވި އުޒުރަކަށެވެ. ދިރިހުރުމުގެ ބާރަކަށެވެ. ނަމަވެސް ދިރިހުރީ މައްޔިތަކު ފަދައިންނެވެ. އޭރު އަހަރެންގެ ހިތުގެ އުއްމީދުތައް ވަނީ މަރުވެފައެވެ. އުފާތައް ވަނީ ކަފުންކޮށްފައެވެ. ކުރިއަށް ހިނގާހާ ހިތްވަރެއްނެތެވެ. މަންޒިލް މާދުރަށްގޮސް ވަނީ އޮބާލާފައެވެ.


ނަމަވެސް ކެތްކުރީމެވެ. ކޮންމެ މީހަކަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށެވެ. އަހަރެންގެވެސް ކެތްތެރިކަން ކޮޅުންލިއެވެ. އަހަރެންގެ ހަޔާތަށް މިއަދު ދެން އިތުރު މީހަކު ބޭނުމެއް ނުވެއެވެ. އަހަރެންނަށް ކުރެވުނު ކުށަށް ދެރަވެ މިއަދު ހިތާމަ ކުރަމެވެ. ގުމްރީގެ ހަނދާނުގައި މިއަދު މިދަރިފުޅުގެ މުސްތަޤްބަލަށްޓަކައި އަހަރެން ދިރިހުންނަން ބޭނުމެވެ. އަހަރެންނަށް ހިތާހިތުން ސުވާލުކޮށްލެވުނެވެ. އަނބިމީހާ ވަކިވެދިޔުން ދަރިފުޅަށް ލިބޭ ނިކަމެތިކަމަކަން މިއަދު މާބޮޑެވެ. ގުމްރީއަކީވެސް ޔަތީމު ކުއްޖެއްގެ ގޮތުގައި ބޮޑުވެގެން އައި މާތް އަހުލާގެއްގެ ވެރިއެކެވެ. އެހެން ނަމަވެސް މިއަދު މިދަރިފުޅަށް ބައްޕަގެ ލޯބި ބޭނުންވާނެއެވެ. އިރާދަ ކުރެއްވިއްޔާ އަހަރެން ގެ ގުމްރީ ފަދައިން މިދަރިފުޅަށްޓަކައި މުޅި ޢުމުރަށްވެސް ޤުރުބާން ވާނެމެވެ. މިއީ އަހަރެމެންގެ ލޯބީގެ ނިޝާނެވެ. ރަމްޒެވެ. ނަމަވެސް އަހަރެންނަކަށް އަލުން ދެނެއް އެ ގުމްރީއެއް ނުލިބޭނެއެވެ. އެ ގުމްރީ މިއަދު މިވަނީ އަހަރެންގެ މުށުތެރެއިން ދޫވެ އަހަރެންގެ ބާރު ނުފޯރާ ހިސާބަށް ގޮސްފައެވެ.

 

މުށުންދޫވި ގުމްރީވިފަދަ އަލިޤަމަރް

ދުށުންއެދެމެ އަދި ސާފުކޮށް އެއްފަހަރު

ކުށެއް ވެވުނު ކުށްތައް ކުރައްވައި މަޢާފު

ފުށުންއަޅުގެ ނުދަނިސް ފަނާވެވި ޢުމުރު

ކޮމެންޓް 0